ޠާލިބާނުން ގަދަ ބާރުން އަފްޣާނިސްތާނުގެ ވެރިކަމަށް އިސްވެއްޖެނަމަ ބައިނަލްއަޤްވާމީ މުޖްތަމަޢުން އެ ވެރިކަން ބަލައިނުގަންނާނެ ކަމުގެ އިންޒާރު ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޔެންސް ސްޓޮލްޓެންބަރގް ދެއްވައިފިއެވެ.
މި ބަޔާން އޭނާ އިއްޔެ ދެއްވީ ނޭޓޯގެ މެންބަރުންނާ ބައްދަލު ކުރައްވައި އަފްޣާނިސްތާނުގެ ޙާލަތު މިންވަރު ކުރެއްވުމަށް ފަހުގައެވެ. އޭނާ ވިދާޅުވިއެވެ. "އަހުރެމެންގެ އަމާޒަކީ ވީވަރަކުން އަފްޣާން ސަރުކާރަށާއި ސަލާމަތީ ބާރުތަކަށް އެހީވުމާއި އަހުރެމެންގެ މީހުން ރައްކައުތެރިކުރުމެވެ." އޭނާ ވިދާޅުވިއެވެ. "އެހެނަސް އަހުރެމެންގެ ޑިޕްލޮމެޓިކް ވުޖޫދު ކާބުލްގައި ދެމި އޮންނާނެތެވެ."
ނޭޓޯގެ ކަންބޮޑުވުން
ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވިގޮތުގައި ޠާލިބާނުންގެ ޙަމަލާތަކުގެ ސަބަބުން ހަރުކަށި ޢަމަލުތައް އަފްޣާނިސްތާނުގައި އިތުރުވަމުންދާތީ އެކަމާމެދު ނޭޓޯ ކަންބޮޑުވެއެވެ. އޭނާ ވިދާޅުވިގޮތުގައި އިންސާނީ ޙައްޤުތަކުގެ ޙުރްމަތް ކެނޑުން ދަނީ އިތުރުވަމުންނެވެ. އޭނާ ޠާލިބާނުންނަށް އިންޒާރު ކުރައްވަމުން ވިދާޅުވިއެވެ. "އަހުރެމެން ގެންނަން ބޭނުން ވަނީ ސިޔާސީ ޙައްލެކެވެ. އެހެންކަމުން ޠާލިބާނުން ގަދަ ބާރުން އަފްޣާނިސްތާނުގެ ވެރިކަމަށް އަތުވެއްޖެނަމަ އެއްވެސް ބަޔަކު އެމީހުން ބަލައެއް ނުގަންނާނެއެވެ."
އދން އިއްޔެ ހާމަކުރިގޮތުގައި އެ ޖަމްޢިއްޔާއިން ދަނީ އަފްޣާނިސްތާނުގެ ޙާލަތު ގަޑިންގަޑިން ބަލަމުންނެވެ. ނިވްޔޯރކްގައި އދގެ މައިމަރްކަޒުގައި އދގެ ސެކްރެޓަރީ ޖެނެރަލްގެ ތަރްޖަމާނު ސްޓެފަން ޑޮގަރީކް ވިދާޅުވިއެވެ. "ކުއްލި ޙާލަތުގައި އަޅަންޖެހޭ ފިޔަވަޅުތަކަށް އަހުރެމެން މި ތިބީ ތައްޔާރުވެގެންނެވެ. އެންމެ ނުބައި ސީނާރިއޯއަށް އަހުރެމެން މި ތިބީ ތައްޔާރުވެގެންނެވެ. އަހުރެމެން ފޯރުކޮށްދެން ޖެހޭ އެހީތައް ފޯރުކޮށް ދިނުމުގެ މަސައްކަތް ހުއްޓުމެއްނެތި ދަނީ ކުރިއަށެވެ." ޑޮގަރީކް ވިދާޅުވި ގޮތުގައި ޖުލައި 1 ން ފެށިގެން 12 އޮގަސްޓާ ދެމެދުގައި ކާބުލްއަށް 11 ވަރަކަށް ހާސް ރެފިޔުޖީން އަތުވެއްޖެއެވެ. އޭނާ ހާމަކުރެއްވިގޮތުގައި މި ހުސްވި މޭ މަހުން ފެށިގެން މިހާތަނަށް 250 ހާސް މީހުންނަށް ވަނީ ގެދޮރު ދޫކޮށް ދާން މަޖްބޫރު ވެފައެވެ. މީގެ 80 އިންސައްތަ އަކީ އަންހެނުންނާއި ކުޑަކުދީންނެވެ. އދގެ ތަރްޖަމާނު ވިދާޅުވިގޮތުގައި ގެދޮރު ދޫކޮށް ދާން ޖެހުނު މީހުން އުޅެނީ ތަންތަން ކުއްޔަށް ހިފައިގެންނެވެ. ނުވަތަ ރަށްޓެހީންގެ ގާތުގައެވެ.
މުވައްޒަފުން ބޭލުން
އަނެއްކޮޅުން ސްވިޒަރލޭންޑް ބުނާގޮތުގައި އަފްޣާނިސްތާނުގައި ހުންނަ އެ ޤައުމުގެ އެއްބާރުލުމުގެ އޮފީހުގައި މަސައްކަތް ކުރާ އެ ޤައުމުގެ ގިނަ މުވައްޒަފުން ބޭލުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައެވެ. މި ވަގުތު އެ އޮފީހުގައި ތިބީ އެންމެ ތިން މުވައްޒަފުންނެވެ. ސްވިސް ޚާރިޖީ ވަޒީރުގެ ނައިބާ އިއްޔެ ބަރންގައި ދެއްވި ބަޔާނެއް ބުނާގޮތުގައި "އެ މީހުން ވެސް ވަރަށް އަވަހަށް ކާބުލްއިން ފައިބާނެއެވެ."
މި މޭރުމުން ޖަރްމަނުން ވެސް ވަނީ އެ ޤައުމުގެ މުވައްޒަފުން ބޭލުމުގެ މަސައްކަތް ފަށައިފައެވެ. ޖަރްމަނުގެ ޚާރިޖީ ވަޒީރު މާސް ވިދާޅުވިގޮތުގައި ސަލާމަތީ ކަންތައްތައް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.
އެމެރިކާ ސިފައިން ކާބުލް އަށް
އަނެއްކޮޅުން އެމެރިކާ ބުނާގޮތުގައި އަފްޣާނިސްތާނުގައި ތިބި އެމެރިކާ ރައްޔިތުން ބޭލުމަށް ޓަކައި އެމެރިކާ ސިފައިންގެ ފައުޖެއް އިއްޔެ އަފްޣާނިސްތާނަށް ހިނގައްޖެއެވެ. މި ފައުޖުގެ މަސައްކަތަކަށް ވާނީ އެމެރިކާ މީހުންނާއި އެމެރިކާ އެމްބެސީގެ މުވައްޒަފުން ބޭލުން ކަމަށް އެމެރިކާގެ މީޑިޔާތައް ބުންޏެވެ. ޕެންޓަގަން ބުނާގޮތުގައި އެމެރިކާއިން 3،000 ސިފައިން އަފްޣާނިސްތާނަށް ފޮނުވާނެއެވެ. އެމެރިކާ ބުނާގޮތުގައި ޤަޠަރަށް ވަނީ 4،500 ސިފައިން އަދި ކުވައިތަށް 5،000 ސިފައިން ފޮނުވައިފައެވެ. އެއީ އަފްޣާނިސްތާނުން ބާލަންޖެހޭ އަފްޣާނީންނަށް ވީޒާ ދިނުމުގެ މަސައްކަތް އަވަހަށް ކުރުމަށް ޓަކައެވެ.



advertisment