އެމެރިކާގެ ޖާސޫސީ އިދާރާއިން ނިމުތު ކުރާގޮތުގައި ޠާލިބާނުން އަފްޣާނިސްތާނުގެ ވެރިރަށް 30 ދުވަހުގެ ތެރޭގައި ޙިޞާރުކުރާނެއެވެ. އަދި އެއަށްފަހު ދެ މަސްދުވަހުގެ ތެރޭގައި ކާބުލް ހިފާނެއެވެ.
އެމެރިކާގެ ދިފާޢީ މަސްއޫލުވެރިއަކު ރޮއިޓަރޒަށް، ނަންހާމަ ނުކުރުމަށް ޝަރްޠު ކުރައްވާ ވިދާޅުވި ގޮތުގައި، ސީއައިއޭއިން މި ގޮތަށް ނިމުތު ކުރީ ޠާލިބާނުން ހަނގުރާމައިގެ މައިދާނުގައި ކުރިއަރަމުންދާ ހަލުވިކަމަށް ބަލައިފައެވެ.
ވޭތުވެދިޔަ ހަފުތާއެއްހާ ދުވަހުގެތެރޭގައި ޠާލިބާނުން ވަނީ އަފްޣާނިސްތާނުގެ ޕްރޮވިންސްތަކުގެ ވެރިރަށްތަކުގެ ތެރެއިން ހަތަރު ބައި ކުޅަ އެއްބައި ރަށްތައް ހިފައިފައެވެ. މި ހުސްވި މޭ މަހުގައި ޠާލިބާނުން ފަށާފައިވާ ޙަމަލާތަކުގައި އެމީހުން ވަނީ އަފްޣާނިސްތާނުގެ ރަށްފުށުގެ ބޮޑު ބަޔަކަށް ވެރިވެގަންފައެވެ. އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފައިބަން ފެށީ މި ދިޔަ މޭމަހުގައެވެ.
އަފްޣާނިސްތާނުގެ އިރުއުތުރުގެ މައި ރަށެއް ކަމުގައިވާ ކަންދޫޒު މި ދިޔަ އާދީއްތަ ދުވަހު ހިފުމަށްފަހު ޠާލިބާނުން ވަނީ ހައެއްކަ ގަޑިއިރުގެތެރޭގައި ސާރިބޯލާއި ތަލަގާން ހިފައިފައެވެ. އެއަށްފަހު ހޯމަދުވަހު ވަނީ 120 ހާސް މީހުންގެ އާބާދީއެއް އުޅޭ އައިބަކް ސަހަރު ހިފައިފައެވެ. މި ސަހަރު ހިފާފައިވަނީ އެއްވެސް ހަނގުރާމައެއް ނުކޮށެވެ.
ފެންނަފެނުމުގައި ޠާލިބާނުން އެ މީހުންގެ ފޯރި ކުޑަކޮށްލާކަށް ގަސްތެއް ނުކުރެއެވެ. ބައެއް ޚަބަރުތައް ބުނާގޮތުގައި ޠާލިބާނުން މިހާރު ދަނީ ބަލްޚު ސަރަޙައްދުގެ ވެރިރަށް މަޒާރޭ ޝަރީފަށް ޙަމަލާ ދެމުންނެވެ. އެހެނަސް ބަލަޚުގެ ފުލުހުން ބުނާގޮތުގައި ޠާލިބާނުންގެ ފައުޖުތައް އަދި އޮތީ މި ސަހަރާ ތިރީހަކަށް ކީލޯމީޓަރު ދުރުގައެވެ. ފުލުހުން ތުހްމަތު ކުރާގޮތުގައި ޠާލިބާނުން ދަނީ ޢާއްމުން ބިރުގެންނެވުމަށް ޓަކައި ޕްރޮޕެގެންޑާތައް ފަތުރަމުންނެވެ. އަފްޣާނިސްތާނުގެ ދާޚިލިއްޔާގެ ތަރްޖަމާން މަރްވީސް މީޑިޔާއަށް ފޮނުއްވި ބަޔާނެއް ބުނާގޮތުގައި "ދުޝްމަނުން އަންނަނީ މަޒާރޭ ޝަރީފާ ދިމާއިން ކުރިއަރަމުންނެވެ." އޭނާ ވިދާޅުވިގޮތުގައި މި ސަހަރުގެ ވަށައިގެން ހުރި ރައްކައުތެރިކަމުގެ ކަމަރުތައް ވަރަށް ވަރުގަދައެވެ. މަޒާރޭ ޝަރީފުގެ ކުރީގެ ގަވަރުނަރު މުޙައްމަދު ޢަޠާ ނޫރު ވިދާޅުވިގޮތުގައި "އަހުރެމެން އެންމެ ފަހު ލޭތިއްކަށްދާންދެން ހަނގުރާމަ ކުރާނަމެވެ. ނާއުންމީދީ ޙާލަތެއްގައި މަރުވުމަށްވުރެ ކަރާމަތްތެރިކަމާއެކު މަރުވުމަށް އަހުރެމެން އިސްކަންދޭނަމެވެ."



advertisment