އީރާނުގެ އިސްލާމީ އިންޤިލާބުގެ ޒަޢީމު އާޔަތުﷲ ޢަލީ ޚާމަނައީ އީރާނުގެ ރިޔާސަތުގެ 13 ވަނަ ދައުރަށް އިންތިޚާބު ކުރެވުނު ރައީސް އިބްރާހީމު ރައީސީއާ ރައީސްކަމުގެ ފަތްކޮޅު ޙަވާލު ކުރައްވައިފިއެވެ.
އިބްރާހީމު ރައީސީއަކީ އީރާނުގެ އިސްލާމީ އިންޤިލާބަށްފަހު އިންތިޚާބު ކުރެވުނު އަށް ވަނަ ރައީސެވެ. އީރާނުގެ އިސްލާމީ ޝޫރާ މަޖިލީހުގެ ކުރިމަތީގައި ރައީސީ ރައީސްކަމުގެ ހުވާ ކުރައްވާނީ މާދަމާއެވެ.
ރައީސީގެ ބަސްފުޅުތައް
އިއްޔެ ބޭއްވި ރައީސްކަމަށް އިސްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސީ ވިދާޅުވިއެވެ. "އެންމެ އިސް މުރްޝިދުގެ ނަސޭހަތްޕުޅާމެދު އަޅުގަނޑުމެން ޣާފިލުވާ ކޮންމެ ފަހަރަކު އަޅުގަނޑުމެންނާ ވަނީ މަސްއަލަތަކާ ކުރިމަތިވެފައެވެ."
ރައީސީ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "އީރާނުގައި އިންތިޚާބުތައް ބޭއްވުމުން ޢަދުއްވުން ނާއުއްމީދުވެގެން ދިޔައެވެ. މި އިންތިޚާބުތަކުގައި ރައްޔިތުން ވޯޓުދިނުމުގެ ސަބަބުން އެމީހުން މިވަނީ އެތައް މެސެޖްތަކެއް ދީފައެވެ. އެކަމުގެ ސަބަބުން ރައްޔިތުން ފަސާދަ ނައްތައިލުމަށް ތެދުވާނެކަމާއި އިމްތިޔާޒުތަކާ ދެކޮޅު ހަދާނެކަން ކަށަވަރުކޮށް ދިނެވެ."
ރައީސީ ވިދާޅުވިގޮތުގައި "ރައްޔިތުން މިއަދުގެ ޙާލަތު ބަދަލު ކުރަން އެދޭކަން ކަށަވަރެވެ. ރައްޔިތުންގެ މަޢީޝީ ޙާލަތު މާ ރަނގަޅެއްނޫނެވެ. ދަތި ޙާލަތުތަކަށާއި އިޤްތިޞާދީ މަސްއަލަތަކަށް ޙައްލުތަކެއް ހޯދައިދިނުމަކީ ޟަރޫރީ ކަމެކެވެ." ރައީސީ ހާމަކުރެއްވި ގޮތުގައި އެންމެ އިސް މުރްޝިދުގެ ރުއުޔަތާ އެއްގޮތަށް ޙާލަތު ބަދަލު ކުރުމަށް އައު ސަރުކާރުން މަސައްކަތް ކުރާނެއެވެ. ރައީސީ ވިދާޅުވިގޮތުގައި "ކުރީގެ ސަރުކާރުތަކުގެ ބައެއް ޢަމަލުތަކުގެ ސަބަބުން ސަރުކާރާމެދު ރައްޔިތުންގެ އިތުބާރު ވަނީ ގެއްލިފައެވެ."
ރައީސީގެ ޚިޠާބުގައި ވިދާޅުވިއެވެ. "އީރާނާ ދެކޮޅަށް އަޅައިފައިވާ ދަތި ކުރުމުގެ ފިޔަވަޅުތައް އުވާލުމަށް އައު ސަރުކާރުން މަސައްކަތް ކުރާނެއެވެ. އައު ސަރުކާރާ ކުރިމަތިވެފައިވާ ބައެއް ގޮންޖެހުންތައް ފާހަގަ ކުރައްވަމުން ރައީސީ ވިދާޅުވިގޮތުގައި އެއީ "މަޢީޝީ އަދި އިޤްތިޞާދީ ދަތިތަކާއި ކޮރޯނާ ޖާއިޙާއާއި ފެނާއި ޚިދްމަތް ފަދަ މަސްއަލަތަކެވެ."
ރައީސީ ވިދާޅުވިއެވެ. "ޒުވާނުންގެ ހަކަތައިގެ މައްޗަށާއި، ތަޖްރިބާކާރުންގެ ތަޖްރިބާއާއި މުޖްތަމަޢުގެ ބޮޑުންގެ ލަފައިގެ މައްޗަށް ބަރޯސާވެގެން މަސްއަލަތަކާ ކުރިމަތިލުމަށް އައު ސަރުކާރު ނުކުންނާނެއެވެ."
އެންމެ އިސް މުރްޝިދުގެ ވާހަކަފުޅު
ރައީސްކަމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އީރާނުގެ އެންމެ އިސް މުރްޝިދު އާޔަތުﷲ ޢަލީ ޚާމަނައީ ވިދާޅުވިއެވެ. "އީރާނުގެ ވެރިކަމުގެ ބާރު ނަޤްލުވެގެން ދަނީ ވަރަށް ރިވެތިކޮށް ސާދާކޮށްނެވެ. އެއީ ދައުލަތުގެ ވިސްނުމާއި ސިޔާސީ އޮއިވަރުތަކުގެ ސިންދަފާތުކަމާއި ޚީޔާލު ފާޅުކުރުމުގެ މިނިވަންކަން ތަޢުބީރުކޮށްދޭ ކަމެކެވެ." އޭނާ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "އިންތިޚާބުގައި ޢާއްމު ރައްޔިތުން ބައިވެރިވާ ނިސްބަތް މަދުކުރެވޭތޯ ޢަދުއްވުން ރޭވި މުއާމަރާތާ ރައްޔިތުން ކުރިމަތިލީ ވަރަށް ކެރިގެން ޖޯޝާއެކުގައެވެ." އޭނާ ވިދާޅުވިއެވެ. "އިދާރިއްޔަތު ބަދަލުވާ ބަދަލުވުމުން ރައްޔިތުންގެ އުއްމީދުތައް އައުވެގެން ދެއެވެ. މި ކަމުގެ ސަބަބުން އައު މޫނުތަކެއް މައިދާނުން ފެންނާނެއެވެ. ޒުވާނުންނަށް ފުރްޞަތު ތަނަވަސްވެގެންދާނެއެވެ. ތަޖްރިބާކާރުންގެ ތަޖްރިބާތަކުން ޤައުމަށް އައު ހަކަތަ ލިބޭނެއެވެ."
ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން
އީރާނުގެ ދީނީ މުރްޝިދު ވިދާޅުވިއެވެ. "ރައްޔިތުންނަށް އަމާން ބައްރަކަށް ދެވޭނީ އިންޤިލާބީ ސަވާބިތުތަކުގައްޔާއި އަގުތަކުގައި ހިފަހައްޓައިގެންނެވެ." އޭނާ ވިދާޅުވިއެވެ. "މަސްއަލަތައް ޙައްލުކުރުމަށް ލިބިފައިވާ ތަޅުދަނޑިއަކީ ރައްޔިތުންގެ ބައިވެރިވުމާއި މައިދާނަށް ނުކުތުމެވެ."
އައު ރައީސް އިންތިޒާރު ކުރައްވަނީ ކޮންކަންތައްތަކެއް
ރައީސީ ވެރިކަމާ ޙަވާލުވެވަޑައިގެންނެވި ވަގުތަކީ އީރާނާ ހުޅަނގުގެ ޤައުމުތަކާ ދެމެދުގައި ބޭއްވެމުންދިޔަ ނިޔުކްލިއަރ ފައިލާ ބެހޭ ވާހަކަދެއްކުންތަކުގެ ފައިކައްސާލައިފައިވާ ވަގުތެކެވެ. ނިވްޔޯރކް ޓައިމްސް ބުނާގޮތުގައި މި ކަމުގެ ސަބަބުން އެމެރިކާގެ ރައީސް ބައިޑްން ވަނީ ވަރަށް މާޔޫސްވެ ވަޑައިގެންފައެވެ. ރައީސް ޓްރަމްޕްގެ ޒަމާނުގައި އެމެރިކާ ވަނީ މި އެއްބަސްވުމުން ވަކިވެ އީރާނަށް ދަތިކުރުމުގެ ފިޔަވަޅުތައް އިތުރުކޮށްފައެވެ. މި ފައިލާ ބެހޭގޮތުން މިހާރު ފެށިފައިވާ ވާހަކަދެއްކުންތައް ކުރިއަށް ނުދާނަމަ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއެއް ނުލިބޭނެއެވެ. އީރާނުގެ ކުރީގެ ސަރުކާރާއެކު ބޭއްވެމުންދިޔަ ވާހަކަދެއްކުންތައް ވަގުތީ ގޮތުން މެދުކަނޑައިލެވުނީ އައު ރައީސަކު އިންތިޚާބު ކުރެވުމުން އައު ސަރުކާރުގެ ސިޔާސަތަށް ބަދަލުތަކެއް އަންނާނެތީއެވެ.



advertisment