އިސްރާއީލުގެ އުތުރުގެ ރަށެއް ކަމުގައިވާ އުއްމުލް ފަޙްމުގައި ޢަރަބީން ފަލަސްޠީނު ދިދައިގެ ހިނގައިލުމެއް ފުރަތަމަ ފަހަރަށް ބާއްވައިފިއެވެ.
މިއީ ޝައިޚު ޖައްރާޙު އަވަށާއި ސިލްވާން އަވަށާއި ހިފައިފައިވާ އިރުމަތީ ޤުދުސްގައި އިސްރާއީލު ފުލުހުންނާއި ވަޒަންވެރިވެގެން އުޅޭ ޔަހޫދީން ތަކުރާރުކޮށް ޖެއްސުންތައް ކުރަމުންދާތީ އެކަމަށް ރައްދު ދިނުމަށް ޓަކައި އިއްޔެ ބޭއްވި ހިނގައިލުމެކެވެ. މިއީ އިސްރާއީލުގެ ޢަރަބި ރަށެއްގައި ފަލަސްޠީނު ދިދައިގެ ހިނގައިލުމެއް ބޭއްވުނު ފުރަތަމަ ފަހަރެވެ. މީސްމީޑިއާ މެދުވެރިކޮށް ދަޢުވަތުދީގެން މި ބޭއްވި ހިނގައިލުމުގެ ނަމަކީ "ފަލަސްޠީނު ދިދައިގެ ފުރަތަމަ ހިނގައިލު"މެވެ.
އުއްމުލް ފަޙްމުގެ މަގުތައް މަތީގައި ބޭއްވި މި ހިނގައިލުމުގެ ބައިވެރީން ފަލަސްޠީނު މީހުން ބޮލުގައި އަލާ ފޮތިކޮޅު އައްސައިގެން ފަލަސްޠީނުގެ ވަޠަނީ ޝިޢާރުތަކުން އަޑު އުފުލިއެވެ. އެމީހުން އުފުލި ފޮތިގަނޑުތަކުގައި "ޤުދްސަކީ ރަތް ރޮނގު" އާއި "ސިލްވާން ސަލާމަތް ކުރޭ!" ފަދަ ޝިޢާރުތައް ލިޔެފައި ވެއެވެ.
މި ހިނގައިލުމަކީ ފުރަތަމަ ހިނގައިލުން ކަމަށް ބުނެފައިވާތީ އިތުރު ހިނގައިލުންތައް ބޭއްވޭނެ ކަމަށް ލަފާކުރެވެއެވެ.
އިސްރާއީލުންގެ ހިނގައިލުމަށް ދިން ރައްދެއް
ފަލަސްޠީނުގެ "ކިފާޙު" ޖަމާޢާތުގެ މީޑިއާ ވިލަރެސްވެރިއާ މުޢާޛު ބިޔާދަސާ ވިދާޅުވިގޮތުގައި މި ހިނގައިލުން ބޭއްވުމުގެ ރޭވުންތައް ފެށުނީ ޔަހޫދީ ވަޒަންވެރިން 15 މޭގައި ބޭއްވި "ޖެއްސުންކުރުމުގެ" ހިނގައިލުން ބޭއްވީމައެވެ. އޭނާ ހާމަކުރެއްވި ގޮތުގައި މި ހިނގައިލުމުގެ މަޤްޞަދަކީ "ފަލަސްޠީނު ދިދައިގެ ޚިޔާލު ދިރުވުމާއި އެތަންމިތާނގައި ތިބި ފަލަސްޠީނީން އެއްބައެއްވަންތަ ކުރުވުމާއި ފަލަސްޠީނުގެ އަޑު އުފުލެމެވެ."
ފަލަސްޠީނުގެ 83 މީހަކު ޒަޚަމުވި
ހުކުރު ދުވަހު ހުކުރަށްފަހު ހުޅަނގު އައްސޭރީގެ ބައެއް ރަށްރަށުގައި ބޭއްވުނު އެއްވުންތަކާއި އަޑު އުފުލުންތައް ހުއްޓުވުމަށް ޓަކައި އިސްރާއީލުގެ ފުލުހުން މަޢުދަނީ ވަޒަނާއި ޙަޤީޤީ ވަޒަނާއި ކަރުނަ ގޭސް ބޭނުންކުރުމުގެ ސަބަބުން ފަލަސްޠީނުގެ 83 މީހަކު ޒަޚަމުވިއެވެ. ފަލަސްޠީނުގެ ރެޑް ކްރެސެންޓް ޖަމްޢިއްޔާއިން ހާމަކުރި ގޮތުގައި ޙަޤީޤީ ވަޒަނުގެ ސަބަބުން ޒަޚަމުވި އަށް މީހަކަށާއި މަޢުދަނީ ވަޒަނުގެ ސަބަބުން ޒަޚަމުވި 10 މީހަކަށް އެމީހުން ފަރުވާދިނެވެ. އަދި ކަރުނަ ގޭހުގެ ސަބަބުން ނޭވާލުމަށް ދަތިވި 65 މީހަކަށް ވެސް ފަރުވާދިނެވެ.
ފަލަސްޠީނުގެ ޒުވާނުން އިސްރާއީލު ފުލުހުންނާ ދިމާއަށް ގައުއުކާ އެކި ހިސާބުހިސާބުގައި ރަބަރު ފުރޮޅުތަކުގައި ރޯކުރިއެވެ.
އިސްރާއީލާއި ފަލަސްޠީނުން ޢަދަދު ކުރާގޮތުގައި ހުޅަނގު އައްސޭރިއާއި އިރުމަތީ ޤުދްސުގައި 164 އާބާދީއަކާއި 116 ބޫރާ (ފޯކަސް)އެއްގައި 650 ހާސް ޔަހޫދީން ވަޒަންވެރިގެން އުޅެއެވެ. މި މީހުންގެ ފުރައްސާރަކުރުމާއި އުދަނގޫތަކުގެ ސަބަބުން ފަލަސްޠީނު މީހުންނަށް ވަނީ އުޅެން ދަތިވެފައެވެ.



advertisment