Support Us

އަންވަރުއް ސާދާތުގެ އަނބިކަނބަލުން ޖީހާން ސާދާތު

މިޞްރުގެ ކުރީގެ ރައީސް ސާދާތުގެ އަނބިކަނބަލުން އަވަހާރަވެއްޖެ

މިޞްރުގެ ކުރީގެ ރައީސެއް ކަމުގައިވާ މުޙައްމަދު އަންވަރުއް ސާދާތުގެ އަނބިކަނބަލުން ޖީހާން ސާދާތު މިއަދު އަވަހާރަވެއްޖެއެވެ. އެކަމަނާ އަވަހާރަވީ ދޮޅު އަހަރެއްހާ ދުވަހުގެ ދިގު އާލާސްކަންފުޅެއް ބަރުދާސްތު ކުރެއްވުމަށްފަހުގައެވެ.

ރައީސް ސާދާތުގެ އަނބިކަނބަލުން ޖީހާން ޞަފްވަތު ރައޫފު އުފަންވެވަޑައިގެންފައި ވަނީ 29 އޮގަސްޓް 1933ގައެވެ. އެކަމަނާ ކިޔަވާ ވިދާޅުވީ މިޞްރުގެ ޤާހިރާ ޔުނިވަރސިޓީންނެވެ. އެކަމަނާ 1986ގައި އެ ޔުނިވަރސިޓީން އަޅައިބެލުމުގެ އަދަބުގެ ރޮނގުން ޕީއެޗްޑީ ޙާޞިލު ކުރައްވާފައި ވެއެވެ. ޖީހާން ލިއުއްވި ފޮތްތަކުގެ  ތެރޭގައި އެންމެ މަޝްހޫރު ފޮތަކީ 2009ގައި ޝާއިޢު ކުރެއްވި "أَمَلِى فِى السَلَامِ" އެވެ.

މިޞްރުގެ ރައީސް ޢަބްދުލް ފައްތާޙުއް ސިސީ އެކަމަނާ އަވަހާރުވުމުން އެކަމަނާގެ ޢާއިލާއަށް މިއަދު ރަސްމީކޮށް ތަޢުޒިޔާ ދެންނެވިއެވެ. ރައީސް ސީސީ އެކަމަނާއަށް "ވިސާމުލް ކަމާލް " މެޑެލި އެރުވުމަށް މިއަދު ޤަރާރެއް ވެސް ނެރުއްވިއެވެ. އަދި ޤާހިރާގެ "ފިރްދައުސް ނާރެސް" އަށް އެކަމަނާގެ ނަން ދިނުމަށް ވެސް ސީސީ ނިންމެވިއެވެ.

ޖީހާން ސާދާތުގެ ފަސްދާނުކުމުގެ ރަސްމިއްޔާތުގައި ރައީސް ސީސީ

ޖީހާން ސާދާތު މިއަދު ހަވީރު ފަސްދާނު ލެވުނީ ރަސްމީ ޢިއްޒަތުގައެވެ. މި ރަސްމިއްޔާތުގައި މިޞްރުގެ ރައީސް ސީސީއާއި ބޮޑުވަޒީރު މުޞްޠަފާ މަދްބޫލީއާއި ޝައިޚުލް އަޒްހަރު ފަޟީލަތއް ޝައިޚު އަޙްމަދުއް ޠައްޔިބާއި  މިޞްރުގެ ބަރްލަމާނުގެ  ރައީސް ޙަނަފީ ޖިބާލީއާއި ދިފާޢީ ވަޒީރު ޖެނެރަލް މުޙައްމަދު ޒަކީ ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެކަމަނާ ފަސްދާނު ލެވުނީ ޤަހިރާގެ މަދީނަތު ނަޞްރު އަވަށުގައި ރައީސް ސާދާތުގެ މަޤްބަރާގައެވެ. މިޞްރު ދެކޭގޮތުގައި ރައީސް ސާދާތަކީ ހަނގުރާމަޔާއި ޞުލްޙައިގެ ބަޠަލެވެ. އިސްރާއީލާއެކު ޞުލްޙައިގެ މުޢާހަދާއެއްގައި ސޮއި ކުރެއްވި ފުރަތަމަ ރައީސަކީ ސާދާތެވެ. މިކަމާ  ދެކޮޅު ހެދި ބަޔަކު އޭނާ އަވަހާރަކޮށްލީ 6 އޮކްޓޫބަރު 1981ވަނަ ދުވަހު ޢަސްކަރީ ޕެރޭޑެއް ބައްލަވައިލައްވަން އިންނަވަނިކޮށްނެވެ.

މިޞްރުގެ ސެނެޓްގެ މެންބަރެއް ކަމުގައިވާ ޑރ. ޢިއްފަތުއް ސާދާތު ހާމަކުރެއްވި ގޮތުގައި ކޮރޯނާގެ ސަބަބުން ތަޢުޒިޔާގެ އެއްވެސް އިޙްތިފާލެއް ނުބޭއްވޭނެއެވެ. އެހެނަސް ސާދާތުގެ އުފަން ރަށް މީތު އަބޫ ކޫމުގައި ތަޢުޒިޔާގެ ބައްދަލުވުމެއް ބޭއްވޭނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *