މަރައިނުލެވުނު މުޤާވަމާ: ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ޝީޝާނުންނާއި އެންގޫޝީން ފުރުވައިލުން
ޝީޝާނީންނަކީ ރޫސީންގެ ބޮލުގައި އަބަދުވެސް ރިއްސުވާ ބައެކެވެ. ރޫސީން ކޯކަސް ސަރަޙައްދު 1847ގައި ހިފުމަށްފަހު ޝީޝާނުން ބޭރަށް ފޮނުވާލުމަށާއި ޝީޝާނުންގެ ނަސްލު ނައްތައިލުމަށް ޓަކައި ރޫސީން ވަރަށް ގަދައަށް މަސައްކަތްކޮށްފައިވެއެވެ. ޝީޝާނުންގެ ޢަދަދަކީ، 1847 ގައި 1.5 މިލިއަނެވެ. އަދި 1861ށް ދިޔައިރު މި ޢަދަދު ވަނީ 140 ހާހަށް މަދުކޮށްލައިފައެވެ. އޭގެ ހަ އަހަރު ފަހުން، 1867 އާ ހަމައަށް ދެވުނުއިރު މި ޢަދަދު ވަނީ 116 ހާހަށް މަދުވެފައެވެ.
ދެވަނަ ބޮޑު ހަނގުރާމަ ފެށުމުން ނާޒީންގެ އަމާޒަކަށް ހަދައިފައި ވަނީ ކޯކަސް ސަރަޙައްދު ހިފުމަށެވެ. މިހެންވެ ސްޓާލިން އަބަދުގެއަބަދަށް ޝީޝާނުންގެ މަސްއަލަ ޗާޓުން ފުހެލުމަށް މަސައްކަތް ފެށްޓެވިއެވެ. މިހެންވެ 23 ފެބްރުވަރީ 1944ގައި އުތުރު ކޯކަސް ސަރަޙައްދުގައި ތިބި އެންމެހާ ރަށްވެހީން މެދުތެރޭ އޭޝިޔާއަށް ފޮނުވައިލުމަށް ސްޓާލިން އަމުރު ކުރެއްވިއެވެ.
ސްޓާލިންގެ ޙަމަލާގެ އެންމެ ބޮޑު އަމާޒަކަށްވީ ޝީޝާނުންނާއި އެންގޫޝީންނެވެ. ޝީޝާނުންގެ ރެކޯޑްތައް ބުނާގޮތުގައި މި ކަމުގެތެރޭގައި 650 ހާސް ޝީޝާނުން މަރުވިއެވެ. މި މީހުންގެ ތެރެއިން ސަލާމަތްވި މީހުންނާއި އެމީހުންގެ ދަރިން 1957ގައި އެނބުރި އެމީހުންގެ ވަޒަނަށް ދިޔައެވެ.
ނަންކިންގް ފޭރިގަތުން: އެއްބަސްވުމެއް ނެތް މަސްއަލައެއް
ޗައިނާގެ ނަންކިންގް ހަލާކުކޮށްލައި ފުނޑައިލުމަށް "ނަންކިންގް ފޭރިގަތުން" އޭ ކިޔެއެވެ. މިއީ ޖަޕާނުން ޗައިނާއަށް އަރައި އެ ޤައުމު އިސްތިޢުމާރުކޮށްގެން އޮތް ދުވަސްކޮޅުގައި ޖަޕާނުން ހިންގާފައިވާ ލާއިންސާނީ ބޮޑު ޖަރީއެކެވެ. ޖަޕާނުން ޗައިނާގެ އޭރުގެ ވެރިރަށް ނަންކިންގަށް 1937 ވަނަ އަހަރު އަރައި ޢާއްމުންގެ އެތައް ލައްކަ ބަޔަކު މަރައިލިއެވެ. ޗައިނާ ބުނާގޮތުގައި ޖަޕާނު ސިފައިން ޗައިނާގެ 300 ހާސް މީހުން މަރައިލިއެވެ. ދެވަނަ ބޮޑު ހަނގުރާމައަށްފަހު ޤާއިމު ކުރެވުނު ދުރު އިރުމައްޗާ ބެހޭ ބައިނަލްއަޤްވާމީ ޢަސްކަރީ ކޯޓުން ނިންމާފައިވާ ގޮތުގައި ޖަޕާނުން ޗައިނާއަށް އަރާ ފުރަތަމަ މަހުގެ ތެރޭގައި 20 ހާސް މީހުން މަރާލައިފައި ވެއެވެ. މި ޖަރީމާއަށް "ނަންކިންގ ފޭރިގަތުން"ގެ ނަންދެވުނެވެ.
މި މަސްއަލައަކީ މިއަދުވެސް ޗައިނާއާ ޖަޕާނާ ދެމެދުގައި ކޯޅުންތައް ހިނގާ މަސްއަލައެކެވެ. ޖަޕާނު މީހުން (މިހާރުގެ ސަރުކާރު ވެސް ޝަމިލުވާ ގޮތަށް) މި މަސްއަލައަށް ސަމާލުކަމެއް ނުދެއެވެ. އެމީހުން ބުނާގޮތުގައި މިއީ ހިނގާފައިވާ ކަމެއްނޫނެވެ.
އިންޑޮނީޝިޔާ: ކޮމްޔުނިސްޓުން ނައްތައިލުން
އިންޑޮނީޝިޔާގެ ރައީސް އަޙްމަދު ސުކާރނޯއާ ދެކޮޅަށް 1965ވަނަ އަހަރު ގެންނަން މަސައްކަތް ކުރެވުނު އިންޤިލާބު ނާކާމިޔާބުވުމާ ވިދިގެން ސިފައިންގެ ވެރިޔާ ޖެނެރަލް ސުހާޓޯ އިންޑޮނީޝިޔާއިން ކޮމްޔުނިސްޓުން ނައްތައިލުމުގެ ޙަރަކާތެއް ފެށްޓެވިއެވެ. މި ކަމުގެ ސަބަބުން އިންޑޮނީޝިޔާގައި ޤަތުލު ޢާއްމުތައް ފެތުރި ފުޅައުވެގެން ދިޔައެވެ.
މި ޙަމަލާތައް ނިމުނީ އިންޑޮނީޝިޔާގެ ކޮމްޔުނިސްޓް ޕާޓީގެ ހުރިހާ މެންބަރުން މަރައި ޤަތުލު ކުރެވުމުންނެވެ. ތަފާސް ހިސާބުތައް ބުނާގޮތުގައި އެ ޕާޓީގައި އޭރު މިލިއަނެއްހާ މެންބަރުން ތިއްބެވެ.
މި ޤަތުލު ޢާއްމުތައް ހިންގުމުގައި އެމެރިކާގެ އެހީ ޖެނެރަލް ސުހާޓޯއަށް ލިބިވަޑައިގެންފައި ވެއެވެ. އިންޑޮނީޝިޔާގައި މިއަދު ވެސް ކޮމްޔުނިސްޓް ޕާޓީއަކީ މަނާކުރެވިފައިވާ ޕާޓީއެކެވެ.
ސުހާޓޯގެ ޒަޢާމަތުގައި ހިނގާފައިވާ މި ބިރުވެރި ޤަތުލު ޢާއްމުތަކުގެ ވާހަކަ އިންޑޮނީޝިޔާގައި ދެއްކުމުގެ ހުއްދަ ލިބުނީ ސުހާޓޯގެ ވެރިކަން ނިމުނު ފަހުންނެވެ.
ނިންމައިލުން
މިއީ އިންސާނިއްޔަތާ ދެކޮޅަށް ހިންގާފައި ހުރި ނަސްލު ފުހެލުމުގެ ލާ އިންސާނީ ބޮޑެތި ޖަރީމާތަކެވެ. ބައެއް ޖަރީމާތަކުގެ ވާހަކަ ދައްކާއިރު އަނެއްބައި ޖަރީމާތަކުގެ ވާހަކައެއް ނުދައްކައެވެ. އަރްމަނުންނާ ދެކޮޅަށް ޢުޘްމާނީ ވެރިކަމުގެ ދުވަސްވަރުގައި (1915ގައި) ތުރްކީން ޤަތުލު ޢާއްމެއް ހިންގާފައިވާ ކަމަށް ހުޅަނގުން މިއަދު ވާހަކަދައްކާއިރު އެކަމަށް ދަލީލެއް ދައްކައިފައެއް ނުވެއެވެ. ތުރްކީން ބުނާގޮތުގައި ތުރްކީ ދައުލަތުގެ ދަށުގައި ތިބި އަރްމަނުންނާ ދެކޮޅަށް ތުރްކީ ސިފައިން ފިޔަވަޅުތައް އެޅިއެވެ. އެހެނަސް އެއީ އެމީހުން ދައުލަތާ ދެކޮޅަށް ދުޝްމަނުންނާއެކު ބަޣާވަތް ކުރަމުންދާތީއެވެ. ރައީސް ބައިޑްން ތުރްކީން ކުށްވެރި ކުރައްވާފައިވާއިރު އެމެރިކާއިން ރެޑް އިންޑިއަނުންނާ ދެކޮޅަށް ހިންގާފައިވާ ޤަތުލު ޢާއްމުތައް ކުށްވެރި ނުކުރައްވަނީ ކީއްވެގެން ހެއްޔެވެ؟ އެއީ ވެސް ނަސްލު ނައްތައިލުމުގެ ޖަރީމާތަކެއްނޫން ހެއްޔެވެ؟
(ނިމުނީ)