އެމެރިކާގެ ކުރީގެ ރައީސްގެ ސައްތައިގެ ޑީލުން ބޭރަށް ނުކުމެވައިގަތުމަށް ރައީސް ބައިޑްނަށް އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ޑިމޮކްރެޓިކް 73 މެންބަރަކު ގޮވާލައްވައިފިއެވެ. ރައީސް ޓްރަމްޕްގެ ވެރިކަމުގައި ނިންމަވާފައިވާ ކަންތައްތަކުގެ ތެރޭގައި ދެ ދައުލަތުގެ ޙައްލު އުވާލުންވެސް ހިމެނެއެވެ. މިއީ ކޮންގްރެސްގެ ކުރީގެ ނިންމުންތަކާ ޚިލާފު ކަމެއް ކަމަށް އެބޭފުޅުން ވިދާޅުވެފައި ވެއެވެ.
ވައިޓްހައުސްއަށް ސިޓީފުޅެއް
މި ބޭފުޅުން ވައިޓްހައުސްއަށް 23 ޖޫންގައި ފޮނުއްވި ސިޓީފުޅުގައި 73 ބޭފުޅަކު ސޮއިކުރައްވާފައި ވެއެވެ. މި ސިޓީފުޅުގައި ޑިމޮކްރެޓިކް ޕާޓީގެ ކޮންގްރެސްގެ މި މެންބަރުން ރައީސް ޓްރަމްޕްގެ ޤަރާރު އުވާލެއްވުމަށް ރައީސް ބައިޑްނަށް ދަންނަވާފައި ވެއެވެ.
އެމެރިކާގެ މިއަދުގެ އިދާރިއްޔަތުން ވަޢުދުވެފައިވާ ގޮތަށް ފަލަސްޠީނު މީހުންގެ މަޞްލަޙަތުތަކަށް ވެސް ސަމާލުކަން ދިނުމަށް ޓަކައި ޤުދްސުގައި ހުރި އެމެރިކާގެ ކޮންސުލޭޓް ހުޅުވުން އަވަސްކުރުމަށް ވެސް މި ސިޓީފުޅުގައި ދަންނަވާފައިވެއެވެ.

8 ކަމަކަށް އެދިވަޑައިގެންފައިވޭ
ކޮންގްރެސްގެ މެންބަރުންގެ މި ސިޓީފުޅުގައި އިސްރާއީލާއި ފަލަސްޠީނުގެ ދެ ދައުލަތުގެ ޙައްލު ދުރަށް ލައިފައިވާ ޓްރަމްޕްގެ ސިޔާސަތާ ދުރަށް ޖެހިވަޑައިގަތުމަށް އެދިވަޑައިގެންފައި ވެއެވެ. އިސްރާއީލުން އިރުމަތީ ޤުދުސުގައި ޔަހޫދީން ވަޒަންވެރި ކުރުވުމުގެ ސިޔާސަތުގެ ސަބަބުން މި ހުސްވި މޭމަހުގައި ހިނގި ހަނގުރާމައިން ދަލީލު ދައްކަވާފައިވެއެވެ.
މި ބޭފުޅުން ވިދާޅުވެފައިވާ ގޮތުގައި މިފަދަ ވޭންދެނިވި ގޮތަކަށް އިސްރާއީލާއި ފަލަސްޠީނާ ދެމެދުގައި އަރައިރުން ހިނގުމުން އެ މަސްއަލައަށް ޢަސްކަރީ ޙައްލެއް ނުގެނެވޭނެ ކަން އެނގެއެވެ. އެ މަސްއަލަ ޙައްލު ކުރެވޭނީ ވާހަކަ ދައްކައިގެން ޑިޕްލޮމަސީގެ ދަށުންނެވެ. ފަލަސްޠީނު މީހުންނަށް އެމީހުންގެ އަސާސީ ޙައްޤުތަކާއި މަދަނީ ޙައްޤުތައް ޖާމިނުކޮށް ދެވިގެންނެވެ. އިސްރާއީލަށާއި ފަލަސްޠީނުގެ ރައްޔިތުންނަށް އެމީހުންގެ ކުރިމަގު އަމާންކޮށް ދެވިގެންނެވެ.
މި ލަނޑުދަނޑިތައް ޙާޞިލު ކުރުމަށް ޓަކައި "ޢިއްޒަތްތެރި ރައީސް ކުރީގެ އިދާރިއްޔަތުގެ ސިޔާސަތާ އެކަހެރިވެ ވަޑައިގަންނަވަން" ޖެހިވަޑައިގަންނަވާ ކަމަށް މި ބޭފުޅުން ވިދާޅުވެފައި ވެއެވެ.
އާބާދީތަކުގެ މަސްއަލަ
މި ސިޓީގައި އެބޭފުޅުން އެދިވަޑައިގެންފައިވާ ކަންތައްތަކުގެ ތެރޭގައި އާބާދީތައް ހެދުމަކީ ބައިނަލްއަޤްވާމީ ޤާނޫނާ ތަޢާރުޟުވާ ކަމެއްކަން އެމެރިކާގެ ޚާރިޖިއްޔާއިން އިސްރާއީލަށް ވިސްނާ ދިނުން ވެއެވެ. އިރުމަތީ ޤުދްސުގެ އަވަށްތަކުން ފަލަސްޠީނުގެ ޢާއިލާތައް ގަދަކަމުން ބޭރަށްލައި ފައްސާލުމަކީ ވައިޓްހައުސް ދެކޮޅު ހަދާކަމެއްކަން އިސްރާއީލަށް އެންގެވުމަށް ވެސް މި ބޭފުޅުން އެދިވަޑައިގެންފައި ވެއެވެ.
އެމެރިކާ ސަރުކާރުގެ ރަސްމީ ހުރިހާ ލިޔުންތަކެއް ކަށަވަރުކޮށްދޭ ގޮތުގައި ހުޅަނގުއައްސޭރިއާއި ޣައްޒާއަކީ ހިފާފައިވާ ބިންތަކެކެވެ. މި ސިޓީގައި ފަލަސްޠީނު މީހުންނަށް އެމެރިކާ ސަރުކާރުން ދެމުން އައި އެހީތައް އަލުން ދޭން ފެށުމަށާއި ސުލްޙައިގެ އުދަރެހަށް ހުރަސްއަޅައި އިންސާނީ ޙައްޤުތަކާ އިދިކޮޅު ޢަމަލުތައް ހުއްޓައިލުމަށް ވެސް މި ބޭފުޅުން ވައިޓްހައުސްއަށް ގޮވާލައިފާ ވެއެވެ.
ޖެރީ ކޮންލީއާއި ޕީޓަރ ވެލްޝްއާއި ޖޭން ޝާކޮސްކީ އިސްވެ ތިއްބަވާ ފޮނުއްވި މި ސިޓީގައި ޙަމާސުން އިސްރާއީލަށް ދޭ ރޮކެޓް ޙަމަލާތައް ހުއްޓުވުމަށް މަސައްކަތް ކުރުމަށް ވެސް ވައިޓްހައުސްގެ ކިބައިން އެދިވަޑައިގެންފައި ވެއެވެ. މި ސިޓީގައި ސޮއި ކުރައްވާފައިވާ ބޭފުޅުންގެތެރޭގައި ހައުސްގެހަތް ކޮމެޓީއެއްގެ މުޤައްރަރުން ހިމެނިވަޑައިގަންނަވައެވެ. ސޮއި ކުރެއްވި މެންބަރުންގެ ތެރޭގައި އިލްހާން ޢުމަރާއި މޭރީ ނިވްމަންއާއި ޖަމާލް ބޫމަން ފަދަ ފާޑުވިދާޅުވުން ގިނަ ބޭފުޅުންނާއި ޔަހޫދީ މެންބަރުން ކަމުގައިވާ ސްޓެފް ކޯހެންއާއި ސާރާ ޖެކޮބިސް އާއި އެންޑީ ލީވަންފަދަ ބޭބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.



advertisment