ޤަޠަރުގައި މި އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ދުނިޔޭގެ ފުޓްބޯޅަ މުބާރާތަށް ދާ މީހުންނަށް ކޮވިޑް–19 ވެކްސިން ދިނުމަށް ޓަކައި އެއް މިލިޔަން ޑޯޒް ރައްކައުކޮށްފައި ބަހައްޓަން މަސައްކަތް ކުރަމުންދާ ކަމަށް ޤަޠަރުން ބުނެފިއެވެ.
ޤަޠަރުގެ ބޮޑުވަޒީރު އައްޝައިޚު ޚާލިދު ބިން ޚަލީފާ އާލު ޘާނީއާ ޙަވާލާދީ ފަރަންސޭސި ނޫސް އޭޖެންސީ ބުނިގޮތުގައި މުބާރާތުގައި ބައިވެރިވާ ބައެއް ޤައުމުތަކަކީ ފަޤީރު ޤައުމުތަކެއް ކަމުގައިވާތީ ޤަޠަރުން އެ ޤައުމުތަކުން މުބާރާތަށް އަންނަ ޓީމުތަކަށް ވެކްސިން ދިނުމަށް ޓަކައި ދަނީ ވެކްސިން ހޯދަމުންނެވެ. ޤަޠަރުގެ ބޮޑުވަޒީރު ހާމަކުރެއްވި ގޮތުގައި އެއްވެސް މީހަކަށް ދަނޑަށް ވަދެވޭނީ ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައި ވާނަމައެވެ.
ޤަޠަރުގެ ބޮޑުވަޒީރު ހާމަކުރެއްވި ގޮތުގައި ދުނިޔޭގެ ފުޓްބޯޅަ މުބާރާތަށް އަންނަ މީހުންނަށް ވެކްސިން ދިނުމުގެ އަސާސީ ބޭނުމަކީ ޤަޠަރުގެ ޢާޢްމު ރައްޔިތުންނާއި ޤަޠަރުގައި ދިރިއުޅޭ މީހުންގެ ޢާއްމު ޞިއްޙަތު ޙިމާޔަތް ކުރުމެވެ.
ޤަޠަރުގައި 220 ހާސް މީހަކަށް ކޮވިޑް ޖެހިފައިވާ ކަމަށާއި މި ބަލީގައި 583 މީހަކު މަރުވެފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ. މި ވަގުތު ކޮވިޑްގެ ޙާލަތު އަންނަނީ ރަނގަޅުވަމުންނެވެ.

ޖުމްލަ 32 ގައުމު ވާދަކުރާ ވޯލްޑްކަޕް2022 އަށް 28 ދުވަސް ހޭދަވާނެއެވެ. ނޮވެމްބަރު 12 ގައި ފަށާ މި މުބާރާތުގެ ފައިނަލް މެޗް ބޭއްވުމަށް ހަމަޖެހިފައި ވަނީ 18 ޑިސެންބަރުގައެވެ. އެއީ ޤަޠަރުގެ ޤައުމީ ދުވަހެވެ. ޤަޠަރުގެ ބޮޑު ވަޒީރު ހާމަކުރެއްވި ގޮތުގައި މި ހަފުތާގެ ތެރޭގައި ޤަޠަރުގެ އެންމެންނަށާއި ޤަޠަރުގައި އުޅޭހާ މީހުންނަށް ފުރަތަމަ ޑޯޒު ދީ ނިމޭނެއެވެ.
ޤަޠަރުގެ ޚާރިޖީ ވަޒީރު މުޙައްމަދު ބިން ޢަބްދުއްރަޙްމާނު އާލު ޘާނީ ހާމަކުރެއްވި ގޮތުގައި މޮންޑިއާލް 2022 އަށް ދައުޙާއަށް އަންނަ އެންމެންނަށް ބޭނުންވާ ވެކްސިން ހޯދުމަށް ޓަކައި ޤަޠަރުން މިހާރު ދަނީ ވެކްސިން އުފައްދާ ތަފާތު ކުންފުނިތަކާއެކު ވާހަކަ ދައްކަމުންނެވެ.



advertisment