މިއަދު އީރާނުގައި ބޭއްވެމުންދާ ރިޔާސަތީ އިންތިޚާބަށް މާ ގިނަ ބަޔަކު ވޯޓުލާން ދާނެ ކަމަކަށް ނުފެނެއެވެ. އީރާނުގެ ގިނަ ބަޔަކު ވަނީ އުންމީދު ގެއްލިފައެވެ. އީރާނު މިހާރު ދެކެމުންދާ ދަތި ދުވަސްތަކުން އަރައިގަނެވޭނީ ކޮން ދުވަހަކުން ކަން ނޭނގޭތީއެވެ. އެއްވެސް ރައީސަކަށް މާ ބޮޑު ކަމެއް ކޮށްދެއްވިދާނެ ކަމަކަށް އާއްމު ރައްޔިތުން ޤަބޫލެއް ނުކުރެއެވެ. ވަރަށް ގިނަ ބޭފުޅުންތަކެއް މި އިންތިޚާބަށް ކުރިމަތި ލެއްވިއެވެ. ނަމަވެސް ވޯޓުލާ ދުވަހާ ހަމައަށް އާދެވުނުއިރު ސަފުގައި ތިއްބެވީ އެންމެ ހަތަރު ބޭފުޅުންނެވެ. މި ހަތަރު ބޭފުޅުންނަކީ:-
- ކާމިޔާބު ކުރައްވާނެ ކަމަށް ލަފާ ކުރެވޭ ކެންޑިޑޭޓް: އިބްރާހީމު ރައީސީ
އިބްރާހީމު ރައީސީ، 60، އަކީ އީރާނުގެ މިހާރުގެ އުއްތަމަ ފަނޑިޔާރެވެ. ޚިޔާލު ހޯދުމަށް ނެގުނު ވޯޓުތައް ދައްކާގޮތުގައި މި އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށް ލަފާކުރެވެނީ އޭނާއެވެ. ރައީސީއަކީ އީރާނުގެ ދީނީ ޒަޢީމު ޢަލީ ޚާމަނައީގެ ވަރަށް އަރިސް ބޭފުޅެކެވެ. އޭނާއަކީ ޚާމަނައީގެ ދަރިވަރެކެވެ. އީރާނުގެ އިސްލާމީ ޖުމްހޫރިއްޔާގައި އޭނާ ވަނީ މަތީ ދަރަޖައިގެ އެތައް މަޤާމުތަކެއް ފުރުއްވައިފައެވެ.

ޚާމަނައީ އަވަހާރަވުމުން ދީނީ މުރްޝިދުގެ މަޤާމަށް އިސްކުރެވޭނީ ރައީސީކަމަށް ލަފާކުރެވެއެވެ. ވާދަވެރި ކެންޑިޑޭޓުންގެ މުނާޒަރާގައި (ޑިބޭޓްގައި) ކެންޑިޑޭޓުން މި މަސައަލައަށް އިޝާރާތްވެސް ކުރައްވާފައި ވެއެވެ. ޚާމަނައީގެ ޢުމުރުފުޅަކީ 82 އަހަރެވެ.
ރައީސީއަކީ ޚާމަނައީގެ އުފަން ރަށުގެ (މަޝްހަދުގެ) ބޭފުޅެކެވެ. ޝީޢީންގެ އަށްވަނަ އިމާމު އަލްއިމާމު ރިޒާ ފަސްދާނުލެވިފައިވަނީ މަޝްހަދުގައެވެ. ރައީސީ ކަޅުކުލައިގެ ފަގުޑިކޮޅެއް ތުރުކުރެއްވިއަސް އޭނާއަކީ "އާޔަތުﷲ" ދަރަޖައިގެ ބޭފުޅެއް ނޫނެވެ. އެހެނަސް އޭނާގެ ދަރަޖައަކީ "ޙުއްޖަތުﷲ" އެވެ. އެއީ ޝީޢީންގެ ހަރަމުގައި އާޔަތުﷲއަށް ވުރެ ދަށް ދަރަޖައެކެވެ.
ރައީސީ ވެރިރަށް ޠަހަރާނަށް ބަދަލުވެވަޑައިގަތީ 1985ވަނަ އަހަރުގައެވެ. އެއީ އޭނާ ޕްރޮސިކިޔުޓަރ ޖެނެރަލްގެ ނާއިބުގެ މަޤާމަށް އިސްކުރެވުމުންނެވެ.
ވޭތުވެދިޔަ ތިން ދަހަރުގެ ތެރޭގައި ރައީސީ ވަނީ ޕްރޮސިކިޔުޓަރ ޖެނެރަލް ކަމާއި، ދީނީ ޢިލްމުވެރީންގެ ޚާއްޞަ ކޯޓުގެ ޕްރޮސިކިޔުޓަރ ޖެނެރަލް ކަމާއި ހައި ކޯޓުގެ ނައިބު ރައީސްކަމުގެ މަޤާމު ފުރުއްވާފައެވެ. އަދި 2017ވަނަ އަހަރު ރިޔާސީ އިންތިޚާބުގައި ރައީސް ރޫޙާނީއާ އޭނާ ވާދަކުރެއްވިއެވެ. އެފަހަރު އޭނާއަށް ލިބިވަޑައިގަތީ 38 އިންސައްތަ ވޯޓެވެ.
ރައީސީއަކީ ފަސާދައާ ވަރަށް އިދިކޮޅު ބޭފުޅެކެވެ. އޭނާ ވިދާޅުވާގޮތުގައި ޤާބިލުނޫން މީހުންނަށް ވަޒީފާއެއް ނުދެވޭނެއެވެ. ބައިނަލްއަޤްވާމީ އެއްބަސްވުމަކަށް ވާތީ އީރާނުގެ ނިޔުކްލިއަރ އެއްބަސްވުމަށް އޭނާ ތާއީދު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވާގޮތުގައި "ރަނގަޅު މަގަށް މިޞްރާބު" ކުރުމަށް ޓަކައި ވަރުގަދަ ސަރުކާރެއް އޮންނަން ޖެހޭނެއެވެ.
2. އިޤްތިޞާދީ މާހިރު: ޢަބްދުއްނާޞިރު ހިއްމަތީ
ޢަބްދުއްނާޞިރު ހިއްމަތީ، 64، އަކީ އެކަޑެމިކް ސިޔާސީ ބޭފުޅެކެވެ. އޭނާއަކީ ޙަލަތާ އެކަށީގެންވާ އިޤްތިޞަދެއް ޤާއިމު ކުރުމަށް ގޮވައިލައްވާ ބޭފުޅެކެވެ. އޭނާ 2016ން 2018ށް ހުންނެވީ ޗައިނާގައި އީރާނުގެ ސަފީރަކަށެވެ. އަދި 2018 ގައި އޭނާ އީރާނުގެ މަރްކަޒީ ބޭންކްގެ ގަވަރނަރުކަމަށް އިސްކުރެވުނެވެ. އެ މަޤާމުން ވަކިވެވަޑައިގަތީ ރިޔާސީ ކެންޑިޑޭޓަކަށް ވެވަޑައިގަތުމަށް ޓަކައެވެ.

ރިޔާސީ އިންތިޚާބުގެ ޙަމަލާތެރޭގައި އޭނާ ސިފަކޮށްދެއްވުމަށް މަސައްކަތް ކުރައްވާފައި ވަނީ އޭނާއަކީ ޙަޤީޤާތާ އެއްގޮތަށް މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށެވެ. އެހެން ކެންޑިޑޭޓުން ވެވަޑައިގަންނަވަމުން ގެންދެވި ވަޢުދުތަކާ އޭނާ ދެކޮޅު ހެއްދެވިއެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި ދަތިކުރުމުގެ ފިޔަވަޅުތަކާ ހަނގުރާމަ ކުރަމުން މި ފަދަ ވަޢުދުތަކެއް ނުފުއްދޭނެއެވެ. އޭނާ ހާމަކުރެއްވިގޮތުގައި ދައުލަތުގެ ބަޖެޓް އޮތީ އިނދަޖެހިފައެވެ. އޭނާ ވަޢުދުވެ ވަޑައިގެންނެވި ގޮތުގައި އީރާނުގެ ލާދަ އެއް ވިޔަ އަކުރަށް ކުޑަ ކުރައްވަން މަސައްކަތް ކުރައްވާނެއެވެ. އަދި އާމްދަނީ ކުޑަ ޢާއިލާތަކަށް ސަރުކާރުންދޭ މަދަގު (ސަބްސިޑީ) އިތުރު ކޮށްދެއްވާނެއެވެ.
ހިއްމަތީއަކީ ވެސް އެމެރިކާއާއެކު ނިޔުކްލިއަރ ފައިލްގެ މަސްއަލަ ޙައްލު ކުރުމަށް ސާފުބަހުން ގޮވާލައްވައި ބޭފުޅެކެވެ. އީރާނުގެ މަޞްލަޙަތު ތަންދޭނަމަ އޭނާ އެމެރިކާގެ ރައީސާ ބައްދަލު ކުރައްވާނެ ކަމަށް ހިއްމަތީ ވިދާޅުވިއެވެ.
3. ޢަސްކަރީ އިސްވާރު: މުޙްސިނު ރިޒާއީ
މުޙްސިނު ރިޒާއީއަށް "ދާއިމީ ކެންޑިޑޭޓް"ގެ ލަޤަބު ދެވިފައި ވެއެވެ. އެއީ ރައީސަށް އޭނާ ކުރިމަތިލައްވަމުން ގެންދަވާލެއް ގިނަކަމުންނެވެ. ޢުމުރުފުޅުން 66 އަހަރުގެ ރިޒާއީ އަކީ 1997ން ފެށިގެން އީރާނުގެ "ނިޒާމުގެ މަޞްލަޙަތު ބަލަހައްޓާ އިދާރާ"ގެ ރައީސެވެ.
ޖެނެރަލް ރިޒާއީއަކީ ސިޔާސީ އިޤްތިޞާދީ ޢަސްކަރީ ބޭފުޅެކެވެ. އިސްލާމީ އިންޤިލާބީ ފާރަވެރީންގެ ލަޝްކަރުގެ ވެރިކަން ވެސް އޭނާ ކުރެއްވިއެވެ. އޭނާ އުފަންވެ ވަޑައިގެންފައި ވަނީ އީރާނުގެ ހުޅަނގު ދެކުނު ސަރަހައްދެއް ކަމުގައިވާ ޚޫޒިސްތާނު ޕްރޮވިންސްގެ މަސްޖިދު ސުލައިމާނުގެ ސަހަރުގައެވެ. އާޔަތުﷲ ޚުމައިނީ ވަނީ އީރާނުގެ އިންޤިލާބީ ފާރަވެރި ލަޝްކަރުގެ ވެރިއާކަމުގެ މަޤާމަށް 1981ގައި އޭނާ އިސްކުރައްވައިފައެވެ. އެ މަޤާމުގައި އޭނާ 16 އަހަރު ހުންނެވިއެވެ. އެހެންކަމުން މި ބާރު ބިނާކޮށް ތަރައްޤީ ކުރުމުގައި އޭނާއަކީ އެންމެ އިސް މޭސްތިރިއާއެވެ.

ޢަސްކަރީ ތަޖްރިބާގެ އިތުރަށް އޭނާއަކީ އިޤްތިޞާދީ ދާއިރާއިން ޕީއެޗްޑީ ޙާޞިލު ކުރައްވާފައިވާ ބޭފުޅެކެވެ. އިރާނުގެ ފައިސާގެ އަގު މައްޗަށް ގެންދެވުމަށް ޓަކައި ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ރިޔާސީ އިންތިޚާބުގެ ޙަމަލާތެރޭގައި ވިދާޅުވިއެވެ. ބަޖެޓުން ގެއްލިފައިވާ އެތައް ބިލިއަން ޑޮލަރެއް ހޯއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި ހަވާސާ ކުރެވިފައިވާ ޒުވާނުންގެ ދައުރު ކުރިމަގު ބައްޓަން ކުރުމުގައި ހަރުދަނާ ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ރިޒާއީއަކީ ނިޔުކްލިއަރ އެއްބަސްވުމާ ދެކޮޅު ހައްދަވާ ބޭފުޅެކެވެ. އެހެނަސް އޭނާއަކީ އެމެރިކާއާއެކު ޞުލްޙަވުމަށް ގޮވައިލައްވާ ބޭފުޅެކެވެ.
އޭނާ އެމެރިކާއަށް ގޮވައިލައްވަނީ ގަނޑުކޮށްފައި ހުރި އެ ޤައުމުގެ އެތައް ބިލިއަން ޑޮލަރުތަކެއް އިތުބާރު ބިނާކުރުމަށް ޓަކައި ދޫކޮށްލުމަށެވެ. އޭނާ ވިދާޅުވާގޮތުގައި އީރާނުން އެ ޤައުމުގެ ނިޔުކްލިއަރ ޙަރަކާތްތައް ހުއްޓައިލަން އެބަ ޖެހެއެވެ. އެކަމުގެ ސަބަބުން އީރާނުގެ މަޞްލަޙަތަށް ގެއްލުން ލިބޭތީއެވެ.
4. ހަރުކަށި ކެންޑިޑޭޓް: އަމީރު ޙުސައިން ޒާދާ ހާޝިމީ
ހާޝިމީ، 49، އަކީ އެންމެ ޒުވާން، އެންމެ ހަރުކަށި ކެންޑިޑޭޓެވެ. އޭނާއަކީ ކނކ ޑަކްޓަރެކެވެ. ބަރްލަމާނީ މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާތާ ވަރަށް ގިނަ ދުވަސްވެފައިވާ ބޭފުޅެކެވެ.

ޒާދާ ހާޝިމީއަކީ ކޮންޒަރވެޓިވް ބޭފުޅެކެވެ. އޭނާއަކީ މަޝްހަދު ސަހަރުގެ ދާއިރާގެ ބަރްލަމާނީ މެންބަރެވެ. ރިޔާސީ މުނާޒަރާތަކުގައި އެހެން ބޭފުޅުންނާ ޚިލާފަށް އޭނާ އެއްވެސް ބޭފުޅަކަށް ޙަމަލާ ދެއްވައިފައެއް ނުވެއެވެ. ސަރުކާރު ޓީވީގެ ޑިރެކްޓަރ ހުށައެޅުއްވި ސުވާލުތަކަށް އޭނާ ސީދާ ޖަވާބުދެއްވިއެވެ. އެހެން ބޭފުޅުންގޮތަށް ސުވާލުތަކާ ދުރަކަށް ވަޑައެއް ނުގަންނަވައެވެ.
ދީނީ ޒަޢީމުގެ އިރްޝަދުތަކާ އެއްގޮތަށް ޒުވާނުންގެ ސަރުކާރެއް އެކުލަވައލައްވާނެ ކަމަށް ހާޝިމީ ވިދާޅުވިއެވެ.



advertisment