ސްވިޒަރލޭންޑްގެ ޖެނީވާގައި ބޭއްވުނު އެމެރިކާ- ރަޝިއާ ސަމިޓަކީ "ދެ ޤައުމުގެ ދެމެދުގައި އިތުބާރު ބިނާކުރުމަށާއި ތާށިވެފައި ހުރި ހުރިހާ މަސއަލަތަކެއް ޙައްލުކުރުމަށް މަސައްކަތް ކުރުމަށް އެއްބަސްވެވުނު އުންމީދީ ހުޅުކޮޅެއް ފެނިގެން ދިޔަ" ސަމިޓެއް ކަމަށް ރައީސް ޕޫޓިން ސިފަކުރައްވައިފިއެވެ.
މި ސަމިޓާ ބެހޭގޮތުން ނޫސްވެރީންނާ ބައްދަލު ކުރައްވަމުން ޕޫޓިން ވިދާޅުވިއެވެ. "އެމެރިކާގެ ރައީސާއެކު ބޭއްވުނު ސަމިޓްގެ ސަބަބުން އޭނާގެ ކިބައިގައި އެއްވެސް ޝައްކެއް މިހާރަކު ނެތެވެ."
ޕޫޓިން އިތުރަށް ވިދާޅުވިއެވެ. "މި ބައްދަލުވުމުގައި އިސްތިރާތީޖީ ހަމަޖެހުން ޤާއިމު ކުރުމާއި، ވިޔަފާރީގެ ގުޅުންތަކާއި ސަރަޙައްދީ ސަލާމަތާއި، ސައިބަރާނީ އަމްނާ" ބެހޭގޮތުން ރައުޔު ބަދަލު ކުރެވުނެވެ. އޭނާ އިޝާރަތް ކުރެއްވި ގޮތުގައި "މިފަދަ ކަންކަމުގައި އެ ދެ ޤައުމު ދެކޭގޮތުގައި ހުރި ދެބަސްވުންތައް ކުޑަކުރުމަށް ބޭނުންވާ މަގުތައް ހޯދުމަށް ދެ ފަރާތް އެދެއެވެ."
ބައިޑްންގެ ޙަމަލާ
އަނެއްކޮޅުން ބަލާއިރު މި ސަމިޓަށް ފަހު ރައީސް ބައިޑްން ނޫސްވެރީންނާ ބައްދަލު ކުރައްވަމުން ވިދާޅުވިއެވެ. "ރޫސީ ރައީސް ކުރައްވަމުން ގެންދަވާ ކަންތައްތަކުގެ ސަބަބުން ޢާލަމީ މަސްރަޙުގައި އެ ޤައުމު ދަނީ ބަލިކަށިވަމުންނެވެ." އޭނާ ވިދާޅުވިއެވެ. "އޭނާ އެ ޢަމަލު ކުރައްވަމުންދާ ގޮތަށް އަހުރެމެން ޢަމަލު ކުރާނަމަ އަހުރެމެންގެ ޙާލަތު އޮންނާނީ ކިހިނެއް ހެއްޔެވެ؟ ޢާލަމީ ބޮޑު ބާރެއްގެ ގޮތުގައި ދެމި އޮތުމަށް ބާރުލައި މަސައްކަތްކުރާއިރު އޭނާގެ ސިޔާސަތުގެ ސަބަބުން އެ ޤައުމު ދަނީ ބަލިކަށި ވަމުންނެވެ."
ރައީސް ބައިޑްން ވިދާޅުވިގޮތުގައި އޭނާގެ އެޖެންޑާއަކީ ރޫސީ ރައީސާ ނުވަތަ އެހެންވެސް މީހަކާ އިދިކޮޅު އެޖެންޑާއެއް ނޫނެވެ. އެހެނަސް އޭނާ މަސައްކަތް ކުރައްވަނީ "އެމެރިކާގެ ރައްޔިތުންނަށް" ޓަކައެވެ. އޭނާ ވިދާޅުވިގޮތުގައި އޭނާގެ ޤައުމުގެ ސިޔާދަތުގެ ޙުރްމަތް ކެނޑުމުގެ ހުއްދަ އެއްވެސް މީހަކަށް ނުދެއްވާނެއެވެ. އޭނާ ބާރުލައްވާ ވިދާޅުވިގޮތުގައި އެމެރިކާގެ ދީމުޤްރާޠީ އިންތިޚާބަށް ލޮޅުން އެރުވުމަށް އޭނާ ދޫކޮށެއް ނުލައްވާނެއެވެ.
ޕޫޓިން ވިދާޅުވިއެވެ. "ދެ ޤައުމުގެ ޑިޕްލޮމެޓީކް މިޝަންތައް އިޢާދަކުރުމަށް އަހުރެމެން އެއްބަސްވީމެވެ. އެއްބާރުލާން ޖެހޭ ހުރިހާ މައިދާންތަކަކާ ބެހޭގޮތުން ދެ ޤައުމުގެ ޚާރިޖިއްޔާއިން ވަރަށް އަވަހަށް މަޝްވަރާތައް ފަށާނެ ކަމަށް ޕޫޓިން ވިދާޅުވިއެވެ. އޭގެތެރޭގައި ސައިބަރާނީ އަމަންއަމާންކަން ހިމެނޭނެއެވެ.
ޕޫޓިން ވިދާޅުވިއެވެ. "ދުނިޔޭގައި ދެވޭ ސައިބަރާނީ ގިނަ ޙަމަލާތަކަކީ އެމެރިކާގެތެރެއިން ދެވޭ ޙަމަލާތަކެކެވެ." ޕޫޓިން ވިދާޅުވިއެވެ. "ރަޝިޔާއަކީ އެމެރިކާގެ ދުޝްމަނެއްކަމަށް ހެދުމުން މި ޢުޤޫބާތުގެ ސަބަބުން ދެ ފަރާތަށް ވެސް ގެއްލުން ލިބޭނެއެވެ."
ކުރީގެ އެއްބަސްވުންތައް ތަންފީޒު ކުރުން
ޔުކްރޭނާ ބެހޭގޮތުން ރައީސް ޕޫޓިން ވިދާޅުވިއެވެ. "ޔުކްރޭނާ ބެހޭގޮތުން އަހުރެމެންގެ ކިބައިގައި އޮތީ އެންމެ ކަށަވެތި ކަމެކެވެ. އެއީ ކިއީފް ތައްޔާރަށް އޮތްނަމަ މިންސްކް އެއްބަސްވުން ތަންފީޒު ކުރުމެވެ."
ރަޝިޔާގެ އިދިކޮޅު ޒަޢީމު ކަމަށް ހުޅަނގުން ދެކޭ އެލެކްސީ ނަވަލްނީއާ ބެހޭގޮތުން އޭނާގެ ނަން ވިދާޅުނުވެ ޕޫޓިން ވިދާޅުވިއެވެ. "އޭނާއަކީ ޤާނޫނާ ޚިލާފު އެތައް ޢަމަލުތަކެއް ކޮށްފައިވާ މުޖްރިމެކެވެ. އޭނާ ރަޝިޔާއަށް އަތުވެއްޖެނަމަ ހައްޔަރު ކުރާނެކަން އެނގިހުރެ އޭނާ އައީ ކީއްވެގެން ހެއްޔެވެ؟ އޭނާ އައީ ހައްޔަރުވާން ބޭނުންވީމާ ނޫންހެއްޔެވެ؟" ނަވަލްނީ ޖަރްމަނުގައި ފަސް މަސް ދުވަސް ހޭދަކުރުމަށްފަހު 17 ޖަނަވަރީ 2021ގައި ރަޝިޔާއާށް އެނބުރި ދިއުމުން އޭނާ ވަނީ ވައިގެ ބަނދަރުން ހައްޔަރުކޮށްފައެވެ. ފެބްރުވަރީ 2ގައި ރަޝިޔާގެ ކޯޓުން ވަނީ އޭނާ ތިން އަހަރާއި ހަ މަސް ދުވަހަށް ޖަލަށްލުމަށް އަމުރުކޮށްފައެވެ. އެއީ މަކަރާއި ޙީލަތުގެ މަސްއަލައެއްގައެވެ.

ސަމިޓް
އެމެރިކާއާއި ރަޝިޔާގެ ރައީސުންގެ ސަމިޓް ބޭއްވުނީ ޖެނީވާގެ ލެ ގްރާންޖް ވިލާގައެވެ. މި ސަމިޓްގައި ވާހަކަފުޅު ދެއްކެވުމުގެ ދެ ބުރެއް ބޭއްވުނެވެ. މި ދެބޭފުޅުންނަށް މި ތަނުން މަރްޙަބާ ދެންނެވީ ސުވިޒަރލޭންޑްގެ ރައީސް ޖާއި ޕެރްމެލީނެވެ. ފުރަތަމަ ބުރު 90 މިނެޓްއިރަށް ދެމިގެން ދިޔައެވެ. މި ވާހަކަދެއްކުންތަކުގައި ދެ ޤައުމުގެ ޚާރިޖީ ވަޒީރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. ކުރިން ލަފާކުރެވުނު ވަގުތަށްވުރެ މާ އަވަހަށް ސަމިޓް ނިމުނުކަން ފާހަގަކުރެވެއެވެ.



advertisment