އިތިޔޯޕިއާއިން ބިނާކޮށްފައިވާ ނަހްޟާ ޑޭމުގެ މަސްއަލަ އދގެ ސަލާމަތީ މަޖިލީހަށް ގެންދިޔުމަށް ޢަރަބީ ޤައުމުތަކުން ރޭ ނިންމައިފިއެވެ.
ޤަޠަރުގައި ބޭއްވުނު ޢަރަބި ލީގްގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގެ ހަވާސާމަތީގައި މިޞްރާއި ސޫދާނުން އެދިގެން މި ޑޭމްގެ މަސްއަލައާމެދު ބަހުސްކުރެއްވުމަށްފަހު އަރަބި ޤައުމުތަކުން މިޞްރާއި ސޫދާނުގެ އެދުމަށް ތާއީދު ކުރީ ހުރިހާ މެންބަރުންގެ އިއްތިފާޤުންނެވެ.
ޢަރަބި ލީގުގެ އަމީން ޢާއްމު އަޙްމަދު އަބުލް ޣައިޠު ހާމަކުރެއްވިގޮތުގައި އިތިޔޯޕިއާއިން މި ޑޭމަށް ފެން ފުރަން އުޅޭތީ އެކަން ހުއްޓުވުމަށް ޓަކައި ސަލާމަތީ މަޖިލީހަށް އެ މަސްއަލަ ގެންދިޔުމަށާއި އެކަމަށް ޓަކައި އެ މަޖިލީހުގެ ޚާއްޞަ ބައްދަލުވުމެއް ބޭއްވުމަށް އަރަބި ލީގުން އެދޭނެއެވެ.
ޤަޠަރުގެ ޚާރިޖީވަޒީރު މުޙައްމަދު ބިން ޢަބްދުއްރަޙްމާނު އާލު ޘާނީ ވިދާޅުވިގޮތުގައި ޑޭމްގެ މަސްއަލައިގައި މިޞްރަށާއި ސޫދާނަށް ވާގިވެރިވެ އެއްބާރުލުން ދިނުމަށް އަރަބި ލީގު ވަނީ އެއްބަސްވެފައެވެ.

"ހެޔޮ ނިޔަތުގައި އިތިއޯޕިއާއިން ވާހަކަދެއްކުންތައް ބޭއްވުމަށާއި މިޞްރަށާއި ސޫދާނުގެ ފެނުގެ މުއްސަނދިކަމަށް ގެއްލުމެއް ލިބިދާނެ ފަދަ ގޮތަކަށް އެކަހެރިކޮށް ފިޔަވަޅެއް ނޭޅުމަށް" ޢަރަބި ޚާރިޖީ ވަޒީރުން މި ބައްދަލުވުމުގައި އެޑިސް އަބާބާއަށް ގޮވައިލެއްވިއެވެ. މި އަންނަ ވިއްސާރަ މޫސުމުގައި އެ ޑޭމަށް ފެން ފުރުމުގެ މަސައްކަތް އެޑިސްއަބާބާއިން ކުރިއަށް ގެންދާނެ ކަމަށް ބުނަމުންދާތީ އެކަމާމެދު ޢަރަބި ޚާރިޖީ ވަޒީރުން ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވިއެވެ.
އިތިޔޯޕިއާ ވަގުތުން ކުށްވެރިކޮށްފި
ޢަރަބި ލީގުން ޑޭމްގެ މަސްއަލަ ސަލާމަތީ މަޖިލީހަށް ގެންދަން ނިންމުމުން އެޑިސްއަބާބައިން އެކަން ވަގުތުން ކުށްވެރި ކުރިއެވެ. އިތިޔޯޕިއާގެ ޚާރިޖިއްޔާއިން ނެރުނު ބަޔާނެއް ބުނާގޮތުގައި މިއީ އެ ޤައުމުން ދެކޮޅުހަދާ ކަމެކެވެ. މިކަމުގެ ބޭނުމަކީ މަސްއަލަ ސިޔާސީކުރުން ކަމަށް އެޑިސްއަބާބާ ބުންޏެވެ. މި ކަމުގެ ސަބަބުން ޑޭމްގެ މަސްއަލައިގައި ސަރަޙައްދީ އެއްބާރުލުން ނެތިގެންދާނެ ކަމަށް އެޑިސްއަބާބާއިން ބުންޏެވެ. އެޑިސްއަބާބާ ބުނިގޮތުގައި މިޞްރާއި ސޫދާނުން އެދޭގޮތަށް އެ މަސްއަލަ ޙައްލެއް ނުކުރެވޭނެއެވެ. މި ޑޭމާ ބެހޭގޮތުން އެފްރިކާގެ އެއްބައިވަންތަކަމުގެ އިއްތިޙާދުގެ ބެލުމުގެ ދަށުން މިޞްރާއި ސޫދާނާއި އިތިޔޯޕިއާ ދެމެދުގައި ވާހަކަ ދެއްކުންތައް ބޭއްވެމުންދާތާ އެތައް އަހަރެއް ވެއްޖެއެވެ.
އިތިޔޯޕިއާ ބުނާގޮތުގައި އެ ޑޭމަށް ފެންފުރުމުގެ މަސައްކަތަކީ އެހެން ޤައުމަކާ ބެހޭ ކަމެއްނޫނެވެ. އަދި އެއީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ތަޢާރުޟުވާ ކަމެއް ވެސް ނުމެނޫންމެއެވެ.



advertisment