މެލޭޝިއާގެ ޖޮހޯރްގެ ރަސްކަން 16 ވަނަ ޤަރުނުގައި ފެށުނީއްސުރެ އެ އިސްޓޭޓް ހުޅުވައިލުމަށާއި އެ އިސްޓޭޓްގެ ތަރައްޤީއަށް ޗައިނާ ދަރިކޮޅު އަދާކޮށްފައިވާ މުހިންމު ދައުރަށް ތަޢުރީފުކުރައްވައި އެ އިސްޓޭޓްގެ ރަސްގެފާނު ސުލްޠާން އިބްރާހީމް ސުލްޠާން އިސްކަންދަރު ވާހަކަފުޅު ދައްކަވައިފިއެވެ.
ސީނުދަރިކޮޅުގެ އާ އަހަރު ފާހަގަކުރުމުގެ މުނާސަބަތުގައި ދެއްވި ޚާއްޞަ ބަސްދީ ގަތުމެއްގައި، ސީނު ދަރިކޮޅުގެ މުޖުތަމަޢަށް ވަރަށް ބޮޑަށް ތަޢުރީފުކުރައްވަމުން ރަސްގެފާނު ވިދާޅުވީ ޖޮހޯރްގެ ތަރައްޤީއަށް ޓަކައި ޗައިނާ ދަރިކޮޅުން ކުރި މަސައްކަތާއި ދިން އެއްބާރުލުމަކީ ފާހަގަކޮށްލެވޭ ކަމެއް ކަމަށެވެ. ސީނު ދަރިކޮޅުގެ އާ އަހަރަކީ ހަނދުގެ ދައުރާނާވުމުގެ ފިޔަވަހިތަކަށް ބަލައިގެން އެ މީހުން ފާހަގަކުރާ މުނާސަބަތެކެވެ. މިއީ ޚާއްސަ ގޮތެއްގައި އިރުމަތީ އޭޝިއާގައި ވަކީން ޚާއްޞަ ގޮތެއްގައި ސީނުގެ ސަގާފަތާއި ސީނު ދަރިކޮޅުގެ ނުފޫޒު އޮންނަ މުޖުތަމަޢުތަކުގައި ފާހަގަކުރާ މުނާސަބަތެވެ. ހިޖުރީ ކަލަންޑަރު ވެސް ބިނާވެފައިވަނި ހަނދުމަށް ކަމަށް ވިޔަސް އަހަރުގެ މަސްތަކާއި އަހަރު ފަށާ ދުވަސް އެ މީހުންގެ އަހަރު ފަށާ ދުވަހާއި މަސްތަކާ މާ ބޮޑަށް ވެސް ތަފާތެވެ.
ސީނު ދަރިކޮޅުގެ ރައްޔިތުންނަކީ "ޖޮހޯރގެ އިގުތިސާދީ ތަބު" ކަމަށް ސިފަކުރައްވަމުން ރަސްގެފާނު ވިދާޅުވީ މުޖުތަމައުގައި އެބައިމީހުންގެ އާދަޔާ ޚިލާފު ޙިއްސާ ފާހަގަކުރާންޖެހޭކަށެވެ. ސުލްޠާން އިބްރާހީމް ވިދާޅުވީ ސީނު ދަރިކޮޅު މީހުންނަކީ މެލޭޝިއާއަށް ހިޖުރަކުރި މުހާޖިރުން (ޕްންދަތަން) ނޫންކަމަށާއި އެއީ ހަގީގަތުގައި އެ އިސްޓޭޓްގެ ތަރައްގީގައި އެހީތެރިވެދިމުމަށްޓަކައި މެލޭޝިއާގެ ކާބަފައިންގެ ޚާއްޞަ ދަޢުވަތަކަށް ގެނައި މެހުމާނުން ކަމަށެވެ.
"އަހަރެމެންގެ ކާބަފައިން ސީނު ދަރިކޮޅާއެކު ވަރަށް ޚާއްޞަ ގުޅުމެއް ޤާއިމުކުރެއްވިއެވެ." ރަސްގެފާނުގެ ބަސްދީ ގަތުމުގައި ވިދާޅުވިއެވެ. "އެއީ 'ޕްންދަތަން' އެއް ނޫނެވެ. އެ މީހުންނަކީ އަހަރެމެންގެ ފަސްގަނޑު ހުޅުވައިލައި އެ ތާނގައި ދަނޑުވެރިކަންކުރުމުގައި އެހީތެރިވެދިނުމަށް ދަޢުވަތު ދީގެން ގެނައި މެހުމާނުންނެވެ."
"އެއީ ޖޮހޯރގެ ރަށްވެހިންނެވެ. ހަމަ މެލޭ މީހުންނެކޭ އިންޑިއާ ދަރިކޮޅުގެ މީހުންނެކޭ އެއް ފަދައިން އަދި އެހެން ދަރިކޮޅުތަކުގެ މީހުންނެކޭ އެއް ފަދައިން މެލޭޝިއާގެ ރައްޔިތުންނެވެ." ރަސްގެފާނުގެ ބަސްދީގަތުމުގައި ޚާއްޞަ ގޮތެއްގައި ފާހަގަކުރެއްވިއެވެ.
ސީނުކަރައިން މެލޭޝިއާއަށް މީހުން އައި އައުމަށް ތާރީޚީ ނަޒަރަކުން ބައްލަވައިލައްވަމުން ސުލްޠާން އިބްރާހީމް ވިދާޅުވީ "ސީނުދަރިކޮޅުގެ މީހުން ސީނުކަރައިން މެލޭޝިއާއަށް އަންނާން 1844ގައި ފުރަތަމަ ދަޢުވަތު ދެއްވީ ދެމެންގގޮންގ އިބްރާހީމް" ކަމަށެވެ. "އެއީ އަސޭމިރުހާއި ގަމްބިއަރްގެ ދަނޑުވެރިކަން ފުޅާދާއިރާއެއްގައި ކުރުމަށް ޓަކައެވެ." ސުލްޠާން އިބްރާހީމް އިތުރު ތަފްޞީލުދެއްވަމުން ވިދާޅުވީ "އެ މީހުންނަކީ 1850ގައި ދުނިޔޭގެ ޗާޓުގައި ޖޮހޯރްގެ ނަން ފާހަގަކޮށްދިން ދަރީން ކަމަށެވެ. ދުނިޔޭގައި އަސޭމިރުހާއި ގަމްބިއަރްގަސް އެންމެ ގިނައިން އިންދައި ހެއްދުމުގައި ޖޮހޯރް ދުނިޔެއަށް މަޝްހޫރުކޮށްދިނީ އެބައިމީހުންނެވެ. އަދި ގަމްބިއަރްގެ އެހީގައި ދިބާޣުހަން ތަރައްގީކޮށް އަންނައުނުގައި ކުލަޖެއްސުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި އެ މީހުން ކުރި ކަމަށް ވެސް ރަސްގެފާނު ވިދާޅުވިއެވެ. (ގެމްބިއަރް ގަހަކީ ދެކުރު އިރުމަތީ އޭޝިއާއިން ޚާއްޞަކޮށް މެލޭޝިއާއާއި އިންޑޮނޭޝިއާއިން ފެންނަ ގަހެއް ކަމަށް ބުނެވެއެވެ.)
"ޖޮހޯރްގެ ރަސްކަމާއި ސީނު ދަރިކޮޅާ ވަރަށް ޚާއްޞަ ގުޅުމެއް އޮވެއެވެ. ޖޮހޯގެ ތަރައްޤީގައި އެންމެ މުހިންމު އަދި ބޮޑު ދައުރެއް އަދާކޮށްފައިވަނީ އެބައިމީހުންވެ. އެބައިމީހުންގެ އަގުހުރި ޚިދުމަތް ފާހަގަކޮށް އެކަން އަހަރެމެން ބަލައިގަންނަމެވެ." ސުލްޠާން އިބްރާހީމް ވަރަށް ބާރުލައްވައި ވިދާޅުވިއެވެ.
ޖޮހޯރއަކީ މެލޭޝިއާ ފެދުރާލުގެ 14 އިސްޓޭޓުގެ ތެރެއިން އެންމެ ދެކުނަށް (ސިންގަޕޫރާ އެންމެ ކައިރީގައި) އޮންނަ އިސްޓޭޓެވެ. އާބާދީގައި 3.7 މިލިއަން މީހުންނަށް ވުރެ ގިނަ މީހުން ދިރިއުޅޭ ޖޮހޯގެ ވެރިރަށަކީ ޖޮހޯރބާރޫ ކަމަށް ވިޔަސް އެ އިސްޓޭޓްގެ ޝާހީވެރިރަށަކީ "މުއާރ"އެވެ.
މެލޭޝިއާގެ ފެދުރާލީ އިދާރިއްޔަތުގައި ހިމެނޭ ސަރަހައްދު ހިމަނައިގެން 14 އިސްޓޭޓެއް މެލޭޝިއާގައި އޮވެއެވެ. މީގެ ތެރެއިން ހަތް އިސްޓޭޓެއްގައި އެންމެ އިސްކޮށް ތިއްބަވަނީ ސުލްޠާނުންނެވެ. ޕަރްލިސް އިސްޓޭޓްގައި ހުންނަވަނީ ރާޖާއެކެވެ. ނެގްރީ ސުންބިލާން (ނުވަވަނަ އިސްޓޭޓް)ގައި ހުންނަވަނީ ޔަންގޑިޕަރްތުއާން ބެސަރ (ބޮޑުރަސްގެފާނު) އެކެވެ. އެހެން އިސްޓޭޓްތަކުގައި ތިއްބަވަނީ "ޔަންގްޑިޕަރުތުއާ ނެގްރީ (ގަވަރުނަރު) އެވެ. ފެދުރާލީ ސަރަހައްދުތަކުގެ ތެރެއިން މެލޭޝިއާގެ ވެރިރަށް ކުއަލާލުމްޕޯރް އާއި ޕުތްރާޖާޔާއާއި ލަބުއާންގައި ހުންނަވާނީ މެލޭޝިއާގެ ރަސްގެފާނު (ޔަންގްޑިޕަރްރުއާން އަގޮންގ)އެވެ. މިއީ ކުރީން ދެންނެވި ހުރިހާ ރަސްރަސްކަލުންގެ ތެރެއިން މެލޭޝިއާ ފެދުރާލުގެ މައި ރަސްގެފާނެވެ. ހުރިހާ ރަސްކަލުންނާއި ބޮޑުވަޒީރު ހިމެނޭ ގޮތަށް ބާއްވާ މަޖިލީހެއްގައި ކޮންމެ ފަސް އަހަރަކުން އެއް ފަހަރު ދައުރުވާ ގޮތަށް ކަނޑައަޅާ މަޤާމެކެވެ. ބަރުލަމާނު އުވައިލެއްވުމާއި ހަނގުރާމައާއި ޞުލްޙަ އިޢުލާންކުރެއްވުން ފަދަ ބޮޑެތި ބާރުތަކެއް ރަސްގެފާނަށް ލިބިވަޑައިގެންފައިވިޔަސް ސަރުކާރުގެ ވެރިޔަކީ ބޮޑުވަޒީރެވެ. ކޮންމެ ސްޓޭޓެއްގައި ވެސް ރަސްގެފާނަކީ އެ އިސްޓޭޓްގެ ދައުލަތުގެ ވެރިޔާއެވެ. އިސްޓޭޓް ސަރުކާރު ހިންގަވާނީ އިސްވަޒީރު ނުވަތަ ބޮޑުވަޒީރެކެވެ. ނަމަވެސް ފެދުރާލީ ސަރަހައްދު (ފެޑެރަލް ޓެރިޓަރީ)ގައި ހިމެނޭ ތިން ސަރަހައްދުގެ ތެރެއިން ކުއަލާލުމްޕޫރްގެ އިދާރީ ވެރިއަކީ މޭޔަރެކެވެ. ޕުތްރާޖާޔާއާއި ލަބުއާންއަކީ ފަހުން ތަރައްގީ ކުރި ދެ ސަރަހައްދު ކަމަށް ވާތީ އިދާރީ ގޮތުން އެ ދެ ސަރަހައްދު ވެސް ބަލަހައްޓަވަނީ ކޮންމެ ސަރަހައްދެއްގެ ކަންކަން ތަރައްގީކޮށް ބަލަހައްޓާން އުފައްދައިފައިވާ ކުންފުނީގެ ރައީސެވެ.
(ނިއުސްޓްރެއިޓްސްޓައިމް)



advertisment