Support Us

އިސްރާއީލުގެ ޚާރިޖީ ވަޒީރު އެޝްކަނާޒީ (ވ) ޤާހިރާގައި

މިޞްރާއެކު އެއްބަސްވެވުނު ޞުލްޙައިގެ މުޢާހަދާއަކީ އިސްތިރާތީޖީ ކަންޒެއް: އިސްރާއީލު

މިޞްރު – އިސްރާއީލު ޞުލްޙައިގެ މުޢާހަދާއަކީ (ކޭމްޕް ޑޭވިޑް އެއްބަސްވުމަކީ)  "އިސްތިރާތީޖީ ކަންޒެއް" ކަމަށް އިސްރާއީލުގެ ޚާރިޖީ ވަޒީރު ގެބީ އެޝްކަނާޒީ ސިފަކުރައްވައިފިއެވެ. އޭނާ ނޫސްވެރީންނަށް ހާމަކުރެއްވި ގޮތުގައި މިޞްރުގެ ޚާރިޖީވަޒީރު ސާމިޙު ޝުކްރީއާއެކު ޤާހިރާގައި ރޭ ބޭއްވެވި ބައްދަލުވުމަކީ "ވަރަށް މުހިއްމު ވަރަށް އީޖާބީ ވަރަށް މޭވާ ގަތް"  ބައްދަލުވުމެކެވެ. އެޝްކަނާޒީގެ މި ބަޔާން އިސްރާއީލުގެ ރަސްމީ ޓްވިޓަރު ޞަފްޙާގައި ވަނީ ޝާއިޢުކޮށްފައެވެ.

އެޝްކަނާޒީ ވިދާޅުވިއެވެ. "މިޞްރަކީ އެންމެ ބޮޑު ޢަރަބި ޤައުމެވެ. މިޞްރާއެކު ކުރެވުނު ޞުލްޙައިގެ އެއްބަސްވުމަކީ އިސްތިރާތީޖީ ކަންޒެކެވެ." އޭނާ ވިދާޅުވިގޮތުގައި އިސްރާއީލުން މަސައްކަތް ކުރަމުން މި ދަނީ މިޞްރު މީހުންނާއެކު ގުޅުންތައް ބަދަހިކޮށް ތަރައްޤީ ކުރެވޭތޯއެވެ. މި އެއްބަސްވުމުގައި ސޮއި ކުރެވުނީ 1973ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަނގުރާމަ ހިނގިތާ ފަސް އަހަރު ފަހުންނެވެ.  ޤާހިރާއާއި ތައްލުއަބީބާ ދެމެދުގައި ގުޅުންތައް ޠަބީޢީ ކުރެވުނަސް މިޞްރު މީހުން މި އެއްބަސްވުމަށް މާ ބޮޑު  ތަރްޙީބެއް ނުދެއެވެ. އެހެންކަމުން ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި މިއީ ވަރަށް "ފިނި ޞުލްޙަ" އެކެވެ.

އިސްރާއީލުގެ ވަޒީރު ހާމަކުރެއްވި ގޮތުގައި އޭނާގެ މި ދަތުރުފުޅުގައި މިޞްރުގެ ވަޒީރު ސާމިޙު ޝުކްރީއަށް ހިފާފައިވާ ޤުދްސަށް ވަޑައިގެންނެވުމަށް ދަޢުވަތު އަރުއްވާފައިވާނޭ ކަމަށް ވިދާޅުވިއެވެ. މިޞްރުގެ ވަޒީރު މި ދަޢުވަތު ޤަބޫލު ކުރައްވާފައިވާ ކަމަށް އެޝްކަނާޒީ ވިދާޅުވިއެވެ. އިސްރާއީލުގެ ޚާރިޖިއްޔާގައި އޭނާއާ ވަރަށް އަވަހަށް ބައްދަލު ކުރެއްވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އިސްރާއީލުގެ ވަޒީރު ވިދާޅުވިއެވެ. މިޞްރުގެ ރަސްމީ އެއްވެސް ފަރާތަކުން ޝުކްރީގެ ދަތުރުފުޅާ ބެހޭގޮތުން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ. އަދި ޖުލައި 10،  2016ގައި ޝުކްރީ އިސްރާއީލަށް ދަތުރުފުޅެއް ކުރައްވާފައި ވެއެވެ. މި ދަތުރުފުޅުގައި ބޮޑުވަޒީރު ނަތަންޔާހޫއާ ވެސް އޭނާ ބައްދަލު ކުރެއްވިއެވެ. ނަތަންޔާހޫ ސިފަކުރެއްވިގޮތުގައި މިޞްރާއެކު ޤާއިމު ކުރެވިފައިވާ އެއްބަސްވުމަކީ "އިސްރާއީލަށް ސަލާމަތީ ގޮތުންނާއި ބައިނަލްއަޤްވާމީ ގޮތުން ލިބިފައިވާ ކަންޒެ"ކެވެ.

މިޞްރުގެ ޚާރިޖިއްޔާއިން ބުނިގޮތުގައި އެޝްކަނާޒީގެ މި ދަތުރުފުޅަކީ ހުއްޓިފައިވާ ޞުލްޙައިގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ޓަކައި އެ ދެ ޤައުމުގެ ދެމެދުގައްޔާއި ފަލަސްޠީނުގެ ވަޠަނީ ސަރުކާރާއެކު މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ބޭއްވުނު ބައްދަލުވުމެކެވެ. ފަލަސްޠީނު – އިސްރާއީލު ވާހަކަ ދެއްކުންތައް 2014ގައި ވަނީ ހުއްޓިފައެވެ. މިޞްރުން ބުނިގޮތުގައި މި ދަތުރުފުޅުގެ ބޭނުންތަކުގެ ތެރރޭގައި ހަނގުރާމަ ހުއްޓިފައި އޮތް އޮތުމަށް ސާބިތުކަން ގެނައުމަށް  ޓަކައި ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރުން ވެއެވެ.

އިސްރާއީލުގެ ވަޒީރު ހާމަކުރެއްވި ގޮތުގައި މި ބައްދަލުވުމަކީ ވަރަށް މުހިއްމު ބައްދަލުވުމެކެވެ. ޣައްޒާގެ ޙާލަތާއި ޙަމާސްގެ އަތްދަށުގައި ތިބި އިސްރާއީލުގެ އަސީރުން މަސްއަލައާއި، ޙަމާސްގެ ބާރު އިތުރަށް ވަރުގަދަކުރުން ހުއްޓުވުމާ ބެހޭގޮތުން ބަޙުސް ކުރެވުނެވެ. ޙަމާސްގެ ބާރުގެ  ދަށުގައި އިސްރާއީލުގެ ހަތަރު އަސީރަކު ވެއެވެ. މީގެތެރެއިން ދެ މީހުންނަކީ 2014ގެ ހަނގުރާމައިގައި ހައްޔަރުކޮށްފައިވާ ދެ ސިފައިންނެވެ. އަނެއް ދެ މީހުންނަކީ ޣައްޒާއަށް ވަން ބަޔެކެވެ. މި ހަތަރު މީހުންގެ މިހާރުގެ ޙާލެއް ނޭނގެއެވެ.

އިސްރާއީލުގެ ވަޒީރު ހާމަކުރެއްވިގޮތުގައި މިޞްރުގައި އޭނާ ސަރަޙައްދީ މަސްއަލަތަކާމެދު ވެސް ބަޙުސް ކުރެއްވިއެވެ. އޭގެތެރޭގައި އީރާނުގެ ނިޔުކްލިއަރ މަސްއަލަވެއެވެ. އީރާނަށް ނިޔުކްލިއަރ ހަތިޔާރު ލިބުން މަނާކުރުމަކީ އިސްރާއިލުގެ ވަޒީރުގެ ރައުޔުގައި މަނާކުރަން ޖެހޭނެ ކަމެކެވެ. ތުރްކީއާ ބެހޭގޮތުންނާއި އިރުމަތީ މެޑިޓެރޭނިއަން ކަނޑުން ގޭސް ނެގުމުގެ މަސްއަލައާމެދު ވާހަކަ ދެއްކުނު ކަމަށް އޭނާ ވިދާޅުވިއެވެ. އިސްރާއީލުގެ ވަޒީރު ވިދާޅުވިގޮތުގައި މިޞްރުގެ ޤައުމީ އެއަރލައިންގެ ދަތުރުތައް ވަރަށް އަވަހަށް އިސްރާއީލަށް އަލުން ފަށާނެކަމަށް އުންމީދު ކުރައްވައެވެ.

މިޞްރުގެ ރައީސް ޢަބްދުލް ފައްތާޙުއް ސީސީ 27 ސެޕްޓެންބަރު 2018 ގައި އެމެރިކާގައި ނަތަންޔާހޫއާ ވަނީ ބައްދަލު ކުރައްވައިފައެވެ. އަދި 4 ޖަނަވަރީ 2019ގައި ސީސީ  އެމެރިކާގެ ސީބީއެސް ޗެނަލަށް ދެއްވި ބަޔާނެއް ބުނާގޮތުގައި މިޞްރު އިސްރާއީލު ގުޅުމަކީ "ވަރަށް ނަމޫނާ ވަރަށް ވަރުގަދަ ގުޅުން" އެކެވެ. މިޞްރުގެ ސީނާ ސަރަޙައްދުގައި ނިރުބަވެރީންނާ ދެކޮޅަށް ހިންގޭ ސަލާމަތީ ކަންތައްތަކުގައި އިސްރާއީލާއެކު ވިލަރެސް ކުރެވެމުންދާ ކަން ސީސީ ހާމަ ކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *