Support Us

ނަތަންޔާހޫގެ ޙަޔާތް… އަވަސް ކަޅިއަކުން

އިސްރާއީލުގައި އެންމެ ދިގު މުއްތަކަށް ވެރިކަން ކުރެއްވި ބޮޑު ވަޒީރުގެ ލަޤަބު ނަތަންޔާހޫ ވަނީ ޙާޞިލު ކުރައްވައިފައެވެ. އޭނާ 15 އަހަރު ވެރިކަން ކުރެއްވިއެވެ. އޭގެތެރެއިން 12 އަހަރު ވެރިކަން ކުރައްވާފައި ވަނީ ވިދިވިދިގެން މެދު ކެނޑުމެއް ނެތިއެވެ. އެއީ އިސްރާއީލުގެ ރައްޔިތުން ޙިމާޔަތްކޮށް ދެއްވޭނީ އޭނާއަށް ކަން ވިސްނައިދެއްވުމުގެ ބާރު އޭނާއަށް ލިބިވަޑައިގެންފައިވާތީ ކަމަށް ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވެއެވެ. އެހެނަސް އެންމެފަހުން ޙަމާސާ ދެކޮޅަށް ޣައްޒާގައި ކުރެއްވި 11 ދުވަހުގެ ހަނގުރާމައިގައި ނަތަންޔާހޫއަށް ވަނީ އިސްރާއީލު ޙިމާޔަތްކޮށް ނުދެއްވިފައެވެ. ޙަމާސްގެ ރޮކެޓްތައް ވަނީ އިސްރާއީލުގެ އެންމެ ފުނަށް ވާޞިލު ވެފައެވެ. އިސްރާއީލުން ވަނީ 12 މީހަކު މަރުވެފައެވެ. އިސްރާއީލުގެ ބައިނަލްއަޤްވާމީ ވައިގެބަނދަރު ވަނީ އެތައް ދުވަހަކަށް ބަންދު ކުރަން ޖެހިފައެވެ.

މަސްރަޙު ބަދަލުވުން

އިސްރާއީލުގެ ސިޔާސީ މަސްރަޙު މިއަދު ބަދަލުވެއްޖެއެވެ. އިސްރާއީލުގެ އިދިކޮޅު ޒަޢީމު ޔާއީރު ލާބީދަށް އިސްރާއީލުގެ ކަނާތުފިޔައިގެ ޒަޢީމެއްކަމުގައިވާ ނަފްތާލީ ބީނީތު އިއްޔެ ތާއީދު ކުރެއްވުމުގެ ސަބަބުން ނަތަންޔާހޫގެ ވެރިކަން ނިމުމަކަށް އަތުވެދާނެކަމަށް ބެލެން ފަށައިފިއެވެ.

އިސްރާއީލުގައި އެންމެފަހުން ބޭއްވުނު އިންތިޚާބުގައި އެތާނގެ އެއްވެސް ޕާޓީއަކަށް ވަނީ އަޣުލަބިއްޔަތު ނުލިބިފައެވެ. އެންމެ ގިނަ ގޮނޑި ލިބުނީ ނަތަންޔާހޫގެ ލީކޫޑަށެވެ. މިހެންވެ ސަރުކާރެއް އެކުލަވައިލުމުގެ ފުރްޞަތު އެންމެ ފުރަތަމަ ލިބިވަޑައިގަތީ ނަތަންޔާހޫއަށެވެ. އޭނާ ވަރަށް ބޮޑަށް މަސައްކަތް ކުރައްވައިގެން ހޯއްދެވުނީ 59 ގޮނޑިއެވެ. ސަރުކާރެއް އެކުލަވައިލެވޭނީ 61 ގޮނޑީގެ އަޣްލަބިއްޔަތުން ކަމަށް ވާތީ އިސްރާއީލުގެ ރައީސް މި މަސައްކަތް ޙަވާލު ކުރެއްވީ އިދިކޮޅު ޒަޢީމު ލާބީދާއެވެ. ޔާއީރު ލާބީދަކީ މެދުމިން ސިޔާސަތެއްގެ ވެރިއެކެވެ. އޭނާއަށް ސަރުކާރެއް އެކުލަވައިލެއްވުމަށް ޓަކައި ހަތަރު ގޮނޑި އިތުރަށް ބޭނުންފުޅު ވެއެވެ. ނަތަންޔާހޫގެ ސިޔާސީ ޞަފްޙާ ލައްޕައިލެއްވުމަށް ޓަކައި އޭނާ ކުރެއްވި މަސައްކަތްޕުޅުގެ ސަބަބުން ކަނާތުފިޔައިގެ ބޭފުޅެއް ކަމުގައިވާ ބީނީތު ތާއީދު ކުރެއްވުމުންނެވެ. މި ކަމާހެދި  ލާބީދުގެ އުއްމީދު ވަނީ ބޮޑުވެފައެވެ. ބީނީތު ވިދާޅުވިއެވެ. "އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވައިލުމަށް ޓަކައި އެކުވެރި ލާބީދާއެކު އަހުރެން ވަރަށް ބޮޑަށް މަސައްކަތް ކުރާނަމެވެ." ޚަބަރުތައް ބުނާގޮތުގައި މި ދެ ބޭފުޅުން ބޮޑުވަޒީރުކަން ކުރައްވާނީ ދައުރު ބައްސަވައިގެން ދެ އަހަރުން ދެ އަހަރުން ބަދަލުވާ ގޮތަށެވެ. ފުރަތަމަ ބޮޑުވަޒީރުކަން ކުރައްވާނީ ނަފްތާލީ ބީނީތެވެ. ފަހު ދެ އަހަރުގައި ބޮޑުވަޒީރުކަން ކުރައްވާނީ ޔާއީރު ލާބީދެވެ.

ނަތަންޔާހޫ އިސްރާއީލުގެ ޓީވީގައި މި އައު ސަރުކާރަށް ފާޑުވިދާޅުވަމުން ވިދާޅުވިއެވެ. "މި ސަރުކާރު އިސްރާއީލުގެ އަމްނަށް ވަރަށް ހިރާސް ބޮޑު ސަރުކާރަކަށް ވާނެއެވެ. މިއީ މި ސައްތައިގެ އެންމެ ބޮޑު އޮޅުވައިލުމެވެ."

ބައްޕަގެ އަސަރު ވަރަށް ބޮޑު

ނަތަންޔާހޫ އުފަންވެވަޑައިގަތީ ތައްލުއަބީބުގައި 1949ވަނަ އަހަރުއެވެ. އޭނާގެ ބައްޕަގެ ފަރާތްޕުޅުން އޭނާއަށް ވަނީ ދީނީ ހަރުކަށިކަން ލިބިވަޑައިގެންފައެވެ. އޭނާއަކީ ހަރުކަށި ފިކްރުގެ ޒަޢީމެއް ކަމުގައިވާ ޒައީފު ޖަބޮޗިންސްކީގެ އަރިހުގައި އިސް އެހީތެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. "މަހާ އިސްރާއީލު" ޤާއިމުކުރުމަށް ޓަކައި މަސައްކަތްކުރުމަށް އޭނާ އިސްރާއީލީންނަށް ގޮވައިލެއްވިއެވެ.

މި ދިޔަ އަހަރުގެ "ޢާލަމީ ހޮލޮކާސްޓް މަންސަ"އިގައި ވާހަކަފުޅު ދައްކަވަމުން ނަތަންޔާހޫ ވިދާޅުވިއެވެ. "އަހުރެމެން ނައްތައިލުމަށް ގޮވައިލާ މީހުންގެ ގޮވުންތަކަށް އަހުރެމެން ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެއެވެ." އޭނާ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "މިފަދަ ބިރުގެންވުންތަކާ އަހުރެމެން ކުރިމަތިލާންވާނެއެވެ. އަހުރެމެން އަބަދުވެސް މަސައްކަތް ކުރަން ވާނީ އަހުރެމެންގެ އަމިއްލަ ނަފްސު ޙިމާޔަތް ކުރުމުގެ ޤާބިލުކަން ހޯދުމަށެވެ."

ނަތަންޔާހޫއަށް ތިން ބޭފުޅުން ލިބިވަޑައިގެންފައި ވެއެވެ. އެއީ މިހާރުގެ އަނބިކަނބަލުން ސާރާގެ ކިބައިން ދެ ފިރިހެން ބޭފުޅުންނާއި އޭނާގެ ކުރީގެ އަނބިކަނބަލުންގެ ފުށުން އަންހެން ބޭފުޅެކެވެ.

ވައިފޭރިގަނެގެން 1976 ވަނަ އަހަރު ޔޫގަންޑާއަށް ގެންދެވުނު އިސްރާއީލުގެ މަތިންދާ ބޯޓު ސަލާމަތް ކުރުމަށްޓަކައި އިސްރާއީލުން ޔޫގެންޑާއަށް ފޮނުވި ސިފައިންގެ ފައުޖުގެ ވެރިއަކަށް ހުންނެވީ ނަތަންޔާހޫގެ އެއްބަނޑުއެއްބަފައި ކޮއްކޮ ޔޫނާތާނެވެ. މި ޙަމަލާގައި އޭނާ ވަނީ އަވަހާރަވެފައެވެ. މި ކަމުގެ ސަބަބުން ނަތަންޔާހޫއަށް ވަރަށް ނުބައި އަސަރުތަކެއް ކުރިއެވެ.

ނަތަންޔާހޫގެ ޙަޔާތްޕުޅުގެ މުހިއްމު ބައެއް ހޭދަކުރައްވާފައި ވަނީ އެމެރިކާގައެވެ. އޭނާ ކިޔަވާ ވިދާޅުވީ މެސަޗޫޝަޓްސްގެ ޓެކްނޮލޮޖީ އިންސްޓިޓިޔުޓުންނެވެ. ފަސޭހަފުޅުކަމާއެކު އިނގިރޭސި ބަހުން ވާހަކަފުޅުދައްކަވާތީ މި ދިޔަ ސައްތައިގެ އައްޑިހައާއި  ނުވަ ދިހައިގެ އަހަރުތަކުގައި  އިސްރާއީލު ދިފާޢު ކުރުމުގެ މަސައްކަތުގައި ވާހަކަ ދެއްކެވުމުގެ ފުރްޞަތު އެމެރިކާގެ ޓީވީތަކުން އޭނާއަށް އެރުވިއެވެ. ސިޔާސީ މައިދާނުގައި އޭނާގެ ތަރި ބައިނަލްއަޤްވާމީ މަސްރަޙުގައްޔާއި އިސްރާއީލުގެތެރޭގައި ފިޔަޖަހަން ފެށީ އެ ހިސާބުންނެވެ.

ނަތަންޔާހޫއަށް ލީކޫޑް ޕާޓީގެ ޒަޢާމަތު 1993ވަނަ އަހަރު ލިބިވަޑައިގެންނެވިއެވެ. އަދި 1996 ވަނަ އަހަރުގެ އިންތިޚާބުގައި ލީކޫޑަށް އޭނާ ކާމިޔާބު ހޯއްދަވާ ދެއްވިއެވެ. އެހެންކަމުން އޭނާއަކީ އިސްރާއީލުގެ ބޮޑުވަޒީރުކަމަށް އިސްވެވަޑައިގެންނެވި އެންމެ ހަނގު ޒަޢީމެވެ. އެކަމަކު 1999ވަނަ އަހަރުގެ އިންތިޚާބު އޭނާއަށް ނާކާމިޔާބު ވިއެވެ. އޭގެ ދިހަ އަހަރު ފަހުން އޭނާ އަނެއްކާވެސް ލީކޫޑަށް ވެރިކަން ހޯއްދަވާދެއްވިއެވެ.

ނަތަންޔާހޫ ވިދާޅުވާގޮތުގައި އޭނާއަކީ "އިސްރާއީލުގެ އެންމެ ވަރުގަދަ ދިފާޢީ ބާރެވެ. "އިސްރާއީލާ ކުރިމަތިވެފައިވާ ބިރުތަކާ ބެހޭގޮތުން އޭނާ އަބަދުވެސް ވާހަކަފުޅު ދައްކަވައެވެ. އޭނާ ވިދާޅުވާ ގޮތުގައި ނާޒީ ޖަރްމަނަށްފަހު "ޔަހޫދީ ރައްޔިތުން"ނާ ކުރިމަތިވެފައިވާ އެންމެ ބޮޑު ބިރަކީ އީރާނެވެ. އޭނާ ސިފަކުރައްވާ ގޮތުގައި ލުބްނާނުގެ ޙިޒްބުﷲ އަކީވެސް އިސްރާއީލަށް އޮތް ބޮޑު ގޮންޖެހުމެކެވެ. ނަތަންޔާހޫގެ ޚާރިޖީ ސިޔާސަތުގައި އީރާނުގެ ނިޔުކްލިއަރ ޕްރޮގްރާމަށް ވަރަށް ޚާއްޞަ އިސްކަން ދެއްވާފައި ވެއެވެ. މި ޕްރޮގްރާމުގެ އިސް ޢާލިމު އަވަހާރަކޮށްލުމާއި އީރާނުގެ ނިޔުކްލިއަރ މަރްކަޒު ނަޠަންޒަށް ޙަމަލާ ދިނުމާއި އީރާނުގެ ނިޔުކްލިއަރ ފައިލް ވަގަށް ނެގުމުގެ ކަންކަމަކީ ނަތަންޔާހޫގެ ސީދާ އަމުރަށް މޯސާދުން ކޮށްފައިވާ ކަންތައްތަކެކެވެ.

އެމެރިކާގެ ރައީސެއް ކަމުގައިވާ ބަރަކް އޮބާމާގެ ޑައިރީގައި "ޕްރޮމިސްޑް ލޭންޑް"އާ ބެހޭގޮތުން ލިޔުއްވާފައި ވެއެވެ. "ޔަހޫދީ ރައްޔިތުން އެންމެ ބޮޑަށް ދިފާޢު ކުރައްވާ ޒަޢީމެއްކަމަށް ނަތަންޔާހޫ ދެކެވަޑައިގަންނަވާ ގަންނަވާތީ ވެރިކަމުގައި ދެމިހުންނެވުމަށް އޭނާ ކޮންމެފަދަ ބަހަނާއެއް ވެސް ދައްކަވައިފާނެއެވެ."

އިސްރާއީލުގައި އެންމެފަހުން ބޭއްވުނު ތިން އިންތިޚާބުގައި އެއްވެސް ޕާޓީއަކަށް އަޣްލަބިއްޔަތު ލިބިފައި ނުވާތީ ނަތަންޔާހޫއަށް ސަރުކާރުތައް އެކުލަވައިލައްވަން ޖެހިވަޑައިގަތީ އޭނާގެ އެންމެ ބޮޑު ވާދަވެރިޔާ ބެނީ ޣެންޓްސްއާ އެކުގައެވެ.

ނަތަންޔާހޫގެ ސަރުކާރުގެ މުހިއްމު ހުއްޓިތައް

  • 31 މާރިޗް 2009 ގައި އިސްރާއީލުގެ ބޮޑުވަޒީރުކަމަށް އެނބުރި ވަޑައިގަތުން. އެއީ އޭރުގެ ބޮޑުވަޒީރު އީހޫދު އޮލްމަރޓް ފަސާދައިގެ މައްސައަލައެއްގައި ބޮޑުވަޒީރުކަމުން ވަކިވެވަޑައިގެންނެވުމުންނެވެ. މި ފަހަރު ކޯލިޝަން ސަރުކާރެއް އެކުލަވައިލެއްވީ ޤައުމީ ހަރުކަށި ބޭފުޅެއް ކަމުގައި ލިބަރމަންއާ އެކުގައެވެ. މި ސަރުކާރުގައި ލިބަރމަންއަށް ޚާރީޖީ ވަޒީރުކަން އެރުވުނެވެ.
  • 2013ގައި ނަތަންޔާހޫ ކޯލިޝަން ސަރުކާރެއް އެކުލަވައިލެއްވީ ނަފްތާލީ ބީނީތުގެ ޕާޓީ "އިސްރާއީލު އަހުރެމެންގެ ގެ" އާ އެކުގައެވެ.
  • 2014 ވަނަ އަހަރު އިސްރާއީލުން ޙަމާސް ޖަމާޢާތުގެ ބާރުގެ ދަށުގައި އޮތް ޣައްޒާ އަށް ވަރަށް ވަރުގަދަ ޙަމަލާތަކެއް ދިނެވެ. މި ޙަމަލާގެ ބޭނުމަކީ ޙަމާސްގެ ރޮކެޓް ޙަމަލާތައް ހުއްޓުވުމާއި ބިންގަރާސްތައް ހަލާކުކޮށްލުމެވެ. މި ޙަމަލާގައި ފަލަސްޠީނުގެ ޢާއްމުންގެ 2251 މީހަކު ޝަހީދު ވިއެވެ. މި ޙަމަލާގައި އިސްރާއީލުން 74 މީހަކު މަރުވިއެވެ.
  • 2015 ވަނަ އަހަރުގެ މާރިޗްގައި ބޭއްވުނު އިންތިޚާބުގައި ލީކޫޑް ޕާޓީއަށް ލިބުނު ކާމިޔާބީއާ ވިދިގެން މޭ 2015ގައި ނަތަންޔާހޫ ސަރުކާރެއް އެކުލަވައިލެއްވިއެވެ. މި ސަރުކާރުގައި ހަރުކަށި ބޭފުޅުންތަކެއް ހިމަނުއްވާފައި ވެއެވެ. މިހެންވެ އެއް އަހަރު ފަހުން އޭނާއަށް ކޯލިޝަން ސަރުކާރެއް އަލުން އެކުލަވައިލައްވަން ޖެހިވަޑައިގަތެވެ. މި ފަހަރުގެ ކޯލިޝަންގައި ވެސް "އިސްރާއީލު އަހުރެމެންގެ ގެ" ޕާޓީ ބައިވެރި ކުރައްވަން ޖެހިވަޑައިގަތެވެ. މި ސަރުކާރުގައި ދިފާޢީ ވަޒީރުކަން ކުރެއްވީ ހަރުކަށި ލިބަރމަން އެވެ. ދިރާސާ ކުރައްވާ ބޭފުޅުންގެ ނަޒަރުގައި މިއީ އިސްރާއީލުގައި އެކުލަވައިލެވުނު އެންމެ ކަނާތްވަންތަކަން ބޮޑު ސަރުކާރެވެ.
  • ޖޫން 2017ގައި "އަމީޝާވީ" އާބާދީ ބނާކުރުމުގެ ހުއްދަ އިސްރާއީލު ސަރުކާރުން ދިނެވެ. މިއީ 25 އަހަރު ފަހުން ހުޅަނގު އައްސޭރީގެ ބިމުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ބިނާކުރެވުނު ފުރަތަމަ އާބާދީއެވެ.
  • 21 ނޮވެންބަރު 2019 ގައި އިސްރާއީލުގެ ޕްރޮސިކިޔުޓަރ ޖެނެރަލް ތަފާތު ތިން ޤަޟިއްޔާއެއްގައި ފަސާދައާއި އަމާނާތަށް ޚިޔާނަތްތެރިވުމުގެ ތުހްމަތުތަކެއް ނަތަންޔާހޫއާ ކުރިމަތި ކުރިއެވެ. މިއީ ބޮޑުވަޒީރުކަމުގައި ހުންނެވި ބޭފުޅަކަށް މިފަދަ ތުހްމަތުތަކެއް ކުރެވުނު ފުރަތަމަ ފަހަރެވެ. މޭ 2019ގައި ވަނީ މި ޝަރީޢަތްތައް ފެށިފައެވެ.
  • 20 މާރިޗް 2020ގައި އިސްރާއީލީން އަލުން ވޯޓު ފޮށިތައް ދޮށަށް ދިޔައެވެ. އެއީ 2019ގެ ދެ އިންތިޚާބުގައި ވެސް އެއްވެސް ޕާޓީއަކަށް އަޣްލަބިއްޔަތު ނުލިބުމުގެ ސަބަބުންނެވެ. އަދި ކޯލިޝަން ސަރުކާރުތައް ރޫޅުމުގެ ސަބަބުންނެވެ. 2 މާރިޗް 2020ގައި ވާދަވެރި ސިޔާސީ ޒަޢީމް ޣެންޓްސް އާއެކު އިމަރޖެންސީ ސަރުކާރެއް އެކުލަވައި ލެއްވޭތޯ މަސައްކަތް ކުރެއްވިއެވެ. މި ފަދަ ސަރުކާރެއް  އެކުލަވައިލައްވަން ޣެންޓްސް ހުށައެޅުއްވީ ކޯވިޑްގެ ސަބަބުންނެވެ. މި ކަމާ ވިދިގެން ކޯލިޝަން ސަރުކާރެއް އެކުލަވައލައްވަން އެއްބަސްވެ ވަޑައިގެންނެވިއެވެ. މި ދެބޭފުޅުން އެއްބަސްވެ ވަޑައިގަންނަވާފައިވަނީ ފުރަތަމަ 18 މަސްދުވަހު ނަތަންޔާހޫ ބޮޑުވަޒީރު ކަމުގައި ހުންނެވުމަށެވެ. އަނެއް 18 މަސްދުވަހު ޣެންޓްސް ބޮޑުވަޒީރުކަމަށް އިސްވެ ވަޑައިގަތުމަށެވެ. ނަމަވެސް މި ސަރުކާރަށް ދެމިއޮވެވުނީ އެންމެ ނުވަވަރަކަށް މަސް ދުވަހުއެވެ.
  • އޮގަސްޓް 2020ގައި ޢަރަބި 4 ޤައުމަކުން (އެކުވެރި ޢަރަބި އިމާރާތާއި، ބަޙްރައިނާއި، ސޫދާނާއި މަޣްރިބު) އިސްރާއީލާއެކު ގުޅުންތައް ޤާއިމުކޮށް ގުޅުންތައް ޠަބީޢީ ކުރިއެވެ. މިއީ ޑޮނަލްޑް ޓްރަމްޕްގެ ޒަޢާމަތުގައި އިސްރާއީލަށް ލިބުނު "ހަދިޔާ" އެކެވެ. އަދި އެމެރިކާއިން  ތައްލު އަބީބުގައި ހުރި އެމެރިކާ އެމްބެސީ ޤުދްސަށް ބަފދަލުކޮށް ޤުދްސަކީ އިސްރާއީލުގެ ވެރިރަށް ކަމުގައި ބަލައިގަތެވެ. މީގެއިތުރަށް 1967ގެ ހަނގުރާމައިގައި އިސްރާއީލު ހިފާފައިވާ ސޫރިޔާގެ ގޯލާންގެ އުސްބިންތައް އިސްރާއީލުގެ ބިމެއް ކަމަށް ވޮޝިންގްޓަނުން ބަލައިގަތެވެ.
  • 23 މާރިޗް 2021 ގައި އިސްރާއީލުގައި ބަރްލަމާނީ އިންތިޚާބެއް އަލުން ބޭއްވުނެވެ. މި އިންތިޚާބުގައި އެންމެ ގިނަ ގޮނޑި ލިބުނީ ލީކޫޑަށެވެ. ދެވަނައަށް އެންމެ ގިނަ ގޮނޑި ލިބުނީ "ޔީސް ޢަތީދު" ޕާޓީއަށެވެ. އެއީ ޔާއީރު ލަބީދުގެ ޕާޓީއެވެ. އިސްރާއީލުގެ  ރައީސް ރައޫފީން ރީފްލީން ސަރުކާރު އެކުލަވއިލުމުގެ މަސައްކަތް ނަތަންޔާހޫއާ ހަވާލު ކުރެއްވިއެވެ. 28 ދުވަހުގެ ތެރޭގައި އޭނާއަށް ސަރުކާރެއް އެކުލަވައި ނުލެއްވެވުމުން 5 މޭ ގައި މި ކަން ޙަވާލު ކުރެއްވީ ލާބީދާއެވެ.
  • ފަލަސްޠީނު މީހުންނާއި އިސްރާއީލުގެ ފުލުހުންނާ ދެމެދުގައި ހިނގަމުން ދިޔަ ކުރިމަތިލުންތަކާހެދި 10 މޭގައި ޙަމާސުން އިސްރާއީލަށް ރޮކެޓް ޙަމަލާތައް ދޭން ފެށިއެވެ. އިސްރާއީލުން މި ޙަމަލާތަކަށް ރައްދު ދިނުމަށް ޓަކައި ވަޔާއި ކަނޑުން ޣައްޒާއަށް ޙަމަލާތައް ދޭން ފެށިއެވެ. މި ފަހަރު ޙަމާސް ނައްތައިލެއްވޭނެ ކަމަށް ނަތަންޔާހޫ ބެއްލެވިއެވެ. ނަމަވެސް ނަތަންޔާހޫ އުއްމީދު ކުރެއްވި ގޮތަށް އިސްރާއީލުގެ ޙަމަލާތައް ކުރިއަކަށް ނުދިއެވެ.އިސްރާއީލުގެ ހަރުކަށި ޙަމަލާތައް ދުނިޔެއިން ބަލައެއް ނުގަތެވެ. 11 ދުވަހަށްފަހު ހަނގުރާމަ ހުއްޓައިލަން ޖެހުނީ ސިޔާސީ މައިދާނުގައި ނަތަންޔާހޫ އަށް ބޮޑެތި ނާކާމިޔާބީތަކެއް ލިބިވަޑައިގަތުމާއެކުގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *