ޣައްޒާ އަލުން އާރާސްތު ކުރުމަށް ބޭނުންވާ ސާމާނާއި މާއްދާތައް ޣައްޒާއަށް ވެއްދުމުގެ ހުއްދަ ދެވޭނީ އަސީރުން ބަދަލުކުރުމުގެ ފައިލް ނިންމައިލުމުން ކަމަށް އިސްރާއީލުން ބުނެފިއެވެ. އިސްރާއީލުން މި ކަން ހާމަ ކުރީ ޙަމާސާ އިސްރާއީލާ ދެމެދުގައި ޤާހިރާގައި ނުސީދާ ވާހަކަދެއްކުންތައް ފެށުމަށް ޓަކައި ޤާހިރާ ތައްޔާރުވަމުން ދަނިކޮށްނެވެ.
މިޞްރުން ބުނާގޮތުގައި މިޞްރުގެ ޖާސޫސީ އިދާރާގެ ވެރިއާ ޖެނެރަލް ޢައްބާސް ކާމިލް މާދަމާ ފަލަސްޠީނަށާއި އިސްރާއީލަށް ދަތުރުފުޅެއް ކުރައްވާނެއެވެ. މި ދަތުރުފުޅުގައި ޢައްބާސް ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސާ ރާމަﷲގައި ބައްދަލު ކުރައްވާނެއެވެ. އެއަށްފަހު ޣައްޒާގައި ޙަމާސުގެ މަސްއޫލުވެރީންނާ ބައްދަލު ކުރައްވާނެއެވެ. ޢައްބާސް ޣައްޒާއިން ވަޑައިގަންނަވާނީ އިސްރާއީލަށެވެ.
އައްޝަރްޤު ޓީވީ ބުނާގޮތުގައި މިއީ ޣައްޒާގައި ހަނގުރާމަ ހުއްޓުމަށް އެއްބަސްވެފައިވާ އެއްބަސްވުން ދާއިމީ ކުރުމަށާއި ޣައްޒާ އަލުން ބިނާކުރުމުގެ މަސައްކަތް ފެށުމަށް ބޭނުންވާ އެއްބައިވަންތަކަމުގެ ސަރުކާރެއް ފަލަސްޠީނުގައި ޤާއިމު ކުރުމަށް މިޞްރުން ކުރަމުންދާ މަސައްކަތުގެ މުހިއްމުކަން ހާމަކޮށްދޭ ކަމެކެވެ.
ޙަމާސުގެ އިސް މަސްއޫލުވެރިއަކު އައްޝަރްޤަށް ދެއްވި ބަޔާނެއް ބުނާގޮތުގައި މިޞްރުން ވަނީ ޙަމާސްގެ އިސް ވަފްދަކަށް ދަޢުވަތު ފޮނުވައިފައެވެ. މި ވަފްދުގެ ރައީސަކަށް ހުންނަވާނީ ޙަމާސުގެ ސިޔާސީ އޮފީހުގެ ރައީސް އިސްމާޢިލު ހަނިއްޔާއެވެ. އެއީ ހަނގުރާމަ ހުއްޓާފައި އޮތް އޮތުމާ ބެހޭގޮތުން އިސްރާއީލާއެކު ނުސީދާކޮށް ވާހަކަދެއްކުންތައް ފެށުމަށް ޓަކައެވެ. މި ވާހަކަދެއްކުންތަކުގެ އެޖެންޑާގައި ޣައްޒާ އާރާސްތުކުރުމާއި އަސީރުން ބަދަލު ކުރުމުގެ ފައިލްތައް ހިމެނެއެވެ.
އައްޝަރްޤު ޓީވީ ބުނާގޮތުގައި މިޞްރުގެ ޖާސޫސީ އިދާރާގެ ރައީސް ޢައްބާސް ރާމަﷲއިން ޣައްޒާއަށް ވަޑައިގަންނަވާނީ ފަލަސްޠީނު ސަރުކާރުގެ އިސް ބޭފުޅުންކޮޅަކާ އެކުގައެވެ.
މި ޓީވީ ބުނިގޮތުގައި މި ހަފުތާގެ މެދުތެރޭގައި ހަނިއްޔާ ޙަމާސްގެ ވަފްދަކާއެކު ޤާހިރާއަށް ވަޑައިގަންނަވާނެއެވެ. އޭނާ ޤާހިރާގައި މިޞްރުގެ އިސް މަސްއޫލުވެރީންނާ ބައްދަލު ކުރައްވާނެއެވެ.
އިސްރާއީލުގެ ދުވަހު ނޫހެއްކަމުގައިވާ ބަދީޢޫތު އަޙްރަނޫތު ބުނާގޮތުގައި އިސްރާއީލުގެ ޚާރިޖީ ވަޒީރު ގެބީ އެޝްކަނާޒީ މި ހަފުތާގެތެރޭގައި މިޞްރަށް ވަޑައިގަންނަވާނެއެވެ. މިޞްރުން ހާމަކޮށްފައިވާ ގޮތުގައި އެޝްކަނާޒީއާ ޙަމާސާ ދެމެދުގައި ނުސީދާ ވާހަކަ ދެއްކުންތައް ބޭއްވޭނެއެވެ.
ޙަމާސުގެ މަސްއޫލުވެރިއަކު ހާމަކުރެއްވި ގޮތުގައި މިޞްރުން ބޭނުން ވަނީ ޣައްޒާގެ ހުރިހާ މަސްއަލަތަކެއް ޙައްލު ކުރެވޭތޯ މަސައްކަތް ކުރުމަށެވެ. އޭގެތެރޭގައި ޣައްޒާގެ ހަނގުރާމައަށް ދާއިމީ ނިމުމެއް ގެނައުމާއި ޣައްޒާ އަލުން ބިނާކުރުމާއި ހަނގުރާމައިގެ އަސީރުން ބަދަލު ކުރުން ހިމެނެއެވެ. އަސީރުންގެ މަސްއަލައަކީ އިސްރާއީލުން ވަރަށް އިސްކަންދޭ މަސްއަލައެކެވެ.
މިޞްރުން އިސްކަން ދެނީ މި ފުރްޞަތުގައި ޙަމަސާއި ފަތަޙު ވެސް ޞުލްޙަވެރިކޮށް ފަލަސްޠީނުގައި އެއްބައިވަންތަ ވަޠަނީ ސަރުކާރެއް ޤާއިމު ކުރުމަށެވެ. ފަލަސްޠީނުގެ ބައިބައިވުން ހުއްޓުވައި ބައިނަލްއަޤްވާމީ މަސްރަޙުގައި އެ މަސްއަލަ ހަރުދަނާ ކުރެވޭތޯއެވެ. އެހެންކަމުން މިޞްރުން ވަނީ ފަތަޙަ ޖަމާޢަތަށާއި ޙަމާސް ޖަމާޢަތަށް ވަކިވަކިން ދަޢުވަތު ދީފައެވެ. ޣައްޒާއާ ބެހޭ ހުރިހާ ކަންކަމުގައި ފަލަސްޠީނު ސަރުކާރު ބައިވެރިވުމަށް މިޞްރުން ވަރަށް ބޮޑަށް އެދެއެވެ.



advertisment