އިސްރާއީލުން ޣައްޒާއަށް ދިން 11 ދުވަހުގެ ޢުދްވާނުގެތެރޭގައި އަރައިގެންފައިވާ އިންސާނީ ޙައްޤުތަކާބެހޭ ޖަރީމާތައް ތަޙްޤީޤު ކުރުމަށް އދގެ އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުން ރޭ ދަންވަރު ގޮވާލައި ޤަރާރެއް ފާސްކޮށްފިއެވެ.
އިސްރާއީލުގެ މި ޢުދްވާނުގައި ޢާއްމުންގެ އެތައް ސަތޭކަ ބަޔަކު ވަނީ ޝަހީދުވެފައެވެ. އޭގެތެރޭގައި ކުޑަކުދީންނާއި އަންހެނުންނާއި މުސްކުޅިން ހިމެނެއެވެ. މި ޢުދްވާނުގައި ފަލަސްޠީނުގެ އެތައް ހާސް ބަޔަކު ޒަޚަމުވެފައިވާކަން ވެސް ފާހަގަ ކުރެވެއެވެ. އިސްރާއީލުން މި ޤަރާރު ޤަބޫލުނުކުރާނެކަމަށް ބުންޏެވެ. އަދި އެމެރިކާއިން މި ޤަރާރާ ދެކޮޅު ހެއްޖެވެ.
އިސްރާއީލުން 10 މޭގައި ދޭންފެށި ޢުދްވާނު ހުއްޓުމަށް ޤަބޫލުވީ މި ދިޔަ ހުކުރުވިލޭރޭ ދަންވަރުގައެވެ.
އިސްރާއީލު: އެއްބާރެއް ނުލާނަން
އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހަށް މި ޤަރާރު ހުށައެޅީ އިސްލާމީ އެއްބާރުލުމުގެ ޖަމްޢިއްޔާ( އޯ އައި ސީ) އިންނެވެ. ޖުމްލަ 47 މެންބަރުން ހިމެނޭ އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުން އިސްރާއީލު ކުށްވެރި ކުރާ ޤަރާރު ފާސްވީ 24 ވޯޓުގެ އަޣްލަބިއްޔަތަކުންނެވެ. މި ޤަރާރާ ނުވަ ޤައުމަކުން ދެކޮޅު ހެދިއެވެ. އަދި 14 ޤައުމަކުން ވޯޓުދިނުމުން މަނާވެގަތެވެ.
މި މަޖިލީހުގެ މި ދައުރުގެ ރިޔާސަތު ބަލަހައްޓަނީ ފީޖީންނެވެ. ފީޖީގެ މަންދޫބާ ނުޒްހާ ޝަމީމު ޚާން ވިދާޅުވިގޮތުގައި މި ޤާރާރު ފާސްކުރެވުނީ މުޅި ދުވަހު މަސްއަލައާމެދު ބަޙުސްކުރުމަށް ފަހުގައެވެ. ފަލަސްޠީނުގެ ޙަމާސް ޖަމާޢަތުން މަޖިލީހުގެ މި ނިންމުމަށް މަރްޙަބާ ކިޔެވެ. ޙަމާސް ބުނިގޮތުގައި އިސްރާއީލާ ދެކޮޅަށް އެ ޖަމާޢަތުން ދިން ރައްދަކީ ޤާނޫނު ޤަބޫލުކުރާ އަދި ދުނިޔެ ބަލައިގަންނަ ރައްދެއްކަން މި ޤަރާރުން އެނގިއްޖެއެވެ.
އިސްރާއީލުން މި ޤާރާރު ވަރަށް ބޮޑަށް ކުށްވެރި ކުރިއެވެ. އިސްރާއީލުގެ ޚާރިޖިއްޔާއިން ބުންޏެވެ. "އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގެ ޤަރާރާ އަހުރެމެން ދެކޮޅުހަދަމެވެ. އަދި އެ މަޖިލީހުގެ ތަޙްޤީޤުތަކުގައި އަހުރެމެން އެއްބާރުލުމެއް ނުދޭނަމެވެ." އިސްރާއީލުން ދަޢުވާ ކުރާގޮތުގައި "އދގެ އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގެ ޤަރާރަކީ އަޚްލާޤީ ނާކާމިޔާބީއެކެވެ. މި ތަޙްޤީޤުގެ ބޭނުމަކީ ޙަމާސްގެ ޖަރީމާތަކަށް ފަސްއަޅައި ފޮރުވުމެވެ."
މި މައުޟޫޢުގައި އެމެރިކާ ބުންޏެވެ. އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގެ ޤަރާރާމެދު "އަހުރެމެން ވަރަށް ހިތާމަ ކުރަމެވެ." ޖެނީވާގައި އޮންނަ އެމެރިކާގެ މިޝަނުން ބުނިގޮތުގައި "މިއަދުގެ މި ފިޔަވަޅުގެ ސަބަބުން ޣައްޒާ ހަނގުރާމައާ ބެހޭގޮތުން އަހުރެމެންނަށް ލިބިފައިވާ ކުރިއެރުންތަކަށް ހުރަސްތަކެއް އެޅިއްޖެއެވެ."
އެމެރިކާއަކީ މި މަޖިލީހުގެ މުރާޤިބު (އޮބްޒަރވަރ) އެކެވެ. މެންބަރެއްނޫނެވެ. އެހެންކަމުން އެމެރިކާއަށް ވޯޓް ދިނުމުގެ ޙައްޤު މި މަޖިލީހުގައި ލިބިފައެއް ނުވެއެވެ. އަދި އެމެރިކާއިން މި ޖަލްސާގައި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. މި ޤަރާރު މަޖިލީހަށް ހުށައެޅީ އިސްލާމީ އެއްބާރުލުމުގެ ޖަމްޢިއްޔާއާއި ފަލަސްޠީނުގެ ވަފްދުންނެވެ.
އައްޝައިޚު ޖައްރާޙު އަވަށުގެ މީހުން ބޭލުމާމެދު ކަންބޮޑުވޭ
މި މައުޟޫޢުގެތެރޭގައި ވާހަކަފުޅު ދައްކަވަމުން މެދުއިރުމަތީގެ ޞުލްޙައާބެހޭ އދގެ ވިލަރެސްވެރިއާ ޓޯރ ވިންސްލޭންޑް ވިދާޅުވިގޮތުގައި ފަލަސްޠީނު މީހުން އައްޝައިޚު ޖައްރާޙު އަވަށުންނާއި ސަލްވާނު އަވަށުން ބޭލުމުގެ ނުރައްކާ އޮތީ ބޯ މަތީގައެވެ. އޭނާ އިންޒާރު ކުރެއްވިގޮތުގައި މިއީ "ވަރަށް ކަންބޮޑުވާން ޖެހޭ" ކަމެކެވެ. އިސްރާއީލުގެ ކޯޓުތަކުން މި މަސްއަލައާ ބެހޭ ނިޔާ ހަމަ އިއްވޭއިރަށް މި އަވަށްތަކުގައި ދިރިއުޅޭ ފަލަސްޠީނުގެ އެތައް ޢާއިލާތަކެއް އެމީހުންގެ ގޮވަތިގެދޮރުން ބޭރަށް ނެރެލެވޭނެއެވެ. "މިއީ ދާއިމީ ޞުލްޙައަކަށް ނޭދޭމީހުންނަށް ވެށި ހުޅުވިގެންދާނެ ކަމެއް ކަމަށް" އޭނާ ވިދާޅުވިއެވެ.
ސަލާމަތީ މަޖިލީހުގައި މެދުއިރުމަތީގެ ޙާލަތާ ބެހޭގޮތުން ބޭއްވެމުންދާ ބައްދަލުވުމުގައި ވާހަކަފުޅު ދައްވަމުން ވިންސްލޭންޑް ވިދާޅުވިއެވެ. "ފަލަސްޠީނު އިސްރާއީލު އަރާރުމަށް އެތައް ދަހަރުތަކެއް ފާއިތުވެގެން ދިޔައިރުގައި ވެސް ސިޔާސީ އުދަރެސް ޣައިބުވެފައިވުމަކީ އުންމީދު މަރައިލާ ކަމެކެވެ. އެއީ ދެމެހެއްޓެނިވި ދާއިމީ ޞުލްޙައަކަށް ނޭދޭމީހުންނަށް ބާގަނޑެއް ހަދައިދޭ ކަމެކެވެ." އޭނާ އިންޒާރު ކުރައްވަމުން ވިދާޅުވިއެވެ. "ބިންގަރާހުގެ ނިމޭކޮޅުން އަލިކޮޅެއް އަދި ފެންނާކަށް ނެތެވެ."
"ހިފާފައިވާ ބިންތަކުގެ މަސްއަލަ ޙައްލުކޮށް ދެ ދައުލަތުގެ ޙައްލަކަށް ދިޔުމަށް ޓަކައި އދގެ ޤަރާރުތަކާއި ބައިނަލްއަޤްވާމީ ޤާނޫނާއި ބަދަލު ކުރެވިފައިވާ އެއްބަސްވުންތަކުގެ ތަރަހައިގެ މަތީގައި ވާހަކަ ދައްކައިގެން މެނުވީ ހަރުކަށި ޢަމަލުތަކަށް ނިމުމެއް ގެނެވިދާނެ ކަމުގެ އެއްވެސް އުއްމީދެއް ނެތް ކަމަށް" އޭނާ ވިދާޅުވިއެވެ.
ވަޒަންވެރި ކުރުމުގެ އެންމެހާ ޙަރަކާތްތައް ހުއްޓުވަން ޖެހޭ
އދގެ ވިލަރެސްވެރިޔާ ވިދާޅުވިގޮތުގައި އިރުމަތީ ޤުދްސުން މީހުން ބޭލުމުގެ މަސައްކަތަކީ ކަންބޮޑު ކުރުވާ މަޞްދަރެކެވެ. އޭނާ ބާރުލައްވާ ވިދާޅުވިއެވެ. "ބައިނަލްއަޤްވާމީ ޤާނޫނަށް ބަލާއިރު ވަޒަންވެރިކުރުވުމުގެ ހުރިހާ ޙަރަކާތްތަކަކީ ޣައިރު ޤާނޫނީ ޢަމަލެކެވެ. ފަލަސްޠީނު މީހުންގެ މިލްކިއްޔާތުތައް ހަލާކުކުރުމާއި މި މިލްކިއްޔާތުގެ މައްޗަށް އަތްގަދަކުރުން ހުއްޓައިލުމަށް" އޭނާ އިސްރާއީލަށް ގޮވައިލެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި "އިތުރު ޤުދްސުގެ (ސީ) ސަރަޙައްދުގައި ފަލަސްޠީނު މީހުންނަށް އެމީހުންގެ މުޖްތަމަޢުތައް ތަރައްޤީ ކުރުމަށް އިސްރާއީލުން ހުއްދަދޭން ޖެހޭނެއެވެ." އިސްރާއީލާއި ފަލަސްޠީނާ ދެމެދުގައި 1995ގައި ސޮއިކުރެވިފައިވާ އޮސްލޯ އެއްބަސްވުމުގެ ދަށުން އިރުމަތީ ޤުދްސުގެ (ސ) ސަރަޙައްދަކީ އިދާރީގޮތުންނާއި ސަލާމަތީ ގޮތުން އިސްރާއީލުގެ ބެލުމުގެ ދަށުގައިވާ ސަރަޙައްދެކެވެ. އެއީ ހުޅަނގު އައްސޭރީގެ 60 އިންސައްތަ ބިމާ އެއްވަރު ސަރަޙައްދެކެވެ. މި އެއްބަސްވުން ބުނާގޮތުގައި މި ސަރަޙައްދަށް ވަޒަންވެރީންގެ ގޮތުންނާއި އޭރިއާގެ ގޮތުން އެއްވެސް ބަދަލެއް ގެނައުމަކީ މަނާކަމެކެވެ.
އިސްރާއީލުން މިހާރު ނިންމާފައި ވަނީ އައްޝައިޚު ޖައްރާޙު އަވަށުގެ ބިނާތަކުގެތެރެއިން 12 ބިނާއަކުން ފަލަސްޠީނު މީހުން ނެރެ އެ ތަންތާނގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށެވެ. މި މަސްއަލައާ ބެހޭ ގޮތުން އިސްރާއީލު ކޯޓުން ނިޔާ އިއްވުން ލަސްކުރެވުނީ ޣައްޒާ ހަނގުރާމައިގެ ސަބަބުންނެވެ.



advertisment