ހަނގުރާމަ ހުއްޓި އިސްރާއީލުން ޣައްޒާއަށް ދެމުންދިޔަ ޢުދްވާނު ނިމުނުކަމުގެ އިޢުލާނާއެކު ފަލަސްޠީނުގައި ކާމިޔާބީގެ އިޙްތިފާލުތައް ޢާއްމުވެގެން ދިޔައެވެ. ކުޑަކުދީންނާއި އަންހެނުންނާއި މުސްކުޅީންވެސް ކަރުނަތައް ފުހެމުން މި އިޙްތިފާލުގައި ބައިވެރިވިއެވެ.
ޖުމްލަ 11 ދުވަހުގެ ހަނގުރާމައިގައި ފަލަސްޠީނުން ވަނީ 230 މީހަކު ޝަހީދުވެ ދެ ހާހެއްހާ މީހުން ޒަޚަމުވެ އެތައް ސަތޭކަ ގެއެއް ވެއްޓި ހަލާކުވެފައެވެ. ޣައްޒާގެ ބިނާރުތަކަށް ގަސްތުގައި ޙަމަލާދީ ވަނީ ހަލާކުކޮށްލައިފައެވެ. އިސްރާއީލުން އެމީހުންނަށް ލިބުނު ގެއްލުންތައް މީޑިއާއަށް ކަނުކޮށްފައިވާތީ މާ ބޮޑެތި ތަފްޞީލުތަކެއް ހާމަވެފައެއް ނުވެއެވެ. ކަށަވަރުކޮށް އެނގޭގޮތުގައި އިސްރާއީލުން 12 މީހަކު މަރުވިއެވެ. އެތައް ސަތޭކަ ބަޔަކު ޒަޚަމުވިއެވެ. އެތައް ބިލިޔަން ޑޮލަރެއްގެ އިޤްތިޞާދީ ގެއްލުން ލިބުނެވެ.
ހަނގުރާމަ ހުއްޓުމާއެކު ފަލަސްޠީނުގެ ހިނގައިލުންތައް މަގުތައް އޮހިގެން ދިޔައީ ތަކްބީރާއި ތަހްލީލުން ގުގުމަމުންނެވެ. މުޤާވަމާއަށް މި ހަނގުރާމައިގައި ލިބުނު ނަޞްރު ފާހަގަ ކުރުމަށް ޓަކައި މިސްކިތްތަކުގައި ނަޞްރުގެ ނަމާދު ޤާއިމު ކުރިއެވެ.
ހަނގުރާމައެއް ހިނގައި ނިމުމުން އުފެދޭނެ އެންމެ ފުރަތަމަ ސުވާލަކީ ނާޞްރު ލިބުނީ ކޮން ފަރާތަކަށް ހެއްޔެވެ؟ އެއީ ކިހާ ވަރެއްގެ ނަޞްރެއް ހެއްޔެވެ؟ ނަޞްރުގެ ވާހަކަ ދައްކާއިރު ހަނދާނަށް ގެންނަންޖެހޭ މުހިއްމު އެއް ނުކުތާއަކީ ނަޞްރުގެ މިންގަނޑަކީ އެއް ފަރާތުން އަނެއް ފަރާތަށް ދޭ މާއްދީ ގެއްލުންތަކެއް ނޫނެވެ. އެއަށްވުރެ މުހިއްމުކަން ބޮޑީ އިސްތިރާތީޖީ، ނަފްސާނީ ސިޔާސީ އިޤްތިޞާދީ ގެއްލުންތަކެވެ. މި މިންގަނޑުތަކުން ވަޒަންކޮށްފިނަމަ ބަލިކަށި ފަރާތް މޮޅުވި ފަރާތް ކަމަށް ވެދާނެއެވެ. ބާރުގަދަ ފަރާތް ބަލިވި ފަރާތަށް ވެދާނެއެވެ.

މުޤާވަމާއަށް ލިބުނު ނަޞްރުތައް
- މުޤާވަމާގެ ބޯ ކަމަށް އިސްރާއީލުން ދެކޭ މުޙައްމަދު ޟައިފު ނައްތައިލުމުގައި އިސްރާއީލަށް ނާކާމިޔާބު ލިބުން. އިސްރާއީލުން ހާމަކޮށްފައިވާ ގޮތުގައި އެމީހުން މި ޢުދްވާނުގެތެރޭގައި ޟައިފު އަވަހާރަކޮށްލެވޭތޯ ހަތަރު ފަހަރަކު ކުރި މަސައްކަތް ވަނީ ނާކާމިޔާބު ވެފައެވެ.
- މި ހަނގުރާމަ ފެށުނީ ޣައްޒާގެ މަސްއަލައަކާ ހެދިއެއް ނޫނެވެ. އެހެނަސް އައްޝައިޚު ޖައްރާޙު އަވަށާއި ޤުދްސުގައި އިސްރާއީލުން ހިންގަމުން ދިޔަ ޙައްދުފަހަނަޅައިދިޔުމުގެ ޢަމަލުތަކަކާ ހެދިއެވެ. މި އިން ހާމަވެގެން ދިޔައީ ފަލަސްޠީނުގެ އެއްވެސް ހިސާބެއްގައި މި ފަދަ ޢަމަލުތައް ހިންގޭނަމަ މި ޢަމަލުތަކަށް ރައްދުދޭނެ ބާރެއް ފަލަސްޠީނުގައި އެބަ އޮތްކަމެވެ. އަދި މި ބާރު ދެ އަތް އުރާލައިގެން ނޯންނާނެ ކަމެވެ. އެހެންކަމުން އިސްރާއީލުން މިފަދަ ޢަމަލުތައް ހިންގަންފެށުމުގެ ކުރިން އެކަމުގެ ނަތީޖާއާމެދު ދުރާލައި ވިސްނާނެއެވެ.
- މުޤާވަމާގެ ޖަމާޢަތްތަކުގެ މެދުގައި އޮތް އަރާރުންތަކާއި ދެބަސްވުންތައް ނެތި މުޤާވަމާގެ އެންމެހާ ޖަމާޢަތްތައް އެކަތިގަނޑަކަށްވެ އެއްގަލަކަށް އެރުން. ފަތަޙަ ވެސް ޤައްސާމަށް ފޯރި ދިނެވެ.

- ޢަރަބީންގެ މަރްކަޒީ މަސްއަލަ ކަމުގައިވާ ފަލަސްޠީނުގެ ޤާޞިއްޔާއަށް ޓަކައި ޢަރަބިން އެޓްލާންޓިކް ކަނޑުން ފެށިގެން އަރަބި ގަލްފާ ހަމައަށް އެކަތިގަނޑަކަށްވުން. މީސްމީޑިއާގެ ހޭޝްޓެގްތަކުން މިކަން ވަރަށް ބޮޑަށް ފާޅުވެގެން ގޮސްފައި ވެއެވެ. ބައެއް ޙޭޝްޓެގްތަކުގައި "ފަލަސްޠީނު މަގޭ މަސްއަލަ،" "އައްޝައިޚު ޖައްރާޙު ސަލާމަތް ކުރޭ،" "ޣައްޒާއޮތީ ޢުދްވާނުގެ ދަށުގައި" ފަދަ ޢިބާރާތްތައް އައިސްފައި ވެއެވެ. މިފަދަ ޢިބާރާތްތައް ހަނގުރާމައިގެ 11 ދުވަހުގައި މެދުނުކެނޑި ވެބް ޞަފްޙާތަކުންނާއި ފޭސްބުކުންނާއި ޓްވިޓަރުތަކުން ފެންނަމުން ދިޔައެވެ.
- 2014ގެ ހަނގުރާމައަށްވުރެ މި ހަނގުރާމައިގައި މުޤާވަމާ މާ ބާރުގަދަކޮށް ދުނިޔެއަށް ފެނިފައިވުން. މިއީ ދުޝްމަނުންނަށްވުރެ ބޮޑަށް ރަޙްމަތްތެރިން ޙައިރާންވި ކަމެކެވެ. މި ހަނގުރާމައިގައި އިސްރާއީލުން ދިން ޙަމަލާތަކަށް މުޤާވަމާއިން ރައްދު ދީފައިވަނީ އިސްރާއީލު ސިއްސައިލަމުންނެވެ.
- މުޤާވަމާގެ ޙަމަލާތަކުގެ ސަބަބުން އިސްރާއީލަށް އެކަހެރިގޮތެއްގައި ހަނގުރާމަ ހުއްޓަން މަޖްބޫރުވުން.
- ދުނިޔޭގެ މަޝްހޫރު ބައެއް ޝަޚްޞިއްޔާތުތަކުންނާއި ހުޅަނގުގެ ޖަމްޢިއްޔާތަކުން ފަލަސްޠީނަށް މި ފަހަރު ލިބިގެންދިޔަ ތާއީދާއި އެއްބާރުލުން އިތުރުވުން. މީގެކުރިން މިފަދަ ތާއީދެއް ލިބިފައެއް ނުވެއެވެ.

- މީސްމީޑިޔާގެ ބާރުގަދަކަމާއި ޒަމާނީ ފަންނިއްޔާތުގެ ތަރައްޤީގެ ސަބަބުން ޢަސްކަރީ ތަންތަން ކަމަށް އިސްރާއީލުން ބުނަމުންދިޔަ ތަންތަނަށް ކެމެރާތަކަށް ވަދެވުމުގެ ސަބަބުން އިސްރާއީލުގެ ހަޑި ފުށް ދުނިޔެއަށް ހާމަވެގެން ދިޔުން. މިކަމުގެ ސަނަބުން އިސްރާއީލަކީ ކުޑަކުދިން ކަތިލާ ޤާތިލެއް ކަމަށާއި އަންހެނުން ނަށް އަނިޔާ ކުރާ ދައުލަތެއް ކަމަށް ލޭބަލްވެގެން ދިޔައެވެ. މި ކަމުގެ ސަބަބުން އިސްރާއީލު ޙަމަލަދީފައި ވަނީ ޢާއްމުންގެ ގޮވަތިގެދޮރަށާއި ސަޤާފީ މުއައްސަސާތަކަށް ކަން ބޭޒާރުވެގެން ދިޔައެވެ.
- އިސްރާއީލާއެކު ގުޅުންތައް ޠަބީޢީ ކުރަމުންދިޔަ ޢަރަބި ޤައުމުތައް ފަޟީޙަތްވުން. (ތޫނިސްފަދަ) ބައެއް ޢަރަބި ޤައުމުތަކުން އިސްރާއީލާއެކު ގުޅުންތައް ޠަބީޢީ ކުރުމަކީ ޖަރީމާއެއް ކަމަށް ހެދުމަށް އަވަސްވެ ގަތެވެ.
- އިސްރާއީލުގެ ދައުލަތަކީ ދިރިއުޅުމަށް އަމާން ތަނެއްނޫންކަން ސާފުވެގެން ދިޔުން.
- ފަލަސްޠީނާއެކު އެކަތިގަނޑަކަށްވެފައިވާކަން ހާމަކުރުމަށް ޓަކައި ޢިރާޤާއި ލުބްނާނާއި އުރްދުނުގެ ވަފްދުތައް އިސްރާއީލުގެ ސަރަޙައްދީ ރޮނގު ކައިރިއަށް އެއްވުން. ފަލަސްޠީނުގެ މަސްއަލަ ޙައްލުނުކޮށް އިސްރާއީލަށް ޢަރަބި ރައްޔިތުންގެ ތާއީދު ޙާޞިލު ނުކުރެވޭނެކަން ކަށަވަރުވެގެން ދިޔައެވެ. އަދި ފަލަސްޠީނު އެކަހެރިކޮށް ޢަރަބީންނާއެކު ޞުލްޙަ ޤާއިމުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަކީ ބޭކާރު މަސައްކަތްތަކެއްކަން އިސްރާއީލަށް އެނގުނެވެ.

- ފަލަސްޠީނު ރައްޔިތުންގެ މޫނުމައްޗަކީ، އަޑަކީ އަދި ރައްދު ދޭ ބާރަކީ މުޤާވަމާކަން ފާޅުވެގެން ދިޔުން. މިއީ ހަމައެކަނީ ޣައްޒާގައި އޮތް ބާރެއްނޫންކަން ހާމަވިއެވެ. އެހެނަސް އެއީ ފަލަސްޠީނުގެ ކޮންމެ ވެލިފުކަކާއެކުގައި އޮތް ބާރެކެވެ. މި ފަހަރުގެ "ފުންމައިގަތުމަކީ" ޤުދްސާއި ޢައްޝައިޚު ޖައްރާޙު އަވަށަށް ޔަހޫދީ ވަޒަންވެރީންނާއި އިސްރާއީލުގެ ބާރުތަކުން އަރައިގަތްއަރައިގަތުމާ ގުޅިގެން އައި ފުންމައިގަތުމެކެވެ.
- ފަލަސްޠީނުގެ ތަފާތު ޖަމާޢަތްތައް އެކަތިގަނޑަކަށްވެ އެއްބައެއްވަންތަވުމުގެ ސަބަބުން މުޤާވަމާ ވަރުގަދަވުން.
- ޣައްޒާ އާރާސްތުކުރުމަށް މިޞްރުންނާއި ޤަޠަރުންނާއި ބައެއް ޢަރަބި ޤައުމުތަކުން ފަށައިފައިވާ މަސައްކަތްތައް އަލުން ފެށުމަށް މަގުފަހިވުން. މިކަމުގެ ސަބަބުން ޢަރަބި ޤައުމުތަކުގެ ސަރުކާރުތަކާއި ރައްޔިތުން އެންމެ އިސްކަންދޭ ޤަޟިއްޔާއަކަށް ފަލަސްޠީނު ޤަޟިއްޔާ އަލުން ވެގެންދާނެއެވެ.
- މީސްމީޑިއާގެ ތެރެއިން ފަލަސްޠީނުގެ ޤަޟިއްޔާއަށް ލިބުނު ތާއީދާއި އެއްބާރުލުން އިތުރުވުމުގެ ސަބަބުން ކުރިއަށް އޮތް ޖީލުތަކަށް މި ޤަޟިއްޔާ ތަޢާރުފުކޮށްދިނުމަށް ފުރްޞަތު ތަނަވަސްވެގެން ދިޔުން. މި ކަމުގެ ސަބަބުން މީސްމީޑީއާގައި އިސްރާއީލަށް ފާޑުކިޔުމުން އެމީހުންގެ އެކައުންޓްތައް ބަންދުކުރުމަށް ގެންގުޅެމުންދިޔަ ސިޔާސަތަށް ބަދަލުތަކެއް އަންނާނެ ކަމަށް ލަފާކުރެވެއެވެ.
- ޣައްޒާ ހަނގުރާމައިގެ ދުވަސްވަރު ޚަބަރު ފަތުރާ ޢަރަބި ވަސީލަތްތަކުން މި ޚަބަރުތައް ގެނެސްދީފައިވާ އަވަސްކަމާއި ހިމުންކަމާއި ބަރާބަރުކަމުން ޢަރަބިން މި ވަސީލަތްތަކަށް ކުރާ އިތުބާރު އިތުރުވެގެން ދިޔުން.
- ޢަރަބި ޑިޕްލޮމަސީ ޚާއްޞަކޮށް މިޞްރުގެ ޑިޕޮމަސީއަށް ކާމިޔާބު ލިބުން. އެމެރިކާއާއި ހުޅަނގުގެ ޑިޕްލޮމެޓުން ވެސް ޣައްޒާ ހަނގުރާމަ ހުއްޓުވުމަށް ޓަކައި އިތުބާރު ކުރި މެދުވެރިއަކަށް ވީ މިޞްރެވެ. މިއިން ސާބިތުވެގެން ދިޔައީ މިޞްރުން ފަލަސްޠީނާ ދުރު ނުވާނެ ކަމެވެ.
- މި ހަނގުރާމައިގެ ސަބަބުން އަމާންކަން ލިބިފައިވާ ތަނަކަށް އިސްރާއީލު ނުވާކަން ފާޅުވެގެން ދިޔުން. މިކަމުގެ ސަބަބުން އިޤްތިޞާދީ ވުނަކުރުންތަކުގެ ޙިއްޞާތަކުން ބައެއް ކުރިމަގުގައި އިސްރާއީލަށް ގެއްލިގެން ދާނެއެވެ. އަދި އިސްރާއީލު ޙިމާޔަތްކޮށްދީ އެ ޤައުމަށް މާލީ އެހީތައް ދެމުންގެންދާ ހުޅަނގުގެ ޤައުމަތަކަށް އިސްރާއީލަކީ އެ ޤައުމުތަކަށް ތަޙައްމުލު ކުރަންޖެހިފައިވާ ބުރައެއްކަން މި ހަނގުރާމައިގެ ސަބަބުން އިޙްސާސްވެގެން ދާނެއެވެ.

- އެމެރިކާއާއި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ޖަރްމަނު ވިލާތް ފަދަ ހުޅަނގުގެ ޤައުމުތަކުގެ މަގުތައް މަތީގައި ފަލަސްޠީނަށް ތާއީދުކޮށް ބޭއްވުނު ބޮޑެތި މުޒާހަރާތަކުގެ ސަބަބުން މި ޤައުމުތަކުގެ ސަރުކާރުތަކަށާއި ރައްޔިތުންނަށް އިސްރާއީލުގެ އަޑާ ޚިލާފު އަޑުތަކެއް އަހަން ޖެހުން. މިކަމުގެ ސަބަބުން މި ޤައުމުތަކުގެ ސިޔާސަތަށްވެސް ހެޔޮ އަސަރުތަކެއް ކުރާނެކަން ކަށަވަރެވެ.
- 2021ގެ ހަނގުރާމައިގެ ފަހުން ފަލަސްޠީނު އެއް ތަނަކަށް ވެގެން ދިޔުން. އައްޝައިޚު ޖައްރާޙު އަވަށުގައި ހިނގާ ކަންކަން ޣައްޒާއިން ރައްދު ދޭނެތެވެ. އަދި ޣައްޒާގައި ހިނގާ ކަންތައްތަކަށް ލިއްދުންނާއި ޤުދުސުން ވެސް ރައްދުދޭނެތެވެ. ޣައްޒާ ޙިޞާރުކޮށްފައި އިސްރާއީލުން ބާއްވާ ބޭއްވުމުގެ މާނައެއް ނެތްކަން މިހާރު އެވަނީ ސާފުވެފައެވެ.
- މުޤާވަމާއިން އިސްރާއީލުގެ ހުރިހާ ވައިގެ ބަނދަރުތަކަކަށް ޙަމަލާދީ ވައިގެ ދަތުރުފަތުރުތައް މި ޙަމަލާގެ ތެރޭގައި ހުއްޓުވައިލުން. މި ޙަމަލާތައް އިސްރާއީލުގެ ވެރިރަށް ތައްލު އަބީބުގެ މެދުތެރެއަށް ފޯރާފައިވެއެވެ. މި ކަމުގެ ސަބަބުން އިސްރާއީލަކީ އެތާނގެ ރައްޔިތުންނަށް ބިރެއްނެތް އަމާން ތަނެއް ކަމަށް ބުނާ ބުނުން ބިލާހަކަށް ވިއެވެ. އިސްރާއީލުގެ ދިފާޢީ މައިތިރިއެއް ކަމުގައިވާ ނިޒާމު "ދަގަނޑު ޤުއްބު" ވަރުގަދަކޮށްދޭނެ ކަމަށް އެމެރިކާއިން ބުނިބުނުމުން އެކަން އިތުރަށް ވަނީ ކަށަވަރުވެފައެވެ.



advertisment