Support Us

ނަތަންޔާހޫއާ ދެކޮޅަށް މުޒާހަރާތައް

ޔަހޫދީންނަށް ގޭގައި ތިބެން ތަލްމޫދު ބުނާދުވަހުގައި އިސްރާއީލުގެ އެތައް ސަތޭކަ ބަޔަކު ބޮޑުވަޒީރު ނަތަންޔާހޫއާ ދެކޮޅަށް މުޒާހަރާކޮށްފިއެވެ. މިއީ އިސްރާއީލުން ޣައްޒާއަށް ދިން ލޭ އޮހޮރުވުމުގެ ވަރުގަދަ ޢުދްވާނަށް ފަހު އިސްރާއީލީން ސަރުކާރާ ދެކޮޅަށް ބޭއްވި ފުރަތަމަ މުޒާހަރާއެވެ.

އިސްރާއީލުގެ މަޝްހޫރު ދުވަހު ނޫސް ބަދީޢޫތު އަޙްރަނޫތު ބުނާގޮތުގައި ބެލްފޯރު މަގުގައި ނަތަންޔާހޫ އުޅުއްވާ ރަސްމީ ގެ ކައިރީގައި ހާހެއްހާ އިސްރާއީލީން މުޒާހަރާކޮށް އޭނާއަށް އިސްތިޢުފާ ދެއްވުމަށް ގޮވައިލިއެވެ. މުޒާހިރީން ތުހްމަތު ކުރިގޮތުގައި އޭނާއަކީ "އިސްރާއީލަށް އަމާންކަން ގެނެސްދޭ މީހެއްނޫން" އެވެ. އެމީހުން މި މުޒާހަރާގެތެރޭގައި ބުންޏެވެ. "އޭނާއަކީ އޭނާގެ އަމިއްލަ ބޭނުންތަކަށް ޓަކައި އިސްރާއީލު ބޭނުމެއްނެތް، ގެއްލުން ބޮޑު ހަނގުރާމައެއްގެ ތެރެއަށް ދަމާފައި ގެންގޮސް ވައްޓައިލި މީހެއް" އެވެ.

މި ނޫސް ބުނިގޮތުގައި މުޒާހިރީން ހާމަކުރިގޮތުގައި "ނަތަންޔާހޫ ޣައްޒާއަށް ޙަމަލާދިނީ އިދިކޮޅު ޒަޢީމު ޔާޔިރު ލާބީދަށާއި ނަފްތާލީ ބީނީތަށް ސަރުކާރެއް އެކުލަވާލެއްވުމުގެ ފުރްޞަތު ނުދެއްވުމަށް" ޓަކައެވެ. ނަތަންޔާހޫއަށް ސަރުކާރެއް އެކުލަވައިލަން ލިބިވަޑައިގެންނެވި 28 ދުވަހުގެތެރޭގައި އޭނާއަށް ވަނީ ސަރުކާރެއް އެކުލަވައި ނުލެއްވިފައެވެ.

ނަތަންޔާހޫ ދުރަށް ވަޑައިގަންނަވަން ވެއްޖެ

މި ނޫސް މުޒާހަރާގެ ބައިވެރިއަކާ ޙަވާދީ ބުންޏެވެ. "ނަތަންޔާހޫ ފައިބާވަޑައިގަންނަވަންވީ ވަގުތު ޖެހިއްޖެއެވެ. ބޭނުމެއްނެތް އިންތިޚާބުތަކަކަށް އަހުރެމެން ދަމާ ގެންދެވުމުގެ ބޭނުމެއް ނެތެވެ. އޭނާ މިހާރު އަހުރެމެން އެ ގެންދަވަނީ ބޭނުމެއްނެތް ހަނގުރާމައަކަށެވެ."

ލާބީދަށް ސަރުކާރެއް އެކުލަވައިނުލެއްވިއްޖެނަމަ އިސްރާއީލުގެ ރައީސަށް ޖެހިވަޑައިގަންނަވާނީ މި ކަން ކަނީސަތާ ޙަވާލު ކުރައްވާށެވެ. އޭޕްރީލު 2019 އިން ފެށިގެން އިސްރާއީލުގައި ވަނީ ހަތަރު އިންތިޚާބު ބާއްވައިފައެވެ. އެއީ ބަރްލަމާނުގައި އަޣްލަބިއްޔަތު ލިބިފައިވާ ސަރުކާރެއް އެކުލަވައި ނުލެވުމުގެ ސަބަބުންނެވެ.

ސަލާމަތީ މަޖިލީހުގެ ޤާރާރަށް ފަލަސްޠީނުން ފާޑުކިޔައިފި

ޣައްޒާގެ ހަނގުރާމައާ ބެހޭގޮތުން ސަލާމަތީ މަޖިލީހުން މިއަދު ޤަރާރެއް ފާސްކުރުމުން މި ޤަރާރާ ދެކޮޅަށް ފަލަސްޠީނުގެ މަންދޫބު ފާޑުވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވިއެވެ. "އަހުރެމެންގެ ރައްޔިތުންނަށް ވާގިވެރިނުވާ ބަޔާނަކަށް އަހުރެމެން ބޭނުމެއް ނުވެއެވެ." ސަލާމަތީ މަޖިލީހުން މިއަދު ނެރުނު ޤަރާރުގައި ފަލަސްޠީނަށާއި އިސްރާއީލަށް ހަނގުރާމަ ހުއްޓައިލުމަށް އެއްބަސްވި އެއްބަސްވުމަށް ފުރިހަމައަށް ޢަމަލުކުރުމަށް ގޮވައިލައިފާވެއެވެ. ފަލަސްޠީނުގެ މަންދޫބު މަންޞޫރު ވިދާޅުވިއެވެ. "ފަލަސްޠީނުގެ ރައްޔިތުންނަށް ދެވުނު ޢުދްވާނު ހުއްޓުމަކަށް އައުމަށްފަހު ސަލާމަތީ މަޖިލީހުން ބަޔާނެއް ނެރުމުގެ ބޭނުމެއް އޮތްކަމަކަށް އަހުރެމެން ނުދެކެމެވެ. މިއީ އަޤްޞާއާއި މާތް ޙަރަންފުޅާއި އައްޝައިޚު ޖައްރާޙު އަވަށާއި ޤުދްސާއި ހިފާފައިވާ ބިންތަކުގެ އަހްލުވެރިންނަށް ވާގިވެރިވާ ޤަރާރެއްނޫނެވެ."

ސަލާމަތީ މަޖިލީހުގެ ޤަރާރުގައި ފަލަސްޠީނުގެ ޢާއްމު ރައްޔިތުންނަށް އިންސާނީ އެހީތައް ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމަށް ބުނެފައި ވެއެވެ. އިސްރާއީލުން ޣައްޒާއަށް ޢުދްވާނީ ލާއިންސާނީ ޙަމަލާތައް ދެމުން ދިޔައިރު ސަލާމަތީ މަޖިލީހަށް ވަނީ އެމެރިކާއިން ދެކޮޅު ހެދުމުގެ ސަބަބުން ޤަރާރެއް ފާސްނުކުރެވިފައެވެ. މި ފަދަ ޤަރާރެއް ފާސްކުރެވޭތޯ ހަތަރު ޖަލްސާއެއް ބޭއްވުނެވެ. ކޮންމެ ޖަލްސާއެއްވެސް ނާކާމިޔާބުވެގެން ދިޔައީ އެމެރިކާއިން ދެކޮޅު ހެދުމުގެ ސަބަބުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *