Support Us

އިސްރާއީލުގެ ޙަމަލާއެއްގައި އަލްޖަލާއު ޓަވަރު ވެއްޓެނީ

އިސްރާއީލުން ނޫސްވެރީންނަށް ދިން އަނިޔާތަކަކީ ޤަތުލުޢާއްމެއް: ފަލަސްޠީނުގެ ނޫސްވެރީންގެ ވެރިޔާ

އިސްރާއީލުން ޣައްޒާއަށާއި ހުޅަނގު އައްސޭރިއަށް އެންމެފަހުން ދިން ޙަމަލާތަކުގައި ޚަބަރުފަތުރާ 33 މުއައްސަސާއަކަށް ޙަމަލާދީފައިވާ ކަމަށާއި މި ޙަމަލާތަކުގައި 170 ނޫސްވެރިއަކު ޒަޚަމުވެފައިވާ ކަމަށް ފަލަސްޠީނުގެ ނޫސްވެރީންގެ ޖަމްޢިއްޔާއިން ހާމަކޮށްފިއެވެ. މި ޖަމްޢިއްޔާގެ ރައީސް ނާޞިރު އަބޫބަކްރު ވިދާޅުވި ގޮތުގައި މިހާތަނަށް ޖަމާ ކުރެވުނު މަޢުލޫމާތުތައް ދައްކާގޮތުގައި އިސްރާއީލުގެ ޢުދްވާނުގައި ޚަބަރުފަތުރާ ޣައްޒާގެ މުއައްސަސާތަކުގެ ތެރެއިން 33 މުއައްސަސާއެއް ވަނީ ބޮން އަޅައި ފުނޑުފުނޑުކޮށްލައިފައެވެ. އޭނާ ހާމަކުރެއްވި ގޮތުގައި ޚަބަރުފަތުރާ ވަސީލަތްތަކުގެ އިތުރު އެތައް އޮފީސްތަކަކަށް ގެއްލުން ލިބިފައިވެއެވެ. އެކަމާ ބެހޭ ތަފްޞީލުތައް މިހާރު ދަނީ އެއްކުރެވެމުންނެވެ.

މި ޖަމްޢިއްޔާގެ ބަޔާން ބުނާގޮތުގައި ފަލަސްޠީނުގެ ނޫސްވެރިއެއް ކަމުގައިވާ ޔޫސުފު އަބުލް ޙުސައިނުގެ ގެއަށް ބޮންއެޅުމުގެ ސަބަބުން އޭނާ ވަނީ ޝަހީދުވެފައެވެ.

އަބޫބަކްރު ހާމަކުރެއްވި ގޮތުގައި އިސްރާއީލުގެ ޙަމަލާތަކުގެ ސަބަބުން ޣައްޒާގައި 70 ނޫސްވެރިއަކަށް އަދި ހުޅަނގު އައްސޭރީގައި 100 ނޫސްވެރިއަކަށް ތަފާތު މިންވަރުގެ ގެއްލުންތަކާއި އަނިޔާތައް ލިބިފައި ވެއެވެ. ޣައްޒާގައި ގެއްލުންތައް ލިބުނީ އިސްރާއީލުން އެޅި  ބޮންއެޅުންތަކުން ބުރަބުރައިގެން ދިޔަ އެތިއެތިކޮޅުތަކުން ޒަޚަމުވެގެންނެވެ. ހުޅަނގު އައްސޭރީގައި ނޫސްވެރީންނަށާއި ރިޕޯޓަރުންނަށް ގެއްލުން ލިބިފައި ވަނީ ކަރުނަގޭހާއި މުގުރުބުރިން ތެޅުމުގެ ސަބަބުންނެވެ.

އިސްރާއީލުގެ ޖަރީމާތަކާ ބެހޭ ފުރިހަމަ ފައިލެއް ތައްޔާރު ކުރެވޭނެ

ފަލަސްޠީނުގެ ނޫސްވެރީންގެ ޖަމްޢިއްޔާގެ ވެރިޔާ ހާމަކުރެއްވިގޮތުގައި އެބޭފުޅުންނާއި ބައިނަލްއަޤްވާމީ ނޫސްވެރީންނާ ގުޅިގެން "ޣައްޒާއާއި ހުޅަނގު އައްސޭރިއާއި ޤުދުސުގައި ނޫސްވެރީންނާ ދެކޮޅަށް އިސްރާއީލުން ހިންގާފައިވާ ޖަރީމާތަކާ ބެހޭ ފުރިހަމަ ފައިލެއް ތައްޔާރު ކުރެވޭނެއެވެ. އަދި މި ފައިލް އިންސާފާ ބެހޭ ބައިނަލްއަޤްވާމީ ކޯޓަށް ހުށައެޅޭނެއެވެ." އޭނާ ބަޔާން ކުރެއްވިގޮތުގައި މި ފައިލް ޤާނޫނީ ގޮތުން ފުރިހަމަ ލިޔުމަކަށް ހަދަން ޖެހޭތީ އެކަމަށް އެތައް މަހެއް ހޭދަވާނެއެވެ. އޭނާ ވިދާޅުވިގޮތުގައި މި ކޯޓްގެ އިޖްރާއާތުތަކަކީ ވަރަށް ދިގު އަދި ވަރަށް އޮޅުންބޮޅުންކަން ބޮޑު ކަމެކެވެ. އޭނާ ސިފަކުރެއްވި ގޮތުގައި މީޑިޔާގެ ވަސީލަތްތަކާ ދެކޮޅަށް އިސްރާއީލުން ހިންގާފައިވާ ޖަރީމާތަކަކީ "ޤަތުލު ޢާއްމު" އެކެވެ. އޭނާ ވިދާޅުވިގޮތުގައި އިސްރާއީލުން މި ޢުދްވާނުގައި އަރައިގެންފައިވާ ލާއިންސާނީ ޢަމަލުތައް ވަންހަނާކޮށް ފުހެލުމަށް އިސްރާއީލުން އެތައް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަބޫބަކްރު ވިދާޅުވިގޮތުގައި ޢުދްވާނުގެ ޚަބަރުތައް ނަޤްލު ކުރުމުގައި ފަލަސްޠީނުގެ ނޫސްވެރީން ވަނީ އެމީހުންގެ ކުރުންތެރިކަމާއި އުފެއްދުންތެރިކަމާއި އީޖާދީވަންތަކަން ދުނިޔެއަށް ދައްކުވާދީފައެވެ. އިސްރާއީލުގެ "ނިރުބަވެރި ޖަރީމާތައް" ދުނިޔެއަށް ހާމަކޮށް ދުނިޔެގެ ސަމާލުކަން ވަނީ އަތުލައިފައެވެ. އޭނާ ވިދާޅުވިގޮތުގައި މި ދިޔަ އަހަރު އެ ޖަމްޢިއްޔާއިން ވަނީ ބައިނަލްއަޤްވާމީ ޤާނޫނާ އެއްގޮތަށް ހުރިހާ ރުކުންތަކެއް ފުރިހަމަކޮށް އިސްރާއީލުގެ 500 ޖަރީމާއެއް ފުރޭފުކޮށް ބައިނަލް އަޤްވާމީ ކޯޓަށް ހުށައަޅައިފައެވެ.

މި މަހުގެ 15ވަނަ ދުވަހު އިސްރާއީލު ސިފައިން ވަނީ 11 ބުރީގެ އަލްޖަލާއު ޓަވަރަށް ޙަމަލަދީ ބިމާ ހަމަކޮށްފައެވެ. އަލްޖަޒީރާ އޮފީހާއި އެސޯޝޭޓޭޑް ޕްރެސްގެ އޮފީސް ހުރީ މި ޓަވަރުގައެވެ.

"އިމެއްނެތް ރިޕޯޓަރުން"ގެ ޖަމްޢިއްޔާ ބުނާގޮތުގައި މި މަހު 17ވަނަ ދުވަހު އެ ޖަމްޢިއްޔާއިން އެ މަސްއަލަ ތަޙްޤީޤު ކުރުމަށް ވާނީ އިންސާފާ ބެހޭ ބައިނަލްއަޤްވާމީ ކޯޓަށް ގޮވާލައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *