އެމެރިކާއާއި އިސްރާއީލުގެ ޚަބަރާބެހޭ މަޞްދަރުތައް ލަފާކުރާގޮތުގައި މާދަމާ (ހުކުރު ދުވަހު) ޣައްޒާ ހަނގުރާމައަށް ހުއްޓުމެއް އަތުވެދާނެއެވެ. އަލްޖަޒީރާ ބުނާގޮތުގައި އެކަމަށް ޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް އެބަ ކުރެވެމުން ދެއެވެ. ޖަޒީރާއަށް މި ޚަބަރު ދިން މަޞްދަރު ބުނާގޮތުގައި އަދި ވަކި ވަގުތަކަށް އެއްބަހެއް ނުވެވެއެވެ.
ޖަޒީރާ ބުނާގޮތުގައި ޙަމާސާއި އިސްލާމީ ޖިހާދު ބުނާގޮތުގައި ހަނގުރާމަ ހުއްޓުމުގެ އެއްބަސްވުމުގައި ޤުދުސަށާއި ޝައިޚު ޖައްރާޙު އަވަށަށް ދެމުންގެންދާ ޙަމަލާތައް ހުއްޓައިލުން ވެސް ހިމަނަން ޖެހޭނެއެވެ. މި ދެ ޖަމާޢަތުން ބުނިގޮތުގައި އިސްރާއީލުން މަސައްކަތް ކުރަނީ ވަގުތުގެ ބޭނުންކޮށްގެން ނަޞްރު ލިބުނީ އެމީހުންނަށް ކަމަށް ދެއްކޭތޯ ބަލާށެވެ.
އެމެރިކާގެ ވޯލް ސްޓްރީޓް ޖަރނަލް ބުނާގޮތުގައި އިސްރާއީލާ ޙަމާސާ ދެމެދުގައި ހިނގަމުންގާ ކުރިމަތިލުންތައް މާދަމާ ހުއްޓުމަކަށް އަންނާނެކަމަށް ލަފާކުރެވެއެވެ. އެމެރިކާއާއި މިޞްރުގެ މަސްއޫލުވެރީންނާ ޙަވާލާދީ މި ނޫސް ބުނާގޮތުގައި ޙަމާސާ އެކު ބޭއްވެމުންދާ ވާހަކަދެއްކުންތަކަށް އަންނަނީ ކުރި ލިބެމުންނެވެ. މި ނޫސް ބުނާގޮތުގައި މިހާރު އެއީ ހަމަ ވަގުތުގެ މަސްއަލައެކެވެ. އެސޫލެއްގެ ގޮތުން މިކަމަށް ވަނީ އެއްބަސްވެވިފައެވެ.
މި ނޫސް ބުނާގޮތުގައި އެމެރިކާއާއި ޤަޠަރާއި މިޞްރާއި ޔޫރަޕްގެ އެތައް ޤައުމުތަކަކުން ދަނީ ނަތަންޔާހޫއަށާއި ޙަމާސުގެ ވެރީންނަށް ނަސޭހަތް ދެމުންނެވެ. އިސްރާއީލުގެ މަސއޫލުވެރީން ވިދާޅުވާގޮތުގައި އިސްރާއީލު ސިފައިން އެމީހުންގެ ލަޑުދަނޑިއާ ހަމައަށް މިހާރު ދަނީ ވާޞިލުވަމުންނެވެ.

އިސްރާއީލު ލަފާކުރާގޮތް
އިސްރާއީލުގެ ޗެނެލް 12 ޓީވީ ބުނާގޮތުގައި ހަނގުރާމަ ހުއްޓުމަށް އެއްބަސްވެފައިވާ އެއްބަސްވުމަށް މާދަމާ މެންދުރުފަހުގެ ވަގުތެއްގައި ޢަމަލު ކުރަން ފެށޭނެއެވެ. މި ޗެނެލް ބުނާގޮތުގައި އިސްރާއީލުގެ ސިޔާސީ ބޭފުޅުންނާއި ޢަސްކަރީ ބޭފުޅުން އެއްބަސްވެވަޑައިގަންނަވާ ގޮތުގައި ހުކުރު ދުވަހުގެ ކުރިން ހަނގުރާމައެއް ނުހުއްޓޭނެއެވެ. އެހެނަސް އެމެރިކާއިން ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ޓަކައި ފިއްތުންތައް ދަނީ ފިއްތަމުންނެވެ. އެމެރިކާގެ ޤައުމީ ސަލާމަތާ ބެހޭ މުޝީރު ޖެކް ސޮލިވާން އިސްރާއީލުގެ ޤައުމީ ސަލާމަތާ ބެހޭ މުޝީރު މައީރު ޝަބާތާ ފޯނުން ގުޅުއްވާ ހަނގުރާމަ ހުއްޓައިލުމަށް ގޮވައިލެއްވިއެވެ. ހަމަ މިމޭރުމުން މިޞްރުގެ މަސްއޫލުވެރިން ޙަމާސުގެ މަސްއޫލުވެރީންނާ ގުޅުއްވާ ހަނގުރާމަ ހުއްޓުމަށް ގޮވައިލެއްވިއެވެ.
ރޭ މިކަމާ ބެހޭގޮތުން އެމެރިކާގެ ޚާރިޖީ ވަޒީރު ބްލިންކެން ވެސް އިސްރާއީލުގެ ޚާރިޖީ ވަޒީރު ގާބީ އެޝްކަނާޒީއާ ފޯނުން ގުޅުއްވާ ހަނގުރާމަ ހުއްޓައިލަން ޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި ނުތަނަވަސްވެފައިވާ ޖައްވުގެ ދިލަކަން ކުޑަކުރަން ޖެހިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
ހަމަ މި މަސްއަލައާ ބެހޭގޮތުން އެމެރިކާގެ ރައީސް ބައިޑްން އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫއާ ރޭ ގުޅުއްވާ ހަނގުރާމަ ހުއްޓައިލަންވެއްޖެ ކަމަށް ވިދާޅުވިއެވެ. މި ހަނގުރާމައިގެ ސަބަބުން އެމެރިކާއަށް އަންނަ ބައިނަލްއަޤްވާމީ ފިއްތުންތައް އިތުރުވަމުންދާ ކަމަށް ބައިޑްން ވިދާޅުވިއެވެ. އިސްރާއީލު ޙިމާޔަތް ކުރުމަށް ޓަކައި ސަލާމަތީ މަޖިލީހުގައި އެތައް ވީޓޯއެއްކޮށްފައިވާނެ ކަމަށް ވިދާޅުވިއެވެ. އެމެރިކާ ބުނާގޮތުގައި އެމެރިކާއިން ކުރަމުންދާ މަސައްކަތަށް ހުރަސްއެޅިދާނެ ކޮންމެ މަސައްކަތަކާ އެމެރިކާ ދެކޮޅު ހަދާނެއެވެ. އަދި އިސްރާއީލު ޙިމާޔަތް ކުރުމަށް ފިޔަވަޅު އަޅާނެއެވެ.
ހަމަ މިއާ އެއްވަގުތެއްގައި އެމެރިކާގެ އެކްސިއޯސް ވެބް ޞަފްޙާ ބުނާގޮތުގައި މެދުއިރުމައްޗަށް ކަނޑައަޅާފައިވާ މަންދޫބު ޙަދީ ޢަމްރު ވޮޝިންގްޓަނުން ހަނގުރާމަ ހުއްޓައިލަން އެދޭ ކަމަށް ބޮޑުވަޒީރު ނަތަންޔާހޫއަށް ދެންނެވިއެވެ.
ޖަރްމަނުގެ ޚާރިޖީ ވަޒީރު ހައިކޯ މާސް އިސްރާއީލުގެ ޚަރިޖީ ވަޒީރާ ބައްދަލު ކުރެއްވުމަށްފަހު ވިދާޅުވިގޮތުގައި "އިސްރާއީލުން އެ ކުރަނީ އެމީހުންގެ އަމިއްލަ ނަފްސުގެ ދިފާޢުގައި ކުރާ ކަމެއްކަމަށް ބަރލިން ދެކެއެވެ. އެހެނަސް ހަނގުރާމަ ހުއްޓައިލުމުގެ މަސައްކަތް ވަނީ ފަށަން ޖެހިފައެވެ."

ޙަމާސް ދެކޭގޮތް
ޖަޒީރާ ބުނާގޮތުގައި ޙަމާސް ޖަމާޢަތުގެ ރައީސް އިސްމާޢީލު ހަނިއްޔާ ދައުޙާގައި އދ ގެ ސެކްރެޓާރީ ޖެނެރަލްގެ އެހީތެރިއާއާ ރޭ ބައްދަލު ކުރެއްވިއެވެ. ޙަމާސްގެ ބައެއް މަސްއޫލުވެރީންނާ ޙަވާލާދީ ސީއެންއެން ބުނިގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރުގެތެރޭގައި ހަނގުރާމަ ހުއްޓުމަކަށް އަތުވެދާނެ ކަމަށް ލަފާކުރެވެއެވެ.
ޙަމާސުގެ އިސް މަސްއޫލުވެރިއެއްކަމުގައިވާ މޫސާ އަބޫ މަރްޒޫޤު ވިދާޅުވާގޮތުގައި ޣައްޒާގެ ހަނގުރާމަ ހުއްޓުމާ ބެހޭގޮތުން އިސްރާއީލާއި ޙަމާސަށް ދެ ދުވަހެއްގެ ތެރޭގައި އެއްބަސްވުމަކަށް އާދެވިދާނެ ކަމަށް ލަފާކުރެއްވެއެވެ. އޭނާ ވިދާޅުވިގޮތުގައި މިކަމަށްޓަކައި ކުރެވެމުންދާ މަސައްކަތްތައް "ކާމިޔާބުވާނެ" ކަމަށް ފެނިވަޑައިގަންނަވައެވެ.
ޤަޠަރުގެ މަސައްކަތް
ޣައްޒާ ހަނގުރާމަ ހުއްޓުމަކަށް ގެނެވޭތޯ ޤަޠަރުން ރެއާދުވާލު މަސައްކަތް ކުރަމުންދާކަމަށް ދައުޙާއިން ބުންޏެވެ. ޤަޠަރުގެ މިއަދުގެ ކެބިނެޓް ބައްދަލުވުމުގައި އިސްރާއީލުން ޣައްޒާއަށް ދެމުންދާ "ލާއިންސާނީ ހަރުކަށި ޙަމަލާތައް" ކުށްވެރި ކުރިއެވެ. މި ހަނގުރާމަ ހުއްޓުވުމަށް ޓަކައި މަސައްކަތްތައް އިތުރު ކުރުމަށް ދައުޙާއިން ބައިނަލްއަޤުވާމީ މުޖްތަމަޢަށް ގޮވައިލިއެވެ.



advertisment