ވިލާތުން ޚަބަރު ލިބޭ ގޮތުގައި ޣައްޒާގެ ހަމަނުޖެހުންތަކާ ބެހޭ ގޮތުން ސިޔާސީ ވާހަކަދެއްކުމަށް ޓަކައި ޖަރުމަނުވިލާތުގެ ޚާރިޖީވަޒީރު ހެއިކޯ މާސް ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައި ހުޅަނގު އައްސޭރިއަށް ދަތުރުކުރާނެ ކަމަށް ޚަބަރު ލިބިއްޖެއެވެ.
ޖަރުމަނުގެ ޚާރިޖީ ވުޒާރާއިން އާންމުކޮށްފައިވާ ބަޔާނެއްގައިވާ ގޮތުން މާސް ބައްދަލުކުރާނީ އިސްރާއީލްގެ ރައީސް ރެއުވެން ރިވްލިނާއި ޚާރިޖީ ވަޒީރު ގެބީ އެޝްކެނާޒީ އާއި ދިފާޢީ ވަޒީރު ބެނީ ގޭންޓްޒާއެވެ.
ޖަރުމަނުގެ ޚާރިޖީވަޒީރު މާސް، ރާމަﷲގައި ފަލަޞްޠީނު އިދާރިއްޔަތުގެ ބޮޑުވަޒީރު މުޙައްމަދު އަޝްތިއްޔާއާ ބައްދަލުކުރާނެ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
މި ބައްލުވުން އަމާޒުކުރާނީ މެދުއިރުމަތީގައި މިހާރު ހޫނުވެފައިވާ ސީރިއަސް ހަމަނުޖެހުންތަކާ ބެހޭ ގޮތުންނާއި އެ ހަމަނުޖެހުން ނިމުމަކަށް ގެނައުމަށް ޓަކައި ބައިނަލްއަޤުވާމީ ގޮތުން ކުރެވިދާނެ ކަންތައްތަކާ ބެހޭ ގޮތުން ވާހަކަދައްކާށެވެ.
ޖަރުމަނުވިލާތަކީ އިސްރާއީލްގެ ވަފާތެރި ބައިވެރިއެކެވެ. ޖަރުމަނުންވަނީ އިސްރާއީލުގެ އަސްކަރީ ހަމަލާތަކަށް ތަކުރާރުކޮށް ތާއީދުކޮށްފައެވެ. އިސްރާއީލުގެ ލާއިންސާނީ ހަމަލާތަކަކީ އެ މީހުންގެ ނަފުސުގެ ދިފާޢުގައި ލިބިފައިވާ ހައްގެއް ކަމަށް ވެސް ޖަރުމަނުން ބުނެއެވެ.
އަނެއްކޮޅުން ޖަރުމަނުވިލާތުގެ ޚާރިޖީވުޒާރާގެ ތަރުޖަމާނު ވަނީ، އެ ހަމަނުޖެހުމުގައި، ޚާއްޞަކޮށް، ފަލަޞްޠީނުން ޝަހީދުވަމުންދާ އެ ހަމަނުޖެހުންތައް ހުއްޓައިލުމަށް ވެސް ގޮވައިލައިފައެވެ.
"އަހަރެމެން ފުރަތަމަ މަސައްކަތްކުރާނީ ހަމަލާތައް ހުއްޓުވުމަށް އެއްބަސްކުރުމަށެވެ. އެއަށް ފަހު ހަނގުރާމަ މުޅިން ހުއްޓައިލުމުގެ އެއްބަސްވުމެއް ޤާއިމުކުރާށެވެ." އެންޑްރިއާ ސެސޭ ރިޕޯޓަރުންނާ މުޚާޠަބުކޮށް ބުނެފައިވެއެވެ.

އިތުރުވަމުންދާ ހަމަނުޖެހުންތަކަށް 10 ދުވަސް ވެފައިވާ އިރު، ޑިޕްލޮމެޓިކް ވާހަކަތަކުން އެކަށީގެންވާ ކުރިއެރުމެއް ނުލިބި މި ވާހަކަތައް ވަނީ ނާކާމިޔާބުވެފައެވެ. މިއިން ކޮންމެ ވާހަކައެއް ވެސް ނާކާމިޔާބުވެފައިވަނީ އިސްރާއީލާއި އެމެރިކާގެ ސަބަބުންނެވެ.
މި ކަންތައް މިހެން ވަމުން ދާއިރު، މި ހަމަލާތައް ވަގުތުން ހުއްޓައިލާން ގޮވައިލައި އދ.ގެ ސަލާމަތީ މަޖިލީހުން ފާސްކުރާން އުޅުނު ކޮންމެ ޤާރާރެއް، އެމެރިކާގެ ބޭ އިންސާފު ސިޔާސަތާއެކު އެ މީހުންނަށް ލިބިފައިވާ ޣާއިރު ދިމުޤުރާޠީ ބާރު ބޭނުންކޮށްގެން ވަނީ ތަކުރާރުކޮށް ހުއްޓުވައިފައެވެ.
މިކަން މިހެން ހިނގަމުން ދާއިރު، ޣައްޒާ ސްޓްރިޕް ބަލަހައްޓާ ފަލަޞްޠީނުގެ ހަމާސް ޖަމާޢަތާ ސީދާ ވާހަކަދައްކާން ޖަރުމަނު ވިލާތުން ތަކުރާރުކޮށް ވަނީ ދެކޮޅު ހަދައިފައެވެ.
އިސްރާއީލު ރަޙުމެއް ނެތް ވައިގެ ޙަމަލާތަކުން މިހާތަނަށް މަދުވެގެން ފަލަސްޠީނުގެ 227 މީހުން ޝަހީދުވެ 1620 މީހަކަށް ވަނީ ބޮޑެތި ޒަޚަމްތަކެއް ލިބިފައެވެ. ޝަހީދުވި މީހުންގެ ތެރޭގައި 64 ކުޑަކުދީން ވެސް ހިމެނެއެވެ.
މީޑިއާއިން ލިބޭ ޚަބަރުތައް ބުނާ ގޮތުގައި ދެ ފަރާތުން ބަދަލުކުރި ޙަމަލާތަކުގައި އިސްރާއީލްގެ 12 މީހަކު ވަނީ މަރުވެފައެވެ. އަދި ގާތްގަނޑަކަށް 300 ވަރަކަށް މީހުން ވަނީ ޒަޚަމްވެފައެވެ.



advertisment