Support Us

ބައިޑްން- ޕޫޓިން ސަމިޓް: އެއްޗެއް ބިނދެވޭނެބާ!

އެމެރިކާގެ ރައީސް ޖޯ ބައިޑްނާއި ރޫސީ ރައީސް ވިލާޑިމީރު ޕޫޓިން ވަރަށް އަވަހަށް ބައްދަލު ކުރައްވާނެ ކަމަށް ލަފާކުރެވެއެވެ. މި ބައްދަލު ކުރެއްވުން ބޭއްވޭނެ ތަނަކާއި އެޖެންޑާއާމެދު އެއްބަސްވެ ވަޑައިގެންނެވުނުހާ އަވަހަކަށް މި ބޮޑު ސަމިޓް ބޭއްވޭނެ ކަމަށް ލަފާކުރެވެއެވެ.

މި ސަމިޓް ބޭއްވުމަށް ރައީސް ބައިޑްން އިޝާރަތް ކުރެއްވީ އެ ދެބޭފުޅުންގެ ދެމެދުގައި މި ހުސްވި މަހު ބޭއްވުނު ފޯން ކޯލަކަށް ފަހުގައެވެ. ރަޝިޔާއާއި އެމެރިކާއާ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން ކުޑަކުރުމުގެ މަސައްކަތް ފަށަން ވެއްޖެކަމަށް ރައީސް ބައިޑްން ވިދާޅުވުމުން ރަޝިޔާއިން ވަނީ މި ކަމަށް މަރްޙަބާ ކިޔައިފައެވެ.

މި މޭ މަހުގެ 4 ވަނަ ދުވަހު ރައީސް ބައިޑްން ވިދާޅުވިގޮތުގައި މި ބައްދަލުވުން މި އަންނަ ޖޫން މަހު ބޭއްވިދާނެ ކަމަށް އުއްމީދު ކުރެވެއެވެ. ރައީސް ބައިޑްން މި އަންނަ މަހު، އެމެރިކާގެ ރައީސްގެ ހައިސިއްޔަތުން ޔޫރަޕަށް ދަތުރުފުޅެއް ކުރައްވާނެއެވެ. އެއީ ޖީ-7ގެ ސަމިޓް ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ޓަކައެވެ. މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ ޖޫން މަހުގެ 11 ން 13 އަށެވެ. އެއަށްފަހު ރައީސް ބައިޑްން 14 ޖޫންގައި ބްރަސަލްސްއަށް ވަޑައިގަންނަވާނެއެވެ. އެއީ ނޭޓޯގެ ސަމިޓްގައި ބައިވެރިވެ ވަޑައިގެންނެވުމަށް ޓަކައެވެ.

"ޤާތިލެއް" ކަމަށް ވިދާޅުވުމަށްފަހު ބޭއްވޭ ފުރަތަމަ ބައްދަލުވުން

އެމެރިކާ ރަޝިޔާ ސަމިޓްތަކަކީ މުޅި ދުނިޔެ ވެސް ވަރަށް ސަމާލުކަންދޭ ބައްދަލުވުންތަކެކެވެ. މި ފަހަރުގެ ސަމިޓަށް ދުނިޔެ އިސްކަންދޭ އެތައް ސަބަބުތަކެއް ވެއެވެ. އޭގެތެރޭގައި އެ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުންތައް ވަރަށް ބޮޑަށް ނުބައިވެ ނުތަނަވަސްކަން ބޮޑުވުމުގެ އިތުރަށް ދެ ރައީސުންގެ ދެމެދުގައި މި ދިޔަ މާރިޗް މަހުގެތެރޭގައި "އިހާނެތިކަމާއި ފުރައްސާރައިގެ ބަސްތައް" ބަދަލުކުރެވިފައިވުން ވެއެވެ. އެހެންކަމުން މި ސަމިޓް ވަރަށް މުހިއްމު ސަމިޓަކަށް ވާނޭކަމަށް ދުނިޔެ ދެކެއެވެ. ރައީސް ބައިޑްން މި އަހަރުގެ ޖަނަވަރީގައި ރައީސްކަމަށް އިސްވެވަޑައިގަތުމުގެ ކުރިން މޮސްކޯ ވޮޝިންގްޓަން ގުޅުންތައް ވަނީ ނުބައިވާން ފަށައިފައެވެ. މި ނުތަނަވަސްކަން ފެށުނީ ރަޝިޔާގެ ވާދަވެރި އިދިކޮޅު ސިޔާސީއެއް ކަމުގައިވާ އެލެކްސީ ނަވަލްނީ ޝަރީޢަތަށް ހުށައެޅި ޖަލަށްލުމާ ވިދިގެންނެވެ. އެ ދުވަސްވަރު މުޙައްލިލުން ވިދާޅުވެފައިވާ ގޮތުގައި މިއީ ރައީސް ޕޫޓިން ރައީސް ބައިޑްންއަށް ފޮނުއްވި "ރީތީ" މެސެޖެކެވެ.

ދެ ރައީސުންގެ ދެމެދުގައި "ކޯޅުންތައް" ފަޅައިގެން ދިޔައީ މި ދިޔަ މާރިޗް މަހު ރައީސް ބައިޑްން، ރައީސް ޕޫޓިނަކީ "ޤާތިލެއް" ކަމަށް ސިފަކުރެއްވުމުންނެވެ. އެ އަށް ރައްދު ދެއްވަމުން ޕޫޓިން ވިދާޅުވި ގޮތުގައި އެހެން މީހުން ޤާތިލުން ކަމަށް ސިފަ ކުރާ މީހާ "ހަމަ ރަނގަޅަށް ވެސް ވާނީ އެ ކަހަލަ މީހަކަށެވެ." މިކަމާ ވިދިގެން ވޮޝިންގްޓަންގައި ހުންނެވި މޮސްކޯ ސަފީރު ރަށަށް ގެނެވުނެވެ.

މިއީ، މި ގޮތަށް ބާނި ބޮޑުވަމުން ދާތީ ރައީސް ބައިޑްން ބާނި ތިރިކުރެއްވޭތޯ ފެށްޓެވި މަސައްކަތެކެވެ. އޭނާ ބަސްމަގު ރަނގަޅު ކުރައްވަން ފެށްޓެވިއެވެ. "ރަޝިއާއެކު ނުތަނަވަސްކަން ކުޑަކުރުމުގެ ވަގުތު ޖެހިއްޖެ ކަމަށް" ވިދާޅުވިއެވެ. މިހާރު މޮސްކޯއާއި ވޮޝިންގްޓަނާ ދެމެދުގައި މަޝްވަރާތައް ކުރެވެމުން ދަނީ މި ސަމިޓް ބާއްވާނެ ތަނަކާއި މި ސަމިޓްގެ އެޖެންޑާއާ ބެހޭގޮތުންނެވެ.

ސަމިޓް ކޮން ރަށެއްގައި؟

އެމެރިކާގެ ޕޮލިޓިކޯ މަޖައްލާ ބުނާގޮތުގައި އެންމެ ދަތި މައްސަލައަކީ "ތަން.. ތަން.. ތަން.." ކަނޑައެޅުމެވެ. މި މަޖައްލާގައި މި ކަލިމަ ތިން ފަހަރު ތަކްރާރުކޮށް ލިޔުމުން އެއީ ވަރަށް އުދަނގޫ ކަމެއްކަން ދޭހަވެއެވެ. އެޖެންޑާއަކާ ހަމައަށް ދެވޭނީ ސަމިޓް ބާއްވާނެ ތަނެއް ލިބުމުންނެވެ. ދެ ރައީސުން މި ބައްދަލުވުމަށް މަރްޙަބާ ވިދާޅުވުމުން ދެ ފަރާތުގެ ބޭފުޅުން ވެސް ތަނެއް ހޯއްދެވުމުގެ މަސައްކަތް ވަނީ ފަށްޓަވައިފައެވެ. މި ކަމަށް އެންމެ އެކަށީގެންވާ ތިން ޤައުމަކީ ސްވިޒަރލެންޑާއި ފިންލެންޑާއި އޮސްޓްރިއާއެވެ. މި ތިން ޤައުމަށް އިސްކަންދެވެނީ މި ތިން ޤައުމު ނޭޓޯގައި ނުހިމެނޭތީއެވެ. މި ތިން ޤައުމަކީ މީގެކުރިން ވެސް މި ފަދަ ސަމިޓްތައް ބޭއްވިފައިވާ ޤައުމުތަކެކެވެ.

އެމެރިކާގެ ޤައުމީ ސަލާމަތާބެހޭ މަޖިލީހުގެ ކުރީގެ މެންބަރެއް ކަމުގައިވާ ޖޫލިޔާ ފްރެޑްލޭންޑް، ޕޮލިޓިކޯ މަޖައްލާއަށް ވިދާޅުވިގޮތުގައި މި ފަދަ ސަމިޓަކށް ވަރަށް ގިނަ ކަންތައްތަކެއް ތައްޔާރު ކުރަން ޖެހޭނެއެވެ. މި ސަމިޓުން ރައީސް ބައިޑަން ޙާޞިލް ކުރައްވަން ބޭނުންފުޅުވާ މަޤްޞަދުތަކުގެ ތެރޭގައި މޮސްކޯގެ ސުލޫކާމެދު ވޮޝިންގްޓަން ހިތްހަމަނުޖެހޭކަން މޭރުން ކޮށްދެއްވުން ކަމުގައިވާނަމަ ތާރީޚު ހަނދާންކޮށްދޭ ތަނަކަށް ސަމިޓް ބޭއްވޭ ތަން ހަދަން ޖެހޭނެއެވެ.

އަނެއްކޮޅުން ބަލާއިރު ރަޝިޔާއަކީ އެމެރިކާއަށް ބޯލަބާނެ ޤައުމެއް ނޫންކަން ހާމަކުރައްވަން ރައީސް ޕޫޓިން ބޭނުންފުޅުވާނެ ކަން ކަށަވަރެވެ. ރޫސީ ރައީސް ޕޫޓިން މި ދިޔަ އޭޕްރީލް މަހު އެ ޤައުމުގެ ބަރްލަމާނުގައި ވާހަކަފުޅު ދައްކަވަމުން ވޮޝިންގްޓަނަށާއި ހުޅަނގަށް ވަނީ އިންޒާރެއް ދެއްވައިފައެވެ. އޭނާ ވިދާޅުވިއެވެ. "ރަޝާއަށް ބިރު ދައްކާ ކޮންމެ މީހަކަށް މީގެ ކުރިން ދުވަހަކުވެސް ދެރަނުވާ މިންވަރަށް ފަހުން ދެރަވަން ޖެހޭނެކަން ދަންނަންވާނެއެވެ."

ރަޝިޔާއިން މި ސަމިޓްގެ ތާރީޚާ ބެހޭގޮތުން ބުނާގޮތުގައި ވައިޓްހައުސްއިން ހުށައަޅައިފައިވާ ތާރީޚަކީ މި އަންނަ ޖޫން މަހުގެ 15 އާ 16އާ ދެމެދެވެ. އޮސްޓްރިޔާއާއި ފިންލެންޑުން ވަނީ މި ސަމިޓަށް މެހެމާންދާރީ އަދާކުރާނެ ކަމަށް ބުނެފައެވެ. ރައީސް ޕޫޓިންގެ މީޑިއާ އެހީތެރިއާ ޔޫރީ އޮޝްކޯފް ވިދާޅުވާ ގޮތުގައި ސަމިޓެއް ބޭއްވުމާ ބެހޭގޮތުން ވައިޓްހައުސްގެ ހުށައެޅުން ކްރެމްލިނަށް ވަނީ ލިބިފައެވެ. މި ސަމިޓް ފަހަރެއްގައި މި އަންނަ  ޖޫން މަހުގައި ބޭއްވިދާނެއެވެ. ރޫސީ ޚާރިޖީ ވަޒީރު ލެފްރޯފް ވިދާޅުވާ ގޮތުގައި ސަމިޓެއް ބޭއްވުމަށް ވައިޓްހައުސްއިން ވަނީ ކްރެމްލިނަށް ހުށައަޅައިފައެވެ. މި ކަމަށް ކްރެމްލިނުން ވާނީ ވަރަށް އީޖާބީކޮށް ޖަވާބުދީފައެވެ.

ސަމިޓުން ޙާޞިލު ކުރެވޭނީ ކޮން ކަމެއް؟

އެމެރިކާއާއި ރަޝިޔާއާ ދެމެދުގައިވާ ގުޅުންތައް ވަނީ ވަރަށް ބޮޑަށް ނުތަނަވަސްވެފައެވެ. ނުތަނަވަސްކަން އޮތް ނަމަވެސް އެ ދެ ޤައުމުގެ ދެމެދުގައި އެއްބާރުލުން އޮތް މައިދާންތަކެއް ވެސް އެބަ އޮތެވެ. އޭގެތެރޭގައި ނިޔުކްލިއަރ ހަތިޔާރު ފެތުރުން މަނާކުރުމުގެ މައިދާނާއި، އީރާނުގެ ނިޔުކްލިއަރ ފައިލާއި އުތުރު ކޮރެއާގެ މަސްއަލައާއި އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފޭބުމަށްފަހު އެ ޤައުމުގެ ކުރިމަގާއި، ބައިޑްން ބާއްވަވަން ހަމަޖައްސަވަމުން ގެންދަވާ މޫސުމާ ބެހޭ ސަމިޓްގައި ރައީސް ޕޫޓިން ބައިވެރިވެ ވަޑައިގަތުމުގެ މަސްއަލައާއި، އެމެރިކާގެ ބައިވެރީންގެ ޢަސްކަރީ ބާރުތައް ދުނިޔޭގެ އެތަންމިތާނގައި ޙަރަކާތްތެރިވާ ޙަރަކާތްތެރިވުން ފަދަ ޙައްސާސު އެތައް މަސްއަލަތަކެއް ވެއެވެ.

މީގެ އިތުރަށް "ހުޅުވިފައިވާ ޖައްވު" އާ ބެހޭ މުޢާހަދާ އައު ކުރުމުގެ މަސްއަލަ އެޖެންޑާގައި ހިމެނިގެން ދާނެކަމަށް ވެސް ލަފާކުރެވެއެވެ. މި މުޢާހަދާގެ ސަބަބުން ކަނޑައެޅިފައިވާ ޝަރްޠުތަކެއްގެ މަތިން އެއްބައެއްގެ ޢަސްކަރީ ތަންތަނަށް ފާރަލުމުގެ ދަތުރުތައް ކުރުމުގެ ހުއްދަ އަނެއް ބަޔަކަށް ލިބޭނެއެވެ. މި މުޢާހަދާއިން އެމެރިކާއާއި ރަޝިޔާ ވަނީ ވަކިވެފައެވެ. ވޯޝިންގްޓަން ޕޯސްޓް ދުވަހު ނޫސް ބުނާގޮތުގައި މި މުޢާހަދާ އަށް އަލުން ދިރުން ގެންނަން އެ ދެ ޤައުމު ޝައުޤުވެރިވެއެވެ.

މި ސަމިޓްގައި ބަލައިނުލެވޭނެ މަސްއަލަތަކެއް ވެސް ވެއެވެ. އޭގެތެރޭގައި ރަޝިޔާގެ އިދިކޮޅު ޒަޢީމެއް ކަމުގައިވާ ނާވަލްނީގެ މަސްއަލައާއި ޔުކްރޭންގެ މަސްއަލަ ވެއެވެ. މި ދެ މަސްއަލައަކީ ބައިޑްންއަށް ވަރަށް މުހިއްމު ދެ މަސައަލައެކެވެ.

ފަހަކަށް އައިސް ރަޝިއާއިން ވަނީ ޔުކްރޭން ސަރަޙައްދު ކައިރިއަށް ޢަސްކަރީ ބާރުތައް ޖަމާކޮށް ވަރުގަދަކޮށްފައެވެ. އެއީ ޔުކްރޭނުން ވަކިވަން އެދޭ އެ ޤައުމުގެ އިރުމަތީ ސަރަޙައްދުގައި ދިރިއުޅޭ އަޞްލު ރޫސީންނަށް މޮސްކޯއިން ވާގިވެރިވާތީ އުފެދިފައިވާ މަސްއަލައެއް ކަމަށް ޔުކްރޭނުންނާއި ހުޅަނގުން ތުހްމަތު ކުރެއެވެ. ރައީސް ޕޫޓިން ވިދާޅުވާ ގޮތުގައި މިއީ ދާޚީލީ މަސްއަލައެކެވެ. އެކަމާ ރަޝިޔާއަކުން ނުބެހޭނެއެވެ. އަދި އެހެން ބަޔަކުވެސް ބެހިގެން ނުވާނެއެވެ.

ބައިނަލްއަޤްވާމީ އިސްތިރާތީޖީ ދިރާސާތަކާބެހޭ މަރްކަޒު (ސީއެސްއައިއެސް)ގެ ޔޫރަޕާބެހޭ ޕްރޮގްރާމުގެ ޑިރެކްޓަރ ހައިދަރ ކޮންލީ ވިދާޅުވާ ގޮތުގައި މި ސަމިޓުން މޮސްކޯ،  ވޮޝިންގްޓަނަށް ދޭން ބޭނުންވާ މެސެޖްތަކުގެ ތެރޭގައި އެމެރިކާއާއެކު ގުޅުންތައް ރަނގަޅު ކުރުމަށް މަގުފަހިނުކުރާނަމަ ބޭޖިންގާ އެކު މޮސްކޯއިން ގުޅުންތައް އިތުރަށް ތަރައްޤީ ކުރަމުންދާނެކަމުގެ މެސެޖް ވެއެވެ. މި ކަމުގެ ހިތި އެމެރިކާއަށް ފެންނާނެ ކަމަށް މުޙައްލިލުން ވިދާޅުވެއެވެ.

މި ސަމިޓަށް ހުށައެޅޭނެ ކަމަށް ބެލެވޭ މަސްއަލަތަކުގެ ތެރޭގައި ބިލޯރޫސިޔާގެ ފައިލް ވެއެވެ. ރައީސް ޕޫޓިން ވިދާޅުވާ ގޮތުގައި މޮސްކޯއިން އެ ޤައުމުގެ ޤާނޫނީ ރައީސަށް ތާއީދު ކުރާނެއެވެ. ރައީސް ލޮކަޝަންކޯ ތުހްމަތު ކުރައްވާ ގޮތުގައި އޭނާ އަވަހާރަކޮށްލައި ސަރުކާރު ވައްޓައިލުމުގެ މަސައްކަތުގައި ބޭރުގެ އަތެއް ވެއެވެ. މިއީ އެމެރިކާގެ ޖާސޫސީ އިދާރާ ސީއައިއޭ ކަމަށް އިނގިލި ދިއްކުރެވެއެވެ.

ސޫރިޔާގެ މަސްއަލައަށް ބަލާއިރު މޮސްކޯއާއި ވޮޝިންގްޓަން އޮތީ މަސްއަލައިގެ ދިމާ ދެކޮޅުގައެވެ. ޕޫޓިން ތާއީދު ކުރައްވަނީ ރައީސް އަސަދަށެވެ. ވޮޝިންގްޓަނުން ވާގިވެރިވަނީ އަސަދާ އިދިކޮޅު ޖަމާޢަތްތަކަށެވެ. އޭގެތެރޭގައި ކުރްދީން ހިމެނެއެވެ.ތުރްކީން އެމެރިކާ ދެކެ ރުޅި އައިސްފައި ވަނީ ކުރްދީންނަށް އެހީވާތީއެވެ.

މި ސަމިޓް ބޭއްވެމުންދާއިރު ފަރުދާގެ އަނެއް ފަރާތުގައި ބޭޖިންގް އޮންނާނެއެވެ. މި ސަމިޓްގެ ސަބަބުން މޮސްކޯއާ ބޭޖިންގާ ދެމެދުގައި ގުޅުންތައް ބަދަހިވެގެން ދިޔުމެވެ. ނުވަތަ ވޮޝިންގްޓަނާ އެކު ގުޅުންތައް ރަނގަޅުވުމެވެ. މި ނަތިޖާ އޮންނާނީ ރޫސީ ސާރިދޯޅުގެ މައްޗަށް ބައިޑްނަށް ފޯރުއްވެވޭ ނުފޫޒާއި ތާސީރުގެ މަތީގައެވެ. ދެކޮޅުން ވެސް މަންފާ އޮތީ ޕޫޓިނަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *