Support Us

ނަތަންޔާހޫއަށް ފުރްޞަތު ގެއްލިއްޖެ

އިސްރާޢީލުގައި އެންމެ ދިގު މުއްދަތަކަށް ވެރިކަން ކުރެއްވި ޒަޢީމު ބުންޔާމީން ނަތަންޔާހޫއަށް ސަރުކާރެއް އެކުލަވައިލެއްވުމަށް ލިބިވަޑައިގެންނެވި މުއްދަތުގައި އެ މަސައްކަތުގައި ނާކާމިޔާބުވެ ވަޑައިގަންނަވައިފިއެވެ.

ޢުމުރުފުޅުން 71 އަހަރުވީ ނަތަންޔާހޫއަށް ސަރުކާރެއް އެކުލަވައިލެއްވުމަށް ބޭނުންފުޅުވާ 61 ގޮނޑި ހޯއްދެވުމަށް 28 ދުވަހު މަސައްކަތް ކުރެއްވުމަށްފަހު އެކަމުގައި ކުރިއަށް ވަޑައިނުގެންނެވޭނެކަން ވަނީ ކަށަވަރުވެ ވަޑައިގެންފައެވެ. އޭނާއަށް ހޯއްދެވުނީ 59 ގޮނޑިއެވެ. އިސްރާއީލުގެ ރައީސް ރައޫފީން ރިފްލީނަށް އިތުރު 14 ދުވަހުގެ މުއްދަތެއް ދެއްވިދާނެއެވެ.

ފަނަރަ އަހަރު ބޮޑުވަޒީރުކަމުގައި ހުންނެވި ނަތަންޔާހޫ ތިން މަސްއަލައެއްގައި ޝަރީޢަތަށް ގެންދެވެމުންދާކަން ވެސް ފާހަގަކުރަން ޖެހެއެވެ. އެއީ ޚިޔާނަތާއި ރިޝްވަތާއި ޓެކުމާ ބެހޭ މަސްއަލަތަކެއްގައެވެ.

ޔަމީނާ ޕާޓީގެ ރައީސް ނަފްތާލީ ބީނީތު

ނަތަންޔާހޫ އަށް ނާކާމިޔާބު

ނަތަންޔާހޫގެ ލީކޫޑް ޕާޓީގެ މަސްއޫލުވެރިއަކު ރަސްމީ "ކާން" ޗެނެލަށް ދެއްވި ބަޔާނެއް ބުނާގޮތުގައި "ސަރުކާރެއް އެކުލަވައިލުމަށް އަހުރެމެންނަށް ލިބުނު ފުރްޞަތު ގެއްލިއްޖެއެވެ. އެ މުއްދަތު އިތުރުކޮށްދެއްވުމަށް ރައީސްގެ އަރިހަކުން ނޭދޭނަމެވެ."

އެންމެފަހު ވަގުތުގައި ނަތަންޔާހޫ ޔަމީނާ ޕާޓީގެ ރައީސް ނަފްތާލީ ބީނީތުގެ އަރިހަށް ވަޑައިގެން ކޯލިޝަންގައި ބައިވެރިވެ ވަޑައިގަތުމަށް އާދޭސް ދެންނެވިއެވެ. ބަހައިގެން ބޮޑުވަޒީރުކަން ކުރުމުގެ ފުރްޞަތު ވެސް ނަތަންޔާހޫ، ޔަމީނާ ޕާޓީގެ ޒަޢިމަށް ދެއްވިއެވެ. އެކަމަކުވެސް އޭނާ ނަތަންޔާހޫގެ ސަރުކާރުގައި ބައިވެރިވެ ވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވިއެވެ. ނަތަންޔާހޫ އޭނާގެ ޓްވިޓަރު ޞަފްޙާގައި  ލިޔުއްވިއެވެ. "ނަފްތާލީ! މަނިކުފާނަކީ ކަނާތު ފިޔައިގެ ބޭފުޅަކީމެވެ."

ލީކޫޑު ޕާޓީގެ ޓްވީޓަރ ޞަފްޙާގައި ލިޔެފައިވެއެވެ. "ކަނާތު ފިޔައިގެ ސަރުކާރެއްގައި ބައިވެރިވުމާ ބީނީތު ދެކޮޅު ހެއްދެވުމުން ބޮޑުވަޒީރު ނަތަންޔާހޫ ވަނީ މަސްއަލަ ރައީސާ ހަމައަށް ގެންދަވައިފައެވެ."

އިދިކޮޅު ލީޑަރު ޔާއީރު ލާބީދު

އިދިކޮޅު ޒަޢީމު ކިހިނެއް ވާނެބާ!

މިހާރު ލަފާކުރެވޭ ގޮތުގައި އިސްރާއީލުގެ ރައީސް ސަރުކާރު އެކުލަވައިލުމުގެ މަސައްކަތް ދެން ޙަވާލު ކުރައްވާނީ އިދިކޮޅު ލީޑަރު ޔާއީރު ލާބީދު އާއެވެ. އޭނާއަކީ "އެތާނގައި ކުރިމަގު" ނަމަކަށް ކިޔާ ސިޔާސީ ޕާޓީގެ ޒަޢީމެވެ. އޭނާއަށް ވެސް 28 ދުވަހުގެ މުއްދަތެއް ލިބިވަޑައިގަންނަވާނެއެވެ. މި މުއްދަތުގައި ސަރުކާރެއް އެކުލަވައިނުލެއްވިއްޖެނަމަ އިސްރާއީލުގެ ރައީސަށް ޖެހިވަޑައިގަންނަވާނީ މި  މަސްއަލަ ކަނީސަތަށް ހުށައަޅުއްވާށެވެ. ކަނީސަތަށް ސަރުކާރެއް އެކުލަވައި ނުލެވިއްޖެނަމަ ދެންޖެހޭނީ އަލުން އިންތިޚާބަކަށްދާށެވެ.

ވޭތުވެދިޔަ ދެ އަހަރުގެތެރޭގައި އިސްރާއީލުގައި ވަނީ ބަރްލަމާނީ ހަތަރު އިންތިޚާބު ބޭއްވިފައެވެ. އިސްރާއީލުގެ ޚަބަރު ފަތުރާ ވަސީލަތްތައް  ލަފާކުރާގޮތުގައި އިސްރާއީލުގައި ސަރުކާރެއް އެކުލަވައިލުމުގެ ފުރްޞަތު ވަރަށް ހަންޏެވެ.

އިދިކޮޅުން ބޭނުން ވަނީ ނަތަންޔާހޫ ވައްޓައިލަން

އިސްރާއީލުގެ އިދިކޮޅު ޕާޓީތަކަށް ބަލާއިރު އެމީހުންގެ މެދުގައި އެއްބަސްވުމެއް ނެތެވެ. އެމީހުންގެ ހަމައެކަނި ބޭނުމަކީ ނަތަންޔާހޫ ވެރިކަމަށް ވަޑައިގަތުން މަނާކުރުމެވެ. ލީކޫޑު ޕާޓީގެ މަރްކަޒީ ކޮމެޓީގެ މެންބަރަކު ދަ ފައިނަންޝަލް ޓައިމްސް ދުވަހު ނޫހަށް ދެއްވި ބަޔާނެއް ބުނާގޮތުގައި ((މީގެ ކުރިން ޤުދުސުގައި މުޅަމަސް ކާން ބާޒުތައް އުޅޭތަނެއް ނުދެކެމެވެ. މިއަދު އެ ދޫނިތައް ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގެ ވަށައިގެން އެބަ އެނބުރެއެވެ.))

ފެންނަފެނުމުގައި އަޣްލަބިއްޔަތެއް ނެތް ސަރުކާރެއް އެކުލަވައިލެވޭތޯ އިދިކޮޅު ޕާޓީތަކުން އެބަ މަސައްކަތް ކުރެއެވެ. މި ޖަމާޢަތުގައި އިސްލާމީ ޕާޓީއެއްވެސް ބައިވެރިވާނެއެވެ. އެއީ އިޚްވާނުލްމުސްލިމީންގެ ފިކްރުގެ ބައެކެވެ. އިދިކޮޅު ޕާޓީތައް ވަނީ ހުރިހާ ކަމެއްގައި ދެބަސްވެފައެވެ. ކިތައް ވުޒާރާތޯ؟ ކޮންބޭފުޅުންނެއްތޯ؟ އެންމެ ފުރަތަމަ ބޮޑުވަޒީރަކަށް ވެވަޑައިގަންނަވާނީ ކޮން ބޭފުޅެއްތޯ؟ ނަތަންޔާހޫއަށް ތާއީދުކުރާ ކަނާތު ފިޔައިގެ މެންބަރުންކޮޅެއް ގެންނާނީ ކިހިނަކުންތޯ؟ މިފަދަ މަސްއަލަތަކުގައި އެއްވެސް އެއްބަސްވުމެއް ނެތެވެ.

މަންޞޫރު ޢައްބާސް

އަސާސީ ދައުރެއް ކުޅުމުގައި އިސްލާމީ ފިކްރުގެ ޕާޓީއެއް

މި ޕާޓީއަކީ 48ގެ ޢަރަބީންގެ ކޯލިޝަނެކެވެ. މި ޕާޓީގައި ހިމެނެނީ ފަސް ޕާޓީއަކުން ވަކިވެފައިވާ މެންބަރުންތަކެކެވެ. މި ބޭފުޅުން ވިދާޅުވާ ގޮތުގައި ޢަރަބީންނަށް އިޙްތިރާމު ކުރާނަމަ އެ ބޭފުޅުން ޞިހްޔޫނީ ސަރުކާރަކަށް ވިޔަސް އެ ސަރުކާރަށް ތާއީދު ކުރައްވާނެއެވެ. މި ޙަރަކާތުގެ ޒަޢީމަކީ މަންޞޫރު ޢައްބާސެވެ. އޭނާއަކީ އިސްރާއީލުގެ އިސްލާމީ ޙަރަކާތުގެ ބާނީ އައްޝައިޚު ރާއިދު ޞަލާޙުގެ ސިޔާސީ ފިކްރާ ޚިލާފު ފިކްރެއްގެ ވެރިއެކެވެ. އައްޝައިޚު ރާއިދު ޞަލާޙު ވިދާޅުވާ ގޮތުގައި ކަނީސަތަކީ 48ގެ ޢަރަބީންނަށް ޚިދްމަތްކުރުމަށް އެކަށީގެންވާ މަންސައެއްނޫނެވެ. އެހެނަސް ޢައްބާސް ދެކެވަޑައިގަންނަވާ ގޮތުގައި ފަލަސްޠީނުގެ މުޖްތަމަޢަށް ޚިދްމަތް ކޮށްދެވޭނީ ބަރްލަމާނުގެ ތެރެއިންނެވެ.

ޢައްބާސަކީ ދަތުގެ ޑަކްޓަރެކެވެ. އޭނާ ސިޔާސީ މައިދާނަށް ނުކުމެވަޑައިގަތީ މީގެ ތިން އަހަރު ކުރިންނެވެ. އޭނާ ވިދާޅުވާ ގޮތުގައި އޭނާގެ ފުރަތަމަ ޝަރްޠަކީ އޭނާގެ ޕާޓީއަށް އިޙްތިރާމު ކުރަން ޖެހޭނެއެވެ. ދެވަނަ ޝަރްޠަކީ އުތުރު ފަލަސްޠީނުގައި ދިރިއުޅޭ ޢަރަބީންނަށް ބޭނުންވާ މަދަރުސާތަކާއި ހަސްފަތާލުތައް ހަދާދޭންވާނެއެވެ. ނަތަންޔާހޫގެ ޕާޓީއަކީ ޢަރަބިންނާއެކު އެއްބާރުލުމާ ދެކޮޅުހަދާ ބައެކެވެ. ލީކޫޑުން ތުހްމަތު ކުރާގޮތުގައި ޢައްބާސް އިންތިޚާބުކުރި މީހުންނަކީ ނިރުބަވެރީންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *