Support Us

މެދުއިރުމަތި ބައްޓަންކުރުމުގެ މަސައްކަތް އެމެރިކާއިން ފަށަނީ

އެމެރިކާގެ އައު ސިޔާސަތާ އެއްގޮތަށް މެދުއިރުމަތި ބައްޓަންކުރުމަށް ޓަކައި ރައީސް ބައިޑްންގެ ޚާޢްޞަ ވަފްދެއް މެދުއިރުމަތީގެ މުހިއްމު 4 ޤައުމަކަށް މިއަދު ދަތުރެއް ފަށައިފިއެވެ. މި ދަތުރުގައި ހިމެނެނީ އެކުވެރި ޢަރަބި އިމާރާތާއި އުރްދުނާއި، މިޞްރާއި ސުޢޫދީ ޢަރަބިއްޔާއެވެ. މި ވަފްދުގެ ބުރު ނިމޭނީ މި މަހުގެ 7ވަނަ ދުވަހުއެވެ.

މި ވަފްދުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ އެމެރިކާގެ ޚާރިޖީ ވުޒާރާގެ މުޝީރު ޑެރެކް ޝުލެޓާއި، އެމެރިކާގެ ޤައުމީ ސަލާމަތާބެހޭ މަޖިލީހުގެ މެދުއިރުމައްޗާއި އުތުރު އެފްރިކާއާ ބެހޭ ވިލަރެސްވެރިޔާ ބްރެޓް މެކްގަރކާއި، އެމެރިކާގެ ޚާރިޖީ ވުޒާރާގެ ކައިރި އިރުމައްޗާބެހޭ ބައިގެ އެހީތެރިޔާ ޖޯއީ ހޫޑާއި ، އެމެރިކާގެ ދިފާޢީ ވުޒާރާގެ މެދުއިރުމައްޗާބެހޭ ބައިގެ ނައިބު ޑާނާ ސްޓްރޯލެވެ.

ދުރު ރާސްތާ އިސްތިރާތީޖީއަކާމެދު

އެމެރިކާއިން އިޢުލާން ކުރިގޮތުގައި މި ވަފްދު ޒިޔާރަތް ކުރާނީ އަބޫ ޡަބްޔަށާއި ޢާއްމާނަށާއި ޤާހިރާއަށާއި ރިޔާޟަށެވެ. މި ބޭފުޅުން އެ ޤައުމުތަކުގެ ސަރުކާރުތަކުގެ އިސް މަސްއޫލުވެރީންނާ ބައްދަލު ކުރައްވާނެއެވެ. މި ވަފްދު މި ޤައުމުތަކުގެ މަސްއޫލުވެރީންނާއެކު ބަޙުސް ކުރައްވާނީ ސިޔާސީ، އިޤްތިޞާދީ ސަޤާފީ އަދި ސަލާމަތީ މަސްއަލަތަކާއި އެމެރިކާއާއި އެމެރިކާގެ މި ޙިއްޞާދާރުންނާއެކު މި މައިދާންތަކުގައި ދުރު ރާސްތާ އިސްތިރާތީޖީއެއް ޤާއިމުކުރުމާ ބެހޭގޮތުންނެވެ.

އެމެރިކާގެ ޚާރިޖިއްޔާއިން ބުނިގޮތުގައި މި ވަފްދު އަބޫ ޡަބްއިގައި ބަޙްސް ކުރާނީ ސަރަޙައްދީ ތަފާތު މަސްއަލަތަކާ ބެހޭގޮތުންނެވެ. މޫސުމަށް އަންނަ ނޭދެވޭ ބަދަލުތައް ކުޑަކުރުމަށާއި ސާފު ހަކަތަ ވަރުގަދަކުރުމުގެ މައިދާނުގައި އެއްބާރުލުން އިތުރު ކުރުމަށާއި އެމެރިކާއާއި އިމާރާތާ ދެމެދުގައި އިސްތިރާތީޖީ ބައިވެރިވުން ވަރުގަދަކުރުމާ ބެހޭގޮތުން މަޝްވަރާތައް ކުރެވޭނެއެވެ.

މި ވަފްދު ޢައްމާނުގައި ބަޙްސު ކުރާނީ އެމެރިކާއާއި އުރްދުން އިސްކަންދޭ ސަރަޙައްދީ މަސްއަލަތަކާ ބެހޭގޮތުންނާއި އެމެރިކާއާއި އުރްދުނާ ދެމެދުގައި ދުރު ރާސްތާ އިސްތިރާތީޖީއެއް ޤާއިމު ކުރުމާ ބެހޭގޮތުންނާއި، އުރްދުނުގެ އިޤްތިޞާދު އިޞްލާޙު ކުރުމުގެ އެޖެންޑާ ކުރިއަށް ގެންދިޔުމާ ބެހޭގޮތުންނެވެ.

އިންސާނީ ޙައްޤުތަކާއި ދޭދޭ ގުޅުންތައް

އެމެރިކާގެ ޚާރިޖިއްޔާއިން ހާމަކުރިގޮތުގައި ޤާހިރާގައި މި ވަފްދު ބަޙުސް ކުރާނީ ސަރަޙައްދީ ސަލާމަތާއި އަމުނާ ބެހޭގޮތުންނާއި، އިޤްތިޞާދީ މައިދާނުގައްޔާއި އިންސާނީ ޙައްޤުތަކުގެ މައިދާނުގައި އެއްބާރުލުން އިތުރުކުރުމާ ބެހޭގޮތުންނާއި، އެމެރިކާއާއި މިޞްރާ ދެމެދުގައިވާ ޚާއްޞަ ދޭދޭ ގުޅުންތަކާ ބެހޭގޮތުންނެވެ.

އެމެރިކާގެ ވަފްދު ރިޔާޟަށް ކުރާ މި ދަތުރުގައި ސުޢޫދީ ޢަރަބިއްޔާގެ އަމްނަށާއި ސަލާމަތީ ކަންކަމަށް އެމެރިކާގެ އެއްބާރުލުމާއި ވާގިވެރިކަން ލިބޭނެކަން ކަށަވަރުކޮށްދޭނެއެވެ. ވާހަކަ ދައްކައިގެން ޞުލްޙަވެރިކަމާއެކު ޔަމަނުގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޓަކައި ކުރެވެމުންދާ މަސައްކަތްތަކާ ބެހޭގޮތުން މި ވަފްދު ރިޔާޟަށް މަޢުލޫމާތު ދޭނެއެވެ. ސުޢޫދީ ޢަރަބިއްޔާގެ އިންސާނީ ޙައްޤުތަކާ ބެހޭ ފައިލާ ބެހޭގޮތުން މަޝްވަރާ ކުރާނެއެވެ. މީގެ އިތުރަށް ސުޢޫދީ އިޤްތިޞާދު ސިންދަފާތު ކުރުމަށް ކުރަމުން ގެންދާ މަސައްކަތްތަކުގައްޔާއި މޫސުމާ ބެހޭ ކަންކަމުގައި އެމެރިކާއިން އެއްބާރުލުމާ ބެހޭގޮތުން ވެސް މަޝްވަރާ ކުރާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *