ސުޢޫދީ ވަލީ ޢަހްދު މުޙައްމަދު ބިން ސަލްމާން އޭނާގެ 2030ގެ ތަޞައްވުރަށް ފަސް އަހަރު ފުރުމުގެ މުބާސަބަތުގައި ދެއްވި ޓީވީ ބަސްދީގަތުން ސިޔާސީ ބަސްދީގަތުމަކަށްވުރެ ބޮޑަށް ދީނީ ފިކްރީ ބަސްދީގަތުމަކަށް ވެއްޖެއެވެ. އަމީރު މުޙައްމަދު ބިން ސަލްމާނު އިސްލާމީ ފިޤްހާއި ޙަދީސް ޢިލްމާ ބެހޭގޮތުން ދެއްކެވި ވާހަކަފުޅުތައް ވެފައިވަނީ އޭގެ އަޑު މުޅި ދޭސް ގުގުމައިލި ބޮމަކަށެވެ. އެއީ ސުޢޫދީ ޢަރަބިއްޔާގެ ދީނީ މަންހަޖަށް ބަދަލުތަކެއް އަތުވެދާނެކަމުގެ އިޝާރަތެއް ބާވައެވެ؟ އެއީ ސުޢޫދީން ތަބާވަމުން ދާ ސަލަފީ މަންހަޖާ އެކެހެރވުން ބާވައެވެ؟ އެއީ ޝަރްޢީ ޙުކުންތަކެއް ކަމަށް ބައެއް ޢިލްމުވެރިން ދެކެވަޑައިނުގަންނަވާ ޙުކުންތައް އެއްފަރާތަށް ލުމަށް މަގުފަހި ކުރުމެއް ބާވައެވެ؟
ޢަމަލު ކުރާނީ ކީރިތި ޤުރްއާނަށާއި މުތަވާތިރު ޙަދީސަށް
އަމީރު މުޙައްމަދު މި ބަސްދީގަތުމުގައި ވިދާޅުވިއެވެ. ((އަހުރެމެން ޢަމަލު ކުރާނީ ޤުރްއާނަށާއި މުތަވާތިރު ޙަދީސަށެވެ. އާޙާދު ޙަދީސަކަށް ނޫނެވެ.)) މި ބަސްފުޅުގެ މާނައާމެދު ސުވާލު އުފެދެއެވެ. އޭގެ މާނައަކީ ސުޢޫދީ ޢަރަބިއްޔާގައި މިހާރު ޤާއިމު ކުރެވެމުންދާ ގިނަ ޙައްދުތައް ޤާއިމުކުރުން ހުއްޓައިލުންތޯ ދިރާސާކުރައްވާ ބޭފުޅުން ސުވާލު ކުރައްވައެވެ. ޒިނޭއަށް ބަލާއިރު ޤުރްއާނުގައި އައިސްފައިވާ ޙުކްމަކީ ޒިނޭކުރިމީހާ ސަތޭކަފަހަރުން ޙައްދު ޖެހުމެވެ.ޤުރްއާނުން ސާބިތުވެފައިވާ ދެވަނަ ޙައްދަކީ ޤަޛްފުގެ ޙައްދެވެ. ޒިނޭކުރާ މުޙްޞަނުން ރަޖަމު ކުރުމުގެ ޙައްދަކީ ޤުރްއާނުގައި އައިސްފައިވާ ޙައްދެއް ނޫނެވެ.ހަމައެފަދައިން ރާބުއިމުގެ ޙައްދަކީ ވެސް ޤުރްއާނުގައި އައިސްފައިވާ ޙައްދެއްނޫނެވެ. ސުޢޫދީ ޢަރަބިއްޔާގައި ރަޖްމު ކުރެއެވެ. އެއީ އާޙާދު ޙަދީސުން ސާބިތުވެފައިވާ ޙައްދެކެވެ.
ބިން ސަލްމާނުގެ ވާހަކަފުޅުގައި އައިސްފައި ވެއެވެ. ((އަހުރެމެންގެ ދުސްތޫރަކީ ޤުރްއާނެވެ. އެ ދުސްތޫރު ދާއިމަށް ދެމި އޮންނާނެއެވެ. މި ދުސްތޫރުގައި ޙުކުންތަކުގެ އަސާސީ ނިޒާމު ސާފު ނައްޞުން އައިސްފައި ވެއެވެ. އަހުރެމެން ސަރުކާރުގެ ހައިސިއްޔަތުން އަދި ޝޫރާ މަޖިލިސް ޤާނޫނު ހަދާ ހައިސިއްޔަތުން އަދި ރަސްގެފާނު ތިން ބާރުގެ މަރްޖިޢުގެ ގޮތުން ޤުރްއާން ތަޠުބީޤު ކުރުމުގައި ކަށަވެތިވާނެއެވެ. އެހެނަސް އިޖްތިމާޢީ އަދި ޝަޚްޞީ ކަންކަމުގައި އަހުރެމެންގެ މައްޗަށް ލާޒިމުވެގެންވަނީ ޤުރްއާނުގައި ސާފު ބަހުން އައިސްފައިވާ ނައްޞުތައް ތަންފީޒު ކުރުމަށެވެ. އެބަހީ ޤުރްއާނުގައި ސާފު ނައްޞެއް ނެތްނަމަ ނުވަތަ ސުންނަތުގައި ޞަރީޙަ ނައްޞެއް ނެތްނަމަ ޝަރްޢީ ޢުޤޫބަތެއް ތަންފީޒު ކުރުން އަހުރެމެންގެ މައްޗަށް ވާޖިބުވެގެން ނުވެއެވެ.))
ބިން ސަލްމާން ވިދާޅުވިއެވެ. ((ޤުރްއާން ހުރިހާ ޒަމާނަކަށާއި ތަނަކަށް އެކަށީގެން ވެއެވެ.ޝަރްޢީ ކަންތައްތަކަށް ބަލާއިރު ސަރުކާރުގެ މައްޗަށް ލާޒިމުވެގެން ވަނީ ޤުރްއާނުގެ ނައްޞުތަކާއި، މުތަވާތިރު ޙަދީސްތަކުގެ ނައްޞުތަކާ އެއްގޮތަށް ޢަމަލު ކުރުމަށެވެ. އާޙާދު ޙަދީސްތަކަށް ޢަމަލު ކުރުމުގައި ބަލާނީ އޭގެ ޞައްޙަކަމަށާއި ޟަޢީފުކަމަށާއި އޭގެ ވަޟްޢަށެވެ. އިންސާނާގެ މަޞްލަޙަތު އޭގައި ނުހިމެނޭ ޚަބަރީ ޙަދީސަށް އެއްގޮތަކަށް ވެސް ނުބެލޭނެއެވެ.))
މުތަވާތިރު ޙަދީސަކީ އެ ޙަދީސް ރިވާކުރި މީހުންގެ ޢަދަދު ގިނަކަމުން ދޮގެއް ހެދުމަށް އެއްބަސް ވެދާނެކަމަށް ޤަބޫލު ނުކުރެވޭ ފަދަ ބޮޑު ޖަމާޢަތަކުން ދޭ ޚަބަރެވެ. އަލްއިމާމު އައްސަރްޚަސީ ވިދާޅުވާ ގޮތުގައި މުތަވާތިރަކީ ކީރިތި ރަސޫލާ ﷺ އާ ގުޅިގެން މެދު ނުކެނޑި އަހަރެމެންނާ ހަމައަށް ނަޤްލުވާ ޚަބަރެވެ. މުތަވާތިރު ޚަބަރު ޟަރޫރީ ޢިލްމަކަށް ވާނީ ޝަރްޠުތަކެއްގެ މަތިންނެވެ. މި ޝަރްޠުތަކަކީ:-
- އެބައިމީހުން ޚަބަރު ދޭ ކަމަކީ ކޮން ކަމެއްކަން އެނގޭ ބަޔަކު ކަމުގައި ޚަބަރުދޭ މީހުން ވުން.
- ދެވަނަ ޝަރްޠަކީ: ޚަބަރުދޭ މީހުން އެ ޚަބަރެއް ދިނީ އިވިގެން ނުވަތަ ފެނިގެން ކަމުގައި ވުން
- ތިންވަނަ ޝަރްޠަކީ: ޚަބަރުދޭ މީހުންގެ ޢަދަދު ދޮގެއް ހެދުމަށް އެއްބަސް ވެދާނެކަމަށް ނުބެލެވޭހައި ބޮޑު އަދަދެއް ކަމުގައިވުން.
- ހަތަރުވަނަ ޝަރްޠަކީ: އެ ޚަބަރެއް ނަޤްލު ކުރުމުގެ ކޮންމެ މަރްޙަލާއެއްގައި ތަވާތުރުގެ ޢަދަދު ހަމަވުން.
- ޚަބަރު ދޭ މީހުން ޢަދްލުވެރި ބަޔަކު ކަމުގައި ވުން.
- ޚަބަރު ދޭ މީހުން ހަމަބުއްދި ސަލާމަތުން ހުރި ބަޔަކު ކަމުގައި ވުން.
މި ޝަރްޠުތައް ފުރިހަމަ ނުވާނަމަ އެއީ އާޙާދު ޙަދީސްތަކެކެވެ. އާޙަދު ޙަދީސަށް އެތައް ދަރަޖަތަކެއް ވެއެވެ.
ބިން ސަލްމާން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. ((ސުންނަތުގެ ޞަރީޙަ ނައްޞޭ މި ބުނަނީ ޙަދީސްތައް ފުރޭފު ކުރެވިފައި ވަނީ އަލްބުޚާރީއާއި މުސްލިމުގެ މިންގަނޑުގެ މައްޗަށް ބަލައިގެންނެވެ. ޞަޙީޙުއަށާއި ޙަސަނަށާއި ޟަޢީފަށެވެ.))
ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވާގޮތުގައި ސަލަފީ މަޒްހަބާ ދެކޮޅަށް ސުޢޫދީ ޢަރަބިއްޔާގައި މީގެ ކުރިން އެއްޗެއް ނުބުނެވޭނެއެވެ. ފިޤްހީ މަޒްހަބުތަކާ ޚިލާފަށް ސަލަފީ މަޒްހަބު ބިނާވެފައި ވަނީ ތަޝްރީޢީ ކަންކަމުގައި ނަބަވީ ސުންނަތުގެ މަތީގައެވެ. ސުންނަތުގެ ދައުރު މަރްކަޒީ ދައުރެއް ކަމުގައި ބެލުމުގެ މަތީގައެވެ. މި ދައުރަކީ އިސްލާމީ ތާރީޚުގެ ދިގު ރާސްތާގައި ސަލަފީން އިސް ދައުރެއް އަދާކުރައްވާފައިވާފައި އަދި އަދާކުރައްވަމުން ގެންދަވާ ދައުރެކެވެ. އިސްލާމީ ގިނަ ފަޤީހުންނާއި ދީނީ ޢިލްމުވެރިން މި މިސްރާބަށް ދަތުރުކުރައްވައިފައެއް ނުވެއެވެ.
މިޞްރުގެ ޢާލިމެއްކަމުގައި އައްޝައިޚު މުޙައްމަދުލް ޣަޒާލީ އާޙާދު ޙަދީސާ ބެހޭގޮތުން މިފަދަ ގޮތަކަށް ވާހަކަފުޅު ދެއްކެވުމުން އޭނާއާ ދެކޮޅަށް އެދުވަސްވަރު ވަރަށް ބޮޑަށް ފާޑު ކިޔިފައިވާ ތަން ފެނެއެވެ. އައްޝައިޚު ޣަޒާލީއަކީ މިޞްރުގެ އިޚްވާނުލް މުސްލިމީންގެ ޖަމާޢާތުގެ ބޭފުޅެކެވެ.
މިޞްރުގެ މަޝްހޫރު ޢިލްމުވެރިއެއް ކަމުގައިވާ އައްޝައިޚު މުޙައްމަދު އަބޫ ޒަހްރާގެ ފިކްރުތައް ވެސް މި ދިމާއަށް ދަތުރުކޮށްފައިވާތަން ފެނެއެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި ރަޖަމުގެ ޙައްދު ވަނީ މަންސޫޚުވެފައެވެ. އޭނާއާ ދެކޮޅަށް ވެސް ވަރަށް ގިނަ ފާޑުކިޔުންތައް ކިޔިފައި ވެއެވެ.
މިއީ ޙައްދުތައް ޤާއިމުކުރުން ހުއްޓުވުމަށް ދޮރު ހުޅުވުންތަ؟
ބިން ސަލްމާން ފާހަގަކުރައްވާ ވިދާޅުވިއެވެ. "ތިބާ ކީރިތި ޤުރްއާނުގެ ނައްޞެއް ނަގާފައި ކީރިތި ރަސޫލާ ﷺ އެއާމެދު ޢަމަލުކުރެއްވި ގޮތާ ޚިލާފު ގޮތަކަށް ތިބާ ޢަމަލުކޮށްފިނަމަ ބުނާނީ ކީކޭ ހެއްޔެވެ؟ ރަސޫލާގެ އަރިހަށް މުއްތަހަމު އައިސް އިޢުތިރާފުވުމުން ޢަމަލު ކުރެއްވި ގޮތާ ތިބާ އެ މީހާ ހޯދާ އޭނާގެ މައްޗަށް ތުހްމަތު ސާބިތު ކުރުން ވަރަށް ތަފާތެވެ. އެއީ ﷲގެ ޝަރްޢެއްނޫނެވެ.))
މި ބަސްފުޅުން އިޝާރަތް އެ ކުރައްވަނީ ކޮން ކަމަކަށް ހެއްޔެވެ؟ އެއީ ޙައްދުތައް ޤާއިމުކުރުން ހުއްޓައިލުން ހެއްޔެވެ؟ ކީރިތި ރަސުލާގެ ޒަމާނުގައި ރަޖަމު ކުރެވުނު މާޢިޒު އެކަލޭގެފާނުގެ އަރިހަށް އައިސް ޒިނޭކުރިކަމަށް އިޢުތިރާފު ވިއެވެ. ރަސުލާ ޙައްދު ޤާއިމު ކުރެއްވީ އޭނާގެ މައްޗަށް ޙައްދު ޤާއިމުކޮށް ދެއްވުމަށް އެދުމުންނެވެ. ހަމައެފަދައިން މުރްތައްދުވީ މީހާގެ ޙައްދާއި ރާ ބުއިމީހާގެ ޙައްދު ޤުރްއާނުގައި އައިސްފައެއް ނުވެއެވެ.
ސަލަފީ އުޞޫލުތައް ދޫކޮށްލައްވަނީތަ؟
ބިން ސަލްމާނުގެ ވާހަކަފުޅުގައި އައިސްފައި ވެއެވެ. ((އަހުރެމެން ވަކި މަދަރުސާއަކަށް ނުވަތަ ވަކި ޢާލިމަކަށް ތަބައެއް ނުވަމެވެ. އައްޝައިޚު މުޙައްމަދު ބިން ޢަބްދުލްވައްހާބު މިއަދު ކަށްވަޅުން ނުކުމެވަޑައިގެން އަހުރެމެން އޭނާ އިލާހަކަށް ހަދައި އޭނާގެ ނައްޞުތައް އިޖްތިހާދަކާ ނުލައި ޢަމަލުކުރާތަން ފެނިވަޑައިގެންފިނަމަ އެކަމާ ދެކޮޅު ހައްދަވާނެ ކަން ކަށަވަރު))
ބިން ސަލްމާނު ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. ((އެއްވެސް ސާބިތު މަދަރުސާއެއް ނެތް. އެއްވެސް ސާބިތު ޝަޚްޞެއް ވެސް ނެތް.. ޤުރްއާނާއި އިޖްތިހާދަށް މެދުކެނޑުމެއް ނެތް…. އަލްމުޞްޠަފާ ކީރިތި ރަސޫލާ ﷺ ގެ ސުންނަތާ އިޖްތިހާދަށް މެދުކެނޑުމެއްނެތް.. ހުރިހާ ފަތުވާތަކެއް ވެސް އޮންނާނީ ޒަމަނަށާއި ތަނަށާއި ފަހްމާ އެއްގޮތަށް އެބަހީ މިސާލަކަށް މީގެ ސަތޭކަ އަހަރު ކުރިން ޢިއްޒަތްތެރި ޝައިޚަކު ފަތުވާއެއް ދެއްވިއިރު އޭނާއަށް މި ބިމަކީ ވައް އެއްޗެއް ކަމެއް ނުވަތަ ނޫންކަމެއް އެނގިވަޑައި ނުގަންނަވާ… އޭނާއަށް ދުނިޔޭގެ ބައްރުތަކެއް އެނގިވަޑައެއް ނުގަންނަވާ އަދި ފަންނިއްޔާތެއް ޓެކްނޮލޮޖީއެއް އެނގިވަޑައެއް ނުގަންނަވާ… މި ކަހަލަ އެތައް ކަމެއް…. އޭނާގެ ފަތުވާ އޮންނާނީ މި ޑޭޓާއާއި މި މަޢުލޫމާތާ އެއްގޮތަކަށް ނޫން.. ޤުރްއާނާއި ސުންނަތް އޭނާއަށް ފަހްމުވެވަޑައިގެންފައިވާ ގޮތާ އެއްގޮތަށް.. އަހުރެމެންގެ މިހާރުގެ ޙާލަތަށް ބަލާއިރު މި ފަތުވާތަކަށް ބަދަލު އަންނާނެ..))
ދީނީ މުއްސަނދި ފިކްރެއް
ބިން ސަލްމާނުގެ ވާހަކަފުޅުގައި ދީނީ މަރްޖަޢިއްޔަތުން ސުޢޫދީ ރަސްކަން ބޭރަށް ނުކުތުމަކަށް ގޮވައެއް ނުލައްވައެވެ. އަދި ކިއެއްތޯއެވެ؟ އޭނާ ގޮވައިލެއްވީ ފުޅައު ކުރުމަށެވެ. އިސްލާމީ ޢާލިމުންނާއި މުފައްކިރުންގެ ރައުޔުތަކާ ކައިރިއަށް ދިޔުމަށެވެ. މުޙައްމަދު ވާހަކަފުޅު ކުރިއަށް ގެންދަވަމުން ޙައްދުފަހަނަޅައި ނުދިޔުމަށް ގޮވައިލެއްވިއެވެ. އޭނާ ވިދާޅުވިއެވެ. ((ނިރުބަވެރިއަކަށް ނުވިޔަސް ޙައްދުފަހަނަޅައި ދިޔުމުގެ މަންހަޖަށް ތަބާވާ މީހަކީ މުޖްރިމެކެވެ.))
ދިރާސަކުރައްވާ ބޭފުޅުންނާއި މުޙައްލިލުން ވިދާޅުވާގޮތުގައި ބިން ސަލްމާނުގެ މި ވާހަކަފުޅުތަކުން އެނގެނީ ސުޢޫދީ ރަސްކަމުގެ ސަޤާފީ އަދި ޢިލްމީ މަލަތަކަށް ކުރިމަގުގައި ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމެވެ.



advertisment