Support Us

އެމެރިކާގެ ރައީސް ޖޯ ބައިޑްން (ކ) އާއި ޗައިނާގެ ރައީސް ޝީ ޖިންޕިން

ޗައިނާއިން ތައިވާނަށް ވެރިވުން: އެމެރިކާގެ އިމްބަރާޠޫރިއްޔަތު ގުރުޑުވުން

ތައިވާނަށް ވެރިވެގަތުމަށް އެމެރިކާއިން ޗައިނާ ދޫކޮށްލައިފިނަމަ އެއީ އެމެރިކާގެ އިމްބަރާޠޫރިއްޔަތުގެ ނިމުމުގެ ފެށުން ކަމަށް އިނގިރޭސިވިލާތުގެ މުއައްރިޚެއް ކަމުގައިވާ ޕްރޮފެސަރު ނިޔާލް ފަރގަސަން ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ 1956ގައި މިޞްރުން ސުވޭސް ކެނެލް އެ ޤައުމުގެ ތަނަކަށް ހެދުމަށް އިނގިރޭސިވިލާތުން ދޫކޮށްލުން ފަދަ ކަމެކެވެ.

މި ކަމާ ވިދިގެން އިނގިރޭސި އިމްބަރާޠޫރިއްޔަތު ވީރާނާވާން ފެށިއެވެ. މިކަމުގެ ސަބަބުން އިނގިރޭސިވިލާތުގެ ވެރިކަމުގެ ސިންގާވަންތަކަން ކަރުދާހުގެ މިނިކާވަގަކަށް ބަދަލުވިއެވެ.

ފަރގަސަނަކީ އެމެރިކާގެ ހަވަރޑް ޔުނިވަރސިޓީގައްޔާއި އިނގިރޭސިވިލާތުގެ އެތައް ޔުނިވަރސިޓީތަކެއްގައި ކިޔަވާ ދެއްވާ އުސްތާޒެކެވެ. އޭނާ ޝާއިޢު ކުރެއްވި މަޒްމޫނެއް ފަށްޓަވާފައިވަނީ ޔޫނާނީ މަޝްހޫރު ޅެންވެރިޔާ އަރްޚިލިޔޫސްގެ ބަސްފުޅަކުންނެވެ. އަރްޚިލިޔޫސް ވިދާޅުވިއެވެ. "ހިޔަޅަށް ވަރަށް ގިނަ ކަންތައްތައް އެނގޭނެއެވެ. އެހެނަސް ކަށިއޫރަށް އެނގޭނީ އެންމެ ކަމެކެވެ."

އިނގިރޭސިވިލާތުގެ މުއައްރިޚެއް ކަމުގައިވާ ޕްރޮފެސަރު ނިޔާލް ފަރގަސަން

ޖަރްމަނުގެ ބާޙިސެއް ކަމުގައިވާ އިސާޔާ ބަރލިން ވިދާޅުވާ ގޮތުގައި އެކަތި އަނެކައްޗާ އެއްވެސް ގުޅުމެއްނެތް އެތައް މަޤްޞަދުތަކެއް ޙާޞިލު ކުރުމަށް މަސައްކަތް ކުރާ މީހުންނަކީ ހިޔަޅުތަކެކެވެ. ބައެއް ފަހަރަށް މި މަޤްޞަދުތައް ފުށުއަރާ މަޤްޞަދުތަކަކަށް ވެސް ވެދާނެއެވެ. މިއާ ޚިލާފަށް ހުރިހާ ކަމެއް ތަންޒީމީ ޝާމިލު އަސާސަކާ ގުޅުވައިގެން މަސައްކަތް ކުރާ މީހުންނަކީ ކަށިއޫރުންނެވެ.އިސާޔާ ބަރލިން މި ވާހަކަތައް ގެންނަވާފައި ވަނީ ލިޔުންތެރީންނާއި މުފައްކިރުންނާ ބެހޭގޮތުން ލިޔުއްވި ލިޔުއްވުމެއްގައެވެ.

ޚަބަރުތަކާ ބެހޭ ބްލޫމްބަރގް ނޫސް އޭޖެންސީގައި ފަރގަސަން ޝާއިޢު ކުރެއްވި މި ދިރާސާ ބުނާގޮތުގައި މިއަދު ދުނިޔޭގެ ބޮޑު ދެ ބާރަކީ އެމެރިކާއާއި ޗައިނާއެވެ. އެމެރިކާ ތަމްސީލު ކުރަނީ ހިޔަޅެވެ. ޗައިނާ ތަމްސީލު ކުރަނީ ކަށިއޫރެވެ. އޭނާ ވިދާޅުވި ގޮތުގައި ހިޔަޅުގެ ޚާރިޖީ ސިޔާސަތަކީ ((ބައިބައިވެ ވިއްސިވިހާލިވެފައިވާ އެއްޗެކެވެ. މި ސިޔާސަތުތައް ޙަރަކާތްތެރިވަނީ ތަފާތު އެތައް ދަރަޖަތަކެއްގައެވެ.)) މިއާ ޚިލާފަށް ކަށިއޫރުގެ ސިޔާސަތު ހުރިހާ ކަމެއްގައި ވެސް ގުޅުވާފައި އޮންނާނީ ((ބަދަލު އައުމެއް ނެތް އެއްބައެއްވަންތަ ދާޚިލީ ނަޒަރަކާއެވެ. ބައެއް ފަހަރަށް އެއީ ޒާތީ ތަޢައްޞުބުގެ ނަޒަރަކުން ބަލައިގެން ރާވާފައިވާ ސިޔާސަތަކަށް ވެސް ވެދާނެއެވެ.))

އެމެރިކާގެ ޑިޕްލޮމަސީގެ ހިޔަޅު ކަމުގައި ބުނާ ހެންރީ ކިސިންގަރ މީގެ ފަންސާހަކަށް އަހަރު ކުރިން ޗައިނާއަށް ވަޑައިގެންނެވިއެވެ. އޭނާ 1971 ގައި ސިއްރުސިއްރުން ބޭޖިންގަށް ކުރެއްވި ދަތުރުފުޅުގެ ސަބަބުން ދުނިޔޭގެ ބާރުގެ ތިލަފަތަށް އަސާސީ ބަދަލެއް އައެވެ. މި ދަތުރުފުޅަކީ ރައީސް ރިޗަރޑް ނިކްސަންގެ އިސްތިރާތީޖީ ސިޔާސަތުގެ ދަށުން ޝަރަފުވެރިކަމާއި ތެދުވެރިކަމާއެކު ވިއެޓްނާމު ހަނގުރާމައިން އެމެރިކާ ވީހާ އަވަހަކަށް ބޭރަށް ނެރުމަށް ޓަކައި ކުރެއްވި ދަތުރުފުޅެކެވެ. އެމެރިކާގެ ޤައުމީ ސަލާމަތާ ބެހޭ މުސްތަޝާރުގެ ހައިސިއްޔަތުން ކިސިންގަރ ޗައިނާގެ އޭރުގެ ބޮޑުވަޒީރު ޝޫ އެން ލައި އާ ބައްދަލުކުރެއްވިއެވެ. ހިޔަޅެއްގެ ހައިސިއްޔަތުން ކިސިންގަރުގެ މި ދަތުރުފުޅުގައި ޙާޞިލުކުރައްވަން ބޭނުންފުޅުވި އެތައް ލަނޑުދަނޑިތަކެއް ވިއެވެ. އެމެރިކާގެ ރައީސް ނިކްސަނަށް ޗައިނާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވޭނެ މަގު ތަނަވަސްކޮށްދެއްވުމެވެ. ވިއެޓްނާމުން އެމެރިކާ ސިފައިން އަވަހަށް ބޭލުމުގައި ޗައިނާގެ އެހީ ހޯއްދެވުމެވެ. މޮސްކޯއާ ކުރިމަތިލުމުގައި އެމެރިކާގެ ބާރު ވަރުގަދަކުރުމަށް ޓަކައި އެންމެ ބޮޑު ކޮމްޔުނިސްޓް ދެ ޤައުމުކަމުގައިވާ ސޮވިއެޓް ޔުނިއަނާއި ޗައިނާއާ ދެމެދުގައި ހިނގަމުންދާ ދެބަސްވުންތަކުގެ ނާޖާއިޒު ފައިދާ ހޯއްދެވުމެވެ.

 ހެންރީ ކިސިންގަރ (ވ) 1971 ގައި ޗައިނާގެ ބޮޑުވަޒީރާ ބައްދަލުކުރައްވަނީ

ކިސިންގަރ ޗައިނާގެ ބޮޑުވަޒީރާ ބައްދަލުކުރެއްވިއިރު ދެއްކެވި ވާހަކަފުޅުގައި ހަ މައުޟޫޢެއް ކަނޑައެޅުއްވިއެވެ. ފެށުނީ ވިއެޓްނާމުންނެވެ. ނިމުނީ ޕާކިސްތާނުން ބަންގްލަދޭޝް މިނިވަންވުމަށެވެ. ޖަވާބުގައި ޝޫ އެން ލައި (ކަށިއޫރެއްގެ ހައިސިއްޔަތުން) ވިދާޅުވިއެވެ. ((ޗައިނާ ކަންބޮޑުވަނީ އެންމެ ކަމަކާ ހެދިއެވެ. އެއީ ތައިވާނެވެ.)) އޭނާ ކިސިންގަރަށް ވިދާޅުވިއެވެ. ((މި ޙަޔަވީ މަސްއަލައަށް ޙައްލެއް ނައިސް ޗައިނާއާ ގުޅުންހުރި އެއްވެސް މަސްއަލައަކަށް ޙައްލެއް ގެނައުން ފަސޭހަ ކަމަކަށް ނުވާނެއެވެ.)) ޗައިނާގެ ބޮޑުވަޒީރު މަސައްކަތް ކުރެއްވީ އޭނާގެ މެހެމާނަށް ޗައިނާގެ ޤާނޫނީ ދައުލަތަކީ އަދި ހަމައެކަނި ދައުލަތަކީ ((ޗައިނާގެ ރައްޔިތުންގެ ޖުމްހޫރިއްޔާ)) ކަން އެމެރިކާ އިން ބަލައިގަތުމުގެ މުހިއްމުކަން ވިސްނާ ދެއްވާށެވެ. އަދި ތައިވާނަކީ ޗައިނާގެ ބިމާ ވަކިނުކުރެވޭނެ ޗައިނާގެ ބިންކޮޅެއް ކަމަށާއި މި ބިންކޮޅު މައި ޤައުމަށް އަނބުރާ ލިބެން ޖެހޭނެކަން ވިސްނާ ދެއްވުމަށެވެ. އަދި މި ބިމުގައި ހުރި އެމެރިކާގެ ޢަސްކަރީ ހުރިހާ ބޭސްތަކެއް ރޫޅާއިލައި އެ ބިމުގައި ތިބި އެމެރިކާގެ ހުރިހާ ސިފައިން އެ ބިމުން ފައިބަން ޖެހޭނެ ކަމަށެވެ. އެމެރިކާ ސިފައިން ތައިވާނަށް އެރީ ޗައިނާގެ އަހްލީ ހަނގުރާމަ ނިމި ޗައިނާގައި ކޮމްޔުނިސްޓް ވެރިކަމެއް ޤާއިމު ކުރެވުމުން އެމެރިކާގެ ގޮޑިކޮއްކޮ ސަރުކާރުގެ އިސްވާރުން ސަލާމަތްކުރުމަށް ޓަކައެވެ. އެމެރިކާގެ ނުފޫޒުގައި އެމެރިކާގެ ޢަސްކަރީ ބާރުގައި ތައިވާނުގައި އެމެރިކާ ޤަބޫލުކުރާ ((ޗައިނާ)) ސަރުކާރެއް ޤާއިމުކުރިއެވެ. ޗައިނާގެ ބޮޑުވަޒީރު ވިދާޅުވިއެވެ. ((ޗައިނާގެ ދެ ދައުލަތުގެ ޙައްލެއް އަޅުގަނޑުމެން ޤަބޫލެއް ނުކުރާނަމެވެ. އަދި ޗައިނާއަކާއި ތައިވާނެއް ވެސް އަޅުގަނޑުމެން ޤަބޫލެއް ނުކުރާނަމެވެ.)) އެހެނިހެން ފައިލްތަކުން އެމެރިކާގެ އަމާޒުތައް ޙާޞިލު ކުރުމަށްޓަކައި މި ފައިލުން ޗައިނާއަށް އަސާސީ ތަނާޒުލާތުތަކެއް ދިނުމަށް ކިސިންގަރ ހުންނެވީ ތައްޔާރަށެވެ. ކިސިންގަރު ވިދާޅުވިއެވެ. ((އަޅުގަނޑުމެން ޗައިނާގެ ދެ ދައުލަތުގެ ޙައްލަކަށް ތާއީދެއް ނުކުރަމުއެވެ. ޗައިނާއަކާއި ތައިވާނެއްގެ ޙައްލަކަށް ވެސް ތާއީދެއް ނުކުރަމުއެވެ.)) ކިސިންގަރ ޗައިނާގެ ބޮޑުވަޒީރަށް ދެންނެވިއެވެ. ((ތާރީޚު ދިރާސާކުރާ މީހެއްގެ ގޮތުން އަޅުގަނޑު ދަންނަވާނީ ސިޔާސީ ކަންތައްތައް ތަރައްޤީވެގެންދާނީ ބޮޑުވަޒީރު އިޝާރަތް ކުރެއްވި ގޮތާ އެއްގޮތަށް ކަން އަޅުގަނޑަށް ލަފާކުރެވެއެވެ.)) އޭނާ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. ((ވިއެޓްނާމު ހަނގުރާމަ ނިމުމަކަށް އަތުވެއްޖެނަމަ ރައީސް ނިކްސަންގެ ރިޔާސީ މި ދައުރުގައި ޢަސްކަރީ ޤަވާޢިދުތަކުގެ މައުޟޫޢާ ބެހޭ ބޮޑު ބައެއް  ޙައްލުވެގެންދާނެ ކަމަށް އަޅުގަނޑަށް ލަފާކުރެވެއެވެ.))

ކިސިންގަރ ވާހަކަފުޅު ދެއްކެވި ކޮންމެ މައުޟޫޢަކަށް ވެސް (އެއީ ކޮރެއާ ކަމުގައި ވިޔަސް، ވިއެޓްނާމް ކަމުގައި ވިޔަސް، ސޮވިއެޓް ޔުނިއަން ކަމުގައި ވިޔަސް) ޗައިނާގެ ބޮޑުވަޒީރުގެ ރައްދު ގޮސް ނިމެނީ ތައިވާނަށެވެ. ޝޫ އެންލައި ވިދާޅުވިއެވެ. ((އަޅުގަނޑުމެންގެ މެދުގައި ހަމައެކަނި މަސްއަލައަކީ ތައިވާނެވެ.))

ބޮޑުވަޒީރު ޝޫ އެން ލައި ފަށްފަށްކޮށް ކުރެއްވި ސުވާލުތަކަކީ ((ޗައިނާގެ ހަމައެކަނި ސަރުކާރަކީ ޗައިނާގެ ރައްޔިތުންގެ ޖުމްހޫރިއްޔާގެ ސަރުކާރުކަން އެމެރިކާއިން ޤަބޫލު ކުރާނެތޯއެވެ؟ އަދި މި ސަރުކާރާއެކު އެމެރިކާއިން ގުޅުންތައް ޠަބީޢީ ކުރާނެތޯއެވެ؟ ސަލާމަތީ މަޖިލީހުގެ ދާއިމީ ގޮނޑި ބޭޖިންގަށް ލިބޭނެތޯއެވެ؟)) ކިސިންގަރ ޖަވާބުގައި ވިދާޅުވީ 1972ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށްފަހު ތިޔަ ކަންކަމަށް ޖަވާބު ލިބިވަޑައިގަންނަވާނެއެވެ.

ޝޫ- ކިސިންގަރގެ ބައްދަލުކުރެއްވުމަށް ބައި ސައްތަ އަހަރު ފާއިތުވެއްޖެއެވެ. އެހެނަސް ޗައިނާގެ އެންމެ ބޮޑު މަސްއަލައަކީ އަދިވެސް ހަމަ ތައިވާނެވެ. ކިސިންގަރ އިޝާރަތް ކުރެއްވި ގޮތަށް ސިޔާސަތުތަކަށް ވަނީ ބަދަލު އައިސްފައެވެ. އެމެރިކާއިން ވަނީ ޗައިނާގެ ވެރިކަން ޤަބޫލުކޮށްފައެވެ. އދ ން ވަނީ ތައިވާން ބޭރުކޮށްފައެވެ. ރައީސް ކާޓަރ ވަނީ އެމެރިކާއިން ތައިވާނާއެކު ސޮއިކޮށްފައިވާ ގުޅިފައިވާ ދިފާޢުގެ މުޢާހަދާ އުވާލައްވާފައެވެ. އެހެނަސް ކޮންގްރެސްގައި އޮންނަ ތައިވާން ލޮބީގެ ސަބަބުން 1979 ގައި ފާސްކުރި ޤާނޫނުގެ ދަށުން  ތައިވާނަށް ބޭނުންވާ ހުރިހާ އެހީއެއް އެމެރިކާއިން ދަނީ ޖާމިނުކޮށްދެމުންނެވެ. މި ޤާނޫނު ބުނާގޮތުގައި ((ތައިވާނުގެ ކުރިމަގު ކަނޑައެޅުމަށް ޓަކައި ސުލްޙަވެރި ވަސީލަތްތައް މެނުވީ ބޭނުންކުރިއަ ނުދިނުމަށް އެމެރިކާއިން ޖާމިނުވާނެއެވެ. ތައިވާނު ޙިޞާރުކުރުމަށް ޓަކައި ނުވަތަ ބޮއިކަޓް ކުރުމަށް ޓަކައި އެޅޭ  ކޮންމެ ފިޔަވަޅާކާ އެމެރިކާ ދެކޮޅު ހަދާނެއެވެ. އަދި ޕެސިފިކް ކަނޑުގެ ހުޅަނގުގެ އަމްނަށާއި ޞުލްޙަމަސަލަސްކަމަށް ނުރައްކާތެރި ކަމެއް އައުން މަނާކުރާނެއެވެ.))

ޗައިނާގެ ރައީސް ޝީ ޖިންޕިން އާއެކު ހެންރީ ކިސިންގަރ (އަސާ ހިއްޕަވައިގެން) 2019 ގައި

ޗައިނާއިން ދެކޭގޮތުގައި ތައިވާނާމެދު އެމެރިކާއިން ގެންގުޅޭ ސިޔާސަތަކީ "ވާނުވާއެއް ނޭނގޭ ގޮތަށް" އޮތް ސިޔާސަތެކެވެ. މިނިވަން ދައުލަތެއްގެ ގޮތުގައި އެމެރިކާއިން ތައިވާނު ޤަބޫލުނުކުރިއަސް އެ ތާނގެ އަމްނާއި މިނިވަންކަން އެމެރިކާއިން ރައްކައުތެރިކޮށްދެއެވެ. މިއީ ބޭޖިންގ ބުނާގޮތުގައި ޤަބޫލު ކުރެވޭނެ ކަމެއްނޫނެވެ.

ނަވާރަ ސަތޭކަ ހަތްދިހަ އެއްވަނަ އަހަރާ އަޅައިބަލާއިރު މިހާރު މި އޮތީ ޙާލަތު ވަރަށް ބޮޑަށް ބަދަލުވެފައެވެ. މީސް ގިނަ، ފަޤީރު ޤައުމެއްގެ ގޮތުގައި އޮތް ޗައިނާ މިއަދު މިވަނީ އިޤްތިޞާދީ ގޮތުން އެމެރިކާއާ އެންމެ ބޮޑަށް ވާދަކުރާ، އެމެރިކާ އެންމެ ޖެހިލުންވާ އިޤްތިޞާދަށް ވެފައެވެ. ޗައިނާގެ ހަތަވިވަރު މިހާރު މި ވަނީ އެމެރިކާގެ ހަތަވިވަރުގެ ¾ ބަޔާ އެއްވަރަށް ހެދިބޮޑުވެފައެވެ. ތައިވާނަށް ބަލާއިރު އެ ޤައުމަކީ އޭޝިޔާގެ އެންމެ ބޮޑެތި އިޤްތިޞާދުތަކުގެ ތެރޭގައި ގުނާލެވޭ، އުފެއްދުންތެރި، ފާގަތިކަން ފުޅައު، ތަނަވަސް ޤައުމެކެވެ. އެމެރިކާގެ ކުރީގެ ރައީސް ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާއިން އިސްކަންދީފައި ވަނީ ތިޖާރީ ހަނގުރާމައަށެވެ. އިންސާނީ ޙައްޤުތަކާ ބެހޭ ފައިލްތައް ވަނީ ތަންކޮޅެއް ދަށަށް ލައިފައެވެ. ތައިވާނަށް ހަތިޔާރު ވިއްކުމާއި ސިޔާސީ ގުޅުންތައް ޙަރަކާތްތެރި ކުރުވުން ފަދަ ކަންކަމަށް ކުރީގެ ސަރުކާރުތަކުން މާ ބޮޑު ތަރްޙީބެއް ދީފައެއް ނުވެއެވެ. އެމެރިކާގެ ކުރީގެ ޑިޕްލޮމެޓެއް ކަމުގައިވާ ރިޗަރޑް ހެސް ތައިވާނަށް ދާޚިލީ އަމިއްލަ ވެރިކަމެއް ޖާމިނުކޮށްދިނުމާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވުމުން ރައީސް ޓްރަމްޕް އެ ވާހަކަފުޅަށް އެއްވެސް ސަމާލުކަމެއް ދެއްވައިފައެއް ނުވެއެވެ.

މިއަދު އެމެރިކާގެ އައު ސަރުކާރާއެކު ސިޔާސަތު މި ވަނީ ބަދަލުވެފައެވެ. ރައީސް ބައިޑްން ވިދާޅުވެފައިވާ ގޮތުގައި އެމެރިކާއިން ޗައިނާގެ އިންސާނީ ޙައްޤުތަކުގެ ފައިލަށާއި ޗައިނާގެ ސަރަޙައްދީ ފެތުރުމާ ކުރިމަތިލާނެއެވެ. އެމެރިކާގެ ޚާރިޖީ ސިޔާސަތުގައި އޭޝިޔާ ސަރަޙައްދަށާއި ޕެސިފިކް ކަނޑަށް އިސްކަން ދޭނެއެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކެން ވިދާޅުވާ ގޮތުގައި އެމެރިކާ-ތައިވާން ގުޅުންތައް ދެމެހެއްޓުމަށް އެމެރިކާއިން އިސްކަންދޭނެއެވެ.

ތައިވާނާ ބެހޭ ފައިލާއެކު މުޢާމަލާތު ކުރާއިރު އެމެރިކާއާ ތިން މަސްއަލައަކާ ކުރިމަތިލާން ޖެހޭނެއެވެ.

  • އެމެރިކާއިން ތައިވާނުގެ ޢަސްކަރީ ބާރު ވަރުގަދަކުރުމަށް އަޅާ ކޮންމެ ފިޔަވަޅަކާ ދެކޮޅަށް ޗައިނާއިން ރުޅިވެރި ފިޔަވަޅެއް އަޅާނެކަން ކަށަވަރެވެ. މިކަމުގެ ސަބަބުން ފިނިހަނގުރާމަ ހޫނު ހަނގުރާމައަކަށް ބަދަލުވެދާނެކަމުގެ ބިރު ވަރަށް ބޮޑަށް އެބަ އޮތެވެ.
  • ތައިވާނަށް އެހީވުމަށް ޓަކައި އެމެރިކާއިން ފިޔަވަޅެއް އެޅުމަށް ކުރާ ކޮންމެ މަސައްކަތެއް ފުރިހަމަކުރުމުގެ ކުރިން އެކަމާ ދެކޮޅަށް  ފިޔަވަޅު އެޅުމުގެ ފުރްޞަތު ޗައިނާއަށް ތަނަވަސްވެގެންދާނެއެވެ.
  • އިސްރާއީލުން އެމީހުންގެ ދައުލަތް ދެމެހެއްޓުމަށް މަސައްކަތް ކުރަމުންދާ ގޮތަށް ތައިވާނުގެ ރައްޔިތުން އެމީހުންގެ ޤައުމީ އަމްނާއި އަމާންކަމާއެކު މުޢާމަލާތު ކުރުމުގައި ކުރިއަށް ދާ ތަނެއް ނުފެނެއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *