ދުނިޔޭގެ ތާރީޚުގައި އަންހެނުންނަށް ދައުލަތުގެ އިސް މަޤާމުތައް ލިބުމަކީ ވަރަށް ނާދިރު ކަމެކެވެ. ވެރިކަން ހޯދުމަށް ޓަކައި ބައެއް ފަހަރަށް ފިރިހެނެއް ކަމަށް ދައްކައި އޮޅުވައިލަންވެސް ޖެހިފައި ވެއެވެ. ޤަދީމީ ޒަމާނުގައި އެމީހުންގެ ކަލާނގެތައް ވަނީ އަންހެނުންނަށް ތަޚުތު ޙަރާންކޮށްފައެވެ. މިހެން ކަން އޮތް ކަމުގައި ވިޔަސް ޝަޚްޞިއްޔަތު ވަރުގަދަ އަންހެން ބޭފުޅުން ވެރިކަން ކުރައްވާފައިވާ ތަން ދުނިޔޭގެ ތާރީޚުން ފެނެއެވެ. އެ ބޭފުޅުންގެ ރަނިކަމުގައި އެ ޤައުމުތަކަށް ފާގަތިކަމާއި ތަރައްޤީއާއި ކުރިއެރުން އައިސްފައި ވެއެވެ. އޭގެތެރެއިން ބައެއް ބޭފުޅުންނަށް ބަލައިލާނަމެވެ.
ތަދްމުރުގެ ރާނީ ޒަނޫބިޔާ
އާރާމީ ބަހުން އެކަމަނާގެ ނަންފުޅަކީ ބާތު ޒަބާއި އެވެ. ލެޓިން ބަހުން އެކަމަނާގެ ނަންފުޅަކީ ޔޫލިޔާ އޮރީލިޔާ ޒެނޯބިޔާ (Julia Aurelia Zenobia) އެވެ. ޢަރަބިބަހުން އެކަމަނާގެ ނަންފުޅަކީ އައްޒުބާއު ބިންތު ޢަމްރު ބުނުއް ޡިރްބު ބިން ޙައްސާނެވެ. އެކަމަނާ ވެރިކަމުގައި ހޭދަ ކުރެއްވި މުއްދަތު ކުރުކަމުގައި ވިޔަސް އެކަމަނާއަކީ ވަރަށް ވަރުގަދަ ޝަޚްޞިއްޔަތެއް ކަމަށް ތާރީޚު ބުނެއެވެ. އެކަމަނާގެ ރަނިކަމުގައި ތަދްމުރު ކައިރިއިރުމަތީގައި އޮތް ވަރަށް ވަރުގަދަ ދައުލަތަކަށް ވިއެވެ. އެކަމަނާގެ ޙަޔާތްޕުޅާ ބެހޭ މުޢުތަބަރު މަޢުލޫމާތުތަކެއް ލިބޭކަށް ނެތެވެ. އެހެނަސް ތާރީޚު ބުނާގޮތުގައި އެކަމަނާއަކީ ރަސްކަމުގެ ޢާއިލާއާ ތިމާގެ މާތް ޢާއިލާއެއްގެ ބޭފުޅެކެވެ.

ޒަނޫބިޔާއަކީ އެ ޒަމާނަށް ބަލާއިރު ވަރަށް ޢިލްމުވެރި ބޭފުޅެކެވެ. އެކަމަނާ ހަތަރު ބަސް ދެނެވަޑައިގަންނަވައެވެ. އެއީ ތަދްމުރު މީހުންގެ އާރާމީ ބަހާއި މިޞްރު ބަހާއި ލެޓިން ބަހާއި ޔޫނާނީ ބަހެވެ. އެކަމަނާގެ ޙަޔާތްޕުޅުގެ ކުރީކޮޅުގައި މިޞްރުގެ އިސްކަންދަރިއްޔާއަށް ވަޑައިގެން ޔޫނާނީންނާއި ރޯމަނުންގެ ތާރީޚު އުނގެނިވަޑައިގަތެވެ. އެކަމަނާއަކީ މިޞްރުގެ ރާނީއެއް ކަމުގައިވާ ކިލިޔޯބާތުރާގެ ޝަޚްޞިއްޔަތާ ވަރަށް ގަޔާވެވަޑައިގެންނެވި ބޭފުޅެކެވެ. ވަރަށް ތުއްޕުޅު އިރުއްސުރެ އެކަމަނާއަކީ ވެރިކަމަށް ދަހިވެތިވެ ވަޑައިގެންފައިވާ ބޭފުޅެކެވެ.
ޒަނޫބިޔާ ޢުމުރުފުޅުން 14 އަހަރުގައި ތަދްމުރު ސަހަރުގެ ވެރިޔާ އޮޑީނާތޮސް އާ ކާވެނިފުޅު ބައްލަވައިގަންފިއެވެ. މި ކާވެނިފުޅުން ދެ ބޭފުޅުން ލިބވަޑައިގަތެވެ. އެއީ ފަބަލޯޘަސް އާއި ދެވަނަ ޙައިރާން އެވެ. ޒަނޫބިޔާއަކީ އޮޑިނާތޮސްގެ ދެވަނަ އަނބިކަނބަލުން ކަމުގައި ވިޔަސް އެކަމަނާއަކީ ފިރިކަލުން އެންމެ ލޯބފުޅުވި އަނބިކަނބަލުންނެވެ. އޭނާގެ ޢަސްކަރީ ހުރިހާ ޙަމަލާތަކެއްގައި ޒަނޫބިޔާ ބައިވެރިވެ ވަޑައިގަތެވެ. ވެރިކަމުގެ ހުރިހާ ކަންތައްތަކެއްގައި އެކަމަނާ ބައިވެރި ކުރެއްވިއެވެ. މި ކަމުގެ ސަބަބުން އެ ކަމަނާއަށް ޢަސްކަރީ ތަޖްރިބާއާއި ސިޔާސީ ނުފޫޒު ލިބިވަޑައިގަތެވެ.
ޒަނޫބިޔާގެ ފިރިކަލުން އަވަހާރަކޮށްލެވުމުން އެކަމަނާގެ ތުއްޕުޅު ދަރިކަލުން ފަބަލޯތޮސްގެ ފަރާތްޕުޅުން ވެރިކަން ކުރައްވަން ފެށްޓެވީ ޒަނޫބިޔާއެވެ. ރޯމަން އެމްޕަޔަރގެ ދަށުގައިވާ ސަރަޙައްދެއްގެ ގޮތުގައި ތަދްމުރު ބާއްވަވައިގެން ތަދްމުރުގެ ބާރު އިރުމަތީގައި ވަރުގަދަ ކުރައްވަން ފެށްޓެވިއެވެ.
ތަދްމުރަކީ ވަރަށް ތަފާތު ނަސްލުތަކުގެ މީހުންގެ ސަހަރެކެވެ. އާރާމީންނާއި ޢާމޫރީންނާއި ޢަރަބިންގެ ޤަބީލާތައް މި ރަށުގައި އުޅުނެވެ. އެހެންކަމުން ތަދްމުރަކީ ތަފާތު ސަޤާފަތްތަކާއި ބަސްތަކުގެވެސް ރަށެކެވެ. މި ސަހަރަކީ ފަށުވިމަގުގައި އޮންނަ ސަހަރެއްކަމުން މި ރަށަކީ ވިޔަފާރިއާއި އިޤްތިޞާދީ މައިދާނުގައި ވަރަށް މުހިއްމު މަރްކަޒެކެވެ.
ތަދްމުރުގެ ރައްޔިތުންނާއި ސަޤާފަތް ސިންދަފާތު ވިޔަސް ޒަނޫބިޔާގެ ސިޔާސަތުގެ ސަބަބުން އެ ރަށުގެ އެންމެން އެކަމަނާއަށް ތާއީދުކޮށް ވާގިވެރިވިއެވެ. މި ކަމުގެ ސަބަބުން އިރުމަތީގައި އެކަމަނާގެ ޙަރަކާތްތައް ފުޅައު ކުރައްވަން ވަގުތު ތަނަވަސްވިއެވެ.
ޢަސްކަރީ ޙަރަކާތުގެ އިތުރަށް އެކަމަނާ ތަދްމުރު ބިނާކުރެއްވުމަށާއި ތަޢުލީމީ ގޮތުން ކުރިއެރުވުމަށް މަސައްކަތްޕުޅު ކުރެއްވިއެވެ. ނަތީޖާއެއްގެ ގޮތުން މަޝްހޫރު އެތައްއެތައް ޢިލްމުވެރީންނަކާއި ފިލޯސަފަރުންތަކެއް ތަދްމުރަށް ވަޑައިގެންނެވިއެވެ.
ރޯމަނުން ޔޫރަޕުގެ އެތެރޭގައި ޢަސްކަރީ ހަމަލާތަކުގައި އަވަދިނެތިވެފައިވާތަން ޒަނޫބިޔާއށް ފެނިވަޑައިގަތުމުން އެކަމަނާގެ ރަސްކަން ފުޅައު ކުރެއްވުމަށް ޓަކައި ޙަމަލާތައް ފެށްޓެވިއެވެ. މި ޙަމަލާތަކުގެ ސަބަބުން މުޅި ސޫރިޔާއާއި ދެ ކޯރު ސަރަޙައްދުގެ ރަށްތަކާއި ޔަހޫދާ ރަސްކަމުގެ ރަށްތަކާއި މިޞްރު އެކަމަނާގެ ބާރުގެ ދަށަށް ގެންނެވިއެވެ.
ބައެއް ރިވާޔަތްތައް ބުނާގޮތުގައި ރޯމަން އެމްޕަޔަރުގެ އިރުމަތީ ސަރަޙައްދުގައި ރޯމަން އެމްޕަރަރުގެ ބައިވެރިއަކަށް އެކަމަނާގެ ދަރިކަލުން ހެއްދެވުމަށް ޒަނޫބިޔާ މަސައްކަތް ކުރެއްވިއެވެ. އެކަމަނާ މި ކަމާ ބެހޭގޮތުން ރޯމަން އެމްޕަރަރ ޖޯޘީކޮސް އާއެކު އެއްބަސްވުމަކާ ހަމައަށް ވަޑައިގެންނެވިއެވެ. ނަމަވެސް މި އެމްޕަރަރު މީލާދީން 270 ގައި އަވަހާރަވުމުން މި އެއްބަސްވުން އުވިގެން ދިޔައީއެވެ. ޖޯޘީކޮސް އަށް ފަހު ވެރިކަމަށް ވަޑައިގެންނެވި އޮރީލިޔަން ގެންގުޅުއްވީ ތަދްމުރާ ވަރަށް ހަތުރުވެރި ސިޔާސަތެކެވެ. މިހެންވެ ޒަނޫބިޔާ ތަދްމުރު ރޯމަން އެމްޕެއަރުން ވަކިކުރައްވާ މުސްތަޤިއްލު ދައުލަތަކަށް ހެއްދެވިއެވެ. މި ގޮންޖެހުމާ ދެކޮޅަށް އެމްޕެރަރ އޮރީލިޔާން ފިޔަވަޅުތައް އަޅުއްވާން ފެށްޓެވިއެވެ. ތަދްމުރު އަތުން މިޞްރު އަތުލެއްވިއެވެ. މިކަމާ ވިދިގެން ޒަނޫބިޔާގެ ލަޝްކަރަށް ތަދްމުރާ ހަމައަށް ފަހަތަށް ޖެހެން ޖެހުނެވެ. ރޯމަނުން ތަދްމުރު ޙިޞާރުކުރިއެވެ. ޒަނޫބިޔާ ފިއްލަވައިގެން ފާރިސްކަރައަށް ވަޑައިގެންނެވޭތޯ މަސައްކަތް ކުރެއްވިއެވެ. ރޯމަން ސިފައިން އެކަމަނާ ހައްޔަރުކޮށްގެން ރޯމަށް ގެންދިޔައެވެ. އެކަމަނާގެ މަޝްހޫރުކަމާހެދި ރޯމަން އެމްޕެރަރަށް އެކަމަނާއަށް އަދަބު ދެއްވާކަށް ކެރިވަޑައެއް ނުގަތެވެ. އެކަމަނަ އަވަހާރަ ވަނދެން އުޅއްވީ ރޯމްގެ ރަށްބޭރުގެ ރަށެއްގައެވެ. އެކަމަނާ ހައްޔަރުކުރުމުން ތަދްމުރު ރޯމަނުންނަށް އަމާންދިނެވެ.
ޢީސާގެފާނުގެ 1500 އަހަރު ކުރިން: މިޞްރުގައި ޙަތުޝަބްސޫތު ރަސްކަމަށް އިސްވެވަޑައިގަތުން
އަންހެނުންނަށް ވެރިކަން ލިބޭނަމަ ޙަތުޝަބްސޫތު ވާނީ މިޞްރުގެ ތަޚުތަށް އިސްކުރެވުނު އެންމެ ފުރަތަމަ ރަނިކަމަނާއަށެވެ. އެކަމަނާގެ ބައްޕާފުޅު ތުޙްތުމުސް (1 ވަނަ) އަވަހާރަވީ ޙަތުޝަބްސޫތުގެ ޢުމުރުފުޅުން 12 އަހަރުގައެވެ. ވެރިކަމަށް އިސްވެވަޑައިގަތުމަށް ޓަކައި އެކަމަނާ ކައިވެނިފުޅު ބައްލަވައިގަތީ އެ ކަމަނާގެ ބޭބެ ތުޙްތުމުސް (2 ވަނަ) އާއެވެ.

އަމީރާ ޙަތުޝަބްސޫތު ދުނިޔެއަށް ވަޑައިގަތީ ޢީސާގެފާނުގެ ކުރިން 1508 ވަނަ އަހަރުގައެވެ. މިއީ މިޞްރުގައި ވެރިކަން ކުރި 18 ވަނަ ޢާޢިލާގެ ބޭފުޅެކެވެ. ޙަތުޝަބްސޫތަށް ފިރިހެން ބޭފުޅަކު ލިބިވަޑައެއް ނުގެންނެވިއެވެ. ލިބިވަޑައިގެންނެވި ހަމައެކަނި ބޭފުޅަކީ ނަފްރު ރަޢު (އަންހެން ބޭފުޅެއް) އެވެ. އެކަމަކު އޭނާގެ ފިރިކަލުން ތުޙްތުމުސް (2 ވަނައަށް) ލޯބިވެރިއެއްގެ ފުށުން ފިރިހެން ބޭފުޅަކު ލިބިވަޑައިގަތެވެ. އެއީ ތުޙްތުމަސް (3 ވަނަ) އެވެ. ޙަތުޝަބްސޫތުގެ ޢުމުރުފުޅުން 27 އަހަރުގައި ފިރިކަލުން 2 ވަނަ ތުޙްތުމަސް އަވަހާރަވުމުން ފިރިކަލުންގެ ދަރިކަލުން ތުޙްތުމަސް (3ވަނަ) ވެރިކަމަށް އިސްކޮށް އޭނާގެ ފަރާތުން ވެރިކަން ކުރެއްވީ ޙަތުޝަބްސޫތެވެ.
މިޞްރުގެ ފާދިރީން ބުނާގޮތުގައި މިޞްރުގެ ކަލާނގެތައް ނެރުނު އަމުރު ބަހެއް ބުނާގޮތުގައި މިޞްރުގެ ވެރިކަން އަންހެނަކަށް ނުދެވޭނެއެވެ. މިޞްރުގެ ކަލާނގެތަކުގެ ވިދާރާ އެކުލެވިގެންވަނީ މިޞްރުގެ އަންހެން 24 ކަލާނގެއާއި މިޞްރުގެ ފިރިހެން 26 ކަލާނގެއާއި އެހެނިހެން ޤައުމުތަކުގެ ހަ ކަލާނގެއިންނެވެ. އެ ދުވަސްވަރު އެންމެ ވަރުގަދަ ކަލާނގެއަކީ އީޒީސް (އަންހެނެއް) ކަލާނގެއެވެ. އެ ކަލާނގެއަށް ފަހު ޙަތުޙޫރު ކަލާނގެއާއި މާޢަތު ކަލާނގެއާއި ނޫތު ކަލާނގެ ފަދަ ބާރުގަދަ އަންހެން ކަލާނގެތައް ފާޅުވިއެވެ. އެހެންކަމުން އެނގެނީ އިލާހީ މި އަމުރު ބަސް ނެރުނީ ސިޔާސީ ފިރިހެން ބޭފުޅުންނާއި ދީނީ މީހުން ކަމެވެ.
ޙަތުޝަބްސޫތު ޤަބޫލު ކުރައްވާގޮތުގައި 24 އަންހެން ކަލާނގެ އޭނާއަށް ތާއީދު ކުރައްވާނެއެވެ. މިހެންވެ ޢީސާގެފާނުގެ ކުރިން 1437ގައި އިލާހީ މި އަމުރުބަހަށް ގޮންޖައްސަވާފައި މިޞްރުގެ ވެރިކަމަށް އޭނާ އިސްވެވަޑައިގަތެވެ. މިޞްރުގެ ރައްޔިތުންގެ ކުރިމަތީގައި މަޤްބޫލުކަން ހޯއްދެވުމަށް ޓަކައި އެކަމަނާ އެކަމަނާގެ ނަންފުޅު ޙަތުޝަބްސޫތު އިން ޙަތުޝަބްސޫ އަށް ބަދަލު ކުރައްވާ ފިރިހެނަކަށް ވެވަޑައިގަތެވެ. ފިރިހެނުންގެ ހެދުން ތުރުކުރައްވައިގެން މީހުންނަށް އޮޅުވައިލެއްވުމަށް ޓަކައި ތުބުޅިއެއްވެސް ޖެއްސެވިއެވެ. މިޞްރުގެ ފައްޅިތަކުގެ ފާރުތަކާއި ބިތްތަކުގައި އެކަމަނާ ކުރަހާފައި ވަނީ މި ގޮތަށް ފިރިހެނެއްގެ ގޮތުގައެވެ.
މިޞްރުގައި ރަސްރަސްކަލުންގެ ބުދުތައް ހަދާއިރު ފިރިހެނުންގެ ހަމުގެ ކުލައަކަށް ހަދައިފާ ހުންނާނީ ގަދަ ރަތްކުލައެވެ. އަންހެނުންގެ ހަމުގެ ކުލައަކީ މަޑު ރީނދޫ ކުލައެވެ. ޙަތުޝަބްސޫތު ގެ ބުދުގައި ލައިފައިވަނީ އޮރެންޖު ކުލައެވެ. އެއީ ގަދަ ރަތާއި މަޑު ރީނދޫ އެއްކުރީމާ ނުކުންނަ ކުލައެވެ.
ޙަތުޝަބްސޫތު ވެރިކަން ކުރެއްވި 21 އަހަރު ގައި މިޞްރު ވިޔަފާރިއާއި ޢުމްރާނިއްޔަތުގައި ވަރަށް ބޮޑަށް ކުރިއަރައިގެން ދިޔައެވެ. މިޞްރުގެ ހުރިހާ ރަށްތަކެއްގައި އެތައްއެތައް ބިނާތަކެއް ހެދިގެން ދިޔައެވެ. ނިލު ކޯރުގެ ހުޅަނގު އައްސޭރީގައި ޖަނާޒާގެ ކަންތައްތަކަށް ޓަކައި އެކުވެނިތައް ބިނާކުރެއްވިއެވެ.
އެކަމަނާގެ ވެރިކަމުގައި އެހެނިހެން ޤައުމުތަކާއެކު ޞުލްޙަވެރި ސިޔާސަތެއް ގެންގުޅުއްވިއެވެ. ނޫބާއަށާއި ކަންޢާނަށް ޢަސްކަރީ ޙަމަލާތައް ދެއްވިއެވެ. ބީބްލުސް (މިހާރުގެ ޖުބައިލު) އަށާއި ސީނާއަށް ޢަސްކަރީ ޙަމަލާތައް ދެއްވިއެވެ.
ޙަތުޝަބްސޫތު އަވަހާރަވި ޢީސާގެފާނުގެ ކުރިން 1458 ވަނަ އަހަރުގައެވެ. އެއީ އެކަމަނާގެ ޢުމުރުފުޅުން ސާޅީހާއި ފަންސާހާ ދެމެދުގެ ތެރޭގައެވެ. އެކަމަނާގެ ފިރިކަލުންގެ ދަރިކަލުން ތުޙްތުމުސް (3ވަނަ) އަށް ވެރިކަން ލިބިވަޑައިގަތުމުން ދޮންމަންމާފުޅުގެ ވެރިކަމުގެ އަސަރުތަކާއި އާސާރުތައް ފުހެލައްވަން ވަރަށް ބޮޑަށް މަސައްކަތް ކުރެއްވިއެވެ. އެކަމަނާގެ ވެރިކަމުގެ ތާރީޚާއި ކުރައްވާފައިވާ މަސައްކަތްޕުޅުތައް ހާމަވީ މީލާދީން 1822 ގައި އައްދައިރުލް ބަޙްރީގެ ފާރުތަކާއި ބިތްތަކުގައި ހީރޯޣުލަފީ އަކުރުން ލިޔެފައިވާ ލިޔުންތައް ތަރްޖަމާ ކުރެވުމުންނެވެ. ވާދިލް މުލޫކު ގެ 320 ވަނަ މަޤްބަރާއިން ތުޙްތުމުސް (1 ވަނަ) އާއި ތުޙްތުމުސް (2ވަނަ) އާއި ތުޙްތުމުސް (3 ވަނަ)ގެ މޫމިޔާތައް ފެނުނުއިރު އެތަނުން ޙަތުޝަބްސޫތުގެ މޫމިޔާއެއް ނުފެނުނެވެ. ޙަތުޝަބްސޫތުގެ މޫމިޔާ ފެނުނީ މީލާދީން 2007ގައެވެ.
މީލާދީގެ 1000 އަހަރު ކުރި: ސަބާގެ ރަނިކަމަނާ
ސަބާ (ޝަބާ)ގެ ރަނި ކަމަނާގެ ވާހަކައަކީ ޔަހޫދީ ދީނާއި ނަޞާރާ ދީނާއި އިސްލާންދީން ޤަބޫލު ކުރާ ވާހަކައެކެވެ. މުއައްރިޚުންގެ މެދުގައި ރައުޔު ތަފާތުވެފައި ވަނީ މި ރަސްކަން އޮތް ސަރަޙައްދާ މެދުގައެވެ.

ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި މި ރަސްކަން އޮތީ މިހާރުގެ ޔަމަނު ސަރަޙައްދުގައެވެ. މި ރަސްކަމުގެ ރަނި ކަމަނާއަކީ ބަލްޤީސް އެވެ. އަނެއްބައި ބޭފުޅުން ވިދާޅުވާ ގޮތުގައި ސަބާގެ ރަނިކަމަނާ ވެރިކަން ކުރައްވާފައި ވަނީ މިހާރުގެ އިތިޔޮޕިޔާގައެވެ. އެކަމަނާގެ ނަންފުޅަކީ މަކީދާ އެވެ.
ސަބާގެ ރަނިކަމަނާއަކީ ވަރަށް މުއްސަނދި ރަންޏެކެވެ. ކީރިތި ޤުރްއާނުގައި އައިސްފައިވާ ގޮތުގައި އެކަމަނާއަކީ އިރަށް އަޅުކުރެއްވި ރާނީއެކެވެ. ސުލައިމާނުގެފާނަށް މި ކަމަނާގެ ޚަބަރު ގެނެސްދިނީ ހުދުހުދު ( ފުނާގަނޑު ) ދޫންޏެވެ. ފުނާގަނޑު ދޫނި ސުލައިމާނުގެފާނަށް ދެންނެވިއެވެ. ((إِنِّي وَجَدتُّ امْرَأَةً تَمْلِكُهُمْ وَأُوتِيَتْ مِن كُلِّ شَيْءٍ وَلَهَا عَرْشٌ عَظِيمٌ ﴿٢٣﴾ وَجَدتُّهَا وَقَوْمَهَا يَسْجُدُونَ لِلشَّمْسِ مِن دُونِ اللَّـهِ وَزَيَّنَ لَهُمُ الشَّيْطَانُ أَعْمَالَهُمْ فَصَدَّهُمْ عَنِ السَّبِيلِ فَهُمْ لَا يَهْتَدُونَ ﴿٢٤﴾ أَلَّا يَسْجُدُوا لِلَّـهِ الَّذِي يُخْرِجُ الْخَبْءَ فِي السَّمَاوَاتِ وَالْأَرْضِ وَيَعْلَمُ مَا تُخْفُونَ وَمَا تُعْلِنُونَ ﴿٢٥﴾ اللَّـهُ لَا إِلَـٰهَ إِلَّا هُوَ رَبُّ الْعَرْشِ الْعَظِيمِ ۩ ﴿٢٦﴾ قَالَ سَنَنظُرُ أَصَدَقْتَ أَمْ كُنتَ مِنَ الْكَاذِبِينَ ﴿٢٧﴾ اذْهَب بِّكِتَابِي هَـٰذَا فَأَلْقِهْ إِلَيْهِمْ ثُمَّ تَوَلَّ عَنْهُمْ فَانظُرْ مَاذَا يَرْجِعُونَ ﴿٢٨﴾ قَالَتْ يَا أَيُّهَا الْمَلَأُ إِنِّي أُلْقِيَ إِلَيَّ كِتَابٌ كَرِيمٌ ﴿٢٩﴾ إِنَّهُ مِن سُلَيْمَانَ وَإِنَّهُ بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ ﴿٣٠﴾ أَلَّا تَعْلُوا عَلَيَّ وَأْتُونِي مُسْلِمِينَ ﴿٣١﴾ قَالَتْ يَا أَيُّهَا الْمَلَأُ أَفْتُونِي فِي أَمْرِي مَا كُنتُ قَاطِعَةً أَمْرًا حَتَّىٰ تَشْهَدُونِ ﴿٣٢﴾ قَالُوا نَحْنُ أُولُو قُوَّةٍ وَأُولُو بَأْسٍ شَدِيدٍ وَالْأَمْرُ إِلَيْكِ فَانظُرِي مَاذَا تَأْمُرِينَ ﴿٣٣﴾ قَالَتْ إِنَّ الْمُلُوكَ إِذَا دَخَلُوا قَرْيَةً أَفْسَدُوهَا وَجَعَلُوا أَعِزَّةَ أَهْلِهَا أَذِلَّةً ۖ وَكَذَٰلِكَ يَفْعَلُونَ ﴿٣٤﴾ وَإِنِّي مُرْسِلَةٌ إِلَيْهِم بِهَدِيَّةٍ فَنَاظِرَةٌ بِمَ يَرْجِعُ الْمُرْسَلُونَ ﴿٣٥﴾ – އެތާނގެ މީހުންގެ މައްޗަށް ރަނިކަންކުރައްވާ ކަމަނާއަކު ހަމަކަށަވަރުން، ތިމަން ދުށީމެވެ. ހުރިހާ އެއްޗެއް އެކަމަނާއަށް ލިބިވަޑައިގެންފައިވެއެވެ. އަދި އެކަމަނާއަށް ބޮޑުވެގެންވާ تخت އެއް ވެއެވެ. (23) އެކަމަނާއާއި، އެކަމަނާގެ قوم ގެމީހުން، اللَّه ފިޔަވައި އިރަށް سجدة ކޮށް އުޅޭތީ ތިމަންދުށީމެވެ. އަދި شيطان އާ އެއުރެންނަށް އެއުރެންގެ عمل ތައް ޒީނަތްތެރިކޮށް ދެއްކިއެވެ. އަދި ތެދުމަގުން އެއުރެން އެއްކިބާކުރިއެވެ. ފަހެ، އެއުރެންނަކަށް ތެދުމަގެއް ނުލިބެއެވެ. (24) އުޑުތަކާއި، ބިމުގައި ފޮރުވިފައިވާ ތަކެތި ނެރުއްވާ، އަދި ތިޔަބައިމީހުން ވަންހަނާކުރާ ކަންތަކާއި، ފާޅުކުރާ ކަންތައް ދެނެވޮޑިގެންވާ اللَّه އަށް سجدة ނުކުރުމަށް شيطان އާ އެއުރެންނަށް ޒީނަތްތެރިކޮށްދިނެވެ. (25) اللَّه އީ، އެކަލާނގެ ފިޔަވައި حق ވެގެން އަޅުކަމެއްވެވޭ إله އަކު ނުވާ ރަސްކަލާނގެއެވެ. އެއީ މާތްވެގެންވާ عرش ގެ ވެރިރަސްކަލާނގެއެވެ. (26) އެކަލޭގެފާނު (هُدهُد އަށް) ވިދާޅުވިއެވެ. ކަލޭ ތިޔަބުނީ ތެދެއްތޯ ނުވަތަ ކަލޭވަނީ ދޮގުވެރިންގެ ތެރެއިންތޯ ތިމަންކަލޭގެފާނު ބައްލަވާހުށީމެވެ. (27) އަހުރެންގެ މި ސިޓީ ހިފައިގެންގޮސް އެއުރެންގެ ގާތަށް އެ އެއްލާށެވެ! ދެން އެއުރެންނާ ދުރަށްޖެހި (ޖަވާބުގައި) އެއުރެން ރައްދުކުރަނީ ކޮންއެއްޗެއްތޯ ބަލާށެވެ! (28) (ސިޓީ ލިބުމުން) އެކަމަނާ ވިދާޅުވިއެވެ. އޭ قوم ގެ ބޮޑުންނޭވެ! ހަމަކަށަވަރުން، މާތްވެގެންވާ ސިޓީފުޅެއް ތިމަންކަމަނާއަށް ލިބިއްޖެއެވެ. (29) އެއީ، ހަމަކަށަވަރުން، سليمان ގެފާނުގެ އަރިހުން އައި ސިޓީފުޅެކެވެ. އަދި ހަމަކަށަވަރުން، އޭގައި އަންގަވާފައިވަނީ [بسـم اللَّه الرّحمـن الرّحيـم] އެވެ. (رحمن ވަންތަ رحيم ވަންތަ اللَّه ގެ اسم ފުޅުން ފަށައިގަންނަމެވެ.) (30) ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ މައްޗަށް ބޮޑާވެނުގަނެ، إسلام ވެގެން ތިމަންކަލޭގެފާނުގެ އަރިހަށް އަންނާށެވެ! (31) އެކަމަނާ ވިދާޅުވިއެވެ. އޭ (قوم ގެ) ބޮޑުންނޭވެ! އަހުރެންގެ މިކަންތަކުގައި ތިޔަބައިމީހުންނަށް ފެންނަގޮތް އަހުރެންނަށް ބުނެދޭށެވެ! ތިޔަބައިމީހުން އަހުރެންނާއެކު حاضر ވެއްޖައުމަށްދާނދެން އަހުރެން ގޮތެއް ކަނޑައެއް ނާޅާނަމެވެ. (32) އެއުރެން (އެކަމަނާއަށް) ދެންނެވޫއެވެ. ތިމަންމެންނީ، އާރާއި ބާރުހުރި ގަދަފަދަ ބަޔެކެވެ. ކަންތައް ކުރައްވާނެގޮތް އެނގިވަޑައިގަންނަވާނީ ކަމަނާއަށެވެ. ފަހެ، ކަމަނާ ކުރައްވާނެ أمر އަކާމެދު ވިސްނަވާށެވެ! (33) އެކަމަނާ ވިދާޅުވިއެވެ. ހަމަކަށަވަރުން، ރަސްރަސްކަލުން (ހަނގުރާމަވެރި ގޮތުގައި) ރަށަކަށް އަރައިވަޑައިގެންފިނަމަ، އެރަށެއް ސުންނާފަތިކުރައްވައި، فساد ކުރައްވައި، އަދި އެރަށެއްގެ أهل ވެރިންކުރެ عزّة ތެރިން ނިކަމެތިކުރައްވަތެވެ. އަދި އެއުރެން ކަންތައްކުރައްވަނީ އެފަދައިންނެވެ. (34) އަދި ހަމަކަށަވަރުން، ތިމަންކަމަނާ އެއުރެންނަށް ހަދިޔާއެއް މިފޮނުއްވަނީއެވެ. ދެން (އެ ހަދިޔާއައިގެން) ފޮނުވޭމީހުން އެނބުރި އަންނަނީ ކޮންއެއްޗަކާއިގެންތޯ ބައްލަވަން ތިމަންކަމަނާ انتظار ކުރައްވާނަމެވެ. (35))) މި ވާހަކަތައް އައްނަމްލު ސޫރަތުގައި އައިސްފައި ވެއެވެ.
ޔަހޫދީންގެ މުޤައްދަސް ފޮތުގެ ދިހަވަނަ އިޞްޙާޙު ބުނާގޮތުގައި ސަބާގެ ރަނިކަމަނާ ސުލައިމާނުގެފާނަށް ވެދުމަށް ފޮނުއްވީ ((120 ހަންދަރު ރަނާއި، ބައިވަރު ޖަވާހިރާއި ހަވާދުގެ ބައިވަރު އެއްޗެހިތަކެކެވެ. މީގެ ކުރިން މީހަކު ސުލައިމާނުގެފާނަށް މިފަދަ މޮޅު ހަވާދުތަކެއް ވެދުމަށް އަރުވާފައެއް ނުވެއެވެ.)) ކީރިތި ޤުރްއާނުން އެނގޭގޮތުގައި ސުލައިމާނުގެފާނު މި ހަދިޔާ ޤަބޫލުފުޅެއް ނުކުރެއްވިއެވެ. އޭގެ ބަދަލުގައި ސުލައިމާނުގެފާނު އެކަމަނާއަށް އެންގެވީ ކިޔަމަންވެ ވަޑައިގެން އެކަލޭގެފާނުގެ އަރިހަށް ވަޑައިގަތުމަށެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. ((فَلَمَّا جَاءَ سُلَيْمَانَ قَالَ أَتُمِدُّونَنِ بِمَالٍ فَمَا آتَانِيَ اللَّـهُ خَيْرٌ مِّمَّا آتَاكُم بَلْ أَنتُم بِهَدِيَّتِكُمْ تَفْرَحُونَ ﴿٣٦﴾ ارْجِعْ إِلَيْهِمْ فَلَنَأْتِيَنَّهُم بِجُنُودٍ لَّا قِبَلَ لَهُم بِهَا وَلَنُخْرِجَنَّهُم مِّنْهَا أَذِلَّةً وَهُمْ صَاغِرُونَ ﴿٣٧﴾ – ފަހެ (އެކަމަނާ ފޮނުއްވި) މީހުން سليمان ގެފާނުގެ އަރިހަށް އައިހިނދު، އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުން ތިމަންކަލޭގެފާނަށް މުދަލުން مدد ކުރަނީ ހެއްޔެވެ؟ ފަހެ، اللَّه ތިޔަބައިމީހުންނަށް ދެއްވާފައިވާ ތަކެއްޗަށްވުރެ، ތިމަންކަލޭގެފާނަށް اللَّه ދެއްވާފައިވާ ތަކެތި (އެބަހީ: ނަބީކަމާއި ރަސްކަން) މާހެޔޮކަން ބޮޑެވެ. އަދި ކިއެއްތަ! ތިޔަބައިމީހުންގެ ހަދިޔާއަށް އުފާކުރާނީ ހަމަތިޔަބައިމީހުންނެވެ. (36) ތިޔަ ހަދިޔާއާއިގެން އެއުރެންގެ ގާތަށް އެނބުރިދާށެވެ! ފަހެ، އެއުރެންނަށް ދެކޮޅުހެދުމަށް ކުޅަދާނަވެގެންނުވާފަދަ لشكر އަކާއިގެން އެއުރެންގެ ގާތަށް ހަމަކަށަވަރުން، އަހުރެމެން ދާހުށީމުއެވެ. އަދި ހަމަކަށަވަރުން، އެއުރެން ދެރަވެ، ނިކަމެތިވެގެންވާ حال ގައި، އެރަށުން އެއުރެން ބޭރުކުރާހުށީމުއެވެ. (37) ))
ސުލައިމާނުގެފާނުގެ އަމުރުފުޅަށް އެކަމަނާ ޤުދްސަށް ވަޑައިގެންނެވިއެވެ. އެތާނގައި ސުލައިމާނާ ބައްދަލުވެވަޑައިގެން އިސްލާމްދީނަށް ވަދެވަޑައިގަތެވެ.
ބައެއް މުއައްރިޚުން ވިދާޅުވާ ގޮތުގައި ސަބާއަކީ ޔަމަނުގެ ސަރަޙައްދެއްނޫނެވެ. އެއީ ފަލަސްޠީނުގެ ދެކުނު ސަރަޙައްދެކެވެ. ނުވަތަ އެއީ ޢަރަބިކަރައިގެ އުތުރު ނުވަތަ ހުޅަނގު ސަރަޙައްދެކެވެ. ޙަބަޝާގެ މުއައްރިޚުން ވިދާޅުވާ ގޮތުގައި ބަލްޤީސަކީ ޙަބަޝާގެ ރަންޏެކެވެ. އެކަމަނާ ސުލައިމާނުގެފާނުގެ އަރިހަށް ވަޑައިގެންނެވީ ޙަބަޝާއިންނެވެ. އެކަމަނާ ސުލައިމާނުގެފަނާ ކާވެނިފުޅު ބައްލައިގަތެވެ. އެކަލޭގެފާނުގެ ކިބައިން ދަރިކަލަކު ލިބިވަޑައިގަތެވެ. އިތިޔޮޕިޔާގައި ވެރިކަންކުރެއްވި ރަސްރަސްކަލުންނަކީ މި ދަރިކޮޅުގެ ބޭފުޅުންނެވެ. ތާރީޚު ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މި ވާހަކަ ކަށަވަރުކޮށްދޭ އެއްވެސް ޤަޠަޢީ ހެއްކެއް ނެތެވެ.
ޖުމްހޫރު ޢިލްމުވެރީން ވިދާޅުވާ ގޮތުގައި ސަބާގެ ބިމަކީ ޔަމަނުގެ އިރުމަތީ ސަރަޙައްދެވެ. ޢީސާގެފާނުގެ އެއްހާސް އަހަރު ކުރިން އެ ސަރަޙައްދުގައި ވަރަށް ބޮޑަށް ކުރިއަރާފައިވާ ޙަޟާރަތެއް ޤާއިމުވެފައި ވެއެވެ. ސުލައިމާނު ނަބިއްޔާ އުޅުއްވީ އެ ދުވަސްވަރުގައިކަން ތާރީޚުން އެނގެއެވެ. އާސާރީ ދަލީލުތައް ބުނާގޮތުގައި ޢީސާގެފާނުގެ ތިން ހާސް އަހަރު ކުރިން ޔަމަނުގެ މައުރަބު ސަރަޙައްދުގައި ދަނޑުވެރިކަން ވަރަށް ކުރިއަށް ގޮސްފައި ވެއެވެ. އެތާނގައި ޑޭމު ބިނާކޮށްގެން ދަނޑުވެރިކަން ކޮށްފައި ވެއެވެ. ޙަބަޝާއިން ފެނިފައިވާ ޤަދީމީ އާސާރުތަކުން އެ ސަރަޙައްދުގައި އެފަދަ ޙަޟާރަތެއް ޤާއިމުވެފައި އޮތްކަމަކަށް ނުބުނެއެވެ.
ޢީސާގެފާނުގެ 69 އަހަރު ކުރިން: ކިލިއޯބާތުރާ
ކިލިއޯބާތުރާއަކީ މި ޞްރުގައި ވެރިކަން ކުރި ބަޠުލަމީ ރަސްކަމުގެ އެންމެފަހު ރާނީއެވެ. އެކަމަނާގެ ރީތިކަމާ ބެހޭގޮތުން ފޮތްފޮތުގައި ވަރަށް ގިނަގުނަ ވާހަކަތަކެއް ލިޔެވިފައި ވެއެވެ. ބައެއް މުއައްރިޚުން ވިދާޅުވާ ގޮތުގައި އެއީ މާ ރީތި ބޭފުޅެއް ނޫނެވެ. އެކަމަނާ ޖޫލިއަސް ސީޒަރާއި މާރކް އެންޓަނީއާއެކު ބޭއްވެވި ލޯބީގެ ގުޅުމަކީ ވެސް ލިޔުންތެރިންނަށް ވަރަށް ގިނަ ވާހަކަތަކެއް އެކުލަވައިލެއްވުމަށް ލިބިވަޑައިގެންނެވި މާއްދާއެކެވެ.

ކިލިއޯބާތުރާ ދުނިޔެއަށް ވަޑައިގަތީ ޢީސާގެފާނުގެ 69 އަހަރު ކުރިންނެވެ. އެއީ 12 ވަނަ ބަޠުލީމުސް ފިރްޢައުނުގެ ދަރިކަނބަލުންނެވެ. ޢީސާގެފާނުގެ ކުރިން 51ވަނަ އަހަރު ބައްޕާފުޅު އަވަހާރަވުމުން ކިލިއޯބާތުރާ އޭނާގެ ކޮއްކޯފުޅު ބަޠުލީމުސް (13 ވަނަ) އާ ކާވެނިފުޅު ބައްލަވައިގަތެވެ. އެ ދެ ބޭފުޅުން ގުޅިގެން މިޞްރުގައި ވެރިކަން ކުރައްވަން ފެށްޓެވިއެވެ. ނަމަވެސް އެކަމަނާ ވެރިކަމުގައި އެހެން މީހަކު ބައިވެރި ކުރައްވަން ބޭނުންފުޅު ނުވާކަން އިޢުލާން ކުރައްވައި ކޮއްކޯފުޅާ ދެކޮޅަށް އަހްލީ ހަނގުރާމައެއް ފެށްޓެވިއެވެ. މި ކަމުގެ ސަބަބުން ކޮއްކޯފުޅު އަވަހާރަވިއެވެ. އަދި މިޞްރުގައި ހުންނެވި ރޯމަން ކޮންސަލް ޖޫލިސް ސީޒަރަށް މިކަމުގެ ތެރެއަށް ވަދެވަޑައިގަންނަވަން ޖެހިވަޑައިގަތެވެ.
މި ގަޑުބަޑުތަކުގެ ސަބަބުން ސީޒަރަށް ޖެހިވަޑައިގަތީ ކިލިއޯބާތުރާއާއި އެކަމަނާގެ ދެވަނަ ކޮއްކޯފުޅު ބަޠުލީމުސް (14ވަނަ) މިޞްރުގެ ވެރިކަމަށް އިސްކުރައްވާށެވެ. އޭރު ކިލިއޯބާތުރާގެ ޢުމުރުފުޅަކީ 22 އަހަރެވެ. ކޮއްކޯފުޅާއެކު ވެރިކަން ކުރައްވަން އެކަމަނާ އެދިވަޑައިނުގަންނަވާތީ މަކަރާއި ޙީލަތުން މި ކޮއްކޯފުޅުވެސް އަވަހާރަކޮށްލެއްވިއެވެ. އެކަމުގެ ސަބަބުން ރަސްކަން ހިތަކަށް އެކަމަނާއަށް ލިބިވަޑައިގަތެވެ.
މިއަދުގެ ދިރާސާތައް ބުނާގޮތުގައި ކިލިއޯބާތުރާ އަކީ އެ ބުނާފަދަ ރީތި ބޭފުޅެއްނޫނެވެ. އެހެނަސް އެކަމަނާއަކީ ވަރަށް ވިސްނުންތޫނު ، ޝަޚްޞިއްޔަތު ވަރުގަދަ، ސިޔާސީ މުޙައްނިކެކެވެ. މީގެއިތުރަށް އެކަމަނާއަކީ ޢަސްކަރީ ރޭވުންތެރިއެކެވެ.
އެކަމަނާއަކީ ޔޫނާނީ ފިރްޢައުނުތަކުގެ ތެރެއިން ޤާދީމީ މިޞްރު ބަސް ދަސްކުރެއްވި ފުރަތަމަ ރަނިކަމަނާއެވެ. އެކަމަނާއަށް ހީރޯޣްލަފީ ލިޔުންތައް ތަރްޖަމާ ކުރައްވަން އެނގިވަޑައިގަންނަވައެވެ. މާދަރީ ބަސްކަމުގައިވާ ޔޫނަނީ ބަހުގެ އިތުރަށް ޔަހޫދީ ބަހާއި، މީދީ ބަހާއި (ކުރްދީ ބަސް) ބަރްބަރީ ބަހާއި، ބާރްޘީ ބަހާއި (ޤަދީމީ ފާރިސީ ބަސް) ޢަރަބިބަހާއި، ސޫރިޔާ ބަހާއި އިތިޔޯޕިޔާ ބަސް އެ ކަމަނާ ދެނެވަޑައިގަންނަވައެވެ. ޖޫލިއަސް ސީޒަރާއި މާރކް އެންޓަނީއާއެކު އޮތް ލޯބީގެ ގުޅުންތަކުން އެނގެނީ އެކަމަނާއަށް ލެޓިން ބަސްވެސް އެނގިވަޑައިގަންނަވާ ކަމެވެ.
ރޯމަނުންގެ އަހްލީ ހަނގުރާމައިގައި ކިލިއޯބާތުރާ ތާއީދު ކުރެއްވީ މާރކް އެންޓަނީއަށެވެ. އެކަމަނާގެ ކަނޑުގެ ފްލީޓުގައި މާރކް އެންޓަނީއަށް އެހީވެވަޑައިގެންނެވުމަށް ޓަކައި ނުކުމެވަޑައިގަތެވެ. ނަމަވެސް މެޑިޓެރޭނިއަން ކަނޑުގެ ޠޫފާނެއްގެ ސަބަބުން އެކަމަނާގެ ނައުތަކަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބުމުން އެކަމަނާއަށް ވަޑައިގެންނެވުނީ ވަގުތު ފާއިތުވި ފަހުންނެވެ. އެކަމަނާ މާރކް އެންޓަނީއާއެކު އެއްބާރުލެއްވުމުގެ ސަބަބުން އެކަމަނާއަށް ޝާމުކަރައިގައި ހުރި ބިންތައް ލިބިވަޑައިގަތެވެ. އޭގެތެރޭގައި ފީނީޤިޔާ (މިހާރުގެ ލުބްނާން) އާއި ސެންޓް ޖޯން ޑާކަރ (މިހާރުގެ ޢައްކާ) އާއި ސޫރިޔާ އާއި ފަލަސްޠީނުގެ އަރީޙާ ސަރަޙައްދު ހިމެނެއެވެ. މީގެ އިތުރަށް ނަބްޠިއްޔާ ވެރިކަމުގެ ބައެއް ސަރަޙައްދުތަކާއި ލީބިޔާގެ އައްސޭރީގައި އޮންނަ ޤޫރީނާ ސަހަރާއި ކްރީޓް ޖަޒީރާގެ އީޓާނޮސްއާއި އޯލޮސް ވެސް އެކަމަނާއަށް ލިބިވަޑައިގަތެވެ. މިއިން އެނގެނީ ޢަސްކަރީ ގޮތުން އެކަމަނާއަށް ލިބިވަޑައިގެންނެވި ގެއްލުންތަކަށް އިސްތިރާތީޖީ ރޭވުމުގެ ސަބަބުން ބަދަލު ލިބިވަޑައިގެން ކަމެވެ.



advertisment