Support Us

އައިޝަތުގެ އެއްފައި ބުރިކޮށްލާފައި ހޮސްޕިޓަލުގައި: ދިރިއުޅުމަށް ކުރާ އުންމީދުތައް ގިނަ

އައިޝަތުގެ ހިތްދަތި ދިރިއުޅުން: ރަނގަޅަށް ހުރި ފައިވެސް ބުރިކޮށްލަން ޖެހިދާނެ

ތ. ތިމަރަފުއްޓަށް އުފަން އައިޝަތު މޫސާ އާއި ޅ. ނައިފަރަށް އުފަން އަހުމަދު ފައިޒަން އަކީ ވޭތުވެދިޔަ 20 އަހަރު ވަރަށް ލޯބިން ދިރިއުޅެމުން އައި ދެމަފިރިންނެވެ. ދިހަ އަހަރާއި 6 އަހަރުގެ ދެ އަންހެން ކުދިން މި ދެމަފިރިންގެ ތިބިއިރު މިއަދު އުޅެންޖެހިފައި ވަނީ ވަރަށް ހިތްދަތި ދިރިއުޅުމެއްގައެވެ. ލޯބިވާ އަންހެނުން މިދިޔަ އަހަރުން ފެށިގެން އުޅެންޖެހިފައިވާ ހާލުން އަންހެނުން އެކަނިކޮށްފައި ރަށުން ބޭރަށް އާމްދަނީ ހޯދުމަށް ދެވޭނެ ގޮތެއް ވެސް ފައިޒަން އަކަށް ނެތެވެ.

އައިޝަތާއި ފިރިމީހާ ފައިޒަން އަދި ދެ ކުދިން

އައިޝަތުގެ ހާލު އަންގައިދޭ ޕޯސްޓެއް ސޯޝަލް މީޑިއާއިން ފެނުމުން އިތުރަށް ހާލު އޮޅުން ފިލުވާލުމަށް އަޅުގަނޑު ގުޅާލީމެވެ.

"އެންމެ ފުރަތަމަ ކަނައަތު ފައިތިލައިގެ މަތީގައި ތިންފޮޅު ނެގީ. މާލެ ގޮސްފައި އީވް ކްލިނިކަށް ޑޮކްޓަރަށް ދައްކާފައި ފޮޅުތައް ނެގީ. އެއަށްފަހު އައިޖީއެމްއެޗަށް ޑޮކްޓަރަށް ދައްކަމުން އައީ. އައިޖީއެމްއެޗުން ބެންޑޭޖް ނެއްޓިއިރު ކަކުލުން ތިރި އެކީގައި ހުރީ ކަޅުވެފައި. ދެން އައިޖީއެމްއެޗުން ކަނައަތުފައިގެ ކުޑަހުޅުން ތިރި ބުރިކުރީ،" ތިމަރަފުށީގައި ދިރިއުޅޭ އުމުރުން 37 އަހަރުގެ އައިޝަތު ވަރަށް އަސަރާއެކު ކިޔައިދިނެވެ.

އައިޝަތުގެ އެއްފައި ބުރިކޮށްލާފައި ހޮސްޕިޓަލުގައި: ދިރިއުޅުމަށް ކުރާ އުންމީދުތައް ގިނަ

ކުޑަކުޑަ ދެކުދިންގެ މަންމައެއްގެ ދިރިއުޅުމަށް ދިމާވި ހާލުގެ ސަބަބުން އެއިރު މުޅި އާއިލާވެސް އޮތީ ހިތާމައިގެ ޝޮކެއްގައި ކަމަށް އައިޝަތު ބުންޏެވެ. އަދި ބުރިކުރި ފައި ރަނގަޅުނުވެ ދޮސް އަންނަން ފެށުމުން އާއިލާގެ ކަންބޮޑުވުން ދިޔައީ ހައްތަހާ ބޮޑުވަމުންނެވެ.

"އައިޖީއެމްއެޗްގައި މަހެއްހާ ދުވަހު ފަރުވާ ދިންއިރުވެސް ރަނގަޅުނުވެގެން އިންޑިއާއަށް ގޮސްފައި ދެވަނަ ފަހަރަށް ހަމަ އެފައިގެ ކަކުލުން މަތިން ބުރިކޮށްލީ. އަދި ދެމަހެއްހާ ދުވަހު އިންޑިއާގައި މިދިޔަ އަހަރު މަޑުކޮށްފައި އެނބުރި ރާއްޖެ އައީ ފައެއް ޖަހައިގެން. އެކަމަކު މިއަދު އެ ޖެހި ފައިގެ ބޭނުމެއްވެސް ނުހިފޭ."

އައިޝަތު ގޮނޑީގައި، ދެ ކުދިންނާއެކު: ދިރިއުޅުމަށް ހިނިތުންވުން ގެންނަން އިންތިޒާރުކުރޭ

އުނަގަނޑުގައި މައްސަލަ އުޅޭތީ އާއި، ފައިޖަހާ ހިސާބުގައި ފޮޅުތައް ނަގާތީ ތ. ވޭމަންޑޫ ހޮސްޕިޓަލްގެ އޮޕަރޭޝަން ޑޮކްޓަރަށް ކުރިން ދެއްކުމުން އެފައި ނުޖަހަން ބުނި ކަމަށް އައިޝަތު ކިޔައިދިނެވެ. މިހާރު އަނެއްކާ އައިޝަތުގެ ރަނގަޅަށް ހުރި ފައިތިލައިގައި ވަނީ ފޮޅު ނަގައި ބޮޑުވައިއިނގިލި ކަޅުވެފައެވެ. އަދި ސިއްހީ ގޮތުން އިތުރު މައްސަލަތަކަކާ އައިޝަތު މިހާރު މިވަނީ އަނެއްކާވެސް ކުރިމަތިލާންޖެހިފައެވެ. އޭގެތެރޭގައި ބައެއް ކަންކަމަށް ބޭނުންކުރާ ބޭސް ހުސްވެފައިވާއިރު، އައިޝަތު ދިރިއުޅޭ ތިމަރަފުށީ ސިއްޚީ މަރުކަޒުން އެކަށީގެންވާ ފަރުވާއެއް ލިބެން ނެތުން އެއީ އެންމެ ބޮޑު މައްސަލައެވެ.

"އަޅުގަނޑުގެ ރަނގަޅަށް ހުރި ފައިގައި މި ވަނީ ފޮޅު ނަގާފައި. އެ ފައިގެ ކަކޫ ދުޅަވެފައި ބޮޑުވައިއިނގިލި ކަޅުވެފައި ހުރީ. ވޭމަންޑޫ ސިއްހީ މަރުކަޒުން ހެދި ޓެސްޓުން އެނގުނީ އަނެއްކާވެސް ލޭގައި ޖަރާސީމް ވެސް ހުރިކަން. ލ. ގަމު ހޮސްޕިޓަލަށް ނޫނީ މާލެ ދާން ޑޮކްޓަރުން އަންގާފައި ވަނީ. ވަރަށް ބިރުގަނޭ މި ފައިވެސް ބުރިކޮށްލަން ޖެހިދާނެތީ،" އައިޝަތު ބުންޏެވެ.

ލޭގައި ޖަރާސީމް އުފެދިގެން މިއަހަރު ކުރީކޮޅު އައިޝަތު ވަނީ އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯދައިފައެވެ. އަނެއްކާވެސް ލޭގައި ޖަރާސީމް އުފެދުނީއެވެ. އައިޝަތުގެ މަންމައަކީ ބަލިވުމުން ރަނގަޅަށް ހިނގައި އުޅެވޭ މީހެއް ނޫނެވެ. އައިޝަތަށް އެހީތެރިވާން ތިބީ ފިރިމީހާ އާއި ކުޑަކުޑަ ދެކުދިން އެކަންޏެވެ.

އައިޝަތުގެ ދެ ކުދިން: އެ ކުދިންގެ މުސްތަގުބަލަށް އުފާވެރިކަން ގެންނަން ބޭނުން

"ވަރަށް ޅައުމުރުގައި ކައިވެނިކުރީ. ފިރިމީހާ ވަރަށް ލޯބިވޭ އަޅުގަނޑު ދެކެ. ވަރަށް އޯގާތެރި. ޑޮކްޓަރަށް ދައްކަން ރަށުން ބޭރަށް ދާއިރު، ދޯނިފަހަރަށް އަރުވާއިރުވެސް އުފުއްލައިގެން ގެންގުޅޭނީ. ވަރަށް ދެރަވޭ ފިރިމީހާ އަށް ރުފިޔާ ހޯދުމަށް ރަށުން ބޭރަށް މަސައްކަތްކުރަން ނުދެވޭތީ. ރަށުތެރޭގައި ކުދިކުދި މަސައްކަތް ކޮށްގެން އުޅެނީ. ޚާއްސަ އެހީއަށް ބޭނުންވާ މީހެއްގެ ހައިސިއްޔަތުން އަޅުގަނޑަށް ލިބޭ 2000 ރުފިޔާއާއި ފިރިމީހާ އަށް ލިބޭ ކުޑަ ލާރިކޮޅުން ބޭސްފަރުވާ ކުރަން ރަށުން ބޭރަށްދާން ވަރަށް ދަތި. ވަރަށް ފަގީރު ބައެއް އަޅުގަނޑުމެންނަކީ،" އައިޝަތުގެ ހިތްދަތި ދިރިއުޅުމުގެ ތަންކޮޅެއް އޭނާ ކިޔައިދިނެވެ.

"އެއްވެސް އިންސާނަކަށް ދެރަގޮތެއް މެދުވެރި ނުކުރައްވާނެ. ދުޢާކުރުން ނޫންގޮތެއް ނެތް،" އައިޝަތުގެ އަޑުގައި ހުރި ހިތާމަ ލިޔުމުން ބަޔާންކުރަންވެސް ދައްޗެވެ.

މިވަގުތު ވޭނީ ދިރިއުޅުމެއް ވޭތުކުރަންޖެހިފައިވާ އައިޝަތު އަނެއްކާވެސް މިވަނީ އިތުރު ފަރުވާ ހޯދުމަށް ދީލަތި އެހީއަށް ބޭނުންވެފައެވެ. އޭނާ ބަލި އެނދުން ތެދުވުމަށް ކިތަންމެ ކުޑަ އެހީއެއް ވެދޭ ފަރާތަކަށް ވެސް ހެޔޮ ރަހުމަތްލެއްވުން އެދި އައިޝަތާއި އާއިލާ، މާތްﷲ ހަޒުރަތުގައި ދުޢާ ދަންނަވާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11111
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *