Support Us

ޝަމްސުއްދީން ރަދުން މެދުޒިޔާރަތްދޮށުގައި ފާތިހާ ވިދާޅުވަނީ -ފޮޓޯތައް: މޯލްޑިވްސްރޯޔަލްފެމިލީޑޮޓްކޮމް

ކިލެގެފާނު އިޞްލާޙުކުރެއްވި ޤާނޫނުއަސާސީ ތަޞްދީޤުކުރައްވަން ބަންޑާރައިން ދެކޮޅުހެއްދެވުން

ދިވެހިރާއްޖޭގެ ދުސްތޫރީ ތާރީޚާ ބެހޭގޮތުން ކުރަމުންދާ ދިރާސާގެ ތެރެއިން ފުރަތަމަ ޤާނޫނުއަސާސީގެ ފަސްމަންޒަރާ ބެހޭގޮތުން ލިޔަމުންދާ މި ސިލްސިލާގައި މިފަހަރު ބަލައިލާފައި މިވަނީ ޢަބުލްމަޖީދު ރަންނަބަނޑޭރިކިލެގެފާނު އިޞްލާޙުކުރެއްވި ޤާނޫނުއަސާސީއަށާއި އެކިލެގެފާނު މިސްރުގައި ހުންނަވައިފައި ދިވެހިރާއްޖެއަށް ވަޑައިގަތުމަށްފަހު ސިޔާސީ މަޞްރަޙަށް ގެންނެވި ބަދަލުތަކުގެ މައްޗަށެވެ.

ޝަމްސުއްދީން ރަދުން އިސްވެ ހުންނަވައިގެން ރައްޔިތުންގެ ތެރެއިން ބަޔަކު ގުޅަކުޅޭ ފަސްގަނޑަށް ނެރެ ފުރަތަމަ ޤާނޫނުއަސާސީ އުވާލައި ދުސްތޫރުގެ ބޭނުން ކަނޑުވާލުމަށް ހިންގި ސިޔާސީ ހަމަނުޖެހުންގަނޑު ދިގުލައިގެންދިޔަ ވާހަކައާއި ދައުލަތުގެ ބާރުތައް ވެރިންގެ އަތްދަށުން ލޫދިގަނެ 68 ބޭކަލުން ދައުލަތް ހިންގަމުންދިޔަ ވާހަކަ ކުރީގެ ލިޔުމުގައި ދަންނަވާފައިވާނެއެވެ.

ކީރިތި މަހާރަދުންނަކީ ދައުލަތުގެ އިސްވެރިޔާއެވެ. ސަރުކާރު ހިންގުމުގެ މަސްއޫލިއްޔަތު އޮތީ ބޮޑުވަޒީރަށެވެ. ދައުލަތުގެ އެންމެެމަތީ ދެ ވެރިން ތިއްބެވި ނަމަވެސް ދައުލަތުގެ ކަންކަން އެ ދެވެރިންނަށް ހަމަ މަގަށް އެޅުއްވުނު ކަމަކަށް ނުވިއެވެ. ދައުލަތް ހުސްކަމެއްގެ ތެރެއަށް ވެއްޓިއްޖެއެވެ. ރަދުންނާއި އޭނާގެ ބޮޑުވަޒީރުގެ ބާރުކެނޑިއްޖެއެވެ. އެދެބޭފުޅުންގެ މައްޗަށް ބަސްބުނެ ދައުލަތުގެ ކަންކަން ހިންގަވަން ފެއްޓެވީ 68 ބޭކަލުންގެ ކޮމެޓީއަކުންނެވެ.

މި ދެންނެވި 68 ބޭކަލުންގެ ބައްދަލުވުންތައް ކޮންމެރެއަކު އިރުއޮއްސި އަށަކުން ފެށިގެން އެގާރަ ޖަހަންދެން އޮވެއެވެ. ބައްދަލުވުންތައް އޮންނަނީ ހަކުރާ ގަނޑުވަރުގައިއެވެ. ބައްދަލުވުންތަކުގައި ކުރެވޭ ސައްލާތަކުގެ އަޑު ކަނބާފާނު ގަނޑުވަރުގެ ފެންޑާމައްޗަށް އިވޭ ކަމަށް ޢަބުދުލް ޙަކީމް ޙުސައިން މަނިކު ލިޔުއްވާފައިވެއެވެ. ބައެއް ފަހަރު އަޑުފަށްގަނޑު ގަދަވެގެންދާ ވަގުތު މުޙައްމަދު ފަރީދު ދީދީ ވިދާޅުވެގެން ގޮސް ފާރުމަތިން ބައްލަވައި ހައްދަވާ ކަމަށް ލިޔުއްވާފައިވެއެވެ. ގުޅީ ޢިސާ ކަލޭފާނު ވެރިއެއްގެ ގޮތުގައި އިންނަވައިގެން އަޑުމަޑުކުރެއްވޭތޯ މަސައްކަތް ކުރައްވައެވެ. އެކަމަކު އޭނާއަށްވެސް ޖެހެނީ އަޑުމަޑުކުރެވޭތޯ ހަޅޭއްލަވާށެވެ. ކަނބާފާނު ގަނޑުވަރަށް އަޑުއިވޭ ވާހަކަ ބުނުއްވާފައި އެވަނީ، ބައްދަލުވުން ހޫނުވެ އަޑުގަދަވާ މިންވަރު ބުނެދެއްވުމަށެވެ. އެހެނީ ހަކުރާގަނޑުވަރާއި ކަނބާފާނުގަނޑުވަރާ ދެމެދު ހުސްމަގެއް އޮންނައިރު ކަނބާފާނުގަނޑުވަރާ ހަމައަށް އަޑު ފޯރާނީ އަޑުފަށްގަނޑު ހާދަގަދަވީމަތާއެވެ.

ދިވެހިރާއްޖޭގައި ޤާއިމްކުރެވުނު ފުރަތަމަ ދުސްތޫރީ ޙުކޫމާ ނުވަތަ ޤާނޫނީ ސަރުކާރު އޮތީ ހުސްކަމެއްގެ ތެރެއަށް ވެއްޓިފައެވެ. ސިޔާސީ މަސްރަޙު އޮތީ ގަޑުބަޑުވެފައެވެ. އެކަންކަމުން އަރައިގަނެ، ސިޔާސީ ގަޑުބަޑު މައިތިރިކޮށް ސިޔާސީ މަސްރަޙު ފިނިކޮށް ދައުލަތުގެ ކަންތައް ހަމަޔަކަށް އެޅުއްވޭނެ ހަމައެކަނި ބޭފުޅަކީ ޢަބުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނު ކަމުގައި ދެކިގެން ކިލެގެފާނު މިޞްރުގައި ހުންނަވަނިކޮށް ރާއްޖެ ވަޑައިގަތުމަށް ރަދުންގެ ފަރާތްޕުޅުން ދެންނެވުނެވެ.

ރަންނަބަނޑޭރި ކިލެގެފާނަކީ ސިޔާސީ މުޙައްނިކެއް ގޮތުގައި މުޙައްމަދު އަމީނު ފަދަ ބޭފުޅުން ސިފަކުރައްވާފައި ވަނީ އެކިލެގެފާނުގެ ސިޔާސީ ދުރު ވިސްނުންފުޅުގެ ތަޖުރިބާއަށް ބައްލަވާފައި ކަމަށް ވެދާނެއެވެ. ޝަމްސުއްދީން ރަދުންގެ ދިގުލައިދިޔަ ރަސްކަމުގެ މުގުލުގައި ހުންނެވީ އެކިލެގެފާނެވެ. ކިލެގެފާނު ރަދުންގެ އަތްޕުޅު ދޫކޮށްލެވި ހިސާބުން ރަސްކަމުގެ ތަޚުތު ގުޑުން އަރަންފަށައިފިއެވެ. ހަގީގަތުގައި ޝަމްސުއްދީން ރަދުންގެ ދިގުރަސްކަމުގެ ނިމުން މި ހިސާބުން ފެށިއްޖެއެވެ.

ރަންނަބަނޑޭރި ކިލެގެފާނު ރާއްޖެ ދޫކުރައްވައި ދައުލަތުގެ ކަންކަމާއި ބެހިވަޑައިނުގަންނަވައި ފެއަށްޖެހިވަޑައިގެން ހުންނަވަނިކޮށް ރާއްޖެއަށް ވަޑައިގަތުމަށް ލިބިވަޑައިގަން ދަޢުވަތުގެ ބޭނުން ކިލެގެފާނު ހިއްޕެވީ ޣަނީމަފުރުޞަތެއް ގޮތުގައެވެ. ރާއްޖެއަށް ވަޑައިގަތުމަށް ދަޢުވަތު ލިބިވަޑައިގަތުމާއެކު ކިލެގެފާނު ނިންމެވީ ސިޔާސީ ބާރުވެރިކަން އަނބުރާ ހޯއްދެވުމަށްފަހު ނޫނީ ވަޑައިނުގަތުމަށެވެ.

ކިލެގެފާނު މިޞްރުން ވަޑައިގަތީ ކޮޅުނބަށެވެ. ކޮޅުނބުގައި ހުންނަވާފައި ރަދުންނަށް ފޮނުއްވި ސިޓީފުޅުގައި އެދިވަޑައިގަތީ ކިލެގެފާނަށް ފެނިވަޑައިގަންނަވާ ގޮތްތަކަށް ދިވެހިރާއްޖެ ކަންކަން ހިންގުމުގެ ފުރިހަމަ އިޚްތިޔާރު ރަދުންނާއި ރައްޔިތުން ކިލެގެފާނަށް ދެއްވިކަމުގެ ފަތްކޮޅެއް ކޮޅުނބުގައި ހުންނަވާ އިނގިރޭސި ގަވަރުނަރަށާއި ކިލެގެފާނަށް ފޮނުއްވައިދެއްވުމަށެވެ. ކިލެގެފާނު އެދިވަޑައިގެންނެވި ގޮތަށް ރައްޔިތުނާއި ރަދުން ރުހިއްޖެ ކަމުގައި ކިލެގެފާނަށް ދަންނަވައިފިއެވެ. އަދި ރާއްޖެ ވަޑައިގަތުމަށްވެސް ދަންނަވައިފިއެވެ.

ކިލެގެފާނު މާލެ ވަޑައިގަތުމަށްފަހު ގަސްތުކުރެއްވީ ޝަމްސުއްދީންރަދުން ހަވަރަށް ދެއްވި ފުރަތަމަ ޤާނޫނުއަސާސީ އިޞްލާޙުކޮށްގެން ދައުލަތް ހިންގެވުމަށެވެ. އެގޮތުން ފުރަތަމަ އެކުލަވާލެއްވީ ޤާނޫނުއަސާސީ އިސްލާހުކުރާ ކޮމެޓީއެކެވެ. އެކޮމެޓީގައި ހިމެނުއްވީ ކިލެގެފާނަށް ފެނިވަޑައިގަންނަވާ ބޭފުޅުންނެވެ. ގިނަ ބޭފުޅުންނަކީ ފުރަތަމަ ޤާނޫނުއަސާސީ ކޮމެޓީގައި ހިމެނިވަޑައިގެންފައިނުވާ އާބޭފުޅުންނެވެ. ކޮމެޓީގެ ރައީސަކީ ޢަބުދުލް މަޖީދު ރަންނަބަނޑޭރިކިލެގެފާނެވެ.

ކިލެގެފާނު ފުރަތަމަ ޤާނޫނުއަސާސީ ކޮމެޓީގެ ރައީސަކަށްވެސް ހަމަޖެއްސެވިއެވެ. އެއިރު ބޮޑުވަޒީރަކަށް ހުންނެވީވެސް ކިލެގެފާނެވެ. ނަމަވެސް ފުރަތަމަ ޤާނޫނުއަސާސީ ހެދުމުގެ އެއްވެސް ކަމެއްގައި ކިލެގެފާނު ބައިވެރިވެވަޑައިނުގަތެވެ. ޤާނޫނުއަސާސީއާ އެއްގޮތަށް ވެރިކަން ކުރަންވާން މާބޮޑު ތަރުޙީބެއް ދެއްވިތަނެއް ކިލެގެފާނު ކިބައިން އެއިރު ފެނިގެންނުދިއައެވެ.

ޙަސަން ފަރީދު

ވަޒީރުއްދާޚިލިއްޔާ ޙަސަން ފަރީދު ރައްޔިތުންގެ ޚާއްޞަ މަޖިލިސް އެއްކުރެއްވުމަށް މާލެއާއި ރާއްޖެތެރެއިން މެމްބަރުން އިންތިޚާބުކުރުމުގެ މަސައްކަތް ފެއްޓެވިއެވެ. މާލޭގެ ހަތަރު އަވަށުން މެމްބަރުން އިންތިޚާބުކުރެއްވިއެވެ. އަވަށަކުން ދެ މެމްބަރުން ނެންގެވިއެވެ. މާލެއިން އިންތިޚާބުވި ބޭފުޅުންގެ ތެރޭގައި އިބްރާހީމް ޙިލްމީ ދީދީ އާއި ބޮޑުފެންވަޅުގޭ ސީދީ ހިމެނިވަޑައިގަތެވެ. ރަދުން އައްޔަނުކުރެއްވި މެމްބަރުންނަކީ ޞަލާޙުއްދީން ފިޔަވައި ކުރިންވެސް ތިއްބެވި މެމްބަރުންނެވެ. ޞަލާޙުއްދީން އެއިރު ހުންނެވީ މޮޓަރުބޯޓުގައި ކޮޅުނބަށް ފޮނުވާލެއްވިފައިއެވެ. ޞަލާޙުއްދީން ބަދަލުގައި އައްޔަނުކުރެއްވީ ޢަލީ ކުޑަރަންނަބަނޑޭރިކިލެގެފާނެވެ. އަތޮޅުތެރެއިން އައްޔަނުކުރެއްވީ ބޮޑުއަތޮޅަކުން ދެމެމްބަރުންނެވެ. ކުޑައަތޮޅަކުން މެމްބަރެކެވެ. ޖުމްލަ 22 މެމްބަރުންނެވެ. ހުރިހާ މެމްބަރުންނަކީވެސް ކިލެގެފާނު ގަބޫލުފުޅުވެގެން އައްކުރެއްވި މެމްބަރުންނެވެ.

ޖުމްލަ 22 މެމްބަރުންނާއެކު ޚާއްޞަ މަޖިލީހުގެ ޖަލްސާތައް ފައްޓަވައިފިއެވެ. ރިޔާސަތު ބެލެހެއްޓެވީ ޢަލީ ކުޑަރަންނަބަނޑޭރި ކިލެގެފާނެވެ. ފުރަތަމަ ޖަލްސާ ބޭއްވެވީ 17 ޖޫން 1934 (4 ރަބީޢުލް އައްވަލު 1353) އާދީއްތަ ދުވަހުގައެވެ. މަޖިލީހުގައި ފުރަތަމަ ކަމަކަށް އޮތީ ރަންނަބަނޑޭރިކިލެގެފާނު ޑުރާފްޓު ކުރައްވާފައި މަޖިިލިހަށް ފޮނުއްވެވި ބިލް ފާސްކުރެއްވުމެވެ.

ޚާއްޞަ މަޖިލީހުގެ ޖަލްސާތައް މަޙުކަމަތުއް ޝަރުޢިއްޔާގައި ހުރި މަދުރަސަތުއް ސަނިއްޔާގައި ފެށިއްޖެއެވެ. ވިއްސަކަށް ދުވަހަށް ޖަލްސާތައް ދެމިއޮތެވެ.

ޝަމްސުއްދީން ރަދުން ކޮންމެ ޖަލްސާއަކަށްވެސް އަޑުއައްސަވަން ވަޑައިގަންނަވައެވެ. ޖަލްސާތަކަށް ވަޑައިގަންނަވަނީ ރަދުންގެ މެމްބަރުންނާއެކުއެވެ. ޤާނޫނުއަސާސީގެ މާއްދާތައް ފާސްކުރަމުންދާއިރު ރަދުން ބޭނުންފުޅުނުވާ ގޮތަށް މާއްދާއެއް ފާސްވެއްޖެނަމަ މޫނުފުޅަށް މާޔޫސްކަމާއި މޯޅިކަން ވެރިވެދެއެވެ. އެފަދަ އެއް މާއްދާއަކީ ފުރަތަމަ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ވިރާޘީ އިންތިޚާބީ ރަސްކަން، އިންތިޚާބީ ރަސްކަމަކަށް އިޞްލާޙުކޮށް ފާސްކުރެއްވި މާއްދާއެވެ.

މި ދެންނެވި އިޞްލާޙު ފާސްކުރި ދުވަހުގެ ޔައުމިއްޔާއިން ތަންކޮޅެއް ޢަބުދުލް ޙަކީމް ޙުސައިން މަނިކު ލިޔުއްވާފައިވާ ގޮތަށް ގެނެސްދެމެވެ. "ގަލޮޅު މެމްބަރު އިބްރާހީމް ޙިލްމީ ދީދީ އޭނާގެ ހިނގާ ދޫފުޅުން އެތަކެއް ވާހަކަ ދެއްކެވިއެވެ. ދޮންބަންޑާރައިން ކުރެއްވި ޚިދުމަތާއި އެދަރިކޮޅުންއައި ވިރާސީ ރަސްކަން އެއްގޮތަކަށްވެސް އިންތިޚާބީ ރަސްކަމަކަށް ބަދަލުކޮށްގެން ނުވާނެއެވެ. މި މާއްދާ މިގޮތަށް އިޞްްލާޙުކޮށްފިނަމަ މިހާރު ހުންނެވި ވަލީއަހުދު މަގާމުންް ވަކިކޮށްލެވުނީއެވެ. އެއީ އަޅުގަނޑު އެއްގޮތަކަށްވެސް ހިތްހަމަޖެހޭ ގޮތެއް ނޫނެވެ. ބޮޑުފެންވަޅުގޭ ސީދީ ވިދާޅުވީ އިންތިޚާބީ ރަސްކަމަކަށް ބަދަލުވުމަކުން ދޮންބަންޑާރައިންގެ ދަރިކޮޅަކުން ނައްޓައިއެއްނުލައެވެ. ވަރަށް ގިނަ މެމްބަރުން ވަރަށް ގިނައިން ވާހަކަތައް ދެއްކެވިއެވެ. ދެ ދުވަސް މަތީން ދުވާލަކު ތިން ގަޑިއިރުގެ ބަހުސަކަށްފަހު ރިޔާސަތުން ވޯޓަށް އެއްސެވީމާ ބޮޑު އަޣުލަބިއްޔަތަކުން ފާސްވީ އިންތިޚާބީ ރަސްކަމަކަށެވެ."

ފުރަތަމަ ޤާނޫނުއަސާސީއަށް ގެނެވުނު ބަދަލުތަކުގެ ތެރޭގައި ބައެއް މާއްދާތައް އުވާލެވުމާއި ބައެއް މާއްދާތައް އިސްލާހުކުރުން ހިމެނެއެވެ. ފުރަތަމަ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ވިރާޘީ އިންތިޚާބީ ރަސްކަން އިންތިޚާބީ ރަސްކަމަކަށް ބަދަލުކުރެވުނެވެ. ދައުލަތް ހިންގާ ހަތަރު ގުނަވަންތެރޭން ޤާނޫނު ހަދާ މަޖިލިސް އުވާލައްވައި، ރައްޔިތުންގެ މަޖިލިސް ހިމެނޭގޮތަށް ބަދަލުކުރެވުނެވެ. ޝަރުޢީ ނިޒާމާބެހޭ ބައެއް ބައިތަކަށް ބަދަލުގެނެވުނެވެ. އަރުވާލުމާއި މެރުން ލާޒިމްވާ ފަދަ ބޮޑެތި ކުށްތަކުގައި ކުރާ ޝަރީޢަތްތައް ޖޫރީން ތިބެގެން ކުރަންޖެހޭ ގޮތަށް އޮތް މާއްދާ އުވާލެވުނެވެ. ޝަރީޢަތާބެހޭ ކަންކަމުގައި ރަދުންނަށް ބެހިވަޑައި ނުގަނެވޭ ގޮތަށް އޮތް މާއްދާ އުވާލެވުނެވެ. މިނޫންވެސް ބައެއް ބަދަލުތައް ގެންނެވުނެވެ.

މުޙައްމަދު އަމީނު ދީދީ

ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ ޙަޔާތް ފޮތުގެ 146 ވަނަ ޞަފްޙާގައި މުޙައްމަދު އަމީނު ދީދީ ލިޔުއްވާފައިވެއެވެ. "ޤާނޫނުއަސާސީއަށް ރަންނަބަނޑޭރި ކިލެގެފާނު ގެންނެވީ ވަރަށްވެސް ކުޑަ ދެތިން ބަދަލެކެވެ. އިހަށް ކަޑައެޅިފައިވާ އުޞޫލުތަކުން އަޞްލެއް ތަފާތެއް ނުކުރައްވައެވެ. މިދެންނެވި ގޮތުގެ މަތީން އިސްލާހުކުރެވުނު ޤާނޫނުއަސާސީ ރައްޔިތުންގެ ޚާއްޞަ މަޖިިލިސުން ފާސްވުމަށްފަހު ކީރިތި މަހާރަދުން ތަޞްދީޤު ކުރެއްވިއެވެ."

ތިންހަތަރު ފޮޅުވަތުގައި މުޙައްމަދު އަމީނު ދީދީ ލިޔުއްވާފައިވާ ވާހަކަފުޅުގައި ދުސްތޫރީޙަޔާތުގެ އެތައް ޞަފްްޙާއެއް ވަނީ ދޫކޮށްލައްވާފައެވެ. ތާރީޚަށް ފަސްއަޅުއްވައި ފޮރުވާލެއްވި މުހިއްމު މަޢުލޫމާތު ތާރީޚީ އެހެން މަސްދަރުތަކުން ފެންނަން އެބަހުއްޓެވެ. މަތީގައި އަޅާފައިވާ ސުރުޚީގެ ޙަޤީޤަތް ދެނެގަތުމަށް ކޮންމެވެސް ވަރަކަށް އެވާހަކަތައް ނުގެނެސް ދޫކޮށްލެވޭކަށް ނެތެވެ.

ރަންނަބަނޑޭރިކިލެގެފާނުގެ މުސްތަޝާރު ކަމުގެދަށުން ފުރަތަމަ ޤާނޫނުއަސާސީއަށް ބޮޑެތި އިޞްލާޙުތަކެއް ގެންނެވިއެވެ. އޭގެތެރެއިން ފާހަގަކޮށްލެވޭ އިޞްލާޙަކީ ވިރާޘީ އިންތިޚާބީ ރަސްކަމެއް ގޮތުގައި އޮތް މާއްދާ އިންތިޚާބީ ރަސްކަމެއް ގޮތުގައި އިޞްލާޙުކުރެއްވުމެވެ. އެ އިޞްލާޙުގެ ސަބަބުން ޝަމްސުއްދީން ރަދުންގެ ދަރިކަލުން ޙަސަން ޢިއްޒަތްދީނަށް ރަސްކަން ލިބިވަޑައިގަތުމުގެ ފުރުޞަތު ހަނިވެއެވެ. މިހެންވެ، ޤާނޫނުއަސާސީއަށް ގެނައި އެއިޞްލާޙަކީ ޝަމްސުއްދީން ރަދުންނަށް އެއްގޮތަކަށްވެސް ޤާބޫލުފުޅުކުރެއްވުނު އިޞްލާޙަކަށްނުވިއެވެ.

ޤާނޫނުއަސާސީ އިޞްލާހުކޮށް ނިމިއްޖެއެވެ. ޚާއްޞަ މަޖިލީހުން ފާސްކޮށްފިއެވެ. ދެންއޮތީ ރަދުންގެ ސިއްކަފުޅު ޖައްސަވައި ތަޞްދީޤު ކުރެއްވުމެވެ. ޝަމްސުއްދީން ރަދުންނަށް ޤަނޫނުއަސާސީ ތަޞްދީޤު ކުރެއްވުމަށް އަރިސްކުރެއްވުމުން ސޮއި ކުރެއްވުމަށް އިންކާރު ކުރައްވައިފިއެވެ. ޢަބުދުލް މަޖީދު ރަންނަބަނޑޭރިކިލެގެފާނު ޢަލީ ކުޑަ ރަންނަބަނޑޭރިކިލެގެފާނުން މެދުވެރި ކުރައްވައިގެން ރަދުންނަށް ނަޞޭޙަތްޕުޅު އަރުވައިފިއެވެ. ދެންވެސް ސޮއިކުރައްވަން ރަދުން ގަބޫލުފުޅެއް ނުވިއެވެ.

ކީރިތި މަހާރަދުން ޤާނޫނުއަސާސީ ތަޞްދީޤު ކުރެއްވުމަށް އިންކާރުކުރެއްވުމުން ދެން ފެނިގެންދިޔައީ ރަންނަބަނޑޭރިކިލެގެފާނުގެ ސިޔާސީ ރޭވުންތަކެވެ. ޖެހިގެން އައީ ހުކުރު ދުވަހެކެވެ. ގުޅަކުޅޭ ފަސްގަނޑު އޮތީ ރިޔާދަމާ ތައްޔާރުކޮށްފައެވެ. ރަދުން ހުކުރުން ފައިބާވަޑައިގަތުމަށްފަހު ގަނޑުވަރަށް ވެދެވަޑައިގަތުމާއެކު ރޭވިފައިވާ ގޮތުގެ މަތިން ގުޅަކުޅޭ ފަސްގަނޑަށް މީހުން އެއްވެއްޖެއެވެ. ރަދުންގެ ލަސްކަރު ނުވަތަ ހަގުބޭކަލުން އާދަކޮށް ހުކުރު ދުވަހު ކައިއުޅޭ ހުކުރު ބޮނޑިބަތުގައި އަތެއްނުލިއެވެ. ނުކުތީ ގުޅަކުޅޭ ފަސްގަނޑަށެވެ. އެއިރު ފާރަވެރިންގެ ދޮރޯށީގައި ކޮޅުފިލާގޮނޑިއެއްގައި ޢަބުދުލް މަޖީދު ރަންނަބަނޑޭރިކިލެގެފާނު އިންނެވިއެވެ.

ބޮޑުފެންވަޅުގޭ ސީދީ

މިދުވަހު އަސުރު ނަމާދުން ފޭބިތަނާ ފަނޑިޔާރުމަނިކުފާނު ބޮޑުފެންވަޅުގޭ ސީދީ ރައްޔިތުންގެ ތެރެއަށް ނުކުމެވަޑައިގަންނަވައި، ގޮނޑިއެއްގެ މައްޗަށް އަރާވަޑައިގެން ހުންނަވައިގެން ރަންނަބަނޑޭރިކިލެގެފާނުގެ ފަތްކޮޅެއް ކިޔައިދެއްވިއެވެ. ފަތްކޮޅުގައި ވަނީ މިފަދައިންނެވެ. ޤާނޫނު ހަދާ މަޖިލީހުން ފާސްކުރައްވައި ރަދުންގެ އަރިއަހަށް ސިއްކަފުޅު ޖައްސަވަން ގެންދެވޭ ޤާނޫނުގައި ރަދުން ސިއްކަފުޅު ނުޖެއްސެވިއެވެ. ރަދުންގެ ސިޔާސަތުތަކަށާއި ދައުލަތް ހިންގަވާ ގޮތުގެ މައްޗަށް އެތައް ތުހުމަތުތަކެއް ކުރައްވާފައިވެއެވެ. އެހެންނަމަވެސް މި މަޢުޟޫއާ ގުޅޭ ވާހަކަތަކަކަށް ނުވާތީ ދޫކޮށްލީއެވެ.

ރައްޔިތުން އެއްވެ ތިބީ ގަނޑުވަރާ ޖެހިގެން އޮތް ހުސްބިން ނުވަތަ މަޝްހޫރު ގުޅަކުޅޭ ފަސްގަނޑަށެވެ. ރަދުން ހުންނެވީ ގަނޑުވަރު ތެރޭގައިއެވެ. ފަސްގަނޑުގައި ތިބި ރައްޔިތުންގެ މައްޗަށް ކީރިތި މަހާރަދުންގެ ބާރުވެރިކަމެއް ނެތެވެ. އޭގެ ކުޑަ ދުވަސްކޮޅެއް ކުރިން އެފަސްގަނޑުގައި ޤާނޫނުއަސާސީ ވީދާލެއްވެވީ ހަމަ އެތިބި ރައްޔިތުން ލައްވައެވެ. އެދުވަހު މުގުލުގައި ހުންނެވީ ކީރިތި މަހާރަދުންނެވެ. މިއަދު އެ ރައްޔިތުން ގޮވައިގެން ރަދުންނާ ދެކޮޅަށް ތެދުވެވަޑައިގެން މުގުލުގައި އެ ހުންނެވީ ރާއްޖޭގެ ސިޔާސީ ކުޅިބައިގެ މަންތިރި ރަންނަބަނޑޭރިކިލެގެފާނެވެ. އެއީ ތިރީސް އަހަރުގެ ދިގު ރަސްކަމެއް ޝަމްސުއްދީނަށް ހިބަކޮށް ދެއްވެވި ކިލެގެފާނެވެ. ކިލެގެފާނު ފެއަށްޖެހިވަޑައިގަތުމާއެކު ރަސްކަމުގެ ތަޚުތަށް އެވަނީ ލޮޅުންއަރާފައެވެ.

މަތިގޭގައި ޝަމްސުއްދީން ރަދުންނާއި ބޮޑުން ތިއްބެވީ މަޖިލިސް ކުރައްވާށެވެ. ބޮޑުންގެ މަޖިލީހުގައި ތިއްބެވި ބޭފުޅުން ތެރޭގައި މުޙައްމަދު ފަރީދާއި ޢަލީ ކުޑަރަންނަބަނޑޭރިކިލެގެފާނާއި ޙަސަން ފަރީދާއި މުޙައްމަދު އަމީނާއި ގަލޮޅުގޭ އިބްރާހީމް ދީދީއާއި ނޫމަރާ ގަނޑުވަރު ތުއްތުމަނިއްޕުޅާއި ކަޅުހުރާގޭ ދޮށީސީދީ ހިމެނިވަޑައިގަންނަވައެވެ.

ރަދުންގެ ކާތިބުއްސިއްރުގެ ނައިބު މުޙައްމަދު އަމީނު ޤާނޫނުއަސާސީގައި ސޮއިކުރެއްވުމަށް ރަދުންނަށް އަނެއްކައިވެސް އަރިސްްކުރައްވައިފިއެވެ. މިފަހަރުވެސް ސޮއި ނުކުރެއްވިއެވެ. ބޮޑުންގެ ތެރޭގެ އުމުރުން ދޮށީބޭފުޅުން އަދަބުވެރިކަމާއެކު ރަދުންނަށް ދަންނަވަނީ ޤާނޫނުއަސާސީ ތަޞްދީޤުކުރެއްވުމަށެވެ. ރަދުން ގަބޫލުފުޅެއް ނުކުރައްވައެވެ.

މުޙައްމަދު އަމީން، ރަންނަބަނޑޭރިކިލެގެފާނު އަރިއަހަށް ވަޑައިގެން މަތިގޭގައި ކަން ހިނގި ގޮތް ދަންނަވައިފިއެވެ. އެއަށްފަހު ރަންނަބަނޑޭރިކިލެގެފާނުންގެ އެދިވަޑައިގަތުމަށް، ގުޅަކުޅޭ ފަސްގަނޑަށް އެއްވެތިބި މީހުން ގާތަށް ކިލެގެފާނުގެ ބަސްފުޅައިގެން މުޙައްދު އަމީން ވަޑައިގެންފިއެވެ. ކިލެގެފާނުގެ ފަރާތްޕުޅުން މުޙައްމަދު އަމީން ރައްޔިތުންނަށް ދަންނަވައެވެ. ޝަމްސުއްދީން ރަދުން އަޅުގަނޑަށް ފަތްކޮޅަކުން އިޚްތިޔާރު ދެއްވައިގެން، އޭގެ އަނެއް ފަތްކޮޅު ސިލޯނު ގަވަރުނަރަށް ދެއްވާފައި ގެންނަވައިގެން މިހާރު އެ ހައްދަވާ ގޮތަކީ އަޅުގަނޑާ ދެކޮޅުވެވަޑައިގަންނަވަނީއެވެ. ފަތްކޮޅުން އެނގެނީ ރަދުންނާއި ރައްޔިތުން އަޅުގަނޑަށް ބޭނުންފުޅުވެވަޑައިގެން ދެއްވި ފަތްކޮޅެއްކަމެވެ. މިކަން ނިންމަވާނޭ ގޮތެއް އެނގޭނީ ތިޔަ ރައްޔިތުންނަށެވެ. ދެން ގުޅަކުޅޭ ފަސްގަނޑުން އިވެންފެށި އަޑަކީ ކީރިތި މަހާރަދުން ޤާނޫނުއަސާސީ ގަބޫލުފުޅުކުރައްވައި ތަޞްދީޤު ނުކުރައްވަނީސް އަޅުގަނޑުމެން ގޭގެއަށް ނުދާނަމޭ ގޮވަންފެށިއަޑެވެ. ފަސްގަނޑުގައި ތިބި މީހުންގެ ފަރާތުން ވާހަކަ ދައްކަނީ ބާރަށު ތުއްތުއާއި ދައްޕަރު އިބްރާހީމް ދީދީއާއި ގަލޮޅު ބޮޑުސަރުދާރެވެ.

ރޭވިފައިވާ ގޮތުގެ މަތީން ބަސްކިޔާ ތިން ބޭކަލުން އިސްވެތިބެ ގޮވަން ފަށައިފިއެވެ. އަޅުގަނޑުމެން މިތިބީ ރަންނަބަނޑޭރިކިލެގެފާނަށް ކިޔަމަންވެގެންނެވެ. ޝަމްސުއްދީން ރަދުން ޤާނޫނުއަސާސީ ތަޞްދީޤު ނުކުރައްވައިފިއްޔާ އެރަދުން ރަންނަބަނޑޭރިކިލެގެފާނާއި ރައްޔިތުންނާއި ވަކިވެވަޑައިގެންނެވުނީއެވެ. އަޅުގަނޑުމެން މިތިބީ އާދަކާދައިގެ މަތީން ރަސްކަމާ އެކަށީގެންވާ ބޭފުޅަކު އިސްކޮށްގެން ނަމަވެސް ރަންނަބަނޑޭރިކިލެގެފާނާ އެކުގައި އުޅުމަށެވެ. ޖެހިވަޑައިގަންނަވާނީ ސިއްކަފުޅު ޖައްސަވާށެވެ. ނުޖައްސަވަނީވިއްޔާ ރަސްކަމުން ފެޔަށް ވަޑައިގަންނަވާށެވެ. މިހެން ދެންނެވީ ނައިފަރު އީސާކަލޭފާނެވެ.

ވެލާނާގޭ މުޙައްމަދު ދީދީ އާއި މުޙައްމަދު އަމީން (ވ)

ރައްޔިތުންގެ ބަސް ރަދުންގެ އަރިހަށް ގެންދެވީ ވަޒީރުއްދާޚިލިއްޔާގެ ނައިބު ވެލާނާގޭ މުޙައްމަދު ދީދީ އާއި ބޮޑުފެންވަޅުގޭ މޫސާދީދީއެވެ. މުޙައްމަދު އަމީން، ކިލެގެފާނުގެ އަރިއަހަށް ވަޑައިގަތުމަށްފަހު މަތިގެއަށް ވަޑައިގެން ބޮޑުންގެ މަޖިލީހުގައި މިވާހަކަތައް ދަންނަވައިފިއެވެ. ބޮޑުންގެ މަޖިލީހުގެ މެމްބަރުން ޝަމްސުއްދީން ރަދުންނަށް އަނެއްކައިވެސް ނަޞޭޙައްޕުޅު އަރުވައިފިއެވެ. ހުރިހާ ބޭފުޅުންވެސް ވިދާޅުވެއެވެ. ރަންނަބަނޑޭރިކިލެގެފާނާ ދެކޮޅު ހެއްދެވުމަކީ ރަނގަޅު ކަމެއް ނޫނެވެ. ރަސްކަލަކު އަޒުލުކުރުމުގެ ބާރު ރައްޔިތުންނަށް ލިބިގެންވެއެވެ. ކަންތައްތައް މިހިސާބަށް ދިއުމުން ރަދުން ޖެހުލުންވެވަޑައިގަން ހުންވާ ވިދާޅުވެއްޖެއެވެ. ސިއްކަފުޅު ނުޖައްސަވާކަށްނޫނެވެ. ކިލެގެފާނު ޤާނޫނު ހައްދަވާއިރު ތިމަންރަދުންނަކާ ވާހަކަފުޅެއް ނުދައްކަވައެވެ.

ގުޅަކުޅޭ ފަސްގަނޑުގައި ތިބި މީސްތަކުން ރަންނަބަނޑޭރިކިލެގެފާނު އަންގަވާގޮ ތަކަށް ކަންތައްކުރަން ތިބިކަން ޝަމްސުއްދީން ރަދުންނަށް ވިސްނިވަޑައިގެންފިއެވެ. އެހިނދު ރަދުންގެ ކާތިބުއްސިއްރުގެ ނައިބު މުޙައްމަދު އަމީން ޤަނޫނުއަސާސީ ރަދުންނަށް އަރިސްކުރެއްވުމުން ސޮއިކުރައްވައި ތަޞްދީޤު ކުރައްވައިފިއެވެ. އަދި ރަދުންގެ ސިއްކަފުޅުޖަހަން އަމުރުކުރައްވައިފިއެވެ. އެއިރު ހުރުދުވަހުގެ 5.30 ހާއިރު ވެއްޖެއެވެ.

އެއަށްފަހު މުޙައްމަދު އަމީނު ވަޑައިގެން ރަންނަބަނޑޭރިކިލެގެފާނު އަރިހުގައި ކަންތައް ނިމުނުގޮތް ދަންނަވައިފިއެވެ. ކިލެގެފާނު ވިދާޅުވީ ފަސްގަނޑަށް ގޮސް ނިމުނުގޮތް ބުނެދޭށެވެ. ދެން މުޙައްމަދު އަމީން ވަޑައިގެން ހިއްތަން ދޮރޯށި އޮޅިގަނޑުމަތީ ހުންނަވައިގެން އަޑުގަދަކޮށް ވިދާޅުވީ ކީރިތިމަހާރަދުން ޤާނޫނުއަސާސީ ތަޞްދީޤު ކުރައްވައިފިއެވެ. ކިލެގެފާނު އެދިވަޑައިގަންނަވަނީ ތިޔަ ބޭފުޅުން ގޭގެއަށް ދުރުވުމަށެވެ.

ރަންނަބަނޑޭރިކިލެގެފާނު ކޮޅުނބަށް އެނބުރި ވަޑައިގަތުމަށް ފުރާވަޑައިގަތީ 9 ސެޕްޓެމްބަރ 1934 (29 ޖުމާދަލްއައްވަލު 1353) ދުވަހު މެންދުރު 11 ޖަހާކަންހާއިރުއެވެ. ރަންނަބަނޑޭރިކިލެގެފާނު ފުރާވަޑައިގަންތާ މަދު ގަޑިއިރުކޮޅެއްގެ ތެރޭގައި، މިދުވަހު ހަވީރު ދައުލަތުގެ މުހިއްމު މަގާމުތަކަށް މުހިއްމު ބޭފުޅުން އައްޔަނުކުރައްވައިފިއެވެ.

އެގޮތުން ދައުލަތުގެ އެންމެމަތީ މަގާމުތަކަށް ކިލެގެފާނުގެ ބޭފުޅުންނާއި ޢާއިލާގެ ބޭފުޅުން ޢައްޔަނުކުރެއްވުނެވެ. މިބަދަލުތައް ގެންނެވީ ރަދުންނާއި ކިލެގެފާނާ ދެމެދު އޮންނަ ސިޔާސީ ގުޅުން އިންތިހާއަށް ގޯސްވެފައިވާ ވަގުތެއްގައެވެ. ސިޔާސީ ގޮތުން ބަލާއިރު އެއީ ކިލެގެފާނު ފުރާވަޑައިގަތުމުގެ ކުރިން ނިންމަވާފައިވާ ނިންމުންތަކެއް ކަމަށް ބެލެވެއެވެ. އައްޔަނުކުރެވުނު ބޭފުޅުންނާއި އެބޭފުޅުން އައްޔަނުކުރެވުނު މަގާމުތަކަށް ބަލާއިރު، ދައުލަތުގެ މައްޗަށް ރަދުންގެ ބާރާއި ނުފޫޒަށްވުރެ، ރަންނަބަނޑޭރިކިލެގފާނުގެ ބާރާއި ނުފޫޒާ އޮންނާނެކަން އެނގެއެވެ. (ނުނިމޭ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *