Support Us

ކޮލަމް: ސައީދުގެ ތުލަ

މިނިވަންކަމުން އަޅުވެތިކަމަށް ދާނަންތަ؟

އެވޭލާ ޒަމާނުގައިވެސް އަދި މިހާރުވެސް، ދުނިޔެއިން އަބަދުމެ ފެންނަ ތަކުރާރުވާ މަންޒަރަކީ، ބާރުގަދަ ފަރާތްތަކުން، ބާރު އިތުރަށް ބޭނުންވެގެން ކުރާ މަސައްކަތެވެ. ގައުމުތަކުން، އެހެން ގައުމުތައް އަޅުވެތި ކުރުމަށް ކުރާ މަސައްކަތްތެކެވެ. ރައްޔިތުންގެ ބާރުވެރިކަން ގެއްލި، ވެރިކަމުގެ އަނިޔާވެރިކަން ތަހައްމަލު ނުކުރެވިގެން ރައްޔިތުން ކުރާ މަސައްކަތެވެ. ކުރުކޮށް ދަންނަވާނަމަ، އަބަދުވެސް ތަޅާ ފޮޅުމާއި މާރާމާރީއެވެ. އަނިޔާވެރިކަމެވެ. ހަމަޖެހުމުގެ ނޭވާއެއް ނުލެވެއެވެ.

އަޅުގަނޑުމެންގެ ދިވެހިރާއްޖެއަކީ ބިން ކުޑަ، މީސްކޮޅު މަދު ގައުމެކެވެ. އިންޑިޔާ ކަނޑުގައިވާ ޖަޒީރާ ގައުމެކެވެ.  މި ގައުމުގެ މައްޗަށް ބާރުވެރިކަން ފޯރުވައި، އަޅުގަނޑުމެން އަޅުވެތިކުރާނެ ބަޔަކު ދުނިޔޭގައި ތިބެދާނެ ކަމަށް ފަހަރެއްގައި ގަބޫލުކުރަން ދަތިވެދާނެއެވެ. ނަމަވެސް، ހަގީގަތަކީ، ރާއްޖެއަށް ލޯ އަޅާ އެތަކެއް ގައުމެއް ދުނިޔޭގައި ވާކަމެވެ.

ތާރީޚީ ގޮތުން ބަލާއިރު، ރާއްޖޭގެ މިނިވަންކަން ކިތައްމެ ފަހަރަކުމެ ގެއްލިފައި އެބަހުއްޓެވެ. އެ ޒަމާނުގެ އެންމެ ބޮޑެތި ބާރުތަކުން، ރާއްޖޭގެ މަދުމީސްކޮޅާއި ތޮޅެ، ރާއްޖެ އަޅުވެތިކޮށްފައިވަނީ، އަޅުގަނޑުމެންނަށް ރޭކާ ނުލިނަމަވެސް، އެ ފަރާތްތަކަށް ރާއްޖެއިން ނެގެން އޮތް ފައިދާއެއްގެ ބޮޑުކަމުންނެވެ.

 

ދިވެހިންނަކީ އަބަދުވެސް މިނިވަންކަމަށް ލޯބިކުރި، ލޯބިކުރާ ބަޔެކެވެ. މިނިވަންކަން ގެއްލުނު ކޮންމެ ފަހަރަކު، އެ މިނިވަންކަން ހޯދުމަށް ގަދައަޅާ މަސައްކަތްކުރި ބައެކެވެ. ދުޝްމަނުންގެ ޙަމަލާތަކަށް ދިވެހި މޭތައް ދިއްކުރި ބައެކެވެ. ގައުމަށްޓަކައި ލޯ އޮހޮރުވާލަން ފަސްނުޖެހޭ ބައަކު ތިބި ތަނެކެވެ.

ފަހުގެ ޒަމާނެއްގައި ރާއްޖޭގެ މިނިވަންކަމަށް އަސަރުކުރި އެންމެ ނުރައްކާތެރި ހާދިސާ ހިނގީ، 3 ނޮވެމްބަރ 1988 ގައެވެ. މިޒަމާނުގެ ބަރު ހަތިޔާރާއެކު، ދުޝަމަނުންތަކެއް ރާއްޖެއަރައި ދިން ޙަމަލާތައް ހުއްޓުވީ، ޒުވާން ޝަހީދު ޙުސައިން އާދަމެވެ.

އެއީ މި ޖީލުގެ މީހުންގެ ލޮލަށް ފެނިގެން ރާއްޖޭގެ މިނިވަންކަމަށް ދެވުނު ނުރައްކާތެރި ޙަމާލާއެކެވެ. އެ ޙަމާލާގައި ކުށެއްނެތް އެތަކެއް ދިވެހިން ޝަޙީދުވެގެން ދިޔައެވެ.

މި ޒަމާނަކީ، ކަނޑިބަޑިއާއި މުލައްދަނޑީގެ ބާރުން ގައުމުތައް ހިފާ ޒަމާނެއް ނޫނެވެ. މި ޒަމާނުގައި އެކަން ކުރަނީ މާ އާދައިގެ ގޮތަކަށް ދުރުގައި ތިބެގެންނެވެ. ކޮންމެވެސް އެހީއެއްގެ ނަމުގައި ދިއްކޮށްލާ "ހަދިޔާއެއް"ގެ ޒަރީއާއިންނެވެ. މި ދެންނެވި ހަދިޔާގެ ފަހަތުގައި ފޮރުވިފައިވާ ނިޔަތް، ތަސައްވުރު ކުރެވޭވަރަށްވުރެ ނުރައްކާތެރިވާނެއެވެ.

ގައުމުގެ ޅަ ދަރިންގެ ވިސްނުން ތަޣައްޔަރު ކުރުމުގެ މަސައްކަތް ފެށިގެން ދަނީ، މަޢުލޫމާތު ބަދަލުކުރުމުގެ ހިލޭ ދަތުރުތަކުންނެވެ. އެ ގައުމުގައި ވާ އާސާރީ ތަންތަނާއި ސަގާފީ ތަންތަން ދައްކާލުމަށް ދެވޭ ދަތުރުތަކުންނެވެ. ހަފްތާއެއްގެ ދަތުރު ނިމޭއިރު، މި ދެންނެވި ޅަ ސިކުނޑިއަށް، އެ ގައުމުގެ ގޮތްތައް ރީތިވެ، އެގޮތަށް ދިވެހި ގައުމުގެ ކަންތައްތައް ބައްޓަންކުރަން މަސައްކަތް ކުރެވެއެވެ. އަދި އެ މަސައްކަތަށް އެ ގައުމުތަކުން އެކި ގޮތްގޮތަށް މަދަދުވެރިކަންވެސް ފޯރުކޮށްދެއެވެ.

މި ދެންނެވި މަސައްކަތްތަކާ ގާތަށްވެސް، އަޅުގަނޑުމެންނަށް ދިވެހި ދަރިންގެ ހިތްތަކުގައި ގައުމީ ލޯބި އަށަގަންނުވަން މަސައްކަތް ނުކުރެވެއެވެ. ގައުމީ ދުވަސް ފާހަގަކުރަން ލާންޖެހެނީ ދިވެހި ލިބާސްކަމަށް އަޅުގަނޑުމެންނަށް ހީވުން ފިޔަވައި އިތުރު ކަމެއް ކުރެވޭތަނެއް ނުފެނެއެވެ. ދިވެހި ދަރިން ގައުމިއްޔަތާއި ފެއަށްޖެހި، އެ ކުދިން ހިތްއެދޭ ގައުމެއްގެ ދަށުގައި ދިވެހިރާއްޖެ އޮތުމަކީ "ކޫލް" ކަމެއްގެ ގޮތުގައި އެކުދިންނަށް ހީވެއެވެ.

ގައުމެއްގެ މިނިވަންކަމަކީ އެ ނިއުމަތަށް ޣާފިލުވެއްޖެނަމަ، އޭގެ ވޭން އެތަކެއް އަހަރަކަށް ދެމިގެންދާނެ ކަމެކެވެ. އެ ނިޢުމަތް އަނބުރާ ހޯދުމަށް ގިނަގުނަ މަސައްކަތް ކުރަންޖެހޭނެ ކަމެކެވެ. މިނިވަންކަމުގެ އަގަކީ ވަރަށް ބޮޑު އަގެކެވެ.

ދިވެހިންގެ މިނިވަންކަން ގެއްލުނު ކޮންމެ ފަހަރެއްގައި އެ ކަމުގައި މަދު ދިވެހިންގެ ބައިވެރިވުން އޮތްކަމީ، ލަދުވެތިކަމާއެކު ފާހަގަކުރަންޖެހޭ ކަމެކެވެ.

ރާއްޖޭގެ މިނިވަންކަމަށް ބުރޫ އަރާފާނެ ކަންކަން އަބަދުވެސް ހިނގާނެއެވެ. ނަމަވެސް، އެވާހަކަ މިހާރު ތަންކޮޅެއް ގަދަވެއްޖެއެވެ. އެ ވާހަކަތަކުގެ ހަގީގަތަކީ ކޮބައިކަން ދަންނަވަން ދައްޗެވެ. އެކަމުގައި ޒައްރެއްގެ މިންވަރުގެ ތެދު ހިމެނުނު ނަމަވެސް، އެއީ ސަމާލުކަން ނުދީ ދޫކޮށްލާވަރަށްވުރެ ނާޒުކު މައްސަލައެކެވެ.

ރާއްޖެއަކީ ކުޑަ ގައުމެކެވެ. ދުނިޔެ ތަރައްގީވެ ކުރިއަރައިދަނީ، އެއް ގައުމު އަނެއް ގައުމާއި ގުޅި ލާމެހިގެން ކުރެވޭ މަސައްކަތުންނެވެ. ރާއްޖެއަށްވެސް ފައިދާވާނީ އެހެން ގައުމުތަކާއި ގުޅިގެން މަސައްކަތް ކޮށްގެނެވެ. އެ މަސައްކަތް ކުރަންވާނީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގްލާލަށް ބުރޫ ނުއަރާ ގޮތަށެވެ.

މި ލިއުމުގައި އަޅުގަނޑު ދަންނަވަން އުޅުނު އެއްޗެއް ފަހަރުގައި ވިދާޅުވާ ބޭފުޅުންނަށް މޭރުން ނުވެދާނެއެވެ. ނަމަވެސް، ޓީވީ ހުޅުވާލައްވާފައި، ފަލަސްތީނު، ކަޝްމީރު، ނުވަތަ އެނޫންވެސް މިނިވަންކަމަށްޓަކައި މަސައްކަތް ކުރާ ގައުމެއްގެ ރައްޔިތުން އުޅޭގޮތާއި ތަހައްމަލުކުރާ ކަންކަން ބައްލަވާލައްވާށެވެ. އެ ހާލަތަށް އަޅުގަނޑުމެން ދާން އެއްބަސްވެވޭނަމަ، އަމިއްލަ ނަފްސާ ސުވާލުކުރައްވާށެވެ. މިނިވަންކަމުން އަޅުވެތިކަމަށް ދާނަން ހެއްޔެވެ؟

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2

One Response

  1. 200 މ. ޑޮލަރަށް އައްޑޫ ވިއްކާފައި.. އަދިޔަސް އަފިރިން ތިބެ އައްޖަހަނީ..؟ ނާސިރު ރާއްޖެ ވިއްކީމަ އެއީ ބޮޑުކަމަކަށް ވެގެން އަފިރިން މުޒާހަރާކެޑެއި..! މިކޯ އަމިއްލަ ރަށް ވިއްކިމެޔަސް މިތިބީ ހެވިފައި.؟

    ކޮބާ އައްޑޫ މީހުންގެ ގައުމިއްޔަތު އަމިއްލަ ވަންތަކަން މިނިވަންކަން ؟ މިހާދުވަހު މާލޭ މީހުންނަށް އަޅުދާސް ނުވާން ކުރި މަސަތްކަތް؟ މިހާރު އިންޑިޔާގެ ތައްޕާހަށް މިވައްޓާލީ ! އެވެސް ރަށާއި އަތޮޅު ވިއްކީ ބުދައް އަޅުކަން ކުރާ ބޮޑު ހަރުބީ ކާފަރުންތަކަކަށް.. ދުވަސް ކެޑަކުން މިތަނިޔަސް ބުދު ބަތިބާށިޔެ.

    މިކަމަށް މިހާރު ބަސްނުބުނެ ފިއްޔާ އެމީހުން ހަތިޔާރާއި އެކު އެރީމަ ދެން ކުރާނެ ކަމެއް ނޯންނާނެ. އައްޑޫގައި ޓްރޭނިންސުކޫލޭ ކިޔާފައި ދޮގު ހަދާ އެއީ ބޮޑު މިލްޓްރީ ބޭސް އެއް އެހަދަނީ..ރާއްޖޭ ގެ މައި ސިފައިންގެ މަރުކަޒަށްވުރެން ވަރުގަދަ ކޮށް ކޮންކްރީޓް ކޮށް އެހަދަނީ ހަމަ ޓްރޭންނިން ސްކޫލެކޭ މޮޔަވާހަކަ ނުދައްކާ.. އަފިރިން މީ ގަމާރުންނަށް ނަހަދާ.. އަދިޔަސް މިކަމާއި ވޭޑިގައްފެހޭ ހުއްޓުވޭހެއް.

    ހިގާ އެންމެ އުޅެމާ.. މީގެ އެމްޑީޕީއެއް.. ޕީޕީއެމް އެއް ޖޭޕީ އެއް ނޯންނާނެ..
    #އައްޑޫ މިނިވަން ކުރޭ
    #އިންޑިޔާ އައުޓު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *