Support Us

ކޮލަމް: ކެޔޮނިރު

ފެންނާމަނިކުފާނުގެ މާލެ!

މާލެ ތޮއްޖެއްސުމުގެ 50 އަހަރުވީ ސިޔާސަތު ފެއިލްވެއްޖެއެވެ. ތިން ހަތަރު ލައްކަ މީހުން ގްރޭޓަރް މާލޭ ސަރަހައްދަށް ޖަމާކުރުމަކީ އިގްތިސޯދީ އަދި އިޖްތިމާއީ ބޮޑު ޖަރީމާއެކެވެ.

އައްޑުއަތޮޅު މީދޫގައި އިހުޒަމާނުގައި މަޝްހޫރު ޝަހުސިއްޔަތެއް އުޅުއްވިއެވެ. ނަމަކީ ފެންނާ މަނިކުފާނެވެ. ބުނެވޭ ގޮތުގައި ފެންނާ މަނިކުފާނަށް އެނަން ދެއްވީ ރައީސް މުހައްމަދު އަމީނެވެ. އެއް ފަހަރެއްގައި ފެންނާ މަނިކުފާނު މާލެެއަށް ވަޑައިގެން އުޅުއްވަނިކޮށް އާލާސްކަންފުޅަކާ ޖެހުނެވެ. ހާލުކޮޅު ދެކިލުމަށް އައި މީހުން ކައިރީ ފެންނާ މަނިކުފާނު ސަމާސާ ގޮތަކަށް ވިދާޅުވި ކަމަށް ވެއެވެ: "އަހަރެން މިބަލީގައި މަރުވިއަސް މި މާލޭގައި ވަޅުނުލައްޗެވެ."

އެއީ ކީއްވެތޯ ސުވާލު ދެންނެވުމުން ފެންނާ މަނިކުފާނު ވިދާޅުވިއެވެ: "މިތާ ވަޅުލައިފި ނަމަ އެއޮތް ހާލުގައިވެސް ނޯވެވޭނެއެވެ."

އެއީ އަދި މާލެ ފުރި ބާރުވެގެން ސަހަރާތަކުގައި މަތިމައްޗަށް މީހުން ވަޅުލާން ފެށުމުގެވެސް މާކުރިއެވެ. މާލޭގެ އާބާދީ އެއިރު ވަރަށް ކުޑައެވެ. ނަމަވެސް ދުރުވިސްނޭ މީހުންނަށް މާލޭގެ ތަރައްޤީގެ މިސްރާބު ހުރިގޮތް އެއިރުވެސް އެނގެނީތާއެވެ. ފެންނާ މަނިކުފާނު ބޭނުންފުޅުވީ އަވަހާރަވިއަސް މާލޭގެ ފަސްގަނޑުގައި ނުވުމަށެވެ. މިއަދު މާލެ ތޮއްޖެހި، ބުރިޖްތަކުން މާލެއާއި އެހެން ރަށްރަށާ ގުޅާލެވި، އިތުރު ރަށްތަކަކާވެސް ގުޅާލެވެމުންދާއިރު، މާލޭގެ ހާލަތު މިއޮތި ހަމަ ރަނގަޅަށްވެސް "ޓައިމް ބޮމެއް"ގެ މިސާލުގައެވެ.

ތޮއްޖެހިފައިވާ މާލޭގައި ހަދަމުންދާ އުސް އިމާރާތްތައް. – ފޮޓޯ: އަހުމަދު އާމިރު/ އެފް.ބީ

ދުނިޔޭގެ ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތައް ލީޑަރުންގެ ސަމާލުކަމަށް ގެނައުމަށް ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި މިދިޔަ އަހަރު އެއްފަހަރާ "ކްލައިމެޓް ސްޓްރައިކް" ނުވަތަ މޫސުމާ ބެހޭ މުޒާހަރާ ކުރަމުން ދަނިކޮށް މާލޭގައި މީން ޒަމާނަކުވެސް ނުހިނގާ ވަރުގެ ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގިއެވެ. ތިމާވެއްޓަށް ގެއްލުންދޭ ކެމިކަލް ތަކެއް ހުރި ގުދަނެއްގައި ރޯވެ، ޖެހިގެން ހުރި ގޭތަކުގައި ހުޅުހިފައި، އަންހެނަކު މަރުވި މި ހާދިސާ އަކީ ތޮއްޖެހެމުންދާ މާލޭގައި އެޅި ނުރައްކަލުގެ ބޮޑު ރަނގަބީލެކެވެ. ނަމަވެސް ހިތާމައަކީ މިފަދަ ކޮންމެ ކަމެއްގައި ސަރުކާރުތަކުން "ހޭއަރަނީ" ފުރާނަތަކެއް ގެއްލި، މިކަހަލަ ރަނގަބީލު ތަކެއް އެޅުމުން ކަމަށްވާތީއެވެ.

ފަސޭހައިން އަލިފާން ހިފާ ވައްތަރުގެ ކެމިކަލް ލާފައި ހުރި ހަތަރު ގުދަނެއް ހ. ފެހިއާބާދުގޭގައި ހުއްޓެވެ. އެ ހާދިސާ ހިނގުމުގެ ކުރީންވެސް އާއްމުންގެ މީހަކު ވަނީ އެ ގުދަން ތަކުގައި އަލިފާނުގެ ނުރައްކާތެރި ހާދިސާއެއް ހިނގައިފާނެ ކަމަށް ބުނެ އިންޒާރުދީ ފުލުހުންނަށް ރިޕޯޓްކޮށްފައެވެ. ނަމަވެސް އެ އިންޒާރުތަކަށް ފުލުހުން ސަމާލުކަމެއް ނުދިން ކަމަށް އޭނާވަނީ އޮންލައިން މީޑިއާއަކަށް މައުލޫމާތު ދީފައެވެ. ފުލުހުން އޭނައަށް ޖަވާބު ދިން ކަމަށް ވަނީ އެ ގުދަނުގައި ކެމިކަލް ގުދަންކޮށްފައި ވަނީ އިދާރާތަކުން ހުއްދަ ނަގައިގެން ކަމަށްވާތީ އެޅޭނެ ފިޔަވަޅެއް ނެތް ކަމަށެވެ.

ކަނޑު ދަތުރު ކުރާއިރު ލައިފް ޖެކެޓް އަޅަންޖެހޭކަން އެނގެނީ ހދ. ނޮޅިވަރަންފަރުގެ އާއިލާއެއް ހިމެނޭ ލޯންޗެއް ހަނިމާދޫ ކައިރިއަށް ބަންޑުން ޖަހާލައި މުޅި އާއިލާ އެއްކޮށް ކަހަލަ ގޮތަކަށް މަރުވުމުންނެވެ! މީހުން އުޅޭ ސަރަހައްދު ތަކުގައި ކެމިކަލް ގުދަން ހުރުމަކީ ބޮޑު ނުރައްކަލެއްކަން އެނގެނީ މާލޭގެ ތާރީހުގައި އަލިފާނުގެ އެއް ހާދިސާއިން އެންމެ ބޮޑު ގެއްލުން ލިބުނު ހާދިސާ ހިނގުމުންނެވެ. ހެލްމެޓް އަޅަން ޖެހޭކަން އެނގެނީ އެތައް އެކްސިޑެންޓެއް ހިނގާ އެތައް ބަޔަކު މަރުވުމުންނެވެ. މާލޭގެ ތޮއްޖެހިފައިވާ މާހައުލުގައި އުސް އިމާރާތްތައް ކުރަމުންދާއިރު ސަލާމަތުގެ ފިޔަވަޅުތަކުގެ ފެންވަރުދަށް ކަމާއި ފަރުވާ ކުޑަކަން އެނގެނީ ތުއްތު ކުއްޖެއްގެ ބޮލަށް ސިމެންތި ބަސްތާއެއް ވެއްޓި މަރުވުމުންނެވެ.

އަދި މިފަދަ ހާދިސާތައް ހިނގާ ދުވަސްކޮޅު އެފަދަ ކަންކަން ހުއްޓުވުމަށް ކަމަށް ބުނެ ޤަވާއިދުތައް ހަދައިގެން އެތައް ބަޔަކު ވާހަކަ ދެއްކިއަސް ދުވަސްކޮޅަކުން ކަމުގެ މަތީން ހަނދާންނެތި، ހަޤީޤީ ހައްލު އައުން ލަސްވާތަން ވެސް ފެނެއެވެ. ލޯންޗާއި ދޯނިފަހަރުގައި ކަނޑުދަތުރު ކުރާއިރު ލައިފް ޖެކެޓް އެޅުން އަދިވެސް މަޖުބޫރެއް ނުކުރެވެއެވެ. ހެލްމެޓް އެޅުންވެސް މަޖުބޫރުވަނީ ހަމައެކަނި ސިނަމާލެ ބުރިޖާއި ހައިވޭގައެވެ. ހަދަމުންދާ އިމާރާތްތަކުން އަދިވެސް ހޮޮޅިހޮޅި އާއި އޭތިމީތި ވެއްޓި މީހުނަށް އެކިވަރުގެ އަނިޔާ ލިބެމުން ދެއެވެ. މައްސަލަތައް ހައްލުވާތަނެއް ނުފެނެއެވެ.  ވާރޭ ފޮދެއް ވެހިލާއިރަށް މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ވެސް ހައްލެއް ނުހޯދުނެވެ.

އެކި ނަންނަމުގައި ޓާސްކް ފޯސް ހެދުމުގެ ބަދަލުގައި ވަގުތުން ވަގުތަށް ޤަވާއިދާއި ޤާނޫނު ބަދަލުކުރަންވީ އެވެ. ކަނޑުދަތުރުކުރާއިރު ލައިފް ޖެކެޓް އެޅުން މަޖުބޫރުކުރަންވީއެވެ. ރާއްޖޭގެ ކޮންމެ ރަށެއްގެ ކޮންމެ މަގެއްގައި ދުއްވިއަސް، ސައިކަލް ދުއްވާއިރު ހެލްމެޓް އަޅަން ޤާނޫނުން މަޖްބޫރުކުރަންވީ އެވެ. ހަދަމުންދާ އިމާރާތްތަކުގެ ފުރަތަމަބުރީގެ ދަށުން ވަގުތީ ވަރުގަދަ ފެނެލްތަކެއް ހަރުކުރުން ލާޒިމްކުރަންވީއެވެ. އެފަދަ ފެނަލްއެއް ހުރުމުން މަތިން ވެއްޓޭ އެއްޗެއް ބިމުގައި ޖެހުމުގެ ކުރީން އޭގެ އިމްޕެކްޓް ކުޑަވެ، ގެއްލުން ލިބުމުގެ ފުރުސަތު ކުޑަވެގެންދާނެއެވެ. މާލެއަށް ވާރޭފޮދެއް ވެހިލާއިރަށް ފެންބޮޑުނުވާނެ ގޮތަކަށް ޕަންޕް ސިސްޓަމް އަޕްގްރޭޑްކޮށް އެކަމަށް ދާއިމީ ހައްލު ހޯދަންވީއެވެ. ކާރިސާއެއް ނުހިނގަނީސް ކާރިސާއެއް ހިނގައިފާނެ ފަދަ ދޮރުތައް ބަންދުކުރަންވީއެވެ.

މިފަދަ އެހެން މިސާލެކެވެ. ބުރިޖަކުން މާލެއާއި ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށީ ގުޅާލުމަށް ސަރުކާރުން ނިންމާފައިވާއިރު މާލޭގެ ހާލަތަށް ވިސްނާލިބާވައެވެ؟ މާލޭގެ ގިނަ މަގުތައް އެހާ ހަންޏެވެ. ހަނި މަގުތައް ސައިކަލް ތަކުން ތޮއްޖެހި، ސަލާމަތީ ވެހިކަލްތަކަށް ނުވަދެވޭ ވަރަށް ވަނީ ބެދިފައެވެ. އިމާރާތްތައް އުސްވަމުން ގޮސް 15 ބުރީގެ އިމާރާތް އާއްމުވެ، 25 ބުރީގެ އިމާރާތްވެސް މާލޭގައި އަޅަން ފަށައިފިއެވެ. އުސް އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ހޮޅި ގުޅައިގެން މޫދުން ފެން ގެނެވޭއިރު ވާނެ އެއްޗެއް އޮންނާނީ ވެނިމިފައެވެ. ހަނި މަގެއްގައި ހުންނަ އުސް އިމާރާތެއްގައި ރޯވެއްޖެނަމަ ހަނިމަގުގެ އަނެއް ފަރާތުގައި ހުރި އިމާރާތުގައި ފަސޭހައިން ރޯވެއެވެ. މިދިޔަ އަހަރުގެ ހާދިސާގައިވެސް ކަންވީ އެފަދައިންނެވެ.

މިސާލަކަށް އޭ.ޑީ.ކޭ ހޮސްޕިޓަލްގެ އުތުރު ފަރާތުން އޮތްމަގުގެ އުސް އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އޭ.ޑީ.ކޭގެ އިމާރާތެއްގައި ރޯވެ، މުޅި ހޮސްޕިޓަލަށް ގެއްލުންތަކެއް ލިބިއްޖެނަމަ އެކަން ވެގެންދާނީ މުޅި ޤައުމަށްވެސް ފޫނުބެދޭވަރުގެ ބޮޑު ކާރިސާއަކަށެވެ. މިފަދަ ކަންކަން ހުއްޓުވޭނީ މާލޭގައި އިމާރާތް ކުރުމުގެ އުސްމިން 10 ބުރިއަށް ލިމިޓްކޮށް، ބުރިޖްތަކުން އިތުރަށް ގުޅާނުލައި، ގްރޭޓަރ މާލޭގެ ސަރަހައްދު އިތުރަށް ބޮޑުނުކޮށް، މާލޭއަށް ލުޔެއްދީގެންނެވެ.

މާލެ އިތުރަށް ތަރައްޤީ ކުރަން ޖެހެނީ މިފަދަ ވިސްނުމެއްގައެވެ. ފަންސަވީސް ބުރީގެ އިމާރާތްތަކުން މާލެ ފުރާލައި، ބްރިޖް ތަކުން އިތުރަށް ގުޅާލައި، ގްރޭޓަރ މާލޭގެ އާބާދީ، ބިދޭސީން ހިމަނައިގެން، ހަލައްކައަށް އެރުމުންދެން މާލެ ހޯދައި ނުފެންނާނެއެވެ. އެއިރު "ޓައިމް ބޮމް" އޮންނާނީ ގޮވަން ކައިރިވެފައެވެ. އެފަދަ ހާލަތަކަށް ނުދަނީސް ހޭއަރާ ވިސްނަން ވެއްޖެއެވެ. ވެރިންނާއި ސަރުކާރެއް ހޮވަނީ ތަންތަން ރޯވީމާ މީހުން ސްކޫލްތަކުގެ ހޯލްތަކަށް ލާކަށް ނޫނެވެ. ރޯނުވަނީސް ރޯވުމަށް މެދުވެރިވެދާނެހެން ހީވާ ކަންކަން ހުއްޓުވުމަށެވެ. ދުރުވިސްނުމަށެވެ.

މާލެ، ވިލިމާލެ، ގުޅީފަޅު، ތިލަފުށި ބުރިޖުތަކަކުން ގުޅާލައިފިނަމަ މާލޭގެ ތޮއްޖެހުން އިތުރަށް ގޯސްވެ، މާލެ ވެގެންދާނީ ގޮވަން ތައްޔާރުވެފައި އޮތް "ޓައިމް ބޮމަކަށެވެ". ކެންދޫ ދާއިރާގެ މަޖުލިސް މެމްބަރު އަލީ ހުސެން ވިދާޅުވެފައިވާ ފަދައިން މާލެ ތޮއްޖެއްސުމުގެ 50 އަހަރުވީ ސިޔާސަތު ފެއިލް ވެއްޖެއެވެ. ކޮވިޑް19 ގެ ސަބަބުން އައިސްފައިވާ އިގްތިސޯދީ ދަތިކަމުން އަރައިގަތުމަށްޓަކައި ލޯނުނެގެން މަޑުޖައްސާލައި ދަރަންޏާއި ހަރަދުތައް ކުޑަކުރުމަށް ދުނިޔޭގެ މާލީ އިދާރާތަކުން ދިވެހި ސަރުކާރަށް ގޮވާލާފައިވާ މިދަނޑިވަޅުގައިވެސް ސަރުކާރުން މިބަލަނީ އިންޑިއާއިން އެތައް ބިލިއަން ޑޮލަރުގެ ލޯނު ނަގައިގެން ކްރިކެޓް ސްޓޭޑިއަމް އަޅައި ބްރިޖުތައް އެޅޭތޯއެވެ. ގްރޭޓަރ މާލޭގެ ސަރަހައްދު އިތުރަށް ތޮއްޖައްސައި ރާއްޖެތެރެ ބިކަކޮށް ޤައުމު ދަރަނީގެ ދަންތުރައަކަށް ފެއްތުމަށެވެ.

ފެންނާ މަނިކުފާނު ދުނިޔޭގައި މިހާރު ހުންނެވިނަމަ ވިދާޅުވާނީ މިފަދައިން ކަމަށް ވެދާނެއެވެ: "ބިދޭސީން ހިމެނޭގޮތަށް ފަސް ލައްކަ މީހުން ގްރޭޓަރ މާލޭ ސަރަހައްދަށް ޖަމާކުރުމަކީ އިގްތިސޯދީ އަދި އިޖްތިމާއީ ބޮޑު ޖަރީމާއެކެވެ. އެފަދަ ހާލަތަކަށް މާލެ ދިއުމުގެ ކުރީން ކުރިއަށް ރާވާފަ ހުރި ބްރިޖްތަކުގެ މަޝްރޫއުތައް ހުއްޓާލާ، ރާއްޖޭގެ އުތުރާއި ދެކުނުގައި ދެ ސިޓީ ތަރައްޤީކޮށް، ދަރަނީގެ ދަންތުރާގައި ޤައުމު އިތުރަށް ނުޖައްސައި، މާލެއަށް ހަމަޖެހިލައިގެން ނޭވާލައިގެން އޮވެވޭނެ ފަދަ ސަލާމަތްތެރި މާހައުލެއް ޤާއިމްކޮށް ދިނުމަކީ ސަރުކާރުން ދުރު ވިސްނައިގެން ކުރަން ޖެހިފައިވާ ކަމެކެވެ!"