...

Support Us

އެމެރިކާގެ އެސްޓްރޮނޯޓަކު ސޮޔުޒް ރޮކެޓެއްގައި ޖައްވީ ސްޓޭޝަނަށް

އެމެރިކާ އާއި ރަޝިޔާ، ޖައްވީ ވާދަވެރިކަމުގައި – ދޭތެރެ ދޭތެރެއިން، އެއް ބަޔަކު އަނެއް ބަޔަކަށް މަލާމާތްކުރެ އެވެ. އެކުގައި ގުޅިގެން މަސައްކަތް ވެސް ކުރެ އެވެ. އެސްޓްރޮނޯޓުންނާއި ކޮސްމޮނޯޓުން، ދެ ގައުމުގައި ވެސް ޓްރޭނިން ހައްދުވަ އެވެ. އެހެން ނަމަވެސް، އިއްޔެ – އޮކްޓޫބަރު 14 (ބުދަ) ފާއިތުވެގެން އެ ދިޔައީ – ދެ ގައުމު އެކުގައި ތާރީޚްޖަހަމުން އައި ޖައްވީ ބާބެއް ނިމުމާ ހަމައިންނެވެ.

ސޮޔުޒް ރޮކެޓެއްގައި އެމެރިކާގެ އެސްޓްރޮނޯޓަކު، އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނަށް ގެންގޮސްދެނީ 80 މިލިއަން ޑޮލަރަށެވެ. ނާސާއިން ސޮޔުޒް ރޮކެޓުން ގޮނޑި ގަންނަން ފެށީ، ނާސާގެ ޖައްވީ އުޅަނދުތަކަށް ލިބުނު ގެއްލުންތަކުން އަރައިނުގަނެވުމުގެ ސަބަބުން – 2011 އަށް ފަހު އެވެ.

ނާސާއިން ބުނާ ގޮތުގައި، ސޮޔުޒް ރޮކެޓްގައި އެމެރިކާގެ އެސްޓްރޮނޯޓުން ދެން ޖައްވީ ސްޓޭޝަނަކަށް ނުފޮނުވާނެ އެވެ. އެ ފަދަ ހާލަތެއް ދެން މެދުވެރިވެދާނެ ކަމަށް ނާސާއިން ލަފައެއް ނުކުރެ އެވެ. ނާސާއިން އެސްޓްރޮނޯޓުން ޖައްވީ ސްޓޭޝަނަށް ދެން ފޮނުވާނީ ސްޕޭސްއެކްސްގެ "ކްރޫ ޑްރޭގަން ކެޕްސޫލް – ކްރޫ-1″ ގަ އެވެ.

ނާސާއިން ލަފާކުރަނީ ކުރި އަށް އޮތް ދެތިން ހަފުތާ ތެރޭގައި – ނޮވެމްބަރު މެދާ ހިސާބުގައި، އެސްޓްރޮނޯޓުންނާ އެކު ކްރޫ-1 ފްލައިޓް ބިމުން ފުރުވާލެވޭނެ ކަމަށެވެ. އެ ހިސާބުން ނާސާއިން ދެން ތާރީޚްޖަހަން ފަށާނީ މުޅިން އަމިއްލަ ބާބެއްގަ އެވެ. އަނެއްކޮޅުން، ޖައްވުގައި އިންސާނުން ގާއިމުވެ ތިބޭތާ 20 އަހަރު، އަންނަ ނޮވެމްބަރުގައި ފާހަގަކުރާއިރު، މިއީ ނާސާ އަށް ވަރަށް މުހިންމު ދަތުރަކަށް ވެސް ވާނެ އެވެ.

ޑްރޭގަން ކެޕްސޫލްގެ ދަތުރުތަކާ މެދު ނާސާގެ އުންމީދު ވަރަށް ފޮންޏެވެ. ނާސާއިން ވިސްނާފައި ވަނީ ރަޝިޔާގެ ޖައްވީ ފަޅުވެރިން – ނޮސްމޮނޯޓުން ގޮވައިގެން ދަތުރުކުރުމަށެވެ. ރަޝިޔާއިން ސޮޔުޒް ރޮކެޓުން ގޮނޑި ވިއްކި ގޮތަށް، ޑްރޭގަން ކެޕްސޫލުން ރަޝިޔާ އަށް ޖާގަ ވިއްކުމަށެވެ. އެހެން ނަމަވެސް، މިއީ ރަޝިޔާއިން ކުރަން ބޭނުންވާނެ ކަމެއް ކަމަކަށް ނުބެލެވެ އެވެ.

ރަޝިޔާއިން ސޮޔުޒް ރޮކެޓްތަކަށް ގެންނަ ކުރިއެރުންތަކުގައި، ދަތުރުތައް ވަނީ ވަރަށް އަވަސްވެފަ އެވެ. ބުދަ ދުވަހު ކުރި ދަތުރު – ކަޒަކިސްތާނުގެ ބައިކަނޫރު ކޮސްމޮޑްރޯމުން ނައްޓާލި ރޮކެޓް، އިންޓާނޭޝަނަލް ސްޕޭސް ސްޓޭޝަންގައި ބަނދަރުކުރަން ނެގީ ތިން ގަޑިއިރާއި ހަތް މިނެޓެވެ. މިއީ ގާތްގަނޑަކަށް 250 މޭލުގެ ރާސްތައެކެވެ. މި ދަތުރުގައި ސޮޔުޒް ރޮކެޓް ދުނިޔެ ވަށައި ބުރުއަޅާފައި އެންމެ ދެ ފަހަރެވެ. ރަޝިޔާގެ ސްޕޭސް އޭޖެންސީ – ރޮސްކޮސްމޮސްއިން ބުނާ ގޮތުގައި މިއީ މި ގޮތަށް ކުރި ފުރަތަމަ ދަތުރެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
4
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *