Support Us

ޕޮއިސްޑް ޕްރޮޖެކްޓްގެ ދަށުން 25 ރަށެއްގައި ސޯލާ ޕެނަލް ހަރުކޮށްފި

އައުޓަރ އައިލެންޑްސް ފޮރ ސަސްޓެއިނެބަލް އެނާރޖީ ޑިވެލޮޕްމަންޓް (ޕޮއިސްޑް) ޕްރޮޖެކްޓްގެ ދަށުން އުތުރުގެ 25 ރަށެއްގައި ސޯލާ ޕެނަލް ހަރުކޮށް ޚިދުމަތް ދޭން ފަށައިފިއެވެ.

ޕޮއިސްޑް ޕްރޮޖެކްޓަކީ ދިވެހި ސަރުކާރާއި އޭޝިއަން ޑިވެލޮޕްމެންޓް ބޭންކާ ގުޅިގެން ހިންގޭ އިޢާދަކުރަނިވި ހަކަތައިގެ މުހިއްމު މަޝްރޫއެކެވެ. މި ޕްރޮޖެކްޓްގެ ދަށުން ބ. އަތޮޅާއި ރ. އަތޮޅުފެ ބައެއް ރަށްތަކުގައި ވަނީ ސޯލާ ހަރުކޮށްފައެވެ. މިގޮތުން އެ ދެ އަތޮޅުގައި ގާއިމްކޮށްފައިވާ 6.3 MWp ސޯލާ އާއި 9.95 MWh ބެޓަރީ ސިސްޓަމްތަކުން، އަހަރަކު 68 މިލިޔަން ރުފިޔާގެ ޑީސަލް ސޭވިންގެ ގޮތުގައި ރައްކާކުރެވޭނެއެވެ.

އަދި ރ. އަތޮޅުގައި އެކަނި 3.65MWp ސޯލާރ ޕީވީ އާއި 5.34 MWh ބެޓަރީ ސްޓޯރޭޖްއިން އަހަރަކު 39 މިލިޔަން ރުފިޔާ ޑީސަލް ސޭވިންގެ ގޮތުގައި ރައްކާ ކުރެވޭނެއެވެ. އެއާއެކު ޑީސަލް އިންޖީނުތަކަށް ކުރަންޖެހޭ ޚަރަދު ކުޑަވެގެންދާނެއެވެ.

ޕޮއިސްޑް ޕްރޮޖެކްޓް ފަސް ވަނަ ފިޔަވަހީގެ ދަށުން ރ. އަތޮޅުގައި އިންސްޓޯލް ކުރެވޭ ސޯލާރ ނިޒާމުތަކާއެކު ފެނަކައިގެ ޖުމްލަ 17.95MWp ސޯލާރ ޕީވީ ގާއިމްކުރެވިގެންދާނެއެވެ. އަދި މި 17.95MWp ގެ ތެރެއިން ޕޮއިސްޑް ޕްރޮޖެކްޓްގެ އެކި ފިޔަވަހިތަކުގައި MWP 16.8 ސޯލާރ ޖަހާފައިވެއެވެ.

މި ފިޔަވަހީގައި ޖުމްލަ 15 ރަށެއްގެ ޑީސަލް ޕަވަރހައުސްތައް ދުވާލު ހަ ގަޑިއިރާ 10 ގަޑިއިރާ ދޭތެރޭ ގަޑިއިރުތަކަށް ނިއްވާލެވުމަކީ މި ޕްރޮޖެކްޓްގެ އެންމެ މުހިއްމު އެއް ކާމިޔާބީއެވެ.

މި މަޝްރޫއު އިފްތިތާހުކުރައްވާ ވާހަކަފުޅު ދައްކަވަމުން  ފެނަކަގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު އަފީފު ހުސައިން ވިދާޅުވީ، މިއީ ރާއްޖޭގައި ކާމިޔާބުކަމާ އެކު ޑީސަލް- ސޯލާރ ޕީވީ- ބެޓަރީ ހައިބްރިޑް ސިސްޓަމް ގާއިމް ކުރެވުނު ފުރަތަމަ މަޝްރޫއު ކަމަށެވެ. އަދި ބޭނުންކުރެވޭ ކަރަންޓުގެ 33 އިންސައްތަ އިޢާދަކުރަނިވި ހަކަތައިން 2028 ވަނަ އަހަރު ނިމޭއިރު ފޯރުކޮށްދިނުމަކީ ސަރުކާރުން ކަނޑައަޅުއްވާފައިވާ މުހިއްމު ލަނޑުދަނޑިއެއް ކަމަށާއި، މި މަޝްރޫއުގެ ދަށުން ހަރުކުރެވޭ ސޯލާރ ނިޒާމްތަކުގެ އިތުރުން، އެނާރޖީ މެނޭޖްމަންޓް ސިސްޓަމްތަކާއި ބެޓަރީ އެނާރޖީ ސްޓޯރޭޖް ސިސްޓަމްތަކަކީ، މި ލަނޑުދަނޑި ހާސިލްކުރުމުގައި ހިއްސާވާ މުހިއްމު ވަސީލަތްތަކެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.