Support Us

އެޕަލް ވޮޗް ސީރީޒް 6 ގައި ޕަލްސް އޮކްސިމީޓަރު ހިމަނާފައި ވަނީ އެފްޑީއޭ އިން ހުއްދަ ނުހޯދާ

އެޕަލް އިން ސީރީޒް 6ގެ ގަޑިތައް އުފައްދާފައި ވަނީ ލޭގައި އޮކްސިޖަން ހުންނަ ވަރު ދެނެގަނެވޭ ގޮތަށެވެ. ލޭގައި އޮކްސިޖަން ހުންނަ ވަރު ދެނެގަންނަނީ ގަޑީގައި ހުންނަ ޕަލްސް އޮކްސިމީޓަރުންނެވެ.

ސީރީޒް 6ގެ ގަޑިތަކުގައި ޕަލްސް އޮކްސިމީޓަރު ހިމަނާފައި ވަނީ އެމެރިކާގެ "ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން – އެފްޑީއޭ" އިން ހުއްދަ ނުހޯދަ އެވެ. އެހެންކަމުން، ލޭގައި އޮކްސިޖަން ހުރި މިންވަރު ކަމަށް ސީރީޒް 6ގެ ގަޑިތަކުން ބުނެދޭ އަދަދަކީ ސިއްހީ ފަރުވާ ލިބިގަތުމަށް ބޭނުންހިފިދާނެ ސައްހަ އަދަދެއް ނޫނެވެ.

އެޕަލްގެ ގަޑިތަކުން އީސީޖީ ބެލޭ ގޮތް ހެދީ ޒަމާންތަކެއް ވަންދެން ދިރާސާކުރުމަށްފަހު އެވެ. މި ކަމަށްޓަކައި، އެމެރިކާގައި ސިއްހީ ޚިދުމަތްދޭ މަޝްހޫރު ހޮސްޕިޓާތަކުންނާއި ޔުނިވާސިޓީތަކުން އަދި މެޑިކަލް ސެންޓަރުތަކުން ވަނީ މައުލޫމާތު ހޯދާފަ އެވެ. އަދި ސީރީޒް 4، 5 އަދި 6ގެ ގަޑިތަކުގައި ހިމަނާފައިވާ އީސީޖީ ފީޗާ އަށް އެފްޑީއޭގެ ހުއްދަ ވެސް ވަނީ ލިބިފަ އެވެ.

އީސީޖީ ފީޗާ އަށް އެފްޑީއޭގެ ހުއްދަ ހޯދި ގޮތަށް އޮކްސިމީޓަރަށް ހުއްދަ ނުހޯދި ސަބަބެއް އެޕަލް އިން ހާމައެއް ނުކުރެ އެވެ. އެޕަލް އިން ބުނިހާ ވެސް އެއްޗަކީ، ލޭގައި އޮކްސިޖަން ހުންނަ ވަރު ގަޑިތަކުން ދެނެގަނެވޭ ގޮތް ހަދާފައި ވަނީ ސިއްހީ ފަރުވާ ލިބިގަތުމަށް ނޫން ކަމަށާއި އެއީ ދުޅަހެޔޮ ހާލަތު އަންދާޒާކޮށްލުމަށް ކަމަށެވެ.

ސީރީޒް 6ގެ ޕަލްސް އޮކްސިމީޓަރަކީ "ކްލާސް ޓޫ މެޑިކަލް ޑިވައިސް" އެކެވެ. މާނަ އަކީ މާކެޓުން މިހާރު ވެސް ލިބެން ހުރި ކްލާސް ޓޫ އޮކްސިމީޓަރުތައް ފަދައިން – އެއް ފެންވަރެއްގައި، އެޕަލްގެ ޑިވައިސްތައް ވެސް މަސައްކަތްކުރާނެ ކަމެވެ. އެފްޑީއޭގެ ހުއްދަ ހޯދުމަށްޓަކައި އެޕަލް އިން ކުރަންޖެހޭހާ ވެސް ކަމަކީ، އެފްޑީއޭއިން ކަނޑައަޅާފައި ހުންނަ ސެންޓަރުތަކަކުން، ޕަލްސް އޮކްސިމީޓަރު ޗެކްކުރި ކަމަށް ތައްގަނޑު ޖެހުމެވެ.

ދުނިޔެ މިހާރު އޮތް ހާލަތުގައި، ސިއްހީ ފަރުވާ ލިބިގަތުމަށް ސީރީޒް 6ގެ ގަޑިތައް ބޭނުން ނުކުރެވުމަކީ ހިތާމައެކެވެ. ކޮރޯނާވައިރަހުން ފަތުރާ ބަލިމަޑުކަމުގައި ހާލަތު ގޯސްވަނީ ވެސް ހަށިގަނޑުގައި އޮކްސިޖަން ހުންނަ މިންވަރު ދަށްވާން ފެށުމުންނެވެ.

އެޕަލްގެ ނަސޭހަތަކީ މެޑިކަލް ޑިވައިސްއެއް ގޮތުގައި ސީރީޒް 6ގެ ޕަލްސް އޮކްސިމީޓަރު ބޭނުންނުހިފުމެވެ. މާނަ އަކީ، މި އަޑު ނާހައި ކުރާ އެއްވެސް ކަމަކަށް އެޕަލް އިން ޒިންމާއެއް ނުވާނެ ކަމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *