Support Us

ކޮލަމް: ކެޔޮނިރު

އަޅުގަނޑުގެ ޕްރޮފެސަރ ބުނިހެން ޤައުމު ތަރައްޤީ ކުރުން!

މީގެ އަހަރުތަކެއް ކުރިއެވެ. ކުދި ޖަޒީރާ ޤައުމުތަކުގެ ތަރައްޤީއާ ބެހޭ ޕޯސްޓް ގްރެޖުއޭޓް ކޯހެއްގައި ޔުނިވަރސިޓީ އޮފް މޯލްޓާގައި ކިޔަވަމުންދިޔަ ދުވަސްވަރެވެ. ކޯހުގެ މައުލޫ އަކީ "އެޑިއުކޭޝަނަލް ޕްލޭނިންގް އިން ސްމޯލް ސްޓޭޓްސް" އެވެ. އެއް ދުވަހެއްގެ ލެކްޗަރުގެ ތެރެއިން ޕްރޮފެސަރ ސުވާލެއް ކުރިއެވެ. ކުޑަ ޤައުމެއްގެ އިގްތިސޯދަށް އެންމެ މުހިއްމު ކަމަކީ ކޮބައިތޯއެވެ؟ އަޅުގަނޑު އަތްމައްޗަށް ނަގާފައި ޖަވާބު ދިނީމެވެ. ކުޑަ ޤައުމެއްގެ އިގްތިސޯދަށް އެންމެ މުހިއްމީ އެޤައުމަކަށް ހިލޭ އެހީގެ ގޮތުގައާއި ލުއި ލޯނުގެ ގޮތުގައި އެހީތެރިވާނެ ބޮޑެތި ޤައުމުތަކެއް އޮތުން ކަމުގައި އަޅުގަނޑު ބުނީމެވެ.

ޕްރޮފެސަރ ވަރަށް ހިތްހަމަނުޖެހިފައި ބުންޏެވެ: "ކުދި ގިނަ ޤައުމުތައް ތަރައްޤީނުވާ އެންމެ ބޮޑު އެއް ސަބަބަކީ ތިގޮތަށް ވިސްނުން ބެހެއްޓުމެވެ!" އެދުވަހު ޕްރޮފެސަރ ބުނި ގޮތުގައި ޤައުމު ކިތައްމެ ކުޑަޔަސް ތަރައްޤީ ވާނީ އަމިއްލަ ފައިމައްޗަށް ތެދުވެ، އަމިއްލަވަންތަކަމާއެކު، އަމިއްލަ މަސައްކަތުން ކުރިއަށްދާން މަސައްކަތް ކޮށްގެންނެވެ. އަވައްޓެރި ބޮޑެތި ޤައުމުތަކުން ދިއްކޮށްލާ ހައިރާތަށް ބަރޯސާނުވެ ކުރިއަށް ގޮސްގެންނެވެ. ހެޔޮއެދޭ ޤައުމުތަކުން ދޭ ހުރިހާ އެހީ އަކީ ގޯސް އެހީއެއް ނޫނެވެ. ނަމަވެސް ވަރަށް ގިނަ ފަހަރު އެފަދަ އެހީތަކުގެ ފަހަތުގައި ފޮރުވިފައިވާ ދެފުށްކެހެރި ކަމާއި އަމިއްލަ އެދުން އެކުލެވިފައި ވުމަކީ ވަރަށް ކައިރި ކަމެކެވެ.

އަމިއްލަ ބުރަ މަސްއްކަތުން، އެހެން ބިޔަ ޤައުމެއްގެ ނުފޫޒު ތިމާމެންގެ ޤައުމަށް ފޯރިޔަނުދީ ތަރައްގީވެފައިވާ އެންމެ މަޝްހޫރު ކުޑަ ޤައުމަކީ ސިންގަޕޫރެވެ. ސިންގަޕޫރަށް ސިޔާސީ ގޮތުން ނުފޫޒު ފޯރުވަން ޗައިނާއާއި މެލޭޝިޔާއިން ކުރި، އަދި ކުރަމުންދާ ގިނަ މަސައްކަތްތަކުގެ މަޅީގައި ނުޖެހި، ވަރަށް ހިކުމަތްތެރިކަމާއި އެކު އެޤައުމު ގެނެސް ދުނިޔޭގެ ކުރިއަރައި ތަރައްޤީވެފައިވާ ޤައުމުތަކުގެ ސަފަށް ލާފައިވަނީ ލީކުއާންޔޫ ފަދަ ވަރުގަދަ ލީޑަރުންގެ ހިކުމަތު އަމަލީ އިންނެވެ.

މިއަދު މި ދިވެހި ޤައުމުން މިފެންނަ ގިނަ ސިޔާސީ ލީޑަރުންގެ ކިބައިގައި އެފަދަ ހިކުމަތުއަމަލީ ހުރިތަނެއް ނުފެނެއެވެ. ދިވެހީންގެ ގިނަ ބަޔަކަށް މިއަދު މިޤައުމަކީ އެއްވެސް އާރެއް ބާރެއް ނެތް ނިކަމެތި ތަނެއްގެ ގޮތުގައި ސިފަވެއްޖެއެވެ. އަވައްޓެރި އިންޑިއާއިން އާދައިގެ ދެ ހެލިކޮޕްޓަރު ދީފަ، އެ ދެ ހެލިކޮޕްޓަރު ބަލަހައްޓަންށޭ ކިޔާފައި އިންޑިއާގެ 60 ސިފައިން ބޭތިއްބުމުން ދިވެހީންގެ ގިނަ ބަޔަކާއި ދިވެހި ސަރުކާރު މިތިބީ ހެވިދިލިފައެވެ. އިތުރު ޑޯނިއަރ މަތިންދާ ބޯޓަކާއި، އެބޯޓު ބަލަހައްޓާނެ 32 އިންޑިއާ ސިފައިން ރާއްޖޭގައި ބޭތިއްބުމުން ވެސް މިޤައުމުގެ ވެރީން ހެވިދިލިފައެވެ. އިންޑިއާގެ މާސިންގާ ރާޑަރ ސިސްޓަމެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބެހެއްޓުމުމަކީ ވެސް މިހާރުގެ ސަރުކާރުގެ ނަޒަރުގައި ދިވެހީންނަށް ފައިދާ ހުރި ވަރަށް މޮޅު ކަމެކެވެ. އިންޑިއާއިން ކުޑަ ޑިންގީއެއް ދިނަސްް ނުވަތަ ރަށެއްގައި ވިއްސަކަށް މަގު ބައްތި ޖަހައިދިނަސް އެއީ ތަރައްޤީގެ ބިޔަ މަޝްރޫއެކެވެ! ފެރީގެ ނަމުގައި ދަބަރު ބޯޓެއް އިންޑިއާއިން ފޮނުވިއަސް އެއީ ތަރައްޤީއެވެ. މި ސަރުކާރުގެ ވެރީންގެ ނެތީ ހަމައެކަނި ހިކުމަތު އަމަލީއެއް ނޫނެވެ. އިހްލާސްތެރިކަމެއް، ތެދުވެރިކަމެއް ވެސް ނެތީއެވެ.

ދިވެހި ޤައުމުގެ ދިފާއީ ވަޒީރު ވަނީ މިޤައުމުގެ އަގު ވެއްޔާ މޮޑެވޭ ފަދަ ދަށުދަރަޖައިގެ ވާހަކައެއް އިންޑިއާގެ ޓީވީ ސްޓޭޝަނަކަށް ދެއްވި އިންޓަވިއުއެއްގައި މީގެ މަސްތަކެއް ކުރީން ވިދާޅުވެފައެވެ. އިންޑިއާ ސަރުކާރުން ބޭނުންނަމަ ދިވެހިރާއްޖެއަށް އަރައި ދިވެހި ޤައުމު ހިފައި އަޅުވެތި ކުރުމަކީ އިންޑިއާއަށް ނުހަނު ފަސޭހަ ކަމެއް ކަމަށާއި ނަމަވެސް އިންޑިއާއިން އެކަން އެގޮތަށް ނުކުރާތީ ދިވެހީން އިންޑިއާއަށް ޝުކުރުވެރި ވާންޖެހޭނެ ކަމަށް ދޭހަވާ ގޮތަށް މާރިޔާ ދީދީ ވާހަކަ ދެއްކެވިއެވެ.

އެމް.އެން.ޑީ.އެފްގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެފައި ވަނީ އިންޑިއާގެ ހެލިކޮޕްޓަރ ރާއްޖޭގައި އޮޕަރޭޓް ކުރުމުން އިންޑިއާއަށް ހުރި ފައިދާއެއް ނެތެވެ. ހުރިހާ ވެސް ފައިދާއެއް ހުރީ ދިވެހީންނަށެވެ. އިންޑިއާގެ ރާޑަރ ސިސްޓަމްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބެހެއްޓުމުންވެސް ފައިދާ ވާނީ ރާއްޖެއަށް ކަމަށާއި އަދި ޑޯނިއަރ މަތިންދާ ބޯޓެއް އިންޑިއާއިން މިތަނުގައި ބޭއްވިއަސް ފައިދާވާނި ދިވެހީންނަށް ކަމަށް ވިދާޅުވިއެވެ. މިއީ ދުނިޔެއަށް ލޯހުޅުވިފައިވާ އެއްވެސް އިންސާނަކު ޤަބޫލުކުރާނެ ޒާތުގެ ވާހަކައެއް ނޫނެވެ. އިންޑިއާއިން ދިވެހީންނަށް އެހާވަރަކުން އެހީވާން ބޭނުންނަމަ އެންމެ ފުރަތަމަވެސް އެއްބަސްވި ގޮތަށް އެ ދެ ހެލިކޮޕްޓަރ ދުއްވަން ދިވެހި ސިފައިން ތަމްރީނު ކޮށް، ދިވެހި ސިފައިންނާ އެތަކެތި ހަވާލު ކުރުމުން ނިމުނީއެވެ.

ނަމަވެސް، އޭގެ ބަދަލުގައި އެއިން ހެލިކޮޕްޓަރެއް އުދުއްސުން ކީއްކުރަން އެއިން އެއްޗެއްގައި ބީހިލުމުގެ ހުއްދަވެސް ދިވެހި ސިފައިންނަކަށް ނުދެއެވެ. އިންޑިއާގެ ހެލިކޮޕްޓަރުން ދިވެހި ބަލިމީހުން އުފުލާ ކަމަށް ބުނެ މާރިޔާއާއި ޝަމާލް ޓްވީޓްކޮށް، އިންޑިއާ ޕްރޮމޯޓް ކުރުމުން ދިވެހީންގެ ބަދުނަސީބުކަން ހިތަށް އަރައި ދެރަވެސް ވެއެވެ. ދިވެހި ޤައުމުގެ ޑިފެންސް މިނިސްޓަރާއި ޗީފް އޮފް ޑިފެންސް ފޯސް އެހެން ޤައުމެއްގެ މިލިޓަރީ ޕްރޮމޯޓް ކުރުމުން ދިވެހީންގެ ހުރި ނާޒުކު ކަމާއި ބަދުނަސީބުކަން ވަރަށް ރަނގަޅަށް ހާމަވެގެން ދެއެވެ. މިއީ ތުއްތު ކުއްޖެއްގެ އަމިއްލަ މަންމަ އެތުއްތު ކުއްޖާއަށް ޖިންސީ ގޯނާކުރަން އުޅޭ ފިރިހެނަކާ ހިތާވެ، އެ ތުއްތު ކުއްޖާގެ ދިފާއުގައި ވާހަކަ ދެއްކުމުގެ ބަދަލުގައި، ޖިންސީ ގޯނާ ކުރަން އުޅޭ މީހާގެ ދިފާއުގައި ވާހަކަދެއްކުން ކަހަލަ ކަމެކެވެ.

މި ދިވެހި ޤައުމު ދިފާއުކުރުމުގެ ޒިއްމާ ހަވާލުކޮށްފައި ތިބި އެންމެ އިސް މީހުން މިވަނީ މިޤައުމު އަޅުވެތި ކުރުމުގެ ސިއްރު ޕްލޭނެއް ގެންގުޅޭ ކަމަށް ޝައްކު ކުރެވޭ އަވަށްޓެރި ޤައުމެއްގެ ދިފާއުގައި ތެދުވެފައެވެ. މާރިޔާ އާއި ޝަމާލަކީ އިންޑިއާ ސިފައިންގެ ދެމީހުން ފަދައެވެ. ހާރިޖީ ވަޒީރަކަށް ހުންނެވި އަބްދުﷲ ޝާހިދަކީ ވެސް މާރިޔާ އާއި ޝަމާލް ފަދައިން އިންޑިއާގެ ޕަޕެޓެއް ފަދައެވެ. ޝާހިދު ޕްރޮމޯޓް ކުރުމަށް ބޮޓް އެކައުންޓްތައް ހަދައި، ޝާހިދާއި އިންޑިއާގެ ދިފާއުގައި ސޯޝަލް މީޑިއާގައި ގިނަގުނަ ޕްރޮޕެގެންޑާ ހިންގިއަސް ޝާހިދުގެ ދެފުށްކެހެރިކަން ދިވެހީންނަކަށް ނޯޅޭނެއެވެ. މީ ހައްތާވެސް އިންޑިއާގެ އަޅުންނެވެ. ދިވެހީންގެ "ހާދިމުން"ނެއް ނޫނެވެ!

ދެން ހުންނެވީ ދިވެހީން ނުހަނު އުއްމީދާ އެކު ހޮވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. މާ ހިކުމަތްތެރި ބޭފުޅެކެވެ. ހިކުމަތްތެރި ވީވީނުން ޤައުމުގެ ރައްޔިތުން ކަންބޮޑުވާ އެތައް މައްސަލައެއްގައި މައުނަވީ އެއްވެސް އެއްޗެއް ވިދާޅެއްނުވެއެވެ. އެމްޑީއެން ބޭންކުރީ ނަމަކަށެވެ. އުތެމައަށް ދިނީ ނަސޭހަތެވެ. އިންޑިއާ ހެލިކޮޕްޓަރުތައް ފޮނުވާލުމުގެ ބަދަލުގައި އިންޑިއާ އެއާފޯސް އިން އިތުރު ބޯޓެއް ގެނައީއެވެ. އިންޑިއާ ސިފައިން މަދުކުރުމުގެ ބަދަލުގައި ކުރީ ގިނައެވެ. އިންޑިއާ ސިފައިން ރާއްޖޭގައި ތިބި އަދަދުވެސް ޤައުމީ ސަލާމަތް ހުއްޖަތަކަށް ދައްކާފައި ކުރީ ސިއްރެވެ. އިންޑިއާގެ ދަރަނީގެ ދަންތުރާގައި ޤައުމު ޖައްސައި އެތައް ސަތޭކަ މިލިއަން ޑޮލަރުގެ ލޯނު ނެގިއިރު އެލޯނުތަކުގައި ރިބާ އެކުލެވޭ މިންވަރުވެސް ހެދީ ޤައުމީ ސަލާމަތުގެ ސިއްރަކަށެވެ. އޭރުގެ ރަސްކަލުން އިންޑިއާ އަށް މަލިކު ދޫކޮށްލިހެން އައްޑު އަތޮޅު އެއްކޮށް އިންޑިއާ އަށް ދޫކޮށްލަން ތައްޔާރުވާ ކަހަލައެވެ. އައްޑޫ، ހަނިމާދޫ، ކުޅުދުއްފުށި، އުތުރު ތިލަފަޅު، ކައްދޫ، އަދި ގުޅީފަޅު ޕްރޮޖެކްޓާއި އައިހެވަން ޕްރޮޖެކްޓް ވެސް އިންޑިއާއަށެވެ! މީ ހަމަ ރަނގަޅަށް ވެސް ޤައުމު ވިއްކަން ނިކުމެފައި ތިބި ބައެކެވެ.

އިންޑިއާއަކީ ރާއްޖޭގެ ގާތް އަވައްޓެރިއެއް ކަމަށާއި އިންޑިއާއިން ރާއްޖެއަށް ދެރަ ގޮތެއް ނުހަދާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއަސް ދިވެހީންގެ ގިނަ ބައެއްގެ ހިތުގައި އިންޑިއާގެ އަމަލުތަކާ މެދު އުފެދިފައިވާ ޝައްކާއި ވަހުމުގެ ސުވާލު ތަކަށް ޖަވާބެއް ނުލިބެއެވެ. އިންޑިއާ ބޭނުންނަމަ ދިވެހި ޤައުމު ހިފިދާނެ ކަމަށް މާރިޔާ ވިދާޅުވުމުން ވަރަށް ގިނަ ބަޔަކު މިކަމާ ނުތަނަވަސް ވެގެން އުޅުނުއިރު، އަދި "އިންޑިއާ އައުޓް"ގެ ނަމުގައި ސޯޝަލް މީޑިއާގައި ހޭޝްޓެގެއް ޓްރެންޑްވެގެން އުޅޭއިރު، އަދި މުޅި ޤައުމު ކަހަލަ ގޮތަކަށް "އިންޑިއާ އައުޓް" އޭ ގޮވަމުންދާ އިރުވެސް ހިކުމަތްތެރި ރައީސް ހަމަ ޗުއްޕެކޭވެސް ވިދާޅެއް ނުވެއެވެ.

"ހިތްތަކުގެ ރައީސް" އަކީވެސް ދުނިޔޭގައި ލެއްވި ހުރިހާ ކަމަކަށް ބަސް ވިދާޅުވާ "ތިމާވެށީގެ ރައީސް" އެވެ. ނަމަވެސް މާރިޔާ މިދެއްކެވި ފެންވަރުދަށް ވާހަކައަށްް ރައީސް ނަޝީދު އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ. އިންޑިއާ އައުޓް ކުރުމަށް ދިވެހީން ގޮވާ ގޮވުމަކީ އައިއެސްގެ ހަނގުރާމަވެރީންނާ ގުޅުން ހުރި ކަމަކަށް ހަދަން ނަޝީދު ނިކަން މަސައްކަތް ކުރައްވާތަން އެބަ ފެނެއެވެ. ރައީސް ސޯލިހާއި ރައީސް ނަޝީދާއި، މާރިޔާ ދީދީ އާއި ޝާހިދާއި މިފަދަ ހުރިހާ ބޭފުޅުން ވެސް މިހާރު އެތިއްބެވީ "އިންޑިއާ އައުޓް"ގެ މި ތޫފާން މައިތިރިވާނެ ވަގުތެއްގެ އިންތިޒާރުގައެވެ. ނަމަވެސް ދިވެހި ޤައުމާއި އިސްލާމް ދީންދެކެ ލޯބިވާ އެންމެ ދަރިއެއްގެ ހަށިގަނޑުގައި އެންމެ ނޭވާއެއް ހުއްޓާވެސް މި ވާހަކަ ނުހުއްޓޭނެކަން ކަށަވަރެވެ. ވަﷲ! މިއީ ޒާތީ ކަމެއް ނޫނެވެ. ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށް ވެރިކަން ހޯދައިދޭން، ނުވަތަ މިހާރުގެ ސަރުކާރު ބަލިކަށި ކުރަން ދައްކާ ވާހަކައެއްވެސް ނޫނެވެ.

ރައީސް ނަޝީދަށްވެސް ވަރަށް ރިވެތި ވެރިކަމެއް ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަތުމުން ދިވެހީންގެ ޝުއޫރުތަކަށް ވިސްނެވުމެއް ނެތި ހިތުހުރި ވާހަކައެއް ދައްކަވަމުން އިންޑިއާގެ އުނގަށް ދިވެހި ޤައުމު ވައްޓަމުން ވެރިކަން ކުރައްވަން ފެއްޓެވުމުން ދިވެހީން ނިކުމެ އެވެރިކަން ބަދަލު ކުރީއެވެ. ރައީސް ސޯލިހަށް މިހާރު ލިބިވަޑައިގެންފައި ވަނީ ނަޝީދަށް ލިބިވަޑައިގަތް ވަރަށްވުރެެވެސް ރިވެތި ވެރިކަމެއް ކުރެއްވުމުގެ ފުރުސަތެވެ. ނަމަވެސް ނަޝީދުގެ ބަހަށް ހެއްލި ވަޑައިގެން، މާރިޔާ އާއި ޝާހިދު ފަދަ ފަރާތްތައް ލައިގެން ދިވެހި ޤައުމު ވަކި ބައްޓަމަކަށް ކޮށައި މަށައި، އިންޑިއާ އަށް ޤައުމު ވިއްކަން ތިކުރައްވާ މަސައްކަތަކީ އާޚިރުގައި ރައީސް ސޯލިހުގެ ވެރިކަން ވެއްޓުމުގެ ފެށުން ކަމަށް ވެސް ވެދާނެއެވެ!

އިންޑިއާގެ މައްސަލަ ނަގައިގެން އަޅުގަނޑު މިގޮތަށް ތަކުރާރުކޮށް ލިއުމުން ބައެއް މީހުން ތުހުމަތުކުރާ ގޮތުގައި އަޅުގަނޑަކީ ރައީސް ޔާމީން ނުވަތަ ޤާސިމް އިބްރާހިމަށް ވެރިކަން ހޯދައިދިނުމަށް، އެބޭފުޅުން އަތުން މަންފާ ހޯދައިގެން މަސައްކަތް ކުރާ މީހެކެވެ. ނަމަވެސް އަޅުގަނޑު ދިވެހި ޤައުމުގެ ހައްޤުގައި މިދަންނަވަނީ ރައީސް ޔާމީނަކީ އަޅުގަނޑު އެފަދަ ގޮތަކަށް ދަންނަ ބޭފުޅެއްވެސް ނޫނެވެ. ދުވަހަކު ސީދާކޮށްވެސް އަދި ފޯނުންވެސް ވާހަކަ ދެއްކި ބޭފުޅެއްވެސް ނޫނެވެ. ޤަސިމަކީ ކޮންމެވެސް ވަރަކަށް ދަންނަ ބޭފުޅެއް ކަމުގައި ވިއަސް ދުވަހަކުވެސް ޤަސިމްއާވެސް އެފަދަ ގުޅުމެއް ނޯންނާނެއެވެ. ވަކި އެއްޗެއް ހޯދައިގެން ވަކި އެއްޗެއް ލިޔެދީފައެއް ނޯންނާނެއެވެ. ލިއާއެއްޗެއް ލިޔަނީ އަޅުގަނޑަށް ފެންނަ ގޮތުގައި މިޤައުމަށާއި މިޤައުމުގެ ދީނަށް، އަދި ރައްޔިތުންނަށް އެންމެ މަންފާ ހުރި ގޮތަކަށެވެ.

މިވަގުތަކީ ސިޔާސީވެ، ވަކިވަކި ކުލަތަކާއި ވަކިވަކި ފިކުރުތަކުން އެއްބަޔަކު އަނެއްބަޔަކާ ޖެހިގަންނަންވީ ވަގުތެއް ނޫނެވެ. ޤައުމީ މި މައްސަލައަކީ ރައީސް ޔާމީންވެސް އަދި އެހެން ބޭފުޅަކުވެސް އަމިއްލަފުޅު ސިޔާސީ ކުރިއެރުމަށްޓަކައި ނާޖާއިޒު ފައިދާ ނަންގަވަންވީ މައްސަލައެއްވެސް ނޫނެވެ. މިއީ ޤައުމީ މައްސަލައެކެވެ. މިއީ ހުރިހާ ފިކުރެއްގެ ހުރިހާ އެންމެންވެސް މިދިވެހި ޤައުމާއި ދީނުގެ ހިމާޔަތުގައި، ފެއްސާއިރަތާއި ހުދުގެ މިދިދައިގެ ހުރުމަތުގައި ތެދުވެ އަދުއްވުންގެ ނުރައްކާތެރި ރޭވުންތަކުން ޤައުމު ދިފާއު ކުރަންވީ ވަގުތެވެ. އެމްޑީޕީ އިން އިންޑިއާ އަށް ޤައުމު ވިއްކަން ކުރާ މަސައްކަތް ހުއްޓުވައި އިންޑިއާ ސިފައިން މިޤައުމުން ބާލަންވީ ވަގުތެވެ.

އަޅުގަނޑަކީ އެއްވެސް ޕާޓީއެއްގެ މީހެއްވެސް ނޫނެވެ. އެއްވެސް ސިޔާސީ ބޭފުޅެއްގެ އަޅެއްވެސް ނޫނެވެ. ބަޔަކު އަތުން އެއްޗެއް ހޯދައިގެން ބަޔަކު ބުނާގޮތަށް ލިޔާ މީހެއްވެސް ނޫނެވެ. މިއީ ހައްޤު ތެދެވެ. އަޅުގަނޑަކީ ދިވެއްސެކެވެ. ދިވެހިލޭ ހިނގާ މީހެކެވެ. އިސްލާމް ދީނަށް ލޯބިކުރާ މުސްލިމެކެވެ.

ﷲ މި ދިވެހި ޤައުމު މިނިވަންކަންމަތީ ތާއަބަދު ލަހައްޓަވާށި. ﷲ މިދިވެހި ޤައުމުގެ ދީނަކީ އިސްލާމް ދީންކަމުގައި ތާއަބަދު ލަހައްޓަވާށި. އަޅުގަނޑުގެ ޕްރޮފެސަރ ބުނިހެން ބޭރު ޤައުމަކަށް އަޅުވެތި ނުވެ، ބޭރު ޤައުމަކަށް ބަރޯސާ ނުވެ، އަމިއްލަ ފައިމައްޗަށް ތެދުވެ ސިންގަޕޫރު ފަދައިން ތަރައްޤީ ވެވޭ ޤައުމެއް ކަމުގައި ލައްވާށިއެވެ.