މިތުރާގެ ތިޔަ ބަލައިލުމަކީ ކުރި ސަލާމެކޭ
ހިތުގައި ހިނގާ އުދާސްތަކަކަށް ދިން އަރާމެކޭ
ތަސްވީރުތައް ހިތަށް ކުރެހުނު މާނަވީ އޮމާން
އަސްލެއް ކަމަށް ބަލަން ލިބެމުންދާނެ ދިރުމެކޭ
ހިތުގައި އުފައްދަމުން ދިޔަ ޖަޒުބާތުތައް އެއިން
އިތުބާރަކަށް ވެގެން އައި މޮޅު އިއްތިފާޤެކޭ
މުޅި އުމުރު ހޭދަކޮށް އުފަލާއެކު އަރާމުގައި
ގުޅިގެން އުޅެން ހިތުން ކުރެވުނު އިންތިޒާރެކޭ
އިތުރަށް ވެ ބޭޤަރާރު ވެވޭ ފިކުރު ހާސްކަމާ
ހިތުގައި ވި ނުތަނަވަސްކަމަކަށް ލިބުނު ރޫޙެކޭ
ފިކުރާ ޚިޔާލުތައް ނުވެ ބަރުދާސް މި ހާލުގައި
މިކުރާ ހިތާމަޔާ ދުރުކޮށްދޭނެ ފާލެކޭ
އަންނާނެ ވަގުތަކަށް އުފަލުން ކުރެވެމުން އެ އައި
އުންމީދުތައް ދިރޭ ނުފިލާނޭ ހަނދާނެކޭ
ފުރި ހިތް މި އައި އެ ތަންވަޅު އެނގުމެއް ކުރިން ނުވާ
ހުރިހައި އުފާ އެ މިލްކުވެ ހިނިތުންވި ދިރުމެކޭ
ހުރެވޭ މި ޚިޔާލުގައި އަބަދަށް މޮޅިވެ ފިކުރުގައި
ކުރެވޭ ސުވާލަކަށް ލިބިދިން ހެޔޮ ޖަވާބެކޭ
އައި ނައި ތަނެއް ނުވެސް އެނގި އުފެދުނު ބަހާރުގައި
ވައިރޯޅިޔާ އެކީ ތިޔަ ފޮނުވީ ސަލާމެކޭ