ވަކިވެގެން ދިޔައީ މިއަދު ދެލޮލުން ކަރުނަ އޮހޮރާ ފައޭ
ވަކިވުމު ގެކުރިއަށް އަދާނުވެ " ދަރަނި ތައްވެސް" ހުއްޓައޭ
ކޮންމެ ރެއަކުމެ ފަޖުރުލީމާ އައިސް އެކީ ބައިވެރިވެގެން،
ކޮންމެ ދުވަހަކު މަޣްރިބާ ހަމަޔަށް އެކީގައި އުޅެފައޭ
ކޮންމެ އަހަރަކު އެއްފަހަރު ބައްދަލުވެ، ދޭ ހަދިޔާ ތަކަށް،
އޮންނަނީ އެކަމަށް ޝުކުރުވެރި ވާނެ ފުރްސަތު ނެތިފައޭ
ދިހަ ދިހައިން ތިން ދަރަޖައަށް ބޭނުން ކުރަން ދިން އެއްޗަކުން
ދިހަ ދިހައިން ބޭނުން ނުކޮށް ޣާފިލް ކަމެއްގައި ތިއްބައޭ
ހާސް އަހަރުފަދަ އެއް ރެޔެއްގައި ދެއްވި އަގުހުރި ފުރްޞަތެއް
ހާސްވެގެން ފުރިހަމަ ނުކޮށް ތިއްބާ ފުރައިގެން ގޮސްފައޭ
އަބަދު އެކުގައި އުޅެދިނުން މިތުރެއްގެ ގޮތުގައި އެދުނަކަސް،
އަހަރަކުން އެއްމަސްދުވަސް ދެވިދާނެ ކަމުގައި ބުނެފައޭ
ހާދަގިނަ ހެޔޮ ކަންކަމަށް " މަގުދެއްކިމީ އެކުވެރިއެކޭ "
މާފަހުން ދެން އެނގުނުއިރު " ރަމަޟާންމަހޭ " ވީ ނިމިފައޭ