ދީނީ ލަފާ ދަރީންނާ ދީބުގެ ވިހެޔޮ ވެރީންނާ
ޖީލެއް ބިނާކުރާނީ ދީލަތި މުދައްރިސުންނޭ
ސީދާ އަޅާ އެ ބިންގާ ޙުއްބުލްވަޠަންގެ އިމުގައި
އީޖާދުތައް އުފައްދައި ދިވެހިއްޔަތެއްގެ ނަމުގައި
ދީފައިވި އިހުގެ އަޢުލާ ގައުމީ މިސާލުތަކުގައި
މީހުން ބިނާކުރާނީ ނިޔަނެތި މުދައްރިސުންނޭ
ބޮޑުކުރިއަކަސް މައިންނާ ބަފައިން ބެލެނިވެރީންނާ
ބޮޑުވާހުށީ ދަރީން ހެޔޮ އިސްކޮޅުތަކާ ހަށީންނާ
ބޮޑުކޮށް ދަރީންގެ ވިސްނުން ޢިލްމާއި ޙިލްމު ފަންނާ
ބޮޑުކޮށް ސަފަށް ނެރޭނީ ވިޔަވެތި މުދައްރިސުންނޭ
ގައުމީދަތުރު ކުރާނޭ މާދަމުގެ ފަޅުވެރީންނާ
ގައުމީފިލާއަޅާނޭ ކުޅަދާނަ މާލިމީންނާ
ގައުމީނަވަށް އަރާނޭ ތެދުވެރި ދަތުރުވެރީންނާ
ޝައުޤުން ބިނާކުރާނީ ލޮބުވެތި މުދައްރިސުންނޭ
ޝުކުރުގެ ޝުޢޫރު ހިތުގައި އާރޯވެގެން ދިރޭހާ
ޝުކުރުގެ ދުމޫޢު ލޮލުގައި ފުރިގެން އުތުރިއަރާހާ
މިކުރާ މުނާސަބާގައި ރުކުރާލެވޭނެ ހުރިހާ
ފަޚުރާ ޝަރަފުވެރީންނީ މިއަދުގެ މުދައްރިސުންނޭ
