އެގާރަ ނޮވެންބަރުގެ "ޢީދުން" އުފާ ލިބިގެން
ފިސާރި ބަދަހިކަމާ، ޢަޒުމާ އެކީ ކެރިގެން
ހިތާ ނަފުސުން ފިދާވެ ދިޔުން އަދައި ތިބެގެން
ހިނގާށެ! ދަމާ މި ގައުމުގެ ޙައްގުގައި ގުޅިގެން
މިއަދު އާ ޢަޒުމަކާ، އާ ހިތްވަރެއް ލައިގެން
ކިލަނބުކަން ހިތުގެ ހަޑި ހިރަފުސް ފޮޅާލައިގެން
މިއަދު ޤައުމިއްޔަތުގެ "ބެލްޓަށް" ދަމާލައިގެން
މިވަޠަނުގެ ޙައްގުގައި އަތުކުރި އޮޅާލައިގެން
ކުރާ އުއްމީދު ޙާޞިލްވާ މަގެއް އޮތްތޯ ބަލަން ތިބެގެން
ފުރާ ދަތުރަށް ނިކަން ރަނގަޅަށް ސަމާލުވެގެން
ދުރާ ގާތުން ލިބޭ ޚިދްމަތް ތަކަށް ރުހިގެން
ނުދާށޭ ވަކިވެ ބައިބައިވާން ތަނެއް ދީގެން
ސަރާސަރު ރީތި ކުރިމަގަކަށް، މި އަލި ވިލިގެން
ޙަޔާތުގެ "ފަސްކަނިން" ކުރިމަގުގެ މަލަ ފެނިގެން
ނަގައި ރިޔަލުން ލަފައި ހާޑަށް ދަމައި ބެނދެގެން
އަމާން ބަނދަރަށް "ފަނާލީ" ކެޕްޓަނަށް ފެނިގެން
