މި ދުނިޔެއަކީ އަރާމެއް ނެތް ދެތިން ނޭވައިގެ ހިނދުކޮޅެކޭ
އެދުނުއެދުމާ ފުދުނުފުދުމާ ދެމެދު ބާކީވި އަޅިކޮޅެކޭ
ފަތިސް ނޭވާލަނީ ތަރިހަނދުގެ ދަރުބާރެއްގެ މަރަކުންނޭ،
ފެތުރިލާ ދޯދިތައް ކުރަހާދެނީ ވަގުތެއްގެ އިރުކޮޅެކޭ
ޙަޔާތުގެ ޅަފަތަކީ ފިނިތިއްކެކޭ ފަތިހުގެ މަލަށް ލިބިދޭ
ވަޔާ އަތްވާ އެކީ ޖައްވަށް އަރައިދާ އޭ އުދާސް ކޮޅެކޭ
ޒުވާންކަން އީދު ހެދުމެއް ފަދަ، ދެރަކްޢަތް އޭގެ މުއްދަތަކީ
ސުވާލެއް ނެތި އެއީ ކަނޑުގައި ދަމައިލާ ރީތި ރޮނގުކޮޅެކޭ
ކެރޭ ކުޅަދާނަކަން ދައްކާލެވޭ މެދު އުމުރަކީ މި ދެކޭ
ދެރޭ ދެމެދުން އުފަންވާ މެންދުރެއްގެ ނުސާފު ދާ ކޮޅެކޭ
ހަޔާތުގެ އަސުރުދަން ލިބިދޭ އިނާމާ އޭގެ ޢިއްޒަތަކީ
ގަޔާނުވެވޭނެ ނުރަކޮޅަކާ ފަޔާ ނުގުޅޭނެ ދަނޑިކޮޅެކޭ
އަތަށް ހަދިޔާ މިތާ އޮހެޔޭ، ހިތަށް އަނިޔާ އެހާ ލިބެޔޭ
ގެތައް މުދަލާއި ޒީނަތަކީ ދެތަންވެ ނިމޭނެ ކުނޑިކޮޅެކޭ
އަޚާއޭ އުމުރަކީ ގޭގައި އެހެރަ ބައްތީގެ އަލިކަން ހެން.
ޖެހޭ ވައިރޯޅި ފުމެލަންދެން، ވިދާ ޤުދުރަތުގެ ހުޅުކޮޅެކޭ
