ވަކިވެގެން ރަމަޟާންދަނީ ތިޔަ، ނަފުސު ހުޅުވައިދީފައޭ
އެކިތަފާތު އަސަރުތަކުން ރޫޙަށް ދިރުން ލިބިދީފައޭ
ނަފުސުގައި ހައިކަމުގެ ރޫޙާނީ އުފަންކުރި ލައްޒަތާ
އަޚުކަމާ ދީލަތިކަމުން ހުޅުވާލަދިން ހެޔޮ ބަރަކަތާ
ޝަހުރު ރަމަޟާނުގެ މުނައްވަރު ނޫރު ދިއްލައިދީފައޭ
ނާޒިލުން ދެއްވެވި ހިދާޔަތު ޙަޟްރަތުން ރައްބުއްރަޙީމް
ބާޠިލެއް ދުވަހަކު ނުވާނޭ މާތްވި ޤުރްއާނުލްކަރީމް
ސާފުކޮށް ދަބަރާ ކިލާތައް ހިތްތަކުން ފޮހެދީފައޭ
ޙިކުމަތާ ކެތްތެރިކަމުގެ ފުރިހަމަ ނަމޫނާ ދައްކަވާ
ދެކެވަޑައިގެން މާތް މަނާމީ ދަރުސަކުން މަގުހިއްޕަވާ
ފަތަޙައިން މައްކާގެ ހޯއްދެވި ގަދަރުތައް ބުނެދީފައޭ
އަދަދު ގިނަވުމަކުން ނުވޭ ބާރެއް، ނުލާ އީމާނަކާ
މަދަދު ވާކަން ކަށަވަރީ ބުނެދީ ގުޅެވި އިހުސާނަކާ
ބަދުރުގައި ލިބިދިން ނަސުރު ދީނަށް ބަޔާން ކޮށްދީފައޭ
ހޯދުމަށް އެއްހާސްމަހަށްވުރެ ބާއްޖަވެރިވީ ފުރުސަތެއް
ލޯމަރައިނުމެލާ އެތިބި މެންދަމުގެ އެތަކެއް ސާއަތެއް
ލޯބިވެތި ޒިކުރާއި ތަސްބީޙައިން ފުރާލައިދީފައޭ
ރަޙުމަތުން ފުރަތަމަ ހުޅުއްވެވި ދޮރުކޮޅުން މާތް ވައްދަވާ
ނިޢުމަތުން މަޣުފިރަތުގައި ފަތުރާލި ސުފުރާ ދެއްވަވައި
މަޙުޝަރުން ޢިތުގުގެ ނަސީބަށް މަގު އަމާން ކޮށްދީފައޭ