Support Us

ކޮލަމް: ކެޔޮނިރު

މި ޤައުމު މިހާރު ހިންގަނީ މޯދީގެ މާލިމީކަމުގެ ދަށުން އިންޑިއާ ސަފީރު؟

މީގެ ވިއްސަކަށް އަހަރު ކުރީން އިނގިރޭސި ހަފްްތާ މަޖައްލާ "މަންޑޭޓައިމްސް"ގެ އެޑިޓަރަކަށް އަޅުގަނޑު ހުރިއިރު އެ މަޖައްލާއިން އެދުވަސްވަރު އިސްކަން ދިން އެއް ކަމަކީ ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ރާއްޖޭގެ ކަންކަމާ ބެހޭތީ އެކަމަށް ފާޑުކިއުމެވެ. އެ ދުވަސްވަރު، އެއް ދުވަހަކު އަޅުގަނޑަށް އަންނަނީ ފޯން ކޯލެކެވެ. އިންޑިއާ ހައިކޮމިޝަނަރ ބައްދަލުކޮށްލައްވަން ބޭނުން ވާހަކައެވެ. ހައިކޮމިޝަނަރާ ބައްދަލު ކުރާކަށް އަޅުގަނޑު ބޭނުމެއް ނުވިއެވެ. ރާއްޖޭގެ މީޑިއާ ތަކަށް އިންޑިއާ ހައިކޮމިޝަނުން ސީދާ ނުފޫޒު ފޯރުވުމަކީ ޑިޕްލޮމެޓިކް އުސޫލްތަކާ ޚިލާފް ކަމެއް ކަމަށް ވެފައި އެފަދަ ނުފޫޒެއް ފޯރުކުރުމުގެ ފުރުސަތު ނުދިނުމުގެ ގޮތުންނެވެ. އެ ހިސާބުންވެސް އިންޑިއާ ހައިކޮމިޝަނުން ހުއްޓައެއް ނުލައެވެ.

ޢޭގެ ދުވަސްކޮޅެއް ފަހުން އަނެއްކާވެސް އިންޑިއާ ހައިކޮމިޝަނުން ގުޅައެވެ. ހައިކޮމިޝަނުން ހަމަޖައްސާ ދަތުރެއްގައި އިންޑިއާ އަށް ފޮނުވާ ނޫސްވެރިންގެ ތެރޭގައި މަންޑޭޓައިމްސްގެ ފަރާތުން އަޅުގަނޑު ހޮވުނު ކަމަށް ބުންޏެވެ. އަޅުގަނޑުގެ ޝެޑިއުލް ހުރިގޮތުން ދެވެން ނެތް ކަމަށް ބުނީމެވެ.

މިއީ މީގެ 20 އަހަރު ކުރީގެ ވާހަކައެވެ. އޭރުވެސް އަދި މިހާރުވެސް އިންޑިއާ ހައިކޮމިޝަނަކީ ޑިޕްލޮމެޓިކް އުސޫލްތަކާ ޚިލާފަށް ރާއްޖޭގެ މީޑިއާތަކާއި ސަރުކާރުގެ އެކި އިދާރާތަކާއި މިނިސްޓްރީ ތަކަށް ނުފޫޒު ފޯރުވާ ބައެކެވެ. ރައީސް މައުމޫންގެ ދައުރުން ފެށިގެން ރައީސް ޔާމީންގެ ދައުރުގައިވެސް ރާއްޖޭގެ އިހަވަންދިއްޕޮޅުގައި ޓްރާންސްޝިޕްމެންޓް ބަނދަރެއް ހަދަން ކުރަމުން ދިޔަ މަސައްކަތްތަކަށް ނުފޫޒު ފޯރުވައި، އެކަމަށް ހުރަސް އަޅަމުން ދިޔައީ އިންޑިއާއެވެ.

ރައްޖެއަށް މާ ހެޔޮއެދޭ ކަމަށް ދައްކައިގެން ތިބެ، ރާއްޖޭގެ މުޅި ޓޫރިޒަމް ސިނާއަތަށް ވުރެވެސް ބޮޑު ފައިދާއެއް ދިވެހީންނަށް ލިބެން އޮތް މި ޓްރާންސްޝިޕްމެންޓް ބަނދަރު ހެދިޔަނުދޭން އިންޑިއާ އިން ބޭނުންވާ ސަބަބަކީ ރާއްޖޭގައި އެފަދަ އިންވެސްޓެއް ކޮށްފިނަމަ އިންޑިއާގެ ހިޔަނިން ދިވެހީންނަށް އަރައިގަނެވޭނެތީއެވެ. އޭގެ ބަދަލުގައި އިންޑިއާ އިން ބޭނުންވަނީ މިސަރަހައްދުން ދަތުރުކުރާ ހުރިހާ ބޯޓެއް އިންޑިއާގެ އެފަދަ ބަނދަރަކުން ހިދުމަތް ހޯދުމެވެ. ދިވެހީންގެ ކަރަށް ފައިން އަރައި، ދިވެހީންގެ ކުރިމަގަށް ހުރަސް އަޅާފައި މިބުނަނީ އިންޑިއާ އަކީ ދިވެހީންނަށް ހެޔޮ އެދޭ އަވަށްޓެރިއެއް ކަމަށެވެ.

އަދި މިފަދަ އެހެން ވާހަކަ އެކެވެ. "ޕާކިސްތާން ބާކީކޮށް އިންޑިއާގެ އުނގަށް ދިވެހި ސަރުކާރު ވެއްޓެނީ،" މި ސުރުހީގެ ދަށުން 29 ސެޕްޓެމްބަރ ވަނަ ދުވަހު "އަދިވެސް އޮންލައިން" ގައި އަޅުގަނޑު ލިއުނު "ކެޔޮނިރު" ކޮލަމާ ގުޅިގެން އިންޑިއާ ހައިކޮމިޝަންގެ ޑެޕިއުޓީ ހައިކޮމިޝަނަރ ރޮހިތް ރަތިޝް، "އަދިވެސް އޮންލައިން"ގެ އެޑިޓަރަށް މެސެޖްކުރިއެވެ. އަޅުގަނޑުގެ ކޮލަމް އެއްކޮށް އިނގިރޭސި ބަހަށް ތަރުޖަމާކޮށްފައި ފޮނުވާފައި، އޭނާ ބުނެފައި ވަނީ އެ ލިއުމަކީ ވަކި ކޮޅަކަށް ބުރަވެފައިވާ، ފެންވަރުދަށް ލިއުމެއް ކަމަށެވެ. އަދި ތަންކޮޅެއް ތަންދޮރު ދަންނަ ލިއުންތެރިން ލައްވާ ލިއުއްވުމަށް ވެސް އޭނާ އެދިފައިވެއެވެ. އަދި ޕާކިސްތާނަކީ ރާއްޖޭގެ އަވައްޓެރި ޤައުމަކަށް ވަނީ ކޮން ހައިސިއްޔަތަކުންތޯ އާއި އަޅުގަނޑަށް ދުނިޔޭގެ މެޕެއް ހަދިޔާކޮށް، ޕާކިސްތާނަކީ ރާއްޖޭގެ އަވައްޓެރި ޤައުމެއް ނޫންކަން ދައްކަން ބޭނުން ކަމަށް ވެސް ބުންޏެވެ. "އަދިވެސް އޮންލައިން"ގެ އެޑިޓަރު، ޑެޕިއުޓީ ހައިކޮމިޝަނަރަށް ދީފައި ވަނީ ވަރަށް ޑިޕްލޮމެޓިކް އަދި އެހާމެ ކުރު ޖަވާބެކެވެ. "ތިޔަ މެސެޖް ބުޝްރީއަށް ރައްދުކޮށްދޭނަމެވެ. ފާޅުކުރެއްވި ޝުއޫރަށް ޝުކުރު ދަންނަވަމެވެ." އަދި ހަމަ ވަގުތުން އެޑިޓަރުގެ ފަރާތުން އެ މެސެޖް އަޅުގަނޑަށް ލިބުނެވެ. ޝުކުރިއްޔާއެވެ! އެކަމަކު ރާއްޖޭގެ އަވަށްޓެރި ޤައުމުތަކަކީ ކޮބައިކަން ކަނޑައަޅަނީ ވެސް މިހާރު އިންޑިއާ ބާވައެވެ؟

ދެހާސް އަށާރަ ވަނަ އަހަރުގެ ނޮވެމްބަރު މަހު އިބްރާހިމް މުހައްމަދު ސޯލިހު ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ދައުވަތު ދެއްވައިގެން ވަޑައިގަތް ބޭރު ޤައުމެއްގެ ހަމައެކަނި ލީޑަރަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ކަމުގައި ވެގެން ދިޔައީ ވެސް އިންޑިއާގެ ނުފޫޒުންނެވެ. ރައީސް ސޯލިހުގެ ވެރިކަމަށް ދެއަހަރު ފުރެން ކައިރިވެފައިވާއިރު މިހާރު މި ޤައުމުގެ ވެރިކަން ކުރަނީ އިންޑިއާ ހައިކޮމިޝަނަރ ސަންޖޭ ސުދިރު ހެން ހީވާ ވަރަށް އިންޑިއާ ހައިކޮމިޝަނަރުގެ ހަރަކާތްތައް ވަނީ އިތުރުވެފައެވެ. ސިވިލް ސާވިސް ކޮމިޝަނުގެ މެމްބަރުންނާ ބައްދަލު ކުރައްވަނީއެވެ. ހުޅުމާލެ ޑިވެލެލޮޕްމެންޓް ކޯޕަރޭޝަންގެ ޗެއާމަނާ ބައްދަލު ކުރައްވަނީއެވެ. ރާއްޖޭގެ އެކި އަތޮޅުތަކާއި ސިޓީތަކުގެ ކައުންސިލަރުންނާ ބައްދަލު ކުރައްވަނީއެވެ. އިންޑިއާއިން ލޯނު ނަގައިގެން ތަރައްޤީ ކުރަން ފަށާފައިވާ ހަނިމާދޫ އެއާޕޯޓްގެ ތަރައްޤީގެ ވާހަކަ އާއި ކާގޯ ފެރީ އާގުބޯޓުގެ ވާހަކަ ވެސް ދެ ބަހުން ލިޔާ ނޫސް ބަޔާނާއި ފޮޓޯތަކާއެކު މީޑިއާއާ ހިއްސާކުރަނީ ވެސް ސީދާ ހައިކޮމިޝަނުންނެވެ.


އިންޑިއާގެ ބާރު މި ރާއްޖޭގައި ގަދަވެފައިވާ ވަރަކީ އިންޑިއާގެ ޑޮކްޓަރަކު މި އޮކްޓޯބަރ މަހުގެ ފުރަތަމަރޭ މާލޭގެ މަގެއްމަތީ ރާބޮއެގެން މަސްތުވެގެންވާ ހާލު، ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ހަޖޫ ޖަހައި ހުތުރު ބަހުން ވާހަކަ ދައްކައި، ކޯޓުތައް ކޮންޓްރޯލްކުރާނެ ވާހަކަ ބުނިއިރު އޭނާގެ ގައިގައި އަތްލާންވެސް ނުކެރިފައި ދިވެހި ފުލުހުން ތިބި ތިބުމެވެ. އެ މީހާ ހައްޔަރުކުރީ ނަމަކަށެވެ. އެއަށް ފަހު އެ އިންޑިއާ މީހާގެ މައްޗަށް މަސްތުވާ އެއްޗެއް ބޭނުން ކުރުމުގެ ދައުވާއެއް ވެސް އަދި ދީނަށް ފުރައްސާރަކުރުމުގެ ދައުވާއެއް ވެސް ނުކުރެއެވެ. އެކަމާ ބެހޭ އިތުރު މައުލޫމާތެއްވެސް ނުދީ ފުލުހުން މައްސަލަ އޮއްބާލީއެވެ. އޭނާ ޑީޕޯޓްކުރާކަށް ވެސް ނޫޅެއެވެ. މީ އިންޑިއާގެ ބާރު ދިވެހި ރާއްޖޭގެ ފުލުހުންގެ މައްޗަށްވެސް އޮތްވަރު ދައްކައިދޭ މިސާލެކެވެ. ރާއްޖޭގެ އެންމެ މުހިއްމު ދެ ވުޒާރާ ކަމުގައިވާ ޚާރިޖީ ވުޒާރާ އާއި ދިފާއީ ވުޒާރާ ވަނީ ސީދާ އިންޑިއާގެ މުށުތެރޭގައެވެ. ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ އަކީ އިންޑިއާ ދިފާއުކުރުމުގައި މި ސަރުކާރުން ކުރާ މަސައްކަތުގެ އެންމެ ކުރީގައި ތިއްބެވި ދެ ބޭފުޅުންނެވެ.

އިންޑިއާއާ ގުޅުވައިގެން އެންމެ ގަދައަށް ދެކެވޭ ވާހަކަ އަކީ "އެހީ"ގެ ގޮތުގައި ދިން ދެ ހެލިކޮޕްޓަރެއްގެ ވާހަކައެވެ. ދިނީ އެހީގެ ނަމުގައެވެ. އަދިވެސް އެހެލިކޮޕްޓަރުތައް އޮތީ އިންޑިއާ އެއާފޯސްގެ ބާރުގެ ދަށުގައެވެ. ދުއްވަނީ އިންޑިއާ އެއާފޯސްގެ ޕައިލެޓުންނެވެ. މާ ވަރެއް ދައްކާލާފައި، އެމްއެންޑީއެފްގެ ލޯގޯ ޖަހައިގެން، ދިވެހި ދިދަ އެކޮޅުކޮޅުން ކުރަހައިގެން ގެނެސް "ހަދިޔާ"ކުރި ޑޯނިއާ މަތިންދާބޯޓު ދުއްވައި ބެލެހެއްޓުމުގެ ނަމުގައި އިންޑިއާ އެއާފޯސްގެ 32 ސިފައިން ރާއްޖޭގައި ދާއިމަށް ބައިތިއްބައިފިއެވެ. މިއިން މީހަކު ދެން މިޤައުމުން ބޭލުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ.

ރައީސް ސޯލިހާއި ރައީސް ނަޝީދުގެ ސިޔާސީ ޚިޔާލް ތަފާތުވުންތަކުގެ ވާހަކަ ނިކަން ގަދައަށް މީޑިއާތަކުގައި ދެކެވެއެވެ. ނަމަވެސް އިންޑިއާ އަށް މިޤައުމު ވިއްކަމުން މިދާ ސްޕީޑަށް ބަލާއިރު ފެންނަން އޮތް ހަޤީގަތަކީ ކަން ނިމޭއިރު، ނުވަތަ 2023 އަންނައިރު ރައީސް ސޯލިހާއި ރައީސް ނަޝީދު ތިއްބަވާނީ ހަމަ އެއް ބޯޓެއްގައި ކަމެވެ. ޤައުމު ހިންގުމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމާ މެދު ވިސްނަވަން ވަގުތު ނެތް ކަމަށް ރައީސް ސޯލިހު މިހާރު ވިދާޅުވިއަސް، ކަން ނިމޭއިރު ޤައުމު އޮންނާނީ އިންޑިއާ އަށް އަޅުވެތިވެފައެވެ. ރައީސަކަށް ހުންނާނީ ހަމަ ސޯލިހެވެ. ބޮޑުވަޒީރަކަށް ނަޝީދެވެ. ބޮޑުވަޒީރުގެ ނައިބަކަށް އަބްދުﷲ ޝާހިދެވެ. މި އެންމެންގެ ރިމޯޓު އޮންނާނީ މޯދީ އަތުގައެވެ. ޤައުމުގެ މިނިވަންކަން އޮންނާނީ ނަމަކަށެވެ.

މިހާރުވެސް ބޭނުމެއްނެތް ގޮތުގައި އިންޑިއާއިން އެތައް ސަތޭކަ މިލިއަން ޑޮލަރެއްގެ ލޯނު ނަގައިގެން ދަރީންގެ ދަރީންގެ ބޮލުގައި ދަރަނި އެއަޅުވަނީ މިބޭނުމުގައެވެ. ރަނގަޅަށް ފުޓްބޯޅަ ކުރިނޭރުވިގެން އުޅޭއިރު އިންޑިއާއިން އެތައް މިލިއަން ޑޮލަރުގެ ލޯނު ނަގައިގެން ހުޅުމާލޭގައި ބައިނަލްއަޤްވާމީ ފެންވަރުގެ ކްރިކެޓް ސްޓޭޑިއަމެއް ހަދާއިރު ރައީސް ސޯލިހަށާއި މިނިސްޓަރ މަހުލޫފަށް ނުވިސްނޭ ކަމަކީ މިފަދަ ސްޓޭޑިއަމެއް ބެލެހެއްޓުމުގެ ހަރަދުވެސް މަހަކު އެތައް މިލިއަން ރުފިޔާ އަށް އަރާނެކަމެވެ. މިއީ އިންޑިއާ ބުނާހާ ގޮތަކަށް ޤައުމުގެ އިގްތިސޯދާއި، ލޯނުނެގުމުގެ ކަންކަމާއި، ކުޅިވަރުވެސް ހިންގަމުންދާ ކަމުގެ އިތުރުު ހެއްކެކެވެ.

އިންޑިއާގެ މަގުތަކުގައި މުސްލިމުންނަށް ހަމަލާދީ އަނިޔާކުރަނީ

އިންޑިއާއިން މުސްލިމުން ނައްތާލުމަށް ޓަކައި ބީޖޭޕީ އިސްވެ އޮވެ މޯދީ އާއި އަދުވާނީގެ މާލިމީ ކަމުގެ ދަށުން ހިންގަމުންދާ ޖަރީމާތަކަށް ބީރު ކަންފަތެއް ދީގެން މި ދިވެހި އިސްލާމީ ޤައުމުގެ ހުންގާނު އިންޑިއާއާ މަޑުމަޑުން ހަވާލުކުރަމުންދާއިރު ދިވެހި ޤައުމު ދެކެ ލޯބިވާ ކަމަށް ވިދާޅުވާ ރައީސް މައުމޫނާއި ޤާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް އެފެއާޒް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲގެ ހިލަމެއްވެސް ނުވެއެވެ. އިންޑިއާ އައުޓޭ ގޮވަމުން މުޅި ޤައުމު އުތުރިއަރާއިރުވެސް ރައީސް މައުމޫން ފަދަ ބޭފުޅުން މިފެންނަނީ "ވޮޝްޔޯރ ހޭންޑް" ނުވަތަ "ބީސޭފް" އޭ ޓްވީޓް ކޮށްލައްވަ ކޮށްލައްވާ ތިއްބަވާ ތަނެވެ. ޤާސިމް އިބްރާހިމްވެސް ޒުވާންވެ، ޒަވާޖީ ހަޔާތް އަލުން ފައްޓަވަނީއެވެ. ޝެއިހް އިމްރާން ވެސް އާ ޒަވާޖީ ހަޔާތަކާއެކު މި ފެންނަނީ މުސްލިމުންނާ ދެކޮޅު ބީޖޭޕީގެ އިސް މޭސްތިރިއެއް ކަމުގައިވާ، އިންޑިއާގެ މިހާރުގެ ހޯމް މިނިސްޓަރ އަމިތު ޝާހް އަށް ހުކުރު މިސްކިތުގެ މުންނާރުގެ ނަކަލެއް ހަދިޔާކޮށް، ކަރާ ކަރުޖައްސާ ސަލާމް ކުރާތަނެވެ. މީ މިއަދުގެ ދިވެހި ސަރުކާރުގެ މުނާފިޤްކަމުގެ ހެއްކެވެ.

އިންޑިއާގެ ހޯމް މިނިސްޓަރ އަމިތު ޝާހަށް ހުކުރު މިސްކިތުގެ މުންނާރު އިމްރާން ހަދިޔާ ކުރައްވަނީ

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަންގައި މަސައްކަތް ކުރާ އިސް ބައެއް މީހުންގެ ވިސްނުން ހުންނަ ގޮތް ހާމަކޮށްދޭ އެހެން މިސާލެއް ދަންނަވާލާނަމެވެ. މީގެ އަށެއްކަ އަހަރު ކުރީން މާލޭގެ ސޯސަން މަގުގައި އަޅުގަނޑު ހިންގި ހެދުން ފިހާރައެކެވެ. ފިހާރައިގައި އަޅުގަނޑު އިންދާ އެއް ދުވަހަކު ހެނދުނު، ކަސްޓަމަރުން މަދު ގަޑިއެއްގައި އިންޑިއާ އަންހެނަކު ފިހާރައަށް ވަނެވެ. އެއީ އިންޑިއާ ހައިކޮމިޝަންގެ އިސް މަޤާމެއްގެ މީހެއްކަން އަޅުގަނޑަށް އެނގެއެވެ. އޭނަ އައިސް ބެލީ ފިހާރައިގަ ހުރި ފެންފައިވާން ތަކެކެވެ. އެކި ޤައުމުތަކުގެ ދިދައިގެ ކުލަތައް ކުރަހާފަ ހުރި ފައިވާން ތަކެކެވެ. ވަކި ޤައުމެއްގެ ނަން ޖަހާފައެއް ނެތެވެ. އެގޮތުން އިންޑިއާގެ ދިދައިގެ ތިންކުލަ އެކުލެވޭ ޑިޒައިންގެ ފައިވާން ވެސް ހުއްޓެވެ. މިދެންނެވި އަންހެން މީހާ އައިސް އޭގެން ފައިވާނެއް ނަގައިގެން ނުހަނު ރުޅި މޫނެއް ދައްކާފައި އައިސް ކައުންޓަރު މަތީ ފައިވާން ނިކަން ބާރަށް ޖަހާފައި އަޅުގަނޑާ ދިމާއަށް ބުންޏެވެ: "ހަމަ މިހާރު މިތަނުގެ ސްޓޮކުން މިފައިވާންތައް ނަގާ. މީ އިންޑިއާގެ ދިދައަށް ކުރެވޭ އިހާނާތެއް."

އަޅުގަނޑަށް ލިބުނު ޝޮކަށްވުރެ އައި ރުޅި މާގަދަވިއެވެ. ހަމަ މިހާރު ތިފައިވާން ހުރިތާކު ބަހައްޓާފަ ކަލޭ މި ފިހާރައިން ނިކުމެގެން ދާށޭ ބުނީމެވެ. އަދި އެހީމެވެ. ތި ފައިވާނުގައި ކުރަހާފައި އެވާ ތިން ކުލައަކީ އިންޑިއާގެ މިލްކެއް ހެއްޔެވެ؟ ފައިވާނުގައި އިންޑިއާގެ ނަމެއްވެސް ނެތެއްނޫންހޭވެސް ބުނީމެވެ. ވީއިރު ތިހާ އަދަބެއް ސަދަބެއް ނެތްގޮތަށް އައިސް މުއާމަލާތް ކުރަނީ މީ އިންޑިއާގެ އަޅުން އުޅޭ ތަނެއް ކަމަށް ދެކިގެންހޭ ވެސް އެހީމެވެ. އިންޑިއާ ހައިކޮމިޝަންގެ އަންހެން މީހާ ވަރަށް ރުޅިއައިސް، އިންޒާރު ދެމުން ނިކުމެގެން ދިޔައެވެ. އަޅުގަނޑު އެ ފައިވާން ގެންގޮސް އިހަށް ވުރެވެސް ބޮޑަށް ބޭރަށް ފެންނަ ގޮތަށް ބެހެއްޓީމެވެ.

އިންޑިއާގެ ހިންދޫ ނަސްލުގެ ބައެއް މީހުންނަކީ ރުޅިގަދަ، މުސްލިމުން ދެކެ ރުޅި އަންނަ، ވަތަނީ ވުމުގައި ހައްދު ފަހަނަ އަޅާފައިވާ، އަނިޔާވެރި ބައެކެވެ. މިފަދަ ބަޔަކަށް ދިވެހި ރާއްޖޭގައި މިހާރު ދެވެމުން މިދާވަރަށް ބާރު ދެވުމުން ދިވެހީން ވާނީ 2023 ގެ ފަހުން މިޤައުމުގެ ދެވަނަ ދަރަޖައިގެ ބަޔަކަށެވެ.

އަދި 2023 ކީއްކުރަން ހެއްޔެވެ؟ މިހާރު މިދާ ރޭޓުގައި ދާނަމަ 2021 ނިމޭއިރު މިޤައުމު ވިއްކާ ނިމިދާނެއެވެ. މިހާރު ނަަގަމުންދާ ރޭޓުގައި ލޯނުނަގައި، ގެންނަމުންދާ ރޭޓުގައި އިންޑިއާ ސިފައިން މިޤައުމަށް ގެނެސް، ސޮއި ކުރަމުންދާ ރޭޓުގައި އެގްރީމެންޓް ތަކުގައި ސޮއިކުރަމުންދާ ނަމަ މާގިނަ ދުވަސްތަކެއް ނުވަނީސް މިދިވެހި ޤައުމަށް ދެން "ދިވެހި" ޤައުމެކޭ ނުކިޔޭނެއެވެ.

އިންޑިއާގެ ޑެޕިއުޓީ ހައިކޮމިޝަނަރ ރޮހިތް ރަތިޝް އަކީ ނަމުން "ޑެޕިއުޓީ" ވިއަސް ހަޤީގަތުގައި ހައިކޮމިޝަނަރ ސަންޖޭ ސުދިރުގެވެސް ބޮސްއެވެ. ސިއްރު މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ރޮހިތަކީ އިންޑިއާގެ ސިއްރު ފުލުހުން ކަމުގައިވާ "ރޯ"ގެ އެޖެންޓެކެވެ. ރޯގެ ފަރާތުން ރާއްޖެ އަޅުވެތިކުރުމުގެ މަސައްކަތާ ހަވާލުވެ ހުރި އިސް މޭސްތިރިއެވެ. ރާއްޖޭގެ މީޑިއާތަކަށާއި އޮފީސްތަކަށާއި އެކި ތަންތަނަށް ގުޅައި، ރިޝްވަތު ދެވޭ ބަޔަކަށް ރިޝްވަތުދީ، ބިރުދެއްކޭ ބަޔަކަށް ބިރުދައްކައި، އިންޑިއާއަށް ރަނގަޅު ގޮތްގޮތަށް ހުރިހާ ކަމެއް އަނބުރާލެވޭތޯ މަސަކަތް ކުރާ އިސް ފަރާތަކީ ރޮހިތެވެ. އޭނާގެ ކޮންމެވެސް ސިއްރު ފޮތެއްގައި މި ނިކަމެތި ބުޝްރީގެ ނަން އޮންނާނެކަން ޔަޤީނެވެ. އިންޑިއާގެ އަޅުވެތިކަމާ ދެކޮޅަށް އަޅުގަނޑު ލިއާ ވަރުން އަޅުގަނޑުގެ ރައްޓެއްސަކު އިހަކަށްރޭ ފޯނުކޮށްފައި މަޒާޖީ ގޮތަކަށް ބުންޏެވެ. ބުޝްރީގެ ގެ ހުންނަތަން ނޭނގިގެން އިންޑިއާގެ ޑެޕިއުޓީ ހައިކޮމިޝަނަރ އުޅޭކަމަށް ބުންޏެވެ. ކީއްވެގެންތޯ އެހުމުން މަޒާޖީ ގޮތެއްގައި ރަހްމަތްތެރިޔާ ބުންޏެވެ: "ބޮމެއް ވައްޓާލަން ވެގެން"ނެވެ!

މަޒާޖީ ވިއަސް މީ ހަމަ ހަޤީގަތަކަށް ވެސް ވެދާނެއެވެ. އިންޑިއާގެ "ރޯ" އަކީ ސިއްރު ހަރަކާތްތަކުގެ ބޮޑު ބައެކެވެ. ދިވެހި ޤައުމުގައި އިންޑިއާގެ އަޅުވެތިކަމާ ދެކޮޅަށް އަޑާއި ގަލަން އުފުލާ ކޮންމެ މީހަކީ އިންޑިއާ އެމްބަސީން ފާހަގަކޮށް ބަލާނެ މީހެކެވެ. ބޮމެއްވެސް ހަމަ ވައްޓާލަފާނެއެވެ. ނަމަވެސް، އިންޑިއާ ހައިކޮމިޝަނަރުގެ ނައިބަށް ދަންނަވާލަން އޮތް ވާހަކަ އަކީ އާދައިގެ ބޮމެއް ނޫން، ނިއުކްލިއަރ ބޮމެއް ވާއްޓާލިއަސް، ފަހު ނޭވާއާ ޖެހެންދެން ވެސް، އިންޝާﷲ، ހައްޤު ބަސް ބުނުމުގައި ދެމިހުންނާނަމެވެ. އިންޑިއާ ހަމަ "އައުޓް"އެވެ!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2421

3 Responses

  1. އަޅެ ތިބޭފުޅުންނަށް ކަމެއް ކުރެވެންޏާ ދިވެހީނަށް ޓައިމްލައިނެއް ހަދާފައި ހާމަ ކޮށްލަ ދެއްވަ ބަލަ މިއުޅޭ އަންނި ކިތައް ދޮގު ހަދައިފިތޯ

    އާންމު ކޮށް މީހަކަކު މާގިނައިން ދޮގުހަދާނަމަ، އޭނާއަކީ ދޮގުވެރިޔެއްކަމަށް ބުނެވޭ، އެހިސާބުން އެމީހާގެ ބަސްގަބޫލުކުރަންވެސް ނުވާނެ ހެން ހީވަނީ.؟

    ނޫސްވެރިންގެ ތިބޭފުޅުންގެ ރިކޯޓުތަކުން ބަލައި ނިކަން ތެދުވެރިކަމާއި އެކު މިކަމާއި ގުޅޭ ޓައިމްލައިނެއް ގެނަސްދެއްވަބައްލަވަ

    އަހަރުމެން ނަށް މިހާރު އގެން އެބަޖެހޭ މިމީހުންގެ ތެދުވެރިކަމާއި ދުގުގެ ވަޅުގައި ފީނާ މިންވަރަކީ ކޮބައިކަން؟

  2. ބުޝްރީގެ ހިތްވަރާ ކެރުމަށް ފަށްފަށުން ޝުކުރު ދަންނަވަން. ތިފަދަ ދަރިން މިއަދު މިގައުމަށް ބޭނުންވަނީ. ތިޔަގޮތުގައި ހުންނާނެ ކަމުގައި އުންމީދުކުރަން. ނަމަ ނަމަ ނުވިކޭތި ދަރިޔާ. ގައުމު މާބޮޑުވާނެ އެމީހުންދޭ ޑޮލަރު ކޮޅަކަށް ވުރެން. ތީފިސާރި ދަރިއެއް. ގައުމައިގެން ކުރިއަށް.

  3. ބުޝްރީގެ ސާބިތުކަމާއި ގައުމަށްޓަކައި ކޮންމެ ފަދަ ގުރުބާނީއެއްވެސް ވުމަކީ ފަޚުރެއްގައި އަމަލުންދާތީ ފަށްފަށުން ޝުކުރާއި މުބާރަކްބާދް ދަންނަވަމެވެ. ގައު މިއަދު ބޭނުންވަނީ ތިފަދަ އަޒުމްވަރުގަދަ ދިވެހިލޭ ހިގާ ދިވެހި ދަރިންނެވެ. އަޅުގަޑުގެ ދުޢާއަކީ ބުޝްރީގެ ކިބައިން އިބްރަތް ލިބިގަނެގެން މިފަދަކެރޭ ހިތްވަރުގަދަ ގިނަ ބުޝްރީންތަކެއް މިގައުމު ދިފާކުރުމުގައި މޭ އައްޑަނައެއްގެ ގޮތުގައި އަތުރާލާނެ ކަމަށެވެ. މިކުޑަކުޑަ އިސްލާމީ ގައުމު އިންޑިޔާގެ ހައްދުފަހަނައަޅާފައިވާ ހިންދޫންގެ ކިބައިން ސަލާމަތްކުރައްވައި މިނިވަންކަންމަތީ ސައްތައިން ސައްތަ އިސްލާމީ ގައުމެއްގެ ގޮތުގައި ލެހެއްޓެވުމުވެ. ބުޝްރީގެ މަސައްކަތުގައި ބަރަކާތް ލައްވައި ގައުމުގެ ދުޝްމަނުންގެ ވަކިތަކުން ގައުމު ސަލާމަތްކުރުމަށްޓަކައި ފަސްޖެހުމެއްނެތި ކެރިގެން ކުރިމަތިލައި ކާމިޔާބު ކުރުމުގެ ހިތްވަރު އެކަލާނގެ ދެއްވުމެވެ. އާމީން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *