އުތުރު ކޮރެއާއާ ގުޅުންހުރި ހެކަރުން ދަނީ ކްރިޕްޓޯކަރެންސީ އެކްސްޗޭންޖް، ބައިނޭންސަށް ދިން ރެކޯޑް މިންވަރުގެ 6.3 ބިލިއަން ޑޮލަރު (97.02 ބިލިއަން ރުފިޔާ)ގެ ސައިބާ ހަމަލާގައި ވަގަށް ނަގައިފައިވައި ކްރިޕްޓޯކަރެންސީ ނަގުދު ފައިސާއަށް ބަދަލުކުރުމާ ކައިރިއަށް ޖެހެމުންނެވެ. ބްލޮކްޗެއިން ދިރާސާވެރިން ބުނާ ގޮތުގައި ހެކަރުން ދަނީ ވަގަށް ނަގައިފައިވައި ފައިސާގެ މަސްދަރު އޮޅުވައިލުމަށްޓަކައި އާންމުކޮށް މަޝްހޫރު ނޫން އޮންލައިން މަންސަތައް ބޭނުންކުރަމުންނެވެ.
ތާރީހުގައި ކްރިޕްޓޯކަރަންސީގެ އެންމެ ބޮޑު މި ވައްކަން މި ދިޔަ މަހު 29 ގައި ހިންގައިފައިވައިއިރު އެމެރިކާގެ ރަސްމީ އިދާރާތަކުން މި ވައްކަމުގެ އިލްޒާމް އަޅުވައިފައިވަނީ އުތުރު ކޮރެއާގެ ބޮލުގައެވެ. ނަމަވެސް އުތުރު ކޮރެއާއިންވަނީ މި ކަމުގައި ބައިވެރިވިކަން ދޮގުކޮށްފައެވެ.
ދިރާސާވެރިން ބުނާ ގޮތުގައި ވަގަށް ނަގައިފައިވައި ކްރިޕްޓޯކަރެންސީގެ ތެރެއިން 600 މިލިއަން ޑޮލަރު (9.24 ބިލިއަން ރުފިޔާ)އަށްވުރެ ގިނަ ފައިސާވަނީ ތޯޗެއިން މެދުވެރިކޮށް ދައުރުކޮށްފައެވެ. މިއީ އާންމު އެކްސްޗޭންޖްތައް ބޭނުންކުރުމަކާ ނުލައި ތަފާތު ކްރިޕްޓޯކަރެންސީތައް އެކްސްޗޭންޖްކުރުމުގެ ފުރުސަތު، ބޭނުންކުރާ ފަރާތްތަކަށް ދޭ އޮންލައިން މަންސައެކެވެ.
ހެކަރުންވަނީ ކޮއިންޖޮއިން ކިޔައި ހިދުމަތެއްވެސް ބޭނުންކޮށްފައެވެ. މި ހިދުމަތުން ތަފާތު މަސްދަރުތަކުން އަންނަ ކްރިޕްޓޯކަރެންސީ އެއް މުއާމަލާތަކަށް އެއްކޮށްލައެވެ. މީގެ ސަބަބުން ފައިސާ އަސްލު އައީ ކޮން ތަނަކުންކަން ދެނެގަންނަން އުނދަގޫވެއެވެ. ބްލޮކްޗެއިން ދިރާސާވެރިން އަންދާޒާކުރާ ގޮތުގައި ކޮއިންޖޮއިން ހިދުމަތްތައް މެދުވެރިކޮށް ގާތްގަނޑަކަށް 342 މިލިއަން ޑޮލަރު (5.27 ބިލިއަން ރުފިޔާ)ވަނީ ދައުރުކޮށްފައެވެ.
ތޯޗެއިންގެ ކޯ-ފައުންޑަރު ޗެޑް ބެރަފޯޑްވަނީ އެ މަންސަގެ ހަރަކާތްތައް ދިފާއުކޮށްފައެވެ. އޭނާ ބުނީ އެ ޕްލެޓްފޯމް މެދުވެރިކޮށްކުރާ ވިޔަފާރީގެ 98 ޕަސެންޓަކީ އަމިއްލަ ފަރުދުންގެ "މާލީ މިނިވަންކަމާއި މުސްތަގިއްލުކަން" ދަމަހައްޓައި ވިޔަފާރިކަމަށެވެ. އަދި އެ މަންސަ ބަންދުކުރުމުން ކުށްވެރިން އެހެން ހިދުމަތްތަކަށް މިސްރާބުޖެހުން ނޫން ކަމެއް ނުވާނެކަމަށް އޭނާ ބުންޏެވެ.
އެމެރިކާގެ ގާނޫނު ތަންފީޒުކުރާ އިދާރާ، ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފް.ބީ.އައި)އިންވަނީ މި ދިޔަ މަހު 31 ގައި އިންޒާރެއް ނެރެފައެވެ. އޭގައި ބައިނޭންސަށް ދިން ސައިބާ ހަމަލާއާ ގުޅުން ހުރި ކްރިޕްޓޯކަރެންސީ ވޮލެޓް އެޑްރެސްތަކުގެ ލިސްޓެއް އާންމުކުރިއެވެ. މީގެ އިތުރުން ތޯޗެއިން ހިންގާ ފަރާތްތައް ހިމެނޭ ގޮތަށް، ކްރިޕްޓޯކަރެންސީގެ ހިދުމަތް ދޭ ފަރާތްތަކުން އެ އެޑްރެސްތަކާ ގުޅުންހުރި މުއާމަލާތްތައް ބްލޮކްކުރުމަށް އެފްބީއައިއިން އެދުނެވެ.
ތޯޗެއިންއިން ބުނީ އެ މަންސައަކީ މުއާމަލާތްތައް "ސެންސަރުކުރާ" ނުވަތަ އެ މަންސަ ބޭނުންކުރާ ފަރާތްތަކުން "ނޯ ޔުއާ ކަސްޓަމާ" (ކޭ.ވައި.ސީ) ޗެކްތައް ފުރިހަމަކުރަން ޖެހޭ ޕްލެޓްފޯމެއް ނޫންކަމަށެވެ.
ވަގަށް ނަގައިފައިވައި ފައިސާ ހިމެނޭ މުއާމަލާތްތަކުގެ ފީގެ ގޮތުގައި އެ ޕްލެޓްފޯމަށް އެއް މިލިއަން ޑޮލަރު (15.42 މިލިއަން ރުފިޔާ)އާ ހަމައަށް އާމްދަނީ ލިބިފައިވައިނެކަމަށް ބެލެވެއެވެ. މި އަންދާޒާކޮށްފައިވަނީ އެމެރިކާގެ ބްލޮކްޗެއިން އަންދާޒާކުރާ ކުންފުނި ޓީ.އާރް.އެމް ލެބްސްއިންނެވެ.
ޓީ.އާރް.އެމް ލެބްސްގެ ގްލޯބަލް ހެޑް އޮފް ޕޮލިސީ، އާރީ ރެޑްބޯޑްވަނީ އެފް.ބީ.އައިގެ އިންޒާރަކީ އާދައިގެ ކަމެއް ނޫންކަމަށް ސިފަކޮށްފައެވެ.
"އެފް.ބީ.އައިއިން މި ފަދަ ގޮތަކަށް ވަކި ހިދުމަތަކަށް އަމާޒުކޮށް ވާހަކަދެއްކުމަކީ ގިނައިން ހިނގާ ކަމެއްކަމަކަށް އަހަރެންނަށް ފެނިފައެއްނުވޭ،" އޭނާ ބުންޏެވެ.
ތޯޗެއިންގެ ކޯ-ފައުންޑަރު ޖޭ.ޕީ ތޯވަނީ އެ މަންސަގެ މަގާމު ދިފާއުކޮށްފައެވެ.
"ފައިސާ ދިޔަ ތަނެއް ބެލޭނަމަ އެއީ ފައިސާ ދޮވުމެއް ނޫން!!!" އެކްސްގައި އޭނާ ލިޔުނެވެ.
ވަގަށް ނެގި ކްރިޕްޓޯކަރެންސީގެ ތެރެއިން ގާތްގަނޑަކަށް 2.85 ބިލިއަން ޑޮލަރު (43.89 ބިލިއަން ރުފިޔާ)ވަނީ ޓޯކަން ދޫކުރާ ފަރާތްތަކުން ފްރީޒްކޮށްފައެވެ. ނަމަވެސް ބާކީ ހުރި ފައިސާ ދަނީ ދައުރުވަމުންނެވެ.
ދިރާސާވެރިން ބުނާ ގޮތުގައި ނަގުދު ފައިސާއަށް ބަދަލުކުރުމުގެ ކުރިން ހެކަރުންނަށް އަދިވެސް ޖެހޭނީ އޯވާ-ދަ-ކައުންޓާ (އޯ.ޓީ.ސީ) ބްރޯކަރުން ފަދަ އެހެން ހިދުމަތްތައް މެދުވެރިކޮށް ކްރިޕްޓޯކަރެންސީ ދައުރުކުރުވައިށެވެ. އެހެންކަމުން، ބައިނޭންސުން ވަގަށް ނެގި ފައިސާ ހޯދައި ފްރީޒްކުރުމަށް ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް އަދިވެސް ފުރުސަތު އެބަ އޮތެވެ.



advertisment