އެމެރިކާގެ މިއުޒިކް ބޭންޑް ބެކްސްޓްރީޓް ބޯއިސް އަންނަ އަހަރުގެ ޖޫންގައި އިނގިރޭސި ވިލާތުގެ ލަންޑަންގެ ދި އޯ2 އެރީނާގައި ހަތަރު ކޮންސަޓް ބާއްވާނެކަން އިއުލާންކޮށްފިއެވެ. މި ޝޯތަކަކީ ގާތްގަނޑަކަށް ފަސް އަހަރު ފަހުން އިނގިރޭސި ވިލާތަށް އެނބުރި ދިޔުމެކެވެ.
ކޮންސަޓްތައް އޮންނާނީ ޖޫން އަށެއް، ނުވައެއް، 11 އަދި 12 ގައެވެ. ޝޯތައްވެގެންދާނީ ދި އޯ2 ގެ 20 ވަނަ އަހަރީ ދުވަހުގެ އުފާފާޅުކުރުންތަކުގެ ބަޔަކަށެވެ. އަދި މިއީ އަންނަ އަހަރު އިނގިރޭސި ވިލާތުގައި ބޭންޑުން ބާއްވައި ހަމައެކަނި ކޮންސަޓްތަކެވެ.
ޝޯތަކަށް ދީފައިވައި ނަމަކީ "އިންޓު ދަ މިލެނިއަމް – ހޯމްކަމިން: ލައިވް އިން ލަންޑަން"އެވެ. ބޭންޑުން ފާހަގަކުރާނީ އެ މީހުންގެ 1999 ގެ އަލްބަމް "މިލެނިއަމް"ގެ ކާމިޔާބީއެވެ. އަލްބަމްގައި "އައި ވޯންޓް އިޓް ދެޓް ވޭ" އަދި "ލާޖާ ދޭން ލައިފް" ފަދަ މަގުބޫލު ލަވަތައް ހިމެނެއެވެ.
"ލަންޑަން، ތިޔަ ބައިމީހުންގެ އަޑު އަހަރެމެންނަށް އިވިއްޖެ. އަދި 'އިންޓު ދަ މިލެނިއަމް – ހޯމްކަމިން' ދި އޯ2 އަށް ގެނެސްދެވޭތީ އަހަރެމެން ވަރަށް އުފާކުރަން،" ބޭންޑުން ބުންޏެވެ.
"ބެކްސްޓްރީޓް ބޯއިސްއަކީ ތާރީހުގައިވެސް އެންމެ މަޝްހޫރު ޕޮޕް ގްރޫޕްތަކުގެ ތެރެއިން އެއް ގްރޫޕް. އަހަރެމެންގެ 20 ވަނަ އަހަރީ ދުވަހުގެ އުފާ ފާޅުކުރުމުގެ ބައެއްގެ ގޮތުގައި އެ މީހުންނަށް އަލުން ދި އޯ2 އަށް މަރުހަބާ ކިޔުމަކީ އަހަރެމެން އިންތިހާއަށް އުފާކުރާ ކަމެއް،" ޔޫރަޕާއި އޭޝިޔާގައި މުނިފޫހިލުވުމާއި ކުޅިވަރު ހަރަކާތްތައް ބާއްވައިދޭ އަންޝަޓްސް އެންޓަޓެއިންމެންޓް ގްރޫޕް ނުވަތަ އޭ.އީ.ޖީ އިންޓަނޭޝަނަލްގެ ސީނިއާ ވައިސް ޕްރެޒިޑެންޓް އޮފް ޕްރޮގްރާމިން، އެމާ ބައުންސް ބުންޏެވެ.
ބޭންޑުންވަނީ މި އަހަރުގެ ކުރީކޮޅު ޖަރުމަނުގެ ޑުސެލްޑޯފް ސިޓީގައި ޓިކެޓްތައް އެއްކޮށް ވިކި ހުސްވި 10 ސްޓޭޑިއަމް ކޮންސަޓް ބާއްވައިފައެވެ. މުޅި ދުނިޔޭގައި ބޭންޑްގެ 150 މިލިއަނަށްވުރެ ގިނަ ރެކޯޑްވަނީ ވިކިފައެވެ.
ބޭންޑްގެ ރަސްމީ ފޭން ކްލަބް، ބެކްސްޓްރީޓް ބޯއިސް އާމީ ފޭން ކްލަބްގެ ޕްރީސޭލް އަންނަ އަންގާރަ ދުވަހު ފަށައިނެއެވެ. އާންމުކޮށް ޓިކެޓް ވިއްކަން ފަށައިނީ އަންނަ ހުކުރު ދުވަހު މެންދުރު 12 ޖެހުމާއެކުއެވެ. ޓިކެޓްގެ އަގު އަދި ހާމަކޮށްފައެއްނުވެއެވެ.



advertisment