އިންޑިއާ އާއި ޕާކިސްތާންގެ އެތައް ސަތޭކަ މިލިއަން މީހުންނަށް ފެން ލިބޭ އިންޑަސް ކޯރުގެ ފެން ޕާކިސްތާނަށް ލިބޭނެ ގޮތަށް ދެ ގައުމުން ސޮއިކުރި މުއާހަދާ ނަގަހައްޓަން ޖެހޭނެ ކަމަށް، އދ.އިން ބޭރުން ސަރުކާރުތަކުން ގާއިމުކޮށްފައިވާ އާބިޓްރޭޝަން ކޯޓުން ނިންމައިފިއެވެ.
ނެދަލެންޑްސްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަން (ޕީ.ސީ.އޭ)އިން މި ގޮތަށް އިއްޔެ ނިންމީ ގާތްގަނޑަކަށް 1،980 މޭލުގެ ދިގުމިން ހުރި، ދުނިޔޭގެ އެންމެ ދިގު އެއް ކޯރުގެ ފެން، ދެކުނު އޭޝިއާގައި ނިއުކްލިއަ ހަތިޔާރު ހުރި ހަމައެކަނި ދެ ގައުމުގެ ދެމެދުގައި ހިއްސާކުރަން 1960 ގައި ދެ ގައުމުން ސޮއިކުރި އިންޑަސް ވޯޓާސް ޓްރީޓީ ކިޔާ މުއާހަދާ އިންޑިއާއިން މި ދިޔަ އަހަރު ސަސްޕެންޑްކުރުމުން، ޕާކިސްތާނުން މައްސަލަ އެ ކޯޓަށް ހުށަހެޅުމުންނެވެ.
ކޯޓުގެ ނިންމުމަށް ޕާކިސްތާނުން އިއްޔެ މަރުހަބާކިޔެވެ.
"އިންޑަސް ކޯރު މުއާހަދާ ސަސްޕެންޑްކުރަން އިންޑިއާއިންކުރި ގާނޫނާ ހިލާފު މަސައްކަތާ އަހަރެމެން ދެކޮޅުހަދަން. މިއީ ނަގަހައްޓަން މަޖުބޫރު މުއާހަދާއެއް،" ޕާކިސްތާންގެ ބޮޑުވަޒީރުގެ ނައިބު އަދި ހާރިޖީ ވަޒީރު އިސްހާގު ދާރު ވިދާޅުވިއެވެ.
އިންޑިއާގެ ހާރިޖިއްޔާއިން ބުނީ ކޯޓުގެ ނިންމުމާ ދެކޮޅުހަދާކަމަށާއި އެ ގައުމުގެ ސިޔާދަތީ ނިންމުންތަކަށް ގޮތްކިޔުމުގެ ހައިސިއްޔަތެއް އެ ކޯޓަށް ލިބިގެންނުވާކަމަށެވެ. އިންޑިއާއިން އެހެން ބުންޏަސް އެ ކޯޓުގެ ބައެއް ނިންމުންތައް އެ ގައުމުން މީގެ ކުރިން ބަލައިގަންފައިވެއެވެ.
އިންޑަސް ކޯރު މުއާހަދާއަށް އަމަލުކުރުން އިންޑިއާއިން ވަގުތީ ގޮތުން މެދުކަނޑައިލީ މި ދިޔަ އަހަރު ކަޝްމީރުގެ އިންޑިއާ ފަޅީގެ ޕަހަލްގަމް ޓައުންގައި 26 ޓޫރިސްޓުން މަރައިލިކަމުގެ ޒިންމާ ޕާކިސްތާންގެ ބޮލުގައި އަޅުވައިފައެވެ. އިންޑިއާއިން ބުނީ މުއާހަދާއަށް އަލުން އަމަލުކުރަން ފަށާނީ ޕާކިސްތާނުން އިންޑިއާގައި ހިންގާ ޓެރަރިސްޓް އަމަލުތައް ހުއްޓައިލުމުންކަމަށެވެ. ނަމަވެސް މިހެން ބުންޏަސް މުއާހަދާއަށް އަލުން ދުވަހަކުވެސް އަމަލުނުކުރާނެކަމަށް އިންޑިއާގެ ދާހިލީ ވަޒީރު އަމިތު ޝާހް ވިދާޅުވެފައިވެއެވެ.
އިންޑަސް ކޯރަކީ ޗައިނާއިން ފެށިގެން، އިންޑިއާ އާއި ޕާކިސްތާނުން އެ ދެ ގައުމުގެ ބައެއް ކަމަށް ހަދަން ބޭނުންވާ ކަޝްމީރު ސަރަހައްދު ތެރެއިން ލާފައި ގޮސް ޕާކިސްތާންގެ ކަރާޗީ ސިޓީ ކައިރިން އަރަބި ކަނޑަށް ހުސްވާ ކޯރެކެވެ.
އިންޑަސް ކޯރުގެ ފެން އިންޑިއާއިން ކަނޑައިލައިފިނަމަ އިންޑިއާއާ ދެކޮޅަށް ހަނގުރާމަ ކުރާނެކަމަށްވެސް ޕާކިސްތާނުން މި ދިޔަ ޖޫންގައި ބުންޏެވެ.
މި މައްސަލައިގައި ގާނޫނީ އަދި ޑިޕްލޮމެޓިކް ހައްލެއް ހޯދާނެކަމަށްވެސް ޕާކިސްތާނުން މި ދިޔަ ޖޫންގައި ބުންޏެވެ. ނަމަވެސް ކޯޓުން ޕާކިސްތާން ކޮޅަށް މައްސަލަ އިއްޔެ ނިންމިޔަސް ކޯޓުގެ ނިންމުމާ އިންޑިއާއިން ދެކޮޅުހެދުމުން މި މައްސަލަ ވަކި ގޮތަކަށް އަދި ނިމުނީކީ ނޫންކަމަށް ބެލެވެއެވެ.



advertisment