އިންޑިއާ އާއި ޕާކިސްތާންގެ އެތައް ސަތޭކަ މިލިއަން މީހުންނަށް ފެން ލިބޭ އިންޑަސް ކޯރުގެ ފެން ޕާކިސްތާނަށް ލިބޭނެ ގޮތަށް ހުރަސްއަޅައިފިނަމަ ގާނޫނީ އަދި ޑިޕްލޮމެޓިކް ހައްލެއް ހޯދާނެ ކަމަށް ޕާކިސްތާނުން ބުނެފިއެވެ.
ގާތްގަނޑަކަށް 1،980 މޭލުގެ ދިގުމިން ހުރި، ދުނިޔޭގެ އެންމެ ދިގު އެއް ކޯރުގެ ފެން، ދެކުނު އޭޝިއާގައި ނިއުކްލިއަ ހަތިޔާރު ހުރި ހަމައެކަނި ދެ ގައުމުގެ ދެމެދުގައި ހިއްސާކުރަން ނިންމީ 1960 ގައި އިންޑަސް ވޯޓާސް ޓްރީޓީ ކިޔާ މުއާހަދާއަކުންނެވެ. ނަމަވެސް މި ދިޔަ އަހަރު ކަޝްމީރުގެ އިންޑިއާ ފަޅީގެ ޕަހަލްގަމްގައި 26 ޓޫރިސްޓުން މަރައިލިކަމުގެ ޒިންމާ ޕާކިސްތާންގެ ބޮލުގައި އަޅުވައި އިންޑަސް މުއާހަދާއަށް އަމަލު ނުކުރަން އިންޑިއާއިން ނިންމިއެވެ. ނަމަވެސް ދާދި ފަހުން ގައުމުތަކުގެ މެދުގައި މައްސަލަތައް ނިންމާ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަންއިން ޕާކިސްތާނަށް ފެން ލިބެން ޖެހޭ އެންމެ މަދުމިން ކަނޑައެޅުމުން އިންޑިއާއިން ވަނީ އެ ކޯޓު ބަލައިނުގަންނާނެ ކަމަށް ބުނެ، މުއާހަދާއަށް އަމަލު ނުކުރާނެ ކަމަށް ވެސް ބުނެފައެވެ.
އިންޑިއާގެ ފެނުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނީ ޕާކިސްތާނަށް އިންޑަސް ކޯރުން ފެން ނުލިބޭނެ ގޮތް ހަދަން ނިންމީ ޕަހަލްގަމްއަށް ދިން ޓެރަރިސްޓް މައްސަލައިގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ މި ދިޔަ އަހަރު އެ ގޮތަށް އެ ކަން ނިންމަން އެންގެވީމަ ކަމަށެވެ.
"ޕާކިސްތާނަށް އެންމެ ފެން ތިއްކަރެއް ވެސް ކުރިއަށް އޮތް އަހަރުތަކުގައި ފޯރިޔަކަ ނުދޭނަން. ސަރުކާރުން މި އަމަލުކުރަނީ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ އެންގެވުމާ އެއްގޮތަށް،" އިންޑިއާގެ ފެނުގެ ވަސީލަތްތަކާ ބެހޭ ވަޒީރު ސީ.އާރް. ޕަޓިލް ވިދާޅުވިއެވެ.
ޕާކިސްތާނުން ބުނީ އިންޑިއާގެ މި ނިންމުމުގެ ސަބަބުން ޕާކިސްތާންގެ ފެނުގެ ސަލާމަތްތެރިކަން ގެއްލޭނެ ކަމަށާއި ދެ އަވަށްޓެރިންގެ ދެމެދުގައި ނުތަނަވަސްކަން އުފެދުމުން ސަރަހައްދުގެ ހަމަޖެހުން ވެސް ނެތިގެންދާނެ ކަމަށެވެ.
އިންޑަސް ކޯރަކީ ޗައިނާއިން ފެށިގެން، އިންޑިއާ އާއި ޕާކިސްތާނުން އެ ދެ ގައުމުގެ ބައެއް ކަމަށް ހަދަން ބޭނުންވާ ކަޝްމީރު ސަރަހައްދު ތެރެއިން ލާފައި ގޮސް ޕާކިސްތާންގެ ކަރާޗީ ސިޓީ ކައިރިން އަރަބި ކަނޑަށް ހުސްވާ ކޯރެކެވެ.



advertisment