ޗައިނާއިން ފެށިގެން އިންޑިއާގެ ތެރެއިން ލައިފައި ޕާކިސްތާނުން އަރަބި ކަނޑަށް ހުސްވާ އިންޑަސް ކޯރުގެ ފެން ޕާކިސްތާނަށް ނުލިބޭ ގޮތް ހަދައިފިނަމަ އިންޑިއާއާ ދެކޮޅަށް ހަނގުރާމަ ކުރާނެކަމަށް ޕާކިސްތާނުން ބުނެފިއެވެ.
ޕާކިސްތާނުން މިހެން ބުނީ ހޮނިހިރު ދުވަހުކަމަށްވިޔަސް ދުނިޔޭގެ މީޑިއާގައި މި ކަން ރިޕޯޓްކުރީ އިއްޔެ އާއި މިއަދުއެވެ.
ކަޝްމީރުގެ އިންޑިއާ ފަޅީގެ ޕަހަލްގަމްގައި ޓޫރިސްޓުންތަކެއް މި ދިޔަ އަހަރު މަރައިލިކަމުގެ ޒިންމާ ޕާކިސްތާންގެ ބޮލުގައި އަޅުވައި، އިންޑިއާއިން ވަނީ އިންޑަސް ކޯރުގެ ފެން ދެ ގައުމުން ހިއްސާކުރަން 1960 އެއްބަސްވި މުއާހަދާ ސަސްޕެންޑްކޮށްފައެވެ.
ގައުމުތަކުގެ މެދުގައި މައްސަލަތައް ނިންމާ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަންއިން، އިންޑަސް ކޯރުން ޕާކިސްތާނަށް ފެން ލިބެން ޖެހޭ އެންމެ މަދުމިން ދާދި ފަހުން ކަނޑައެޅުމުން އިންޑިއާއިން ވަނީ އެ ކޯޓު ބަލައިނުގަންނާނެ ކަމަށް ބުނެ، މުއާހަދާއަށް އަމަލު ނުކުރާނެ ކަމަށް ބުނެފައެވެ. އެއާއެކު އިންޑަސް ކޯރުގެ ފެން ދެ ގައުމުން ހިއްސާކުރުމުގެ މައްސަލަ ދެކުނު އޭޝިއާގެ ނިއުކްލިއަ ހަތިޔާރު ހުރި ދެ އަވަށްޓެރިންގެ ދެމެދުގައި ހޫނުވީއެވެ.
"އަހަރެމެންގެ ފެނުގެ ސަލާމަތްތެރިކަމަށް ނުރައްކާކޮށްފިނަމަ ހަމަ ޔަގީނުންވެސް އަހަރެމެން އިންޑިއާއާ ދެކޮޅަށް ހަނގުރާމަކުރާނަން. ފެނަކީ އަހަރެމެންގެ ގައުމީ ސަލާމަތުގެ ބައެއް،" ޕާކިސްތާންގެ ދިފާއީ ވަޒީރު ހުވާޖާ އާސިފު ވިދާޅުވިއެވެ.
އިންޑިއާގެ ހާރިޖީ ވަޒީރު ސުބްރަމަންޔަމް ޖައިޝަންކަރު ވިދާޅުވީ ބޯޑަރު ހުރަސްކޮށް ޕާކިސްތާނުން އިންޑިއާއަށް ދޭ ހަމަލާތައް ހުއްޓައިލަންދެން، ގާތްގަނޑަކަށް 1،980 މޭލުގެ ދިގުމިން ހުރި، ދުނިޔޭގެ އެންމެ ދިގު އެއް ކޯރުގެ ފެން ދެ ގައުމުން ހިއްސާކުރާ މުއާހަދާ ބާއްވާނީ ސަސްޕެންޑްކޮށްފައިކަމަށެވެ.



advertisment