Support Us

އީރާނަށް އެހީވާ އެއްވެސް ގައުމެއް ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތެއްނުވާނެ: އެމެރިކާ

އީރާނަށް އެހީވާ އެއްވެސް ގައުމަކާ ދެކޮޅަށް އެމެރިކާއިން އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކުން އެ ގައުމެއް ސަލާމަތްނުވާނެކަމަށް އެމެރިކާއިން ބުނެފިއެވެ.

އެމެރިކާއިން އިއްޔެ މިހެން ބުނީ ތާރީހުގައިވެސް އެއްވެސް ގައުމަކުން އެހެން ގައުމަކާ ދެކޮޅަށް ނާޅާވަރުގެ ފިޔަވަޅުތަކެއް އީރާނާ ދެކޮޅަށް އަޅާނެކަމަށް މި ދިޔަ ބުރާސްފަތި ދުވަހުވެސް އިއުލާންކޮށްފައެވެ.

އެމެރިކާގެ ޓްރެޒަރީ ވަޒީރު ސްކޮޓް ބެސެންޓް (ފޮޓޯ) އިއްޔެ ވިދާޅުވީ އީރާނާ ދެކޮޅަށް "މުޅި ތާރީހުގައިވެސް ފެނިފައިނުވާވަރުގެ އިގުތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާނެ"ކަމަށެވެ. އެ ގޮތުން، އީރާނާ ގުޅުން ހުރި 60 ވަރަކަށް މީހުންނަށާއި ކުންފުނިތަކާއި ބޯޓުފަހަރާ ދެކޮޅަށް ފިޔަވަޅު އަޅާނެކަމަށެވެ. އަދި އީރާނާ ވިޔަފާރީގެ ގުޅުން ބަހައްޓާ ގައުމުތައް ޑޮލަރަށް ބިނާވެފައިވާ މާލީ ނިޒާމުން ބޭރުކޮށްލާނެކަމަށެވެ.

"އެމެރިކާއިން އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތްވެވޭނެ ހިސާބަކަށް އެއްވެސް ގައުމަކަށް ނުދެވޭނެ،" ބެސެންޓް ވިދާޅުވިއެވެ.

އީރާނާ ދެކޮޅަށް އަޅާ އިތުރު ފިޔަވަޅުތައް އަމާޒުކޮށްފައިވާ ދާއިރާތަކުގެ ތެރޭގައި ވައިގެ ދަތުރުފަތުރު، ޑިޖިޓަލް އެސެޓްތައް، ރަން، ޓެކްނޮލޮޖީ އަދި ޝިޕިން ހިމެނެއެވެ.

މި ދިޔަ ހަފުތާގެ ބުދަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ ސުލްހައިގެ ޑީލަކަށް އައުމަށް އީރާން ފޭލިވެއްޖެކަމަށާއި އެ ކަމުގެ ސަބަބުން "އީރާނާ ދެކޮޅަށް އިގުތިސާދީ ހަނގުރާމައެއްކުރާނެކަމަށާއި ކުރިން ނުކުރާ ވަރަށް އީރާން އެކަހެރިކޮށްލާނެ"ކަމަށެވެ.

އީރާނާ ދެކޮޅަށް މިހާރުވެސް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި ބޭރުގައި ހުރި އީރާންގެ އެސެޓްތައް ފްރީޒްކުރުމާއި އީރާނުން ތެޔޮ އެކްސްޕޯޓްކޮށްފާނެތީ އީރާންގެ ބަނދަރުތަކަށް އެމެރިކާއިން ހުރަސް އެޅުން ހިމެނެއެވެ. އަދި އީރާންގެ ތެޔޮ ބޭރުކުރަން އެހީވާ ކުންފުނިތަކާއި ބްރޯކަރުންނާއި ޓޭންކަރުތަކަށްވެސް އެމެރިކާއިންވަނީ ފިޔަވަޅު އަޅައިފައެވެ. މީގެ އިތުރުން އީރާންގެ ޝިޕިން އާއި މާލީ ސެކްޓަރުތަކަށްވެސްވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅައިފައެވެ.

ޓްރަމްޕް ވިދާޅުވެފައިވަނީ އީރާނަށް އެއްވެސް ގޮތަކުން ވާގިވެރިވެއްޖެނަމަ އެ ގައުމެއްގެ މާލީ މުއައްސަސާތަކާއި ވިޔަފާރިތަކާއި އެއާޕޯޓްތަކާއި ސަރުކާރުގެ އެހެނިހެން އިދާރާތަކާ ދެކޮޅަށްވެސް ފިޔަވަޅު އަޅުއްވާނެކަމަށެވެ.

"ތެޔޮ ސްމަގްލްކުރުމާއި ސްވޮޕް ލައިންތަކާއި ކޭޝް ޓްރާންސްފާތަކާއި އެކްސްޗޭންޖް ހައުސްތަކާއި ބޯޓުފަހަރުގެ ރެޖިސްޓްރީތަކާއި ވަގުވިޔަފާރިތައް ހިންގާ ފޭކު ކުންފުނިތައްވެސް ހުއްޓުމަކަށް ގެންނަންޖެހޭނެ،" އީރާނަށް ވާގިވެރިވާ ގައުމުތަކަށް ޓްރަމްޕް އިންޒާރުދެއްވަމުން ވިދާޅުވެފައިވެއެވެ.

އީރާނުން ބުނީ އެމެރިކާގެ ޕްރެޝަރަށް ނުވެއްޓޭނެކަމަށެވެ.

"އެމެރިކާއަށް އެނގޭނެ އެމެރިކާގެ އޮއްޓަރެއް ނެތް ވާހަކަތައް އެއްވެސް ބަޔަކު ގަބޫލުނުކުރާނެކަން،" އީރާންގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލީބާފު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އީރާނާއެކު ވިޔަފާރިކުރާ ފަރާތްތަކުން އެމެރިކާގެ އިންޒާރުތައް ސީރިއަސްކޮށް ނުނަގާކަމަށެވެ.

އީރާންގެ އިގުތިސާދާ ބެހޭ ވަޒީރު އަލީ މަދަނީޒާދާ ވިދާޅުވީ އެމެރިކާގެ ކޮންމެ ދަތިކުރުމުގެ ފިޔަވަޅަކަށާއި ހަމަލާއަކަށް އީރާނުން އޮތީ ތައްޔާރަށްކަމަށެވެ.

"އަހަރެމެންގެ ދިފާއީ ނިޒާމު މިހާރު އޮތީ (ހަމައެކަނި) ދިފާއުވުމުގެ ހާލަތަކު ނޫން. އަހަރެމެންގެ ހަމަލާއަކަށް ދުޝްމިނުން (މިހާރު) އޮންނަން ޖެހޭނީ ތައްޔާރުވެގެން،" އޭނާ ވިދާޅުވިއެވެ.

އެމެރިކާއިން އީރާނާ ދެކޮޅަށް އިއުލާންކޮށްފައިވާ "އިގުތިސާދީ ހަނގުރާމަ"އިގައި ބައިވެރިނުވުމަށް އީރާންގެ އަވަށްޓެރި ގައުމުތަކަށް އީރާނުންވަނީ ހޮނިހިރު ދުވަހު އިންޒާރުދީފައެވެ.

ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު އިއްޔެ އާއި މިއަދު ހުރީ 92 ޑޮލަރު (1،418ރ.)ގައި ހިފެހެއްޓިފައެވެ. މިހާރު މެދުކަނޑައިލައިފައިވާ، އެމެރިކާ-އިސްރާއީލު އިއްތިހާދުން ފެބްރުއަރީގައި އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ފެށުމުގެ ކުރިން އަގު ހުރީ 71 ޑޮލަރު (1،094ރ.)ގައެވެ. އެމެރިކާ އާއި އީރާނާ ދެމެދު ދާއިމީ ސުލްހައެއް ގާއިމުކުރަން ޖޫންގައި ސުލްހައިގެ ފަހުމްނާމާއެއް ގާއިމުކުރުމުން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 68 ޑޮލަރު (1،048ރ.)އަށް ވެސް ދަށަށް ދިޔައެވެ.

ނަމަވެސް އެ ފަހުމްނާމާއަށް އަމަލުނުކުރާނެ ކަމަށް އީރާނުން ވަނީ ބުނެފައެވެ. އެއީ، ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ތެޔޮ ދަތުރުކުރާ، އީރާންގެ ބާރުގެ ދަށުގައި އޮންނަ ހުރުމުޒު ކަނޑުއޮޅިން އީރާންގެ ގަވައިދުތަކާ ހިލާފަށް ދަތުރުކުރާ އުޅަނދުފަހަރަށް އީރާނުން ހަމަލާދޭން ފެށުމުން އެމެރިކާއިން އީރާނަށް ހަމަލާދޭން ފެށުމުން އެއީ އެމެރިކާއިން ފަހުމްނާމާއާ ހިލާފުވީ ކަމަށް އީރާނުން ބުނެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *