Support Us

އެމެރިކާގެ "އިގުތިސާދީ ހަނގުރާމަ"އިގައި ބައިވެރިނުވުމަށް އަވަށްޓެރިންނަށް އީރާންގެ އިންޒާރެއް

ފެބްރުއަރީގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ މެދުކަނޑައިލައިފައި މިހާރު އެމެރިކާއިން އީރާނާ ދެކޮޅަށް އިއުލާންކޮށްފައިވާ "އިގުތިސާދީ ހަނގުރާމަ"އިގައި ބައިވެރިނުވުމަށް އީރާނުން އަވަށްޓެރި ގައުމުތަކަށް އިންޒާރުދީފިއެވެ.

އީރާނުން އިއްޔެ ބުނީ އީރާންގެ އިގުތިސާދަށް ދަތިކުރަން އެމެރިކާއިން އިއުލާންކޮށްފައިވާ އިގުތިސާދީ ހަނގުރާމައިގައި ބައިވެރިވާ އަވަށްޓެރި ގައުމުތަކަށް ހަމަލާދޭނެ ކަމަށެވެ.

"އަހަރެމެން ހުރިހާ އަވަށްޓެރި ގައުމުތަކަށް ގޮވައިލަނީ އެމެރިކާއާ ގުޅިގެން އަހަރެމެންނާ ދެކޮޅަށް އިގުތިސާދީ ހަނގުރާމައިގައި ބައިވެރިނުވުމަށް. އެހެންނޫނީ އަހަރެމެން ބަލާނީ އެއީ ދުޝްމިނުންކަމަށް،" އީރާންގެ ގައުމީ ސަލާމަތާ ބެހޭ އެންމެ މަތީ މަޖިލީހުގެ ސެކްރެޓެރީ މުހްސިން ރިޒާއީ (ފޮޓޯ) ބުންޏެވެ.

އޭނާ ބުނީ އެމެރިކާގެ މި ކެމްޕޭންގައި ބައިވެރިވާ ގަލްފު ގައުމުތަކުން ތެޔޮ ގެންދާ މަގުތަކަށް އީރާނުން ހަމަލާދީފާނެ ކަމަށެވެ.

އީރާނުން އިއްޔެ މި ގޮތަށް އިންޒާރުދިނީ ކުރިން ދުވަހަކުވެސް ނާޅާވަރުގެ އިގުތިސާދީ ދަތިކަމުގެ ފިޔަވަޅެއް އީރާނާއި އީރާނަށް ވާގިވެރިވާ ގައުމުތަކާ ދެކޮޅަށް އެމެރިކާއިން އަޅާނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މި ދިޔަ ބުދަ ދުވަހު އިންޒާރުދެއްވުމުންނެވެ.

އީރާނާ އިގުތިސާދީ ގުޅުން މި ވަގުތަށް މެދުކަނޑައިލި ހަމައެކަނި އަވަށްޓެރިއަކީ އިސްރާއީލު ރަސްމީކޮށް ބަލައިގަނެ، އިސްރާއީލާ ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރި ފުރަތަމަ އަރަބި ގަލްފު ގައުމު ކަމަށްވާ ޔުނައިޓަޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ)އެވެ. އެ ގައުމުން އީރާނާ ވިޔަފާރި އަދި މާލީ ގުޅުން ކަނޑައިލީ މި ދިޔަ ބުދަ ދުވަހުއެވެ. އެއީ ޓްރަމްޕް އިންޒާރުދިން ދުވަސްވެސްމެއެވެ. ނަމަވެސް ޔޫ.އޭ.އީއިން އެ ގޮތަށް ނިންމީ ޓްރަމްޕްގެ އިންޒާރާ ގުޅިގެނެން ނޫނެވެ. ޔޫ.އޭ.އީއިން އީރާނާ އިގުތިސާދީ ގުޅުން ސަސްޕެންޑްކުރީ އޭގެ ކުރީ ދުވަހު އީރާނުން ދެ ބެލިސްޓިކް މިސައިލް ޔޫ.އޭ.އީއަށް ފޮނުވައިލި ކަމަށް ޔޫ.އޭ.އީއިން ބުނެފައެވެ. ނަމަވެސް އީރާނުން ބުނީ ހަމަލާނުދޭ ކަމަށެވެ.

ޔޫ.އޭ.އީއާ ހިލާފަށް އުމާނާއި އިރާގު ވަނީ ޓްރަމްޕްގެ އިންޒާރަށް ބެލުމެއްނެތި އީރާނާ ގުޅުން ހަރުދަނާކޮށްފައެވެ. އެ ގޮތުން އުމާނާއެކު މި ދިޔަ އަހަރު ގާއިމުކުރި ޑިއުޓީ ދަށްކުރާ ވިޔަފާރީގެ އެއްބަސްވުމަށް ރުހުން ހޯދަން އީރާނުން ވަނީ ހުކުރު ދުވަހު އީރާންގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅައިފައެވެ. އަދި އިއްޔެ އީރާނުން ވަނީ އިރާގުގެ ތެޔޮ ޓޭންކަރުތަކަށް ހުރުމުޒު ކަނޑުއޮޅި ހުރަސްކުރަން ހާއްސަ ހުއްދައެއް ދީފައެވެ.

ޓްރަމްޕްގެ އިންޒާރުގެ ސަބަބުން އަނެއްކާވެސް ވަނީ، ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ތެޔޮ ދަތުރުކުރާ، އީރާންގެ ބާރުގެ ދަށުގައި އޮންނަ ހުރުމުޒުގެ މައްސަލައިގައި އީރާނާއި އެމެރިކާއާ ދެމެދު ނުތަނަވަސްކަން އިތުރުވެފައެވެ.

ހަނގުރާމަ ފެށި ފަހުން އީރާނާ ރަހްމަތްތެރިކަމެއް ނެތް ގައުމުތަކަށް ހުރުމުޒު ބަންދުކޮށްލުމުން، އެ ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރު ބޮޑުތަނުން މަދުވެފައިވާތީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ އުފުލިފައެވެ.

ހުޅަނގުގެ ގައުމުތަކުގެ ހަފުތާބަންދަށް ދުނިޔޭގެ ބާޒާރު ހުކުރު ދުވަހު ބަންދުކޮށްލިއިރު ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު ހުރީ 94.39 ޑޮލަރު (1،455.49ރ.)ގައެވެ.

އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން އަގު ހުރީ 71 ޑޮލަރު (1،094ރ.)ގައެވެ. އެމެރިކާ އާއި އީރާނާ ދެމެދު ދާއިމީ ސުލްހައެއް ގާއިމުކުރަން ޖޫންގައި ސުލްހައިގެ ފަހުމްނާމާއެއް ގާއިމުކުރުމުން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 68 ޑޮލަރު (1،048ރ.)އަށް ވެސް ދަށަށް ދިޔައެވެ.

ނަމަވެސް އެ ފަހުމްނާމާއަށް އަމަލުނުކުރާނެ ކަމަށް އީރާނުން ވަނީ ބުނެފައެވެ. އެއީ ހުރުމުޒުން އީރާންގެ ގަވައިދުތަކާ ހިލާފަށް ދަތުރުކުރާ އުޅަނދުފަހަރަށް އީރާނުން ހަމަލާދޭން ފެށުމުން އެމެރިކާއިން އީރާނަށް ހަމަލާދޭން ފެށުމުން އެއީ އެމެރިކާއިން ފަހުމްނާމާއާ ހިލާފުވީ ކަމަށް އީރާނުން ބުނެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *