Support Us

ކޮލަމް: ކެޔޮނިރު

ޕާކިސްތާން ބާކީކޮށް އިންޑިއާގެ އުނގަށް ދިވެހި ސަރުކާރު ވެއްޓެނީ!

ރާއްޖެ އާއި ޕާކިސްތާނާ ދެމެދު ކަނޑުމަގުން މުދާ އުފުލަން ދަތުރުތައް ފެށުމާ ބެހޭގޮތުން ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމާއި ޕީ.ޕީ.އެމްގެ ނައިބު ރައީސް އަދި މަޖިލިސް މެމްބަރު ޣައްސާން މައުމޫން ޕާކިސްތާނަށް ވަޑައިގެން މަޝްވަރާ ކުރައްވައިފި ކަމަށް 25 ސެޕްޓެމްބަރުގައި ރާއްޖޭގެ މީޑިއާގައި ރިޕޯޓްކޮށްފައި ވެއެވެ. ބައިނަލްއަޤްވާމީ ނޫހެއް ކަމަށްވާ ބިޒްނަސް ރެކޯޑާއާ ހަވާލާދީ ބުނެފައިވާ ގޮތުން ކޮންސިއޭޖް ގްރޫޕް މޯލްޑިވްސްގެ ޗެއާމަން ޝިޔާމާއި ޣައްސާނާއެކު އިތުރު ތިން ބޭފުޅުން ހިމެނޭގޮތަށް، ފަސް ބޭފުޅުންގެ ވަފުދެއް ޕާކިސްތާނަށް، 22 ސެޕްޓެމްބަރގައި ވަޑައިގެން އެ ގައުމުގެ ނޭޝަނަލް ޝިޕިން ކޯޕަރޭޝަންގެ އިސްވެރިންނާ ބައްދަލު ކުރެއްވި އެވެ. އަދި، ޕާކިސްތާނުގެ ކަރާޗީ އާއި ކޮލަމްބޯ އަދި ރާއްޖެއާ ދެމެދު ކަނޑުމަގުން ގުޅާލައި، މުދާ އުފުލުމާ ބެހޭގޮތުން، ޕާކިސްތާން ނޭޝަނަލް ޝިޕިންގ ކޯޕަރޭޝަނާއެކު މި ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ވެއެވެ.

އޭގައި ވާގޮތުން ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަތާރް މުޚްތާރު ވެސް އެ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތެވެ. ޕާކިސްތާނުން ކަނޑުމަގުން މުދާ ގެންދިއުމުގެ ޚިދުމަތްތަކަށް ރާއްޖޭގެ ވަފުދުން ހިތްހަމަޖެހޭ ކަމަށް އެ މަޝްވަރާތަކުގައި ވިދާޅުވި ކަމަށް ވެސް އެ ނޫހުގައިވެ އެވެ. ޕާކިސްތާނާއި ރާއްޖެއާއި ދެމެދު ކާގޯ އުފުލާ ބޯޓުގެ ދަތުރުތައް ޤަވާއިދުން ބޭއްވުމާމެދު އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ މި ވަފުދުގެ ބޭފުޅުން މަޝްވަރާ ކުރެއްވިއިރު ދިވެހި ސަރުކާރުން ވަނީ އިންޑިއާއާ އެކު އެފަދަ ދަތުރުތަކެއް ކޮޗިން އިން ހދ. ކުޅުދުއްފުއްޓަށް މި ސެޕްޓެމްބަރު މަހު ފަށައިފައެވެ.

ކޮޗިން އާއި ކުޅުދުއްފުއްޓާ ދެމެދު "ކާގޯ ފެރީ"ގެ ނަމުގައި ކަނޑުމަގުން ދަތުރުތަކެއް ފެށީ އިންޑިއާގެ އިސްނެގުމަކަށެވެ. ބޮޑު ސިންގާ ކޮންޓެއިނަރު ބޯޓެއް އައީ ގާތްގަނޑަކަށް ހުހަށެވެ. މިދަތުރުތަކަށް ކާގޯ ފެރީއޭ ކިޔަސް ހަޤީގަތަކީ މިބޯޓުން ފަސިންޖަރުން އުފުލުމަކީ ބައިނަލްއަޤްވާމީ މިންގަނޑުން ހުއްދަވާނެ ކަމެއްވެސް ނޫނެވެ. ބާ ދަނގަޑުގެ ގޮތުގައި ނީލަން ކިޔަން ޖެހިފައިވާ ހާލަތުގައި އޮތް ބޮޑު ސިންގާ ކޮންޓެއިނަރ ބޯޓެއް، ހުހަށް ކަހަލަ ގޮތަކަށް ކޮޗިން އިން ކުޅުދުއްފުއްޓަށް ދަތުރު ފެށުމަކީ ރާއްޖޭގެ އުތުރުގެ އިގްތިސޯދަށް ބޮޑެތި ކުރިއެރުން ތަކެއް އަންނާނެ ކަމެއް ކަމަށް ދައްކަން އެންމެ ބޮޑަށް މަސައްކަތް ކުރަނީ މާލޭގައި ހުންނަ އިންޑިއާ އެމްބަސީންނެވެ. ނަމަވެސް މަހަކަށް އެތައް މިލިއަން ޑޮލަރުގެ ގެއްލުމުގައި އިންޑިއާއިން މިހާ ފޯރި ނަގާފައި މިފެއްޓި ދަތުރަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންނަށް ލުއި ހަތިޔާރު އުފުލައިދިނުމަށާއި އެފަދަ އެހެން ތަކެއްޗާއި މީހުން ސިއްރުން ރާއްޖެއަށް ސްމަގުލް ކުރަން ހުޅުވާލި ވަލު ދޮރާއްޓެއް ކަމުގައި އިދިކޮޅު ފަރާތްތަކުން ސިފަކުރެއެވެ.

ރާއްޖޭގައި މިވަގުތު އޮތް އެމްޑީޕީ ސަރުކާރުން ފެށުނީއްސުރެން ހުރިހާ ކަމެއްގައި އިންޑިއާ ކޮޅަށް ބުރަވެ، މުޅި ސަރުކާރުގެ ސިޔާސަތު އިންޑިއާގެ މަސްލަހަތާއި ގުޅުވާލައިގެން ކުރިއަށް ދަނީ ސީދާ ޗައިނާ އަށާއި ޕާކިސްތާން އަދި ސްރީލަންކާ އަށް ވެސް ގޮންޖަހާ ފަދަ ގޮތަކަށެވެ. ސްރީލަންކާ އާއި ޕާކިސްތާނަކީ ޗައިނާގެ އެތައް ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓްތައް ހުރި، ޗައިނާ އާއި ސިޔާސީ ގޮތުން ވަރަށް ގާތް ދެ ޤައުމެވެ. އޭގެ ސަބަބުން ސްރީލަންކާ އާއި ޕާކިސްތާނަށް އެތަކެއް ގިނަ އުމްރާނީ ތަރައްޤީ ލިބެމުންދާއިރު ރާއްޖެ މިފެންނަނީ އިންޑިއާއިން އެތައް މިލިއަން ޑޮލަރުގެ ލޯނު ނަގައިގެން ރާއްޖޭގައި ހިންގާ މަޝްރޫއުތައް އިންޑިއާގެ ކުންފުނިތަކަށް ދީގެން ޤައުމުގެ އިގްތިސޯދު ފުނޑާލަމުންދާ ތަނެވެ. ޕާކިސްތާނާ ދިމާލަށް މެދުއިނގިލި ދިއްކުރަމުން ކަހަލަ ގޮތަކަށެވެ.

މީގެ ކުޑަ މިސާލެކެވެ. "އިންޑިއާ މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަން" އޮންނަ އުސޫލުން "ޕާކިސްތާން މޯލްޑިވްސް ފްރެންޑްޝިޕް" އެސޯސިއޭޝަނެއް ވެސް އޮވެއެވެ! މި އެސޯސިއޭޝަންގެ ފަރާތުން 2018 ވަނަ އަހަރުގެ ޑިސެމްބަރ މަހު ދިވެހި ހަ ފަރާތަކަށް ހަ ދުވަހުގެ ޕާކިސްތާން ދަތުރެއް ދިނެވެ. އެ އަހަރުގެ ޑިސެމްބަރ 23 އިން 30 އަށް ކުރަން ހަމަޖެހިފައި އޮތް ދަތުރަށް ފުރަން ދިޔައިރު މީގެ ތެރެއިން އެއް ބައިވެރިއަކު އެއާޕޯޓަށް ނުދާކަން ފާހަގަވިއެވެ. އަނެއް ފަސް ބައިވެރިން މިދެންނެވި ފަރާތާ ފޯނުން ގުޅުމުން ބުނީ ސަރުކާރުގެ އިދާރާއަކުން ތިމަންނާއަށް ގުޅާފައި މިދަތުރު ނުކުރަން އެންގި ކަމަށެވެ. އަދި އެއާޕޯޓްގައި ތިބި ފަސް މީހުން ކައިރީ އެދަތުރު ނުކުރަން ބުނުމަށްވެސް އެބޭފުޅާ ވިދާޅުވި ކަމަށެވެ. ނަމަވެސް އެއާޕޯޓްގައި އެވަގުތު ތިބި ފަސް މީހުންް، ކުރިންވެސް ހަމަޖެހިފައި އޮތްގޮތަށް ދަތުރައިގެން ކުރިއަށް ދިޔައެެވެ.

މާލޭގައި ހުންނަ ޕާކިސްތާން އެމްބަސީން ހަމަޖެއްސި މިދަތުރުގައި ފުރަތަމަ ދިޔައީ އިސްލާމްއާބާދަށެވެ. އިސްލާމްއާބާދުގައި ދެތިން ދުވަހު ތިބުމަށްފަހު ދެންދިޔައީ ފަރުބަދަމަތީގެ ރީތި ސަހަރެއް ކަމުގައިވާ މަރީ އަށެވެ. އެއަށްފަހު ދެންދާން އޮތީ ޕާކިސްތާނު ފަޅީގައިވާ ކަޝްމީރު ނުވަތަ "އާޒާދު ކަޝްމީރު"ގެ ވެރިރަށް ކަމުގައިވާ މުޒައްފަރު އާބާދަށެވެ. ކަޝްމީރަށް ފުރަން އޮތް ދުވަހުގެ ކުރީ ދުވަހު ހަވީރު ދިވެހި ފަސް ބައިވެރީންނަށް އަންނަނީ ފޯން ކޯލެކެވެ. ދިވެހި އެމްބަސީގެ އިސް ބޭފުޅެކެވެ. ފޯނު ކުރައްވާފައި ވިދާޅުވަނީ ދިވެހި ފަސް ބައިވެރީންގެ ދަތުރު އެހިސާބުން ހުއްޓާލުމަށާއި ކަޝްމީރަށް ނުދިއުމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން އަންގަވާ ކަމަށެވެ. އެފޯން ކޯލަށްފަހު ދެން ގުޅުއްވަނީ ފޮރިން މިނިސްޓްރީގެ އިސް ބޭފުޅެކެވެ. އެބޭފުޅާވެސް ވިދާޅުވަނީ ދަތުރު ކެންސަލް ކުރުމަށެވެ. އެހިސާބުން ދަތުރުގެ ބައިވެރިން ދަތުރުގެ ކަޝްމީރު ބައި ކެންސަލްކޮށްފައި އެނބުރި ރާއްޖެ އައެވެ.

ދިވެހި ރާއްޖޭގެ ޤާނޫނަކުން ވިއަސް އަދި ޤަވާއިދަކުން ވިއަސް ދިވެހީން ކަޝްމީރަށް ދިއުން މަނަލެއް ނުކުރެއެވެ. ވީއިރު ރާއްޖޭގެ ފޮރިން މިނިސްޓްރީއާއި ޕާކިސްތާނުގައި ހުންނަ ދިވެހި އެމްބަސީއިން މިވަރު އަރުވާލައިގެން މި ދިވެހީން ޕާކިސްތާނަށް ދިޔަނުދޭން އުޅުނު ސަބަބެއް ނުވިސްނެއެވެ. އަދި ވަކީން ހާއްސަކޮށް އާޒާދު ކަޝްމީރަށް ދިޔަނުދޭން އުޅުނު ސަބަބެއް ނުވިސްނެއެވެ. ޤަބޫލުކުރެވޭ ހަޤީގަތަކީ މިއީ ސީދާ އިންޑިއާގެ ނުފޫޒުން ހިންގި ކަމެއް ކަމެވެ. މިއީ އިންޑިއާގެ ނުފޫޒު ދިވެހި ރާއްޖޭގެ ހާރިޖީ ވަޒީރުގެ މައްޗަށާއި ހަރިޖީ ދާއިރާއަށް އޮތް މިންވަރު ހާމަވާ ކަމެކެވެ. އަދި ދިވެހި ސަރުކާރު އިންޑިއާގެ ދަށުވެފައިވާ މިންވަރު ވެސް ހާމަވާ ކަމެކެވެ.

މީގެ އިތުރުން، 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރާއްޖެއަށް ޒިޔާރަތް ކުރަން ހަމަޖެހިފައި އޮތް ޕާކިސްތާން ނޭވީ މަނަވަރެއްގެ ދަތުރު ރާއްޖޭގެ ފޮރިން މިނިސްޓްރީން ކެންސަލް ކުރި ކަމަށް ރާއްޖޭގެ ނޫހެއްގައި ރިޕޯރޓް ކޮށްފައި ވެއެވެ. އަދި އެކަމާ ގުޅޭގޮތުން ފޮރިން މިނިސްޓަރަށް ފޯނުން ގުޅުމުން، ކަމުގެ ހަޤީގަތް ބައްލަވާފައި ގުޅުއްވާނެ ކަމަށް ވިދާޅުުވެ، ފަހުން ހަބަރެއް ނުވިކަމަށް ވެސް ބަޔާން ކޮށްފައި ވެއެވެ. އަދި ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ އަށް މިކަމާ ގުޅޭގޮތުން މައުލޫމާތު ސާފުކުރަން ގުޅުމުން އެއީ ޑިފެންސް މިނިސްޓްރީއާ ގުޅޭ ކަމެއް ނޫންކަމަށް ވިދާޅުވި ކަމަށް ވެސް ވެއެވެ. މިހަބަރު ރާއްޖޭގެ މެއިންސްޓްރީމް އެއްވެސް މީޑިއާއަކުން ރިޕޯޓް ކޮށްފައި ނުވުމުން މިކަމާބެހޭ އިތުރު މައުލޫމާތެއް ސާފެއް ނުވެއެވެ. ނަމަވެސް މިފަދަ ކޮންމެވެސް ކަމެއް ނުނހިގާނަމަ މިގޮތަށް މި ހަބަރު ނުފެތުރޭނެ ކަމަށް ޤަބޫލު ކުރެވެއެވެ. މިކަން މިހެން ވެފައިވާނަމަ މިއީ ވެސް އިންޑިއާގެ ނުފޫޒު ރާއްޖޭގެ މައްޗަށް މިހާރު އޮތްވަރު ދައްކުވައިދޭ އަލިގަދަ ދަލީލެކެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައީސްކަމުގެ ހުވާ 2018 ވަނަ އަހަރުގެ ނޮވެމްބަރ މަހު ކުރެއްވި ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އިތުރުން ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާނަށް ވެސް ދައުވަތު ދިނުމަށް ނިންމި ކަމަށް ރައީސް ސޯލިހާ ހަވާލާދީ މީޑިއާގައި ރިޕޯޓް ކުރެވުނެވެ. ނަމަވެސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުނުއިރު ބޮޑުވަޒީރު އިމްރާން ޚާނަކަށް ދައުވަތެއް ނުދެއްވައެވެ. ސަރުކާރުގެ އެތެރޭގެ މަސްދަރަކުން މައުލޫމާތު ދޭގޮތުގައި ޕާކިސްތާނުގެ ބޮޑުވަޒީރަށް އެ ހަފްލާއަށް ދައުވަތު ނޭރުވުނީ އިންޑިއާއިން އެކަމާ ދެކޮޅު ހެދުމުންނެވެ. އިމްރާން ޚާން ވަޑައިގަންނަވާ ނަމަ ނަރެންދުރަ މޯދީ ވަޑައިނުގަންނަވާނެކަމުގެ އިންޒާރު ލިބުމުން ދިވެހި ސަރުކާރު ފަސްޖެހި، ހިޔާލް ބަދަލުވީ ކަމަށެވެ.

ރައީސް ސޯލިހުގެ ވެރިކަން ނޮވެމްބަރ 2018 ގައި ފެށިގެން މިފާއިތުވި ދެ އަހަރުގެ ތެރޭ ރާއްޖޭގެ ހާރިޖީ ވަޒީރާއި ދިފާއީ ވަޒީރާއި މާލީ ވަޒީރާއި އިގްތިސޯދީ ވަޒީރު އަދި ހުދު ރައީސުލްޖުމްހޫރިއްޔާ ވެސް ރަސްމީ ދަތުރުފުޅުތަކުގައި އިންޑިއާ އަށް އެތައް ފަހަރަކު ވަޑައިގެންފިއެވެ. އަދި ރައްޔިތުންގެ މަޖުލީހުގެ ރައީސް އާއި ސިޓީތަކުގެ ބައެއް ކައުންސިލަރުންނާއި މޭޔަރުންނާއި އަދި މަޖުލީހުގެ އެތައް މެބަރުންނެއްވެސް އިންޑިއާ އަށް ރަސްމީ ދަތުރުތަކުގައި ވަޑައިގެން ބައެއް މެމްބަރުން އިންޑިއާގައި ލަވަ ވިދާޅުވެ، އެތައް ސަކަރާތެއް ޖައްސަވަމުން އެބަ ގެންދަވައެވެ!

ރާއްޖޭގައި ގާއިމް ކޮށްފައިވާ އިންޑިއާގެ ހެލިކޮޕްޓަރު ތަކާއި، އެތަކެތި ބަލަހައްޓަން ކަމަށް ބުނެ ބައިތިއްބާފައި ތިބޭ އިންޑިއާ ސިފައިންގެ މައްސަލާގައި ދިވެހީންގެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދާއިރުވެސް، ހާއްސަކޮށް ދިފާއި ވަޒީރާއި ހާރިޖީ ވަޒީރާއި ޗީފް އޮފް ޑިފެންސް ފޯސް އަދި އެމް.ޑީ.ޕީގެ ރައީސް މުހައްމަދު ނަޝީދު ފެންނަނީ އިންޑިއާގެ ދިފާއުގައި ވަކާލާތު ކުރައްވާ، ރާއްޖޭގެ މަސްލަހަތަށް ވުރެ އިންޑިއާގެ މަސްލަހަތު އިސް ކުރައްވާ ތަނެވެ. ދިވެހި ސަރުކާރު އޮތީ އިންޑިއާއާ އެކުގައެވެ. ރައްޔިތުން ކިތައްމެ ބާރަށް "އިންޑިއާ އައުޓް" އޭ ގޮވިއަސް، ރާއްޖޭގެ ސަރުކާރު އޮތީ، ޕާކިސްތާން ފަދަ އިސްލާމީ އަވައްޓެރި ޤައުމުތައް ދުރަށް ޖައްސައި އިންޑިއާގެ އުނގަށް ވެއްޓިފައެވެ.

ޕާކިސްތާނަކީ، 212 މިލިއަންގެ އާބާދީ އަކާއެކު، ދުނިޔޭގެ ފަސް ވަނައަށް އެންމެ އާބާދީ ބޮޑު، ގުދުރަތީ އެތައް ވަސީލަތެއް ލިބިފައިވާ، އަދި ދުނިޔޭގެ ދެވަނައަށް އެންމެ މުސްލިމުން ގިނަ ޤައުމެވެ. ރާއްޖޭގެ އަވަށްޓެރި އިސްލާމީ ޤައުުމެކެވެ. ނަމަވެސް ޕާކިސްތާނާ ދިމާލަށް މެދު އިނގިލި ދިއްކޮށްފައި، ގުޖުރާތުގެ ޖައްލާދު ގޮތުގައި މަޝްހޫރުވެފައިވާ، އަދި އިންޑިއާއިން މުސްލިމުން ނައްތާލަން މަސައްކަތް ކުރާ ކަމަށް ބުނެވޭ މޯދީގެ ސަރުކާރާ އާދަޔާ ހިލާފް ގުޅުމެއް އެމްޑީޕީ ސަރުކާރުން ދަނީ ބާއްވަމުންނެވެ. މީގެ ގެއްލުން އާހިރުގައި ލިބޭނީ ދިވެހި ރައްޔިތުންނަށެވެ. މިހުރިހާ ކަމެއްވާއިރު ވަރަށް ވަތަނީ ބައެއްގެ ގޮތުގައި ޕްރޮމޯޓްވެގެން އުޅުއްވާ ރައީސް ރައީސް މައުމޫނާއި، ޤާސިމް އިބްރާހިމާއި، އިމްރާން އަބްދުﷲ ފަދަ ބޭފުޅުން ކޮބައިބާވައެވެ؟ މާ ވަރުގަދަ ކޯލިޝަނެއް ހަދައިގެން، އެއީ ދިވެހި ރައްޔިތުންނަށް ވުރެވެސް މުހިއްމު ބައެއް ކަމަށް ދައްކައިގެން، އެއްވެސް ޝަހުސިއްޔަތެއް ނެތް ބޭފުޅަކު ރައީސަކަށް ލައިގެން ކޯލިޝަންގެ ލީޑަރުން މިކުޅުއްވަނީ އަމިއްލަ އެދުމުގެ ކުޅިގަނޑެކެވެ. ޤައުމު ވިއްކާލުން އެބޭފުޅުންނަށް އޯކޭ ނޫންނަމަ މުސްލިމުންނާ ދެކޮޅު މޯދީއަށް ޤައުމު ވިއްކާއިރު މައުމޫނާއި ޤާސިމާއި އިމްރާން ގަދަ ނިދީގައި ނުތިއްބަވާނެކަން ޔަޤީނެވެ.

މިދާ ރޭޓުގައި ދާނަމަ ރައީސް ސޯލިހުގެ ރައީސްކަމުގެ ފަސް އަހަރުގެ ދައުރު ނިމޭއިރު ރާއްޖޭގެ މިނިވަންކަން އޮންނާނީ ނަމަކަށެވެ. ހާއްސަކޮށް ހާރިޖީ އަދި ދިފާއީ ނިންމުންތައް ނިންމާނީ ސީދާ ނިއުދިއްލީންނެވެ. މިނިވަންކަން ވެއްޔާ މޮޑެވި ދަނީއެވެ. މިކަމާމެދު ބަސްބުނާ ކޮންމެ މީހަކީ ސަރުކާރާ ދެކޮޅު، ނުވަތަ ޤައުމުގެ ތަރައްޤީއާ ދެކޮޅު، ނުވަތަ ކޮންމެވެސް އަމިއްލަ އެދުމެއް އޮތް މީހެއް ކަމަށް ދަނީ ސިފަކުރެވެމުންނެވެ. ޤައުމުގެ މިނިވަންކަން އެކީ އެކަށް ނެތިގެން ގޮސް، އިންޑިއާގެ ސްޓޭޓަކަށް ދިވެހި ރާއްޖެ ނުވަނީސް ކޮންމެވެސް ބަޔަކު މިކަމާ ކުރިމަތިލައި ތެދުވާން އެބަޖެހެއެވެ. އެއީ ދިވެހި ޤައުމުގެ އާދޭހެވެ!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
31

One Response

  1. ދިވެހީންނަށް ޖެއްސުން ދޯ ތިކުރައްވަނީ.. މިވަރަށް އިންޑިޔާ ބޭުރކުރަން ގޮވާއިރުވެސް ކަހާތާ ހިރުވާވެސް ނުލާ

    ބާރުމިނުގަިއ އިންޑިޔާގެ އުގައްވެއްޓި، އެމީހުންގެ އައްޑާތައް ގާއިމުކުރަމުން ތިޔަގެންދަވަނީ..

    މިއަން ފަހަރު ވޯޓުދޭނީ އިންޑިޔާމީހުން ތޯ؟

    ނިކަން ތިބޭ އަހަރުމެން ކާރިޔަށް އާދޭސް ކުރަން ނައިސް ނުތިބެވޭނެ.. އިންޝާ ﷲ އެދުވަހުން ރައްދު ޖަވާބު ވަރަށް ފުރިހަމަ ކޮށް އަރުވާނަން..

    #އިންޑިއާ އައުޓް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *